އަދަބިއްޔާތު : މިއީ ގްރޭޑް 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ސުވާލު ކަރުދާހެކެވެ.

ޔުނިޓް ޓެސްޓް 2

އަދަބުގެ ތަޢާރަފް

  1. 1. އެންމެ ފުރަތަމަ އުފެދުނު ވާހަކަ ކޮމެޓީގެ މަޤްޞަދަކީ ކޮބާ؟ ( 2 މާކުސް)

2. އަފްޟަލުލް މަރާޙިބް” މިއީ ކޮންބާވަތެއްގެ ފޮތެއް؟ އަދި މި ފޮތް ލިޔުއްވީ ކޮން ބޭފުޅެއް؟ (3 މާކުސް)

3. ބޮޑުފެންވަޅުގޭ ސީދީ ލިޔުއްވާފައިވާ މަޝްހޫރު 2 ފޮތް ބުނެދީ! (2 މާކުސް)

4. “ސުއްކަތުރާ ޚަބަރު” މިފޮތް ލިޔުއްވީ ކޮންބޭފުޅެއް؟ އަދި މި ފޮތުގައިވަނީ ކޮން ވާހަކަތަކެއް؟ ( 2 މާކުސް)

5. 1323ގައި ޗާޕުކުރެވުނު ޚާއްޞަ ފޮތަކީ ކޮބާ؟ (2 މާކުސް)

6. ދިވެހި އަދަބީ ގުލްޝަނުގައި ޝާއިރުލް އުމޫމީއަކީ ކޮންބޭފުޅޭއް؟ (2 މާކުސް)

7. ދިޔޯގެ ރައިވަރުގެ ޝަރަހަ ލިޔުއްވީ ކޮންބޭފުޅެއް؟ (2 މާކުސް)

8. ޗާޕުވެފައިހުރި ލިޔުންތަކުގެ ތެރެއިން އެންމެ ކުރީގެ އިބާރާތްކޮޅެއް ފެންނަން އޮތީ ކޮން ލިޔުއްވުމަކުން؟ އަދި އެފޮތުގައިވަނީ ކޮންވާހަކަތަކެއް؟ (2 މާކުސް)

9. ވާހަކަ ކޮމެޓީ އުފެއްދީ ކޮން ފަރާތަކުން؟ އަދި އެކޮމެޓީގެ އިސްވެރިއަކަށް ހުންނެވީ ކޮންބޭފުޅެއް (2 މާކުސް)

10. ދިވެހި ބަސްފޮތް އެކުލަވައިލީ ކޮން ކޮމެޓީއަކުން ހެއްޔެވެ؟ (1 މާކު)

11. ހުސައިނުގެފާނުގެ ޅެމާއި ފާތިމާ ކަމަނާފާނުގެ ޅެން ހެއްދެވީ ކޮން ބޭފުޅެއް؟ (2 މާކުސް)

12. “ބޮޑު ތަރުތީބަށް” ލިޔުންތެރިޔާ ދީފައިވާ ނަމަކީ ކޮބާ؟ (2 މާކުސް)

13. ލިޔުންތެރިކަމުގެ ދައުރުތަކުގެ ތަފާތު އެންމެ ބޮޑަށް ފެންނަނީ ކޮންކަމަކުން؟ (2 މާކުސް)

14. “ސަރުކާރުގެ ޚަބަރު” މި ނޫސް ފާހަގަކުރެވެނީ ކޮންގޮތަކުން؟ (2 މާކުސް)

15. ތިރީގައިވާ ތާވަލް ފުރިހަމަކޮށްލާށެވެ. (4 މާކުސް)

table 1

16. ތިރީގައިއެވާ އިބާރަތްތައް ކިޔާލުމަށްފަހު ހެޔޮ ފާހަގަ ނުވަތަ ރަސްގެ ޖަހާށެވެ. (8 މާކުސް)

yes or No table

ތިރީގައިއެވާ ލިންކުން މި ފައިލް ޑައުންލޯޑް ކުރައްވާ!

Adhabiyyaathu TEST 2 (Amilla)

ކިޔުމުގެ ދޭހަ: މިއީ ގްރޭޑް 9ގެ ދަރިވަރުންނަށް ދިނުމަށް ތައްޔާރުކޮށްފައިވާ ދޭހައެކެވެ.

މަރުގެ އަދަބު

1- މިޒަމާނަކީ މަރުގެ އަދަބު ދިނުމާއި ވަރަށްބޮޑަށް ދެކޮޅު ހަދަމުންދާ  ޒަމާނެކެވެ. މީހަކަށް މަރުގެ ޙުކުމް އިއްވައިފިނަމަ އެމީހަކަށް އިއްވިފައިވާ ޙުކުމް ބަދަލު ކުރުމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މީހުން ގޮވާނެއެވެ. އަދި ބައެއް ޤައުމުތަކުގެ ސަރުކާރުތަކުންވެސް މަރުގެ ޙުކުމް ތަންފީޒު ނުކުރުމަށް އިލްތިމާސްކޮށް ހަދާނެއެވެ. އަދި އެއްވެސް ޤައުމަކުން މަރުގެ ޙުކުމް ތަންފީޒު ކޮށްފިނަމަ އެޤައުމަކީ އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ނުހިތާ ޤައުމެއްކަމުގެ އިލްޒާމުވެސް އަޅުވާނެއެވެ.

2- އެމެރިކާގައި މަރުގެ އަދަބު ދެއެވެ. ނަމަވެސް އެކަމާ ދެކޮޅުހެދުންވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. އެޤައުމުގައި މަރުގެ ޙުކުމް ތަންފީޒުކުރަނީ ވިހަ އިންޖެކުޝަނެއް ޖަހައިގެންނެވެ. މިކަމާ ކޯޓުތަކުންވެސް ދެކޮޅުހަދަމުން ދެއެވެ. އިލިނޮއި ސުޓޭޓުގައި ވަނީ އެކަން ހުއްޓާލައިފައެވެ. ނިވް ޖާރޒީގައި ދަނީ މަރުގެ އަދަބުދިނުން ހުއްޓާލެވޭތޯ މަސައްކަތް ކުރަމުންނެވެ. ޔޫރަޕުގައިވެސް މަރުގެ އަދަބުދިނުމާއި ވަރަށްބޮޑަށް ދެކޮޅު ހަދައެވެ. އަދި ޞިނާޢީ އެހެނިހެން ޤައުމުތަކުގައިވެސް މިކަމާ ވަރަށްބޮޑަށް ދެކޮޅު ހަދައެވެ. ނަތީޖާއެއްގެ ގޮތުން ވަރަށްމަދު ޤައުމެއްގައި ފިޔަވައި މަރުގެ އަދަބުދިނުން ވަނީ ހުއްޓާލައިފައެވެ.

3- ނަމަވެސް ޤައުމުތަކުން ސަމާލުކަން އަދިނުދެވޭ ކަމެއް އެބައޮތެވެ. އެއީ ވޭތުވެދިޔަ ހަ އަހަރުގެތެރޭގައި ކުރެވިފައިވާ ކަމާބެހޭ ޢިލްމީ ދިރާސާތަކެވެ. މަރުގެ އަދަބާއި ގުޅޭގޮތުން ވޭތުވެދިޔަ ހަ އަހަރު ކުރެވުނު ދިރާސާތަކުން އެނގުނުގޮތުގައި މަރުގެ އަދަބު ދެވޭ ކޮންމެ ފަހަރަކާއި ގުޅިގެން މީހުން މެރުމުގެ ފަސް ހާދިސާއެއް އުނިވެގެން ދެއެވެ. އަދި މަރުގެ ޙުކުމެއް ލުއިކޮށްދެވޭ ކޮންމެ ފަހަރަކު މީހުން މެރުމުގެ ފަސްހާދިސާއެއް އިތުރުވެގެން ދެއެވެ. ” މިއީ ވަރުގަދަ ނަތީޖާއެކެވެ. މި ނަތީޖާއެއް ގެއްލިގެން ނުދާނެއެވެ. ” ނެސީ މޮކަން ވިދާޅުވިއެވެ. ” މަށަކީ މަރުގެ އަދަބުދިނުމާ ދެކޮޅު މީހެކެވެ. އެކަމަކު އަހަރެންގެ ނަތީޖާތައް ދައްކަނީ މަރުގެ އަދަބު ދިނުމަކީ މީހުން މެރުން މަދުވާ ކަމެއް ކަމުގައެވެ. އެހެންވީމާ ހަދާނީ ކިހެނެއްހެއްޔެވެ؟ މަޢުލޫމާތުތައް ފޮރުވަންވީ ހެއްޔެވެ؟ މީނާގެ ދިރާސާފަދަ ތަފާސް ހިސާބުތަކާއި ބެހޭ 12 ދިރާސާއެއް 2001ގެ ފަހުން ކުރެވިފައިވެއެވެ. މިހުރިހާ ދިރާސާތަކުންވެސް ދައްކާފައިވަނީ މަރުގެ އަދަބު ދިނުމަކީ ބޮޑެތި ކުށް ކުރުން މަދުވެގެންދާ ކަމެއްކަމުގައެވެ. އަދި މަރުގެ ޙުކުމް ތަންފީޒުކުރުން އަވަސްކުރުމަކީ މީހުން މެރުމުގެ ޢަދަދުވެސް މަދުވެގެންދާ ކަމެއްކަމުގައެވެ.

4513_dp_stats_social_top5

ދުނިޔޭގެ ބައެއް ގައުމުތަކުގައި ދަންޖައްސައިގެން މަރުގެ އަދަބުދެއެވެ.

4- އެމޮރީ ޔުނިވަރސިޓީގެ ޕްރޮފިސަރުންތަކެއް 2003 ވަނަ އަހަރު ކުރެއްވި ދިރާސާއަކަށްފަހު މަރުގެ އަދަބުދެވޭ ކޮންމެ ފަހަރަކާއި ގުޅިގެން އެވުރެޖު ގޮތެއްގައި މަރާލުމުގެ 18 ޙާދިސާ މަދުވެފައިވާކަމަށް ނިންމާފައި ވެއެވެ. ނަމަވެސް އެމެރިކާގެ އިލިނޮއި ސްޓޭޓުގައި 2000ވަނަ އަހަރު މަރުގެ އަދަބުދިނުން ހުއްޓާލުމާ ގުޅިގެން ވިދިގެން އައި ހަތަރު އަހަރުގެ ތެރޭގައި 150 މަރާލުމުގެ ޙާދިސާ އިތުރުވެފައިވާ ކަމަށް ޔުނިވަރސިޓީ އޮފް ހިއުސްޓަންގެ ޕްރޮފިސަރުންތަކެއް 2006ވަނަ އަހަރު ކުރެއްވި ދިރާސާއެއްގައި ދައްކާފައި ވެއެވެ.

5- މިފަދަ ދިރާސާތަކާ ގުޅިގެން މަރުގެ އަދަބު ދިނުމާ ދެކޮޅު ބައެއް ފަރާތްތަކުންވެސް މިހާރު މަޑުމަޑުން ވިސްނުން ބަދަލު ކުރަމުން އެބަ ގެންދެއެވެ. މިގޮތުން ޔުނިވަރސިޓީ އޮފް ޗިކާކޯގެ ޤާނޫނާބެހޭ ޕްރޮފިސަރެއް ކަމުގައިވާ ކޭސް ސަންސްޓެއިންއަކީ މަރުގެ އަދަބު ދިނުމާ ވަރަށްބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅެކެވެ. ނަމަވެސް މަރުގެ އަދަބު ދިނުމަކީ މީހުން މެރުން މަދުވެގެންދާ ކަމެއްކަން އެނގިވަޑައިގަތުމުން ތިޔަކަމަކީ މަރުގެ އަދަބު ދިނުމާ ދެކޮޅުހަދާ މީހުންނަށް ނުވިސްނި އޮންނަ ނުކުތާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

6- 1970ގެ އަހަރުތަކުގެ ތެރޭގައިވެސް މިމައްސަލައާމެދު ބަޙުޘް ކުރެވިފައި ވެއެވެ. 1975ވަނަ އަހަރު އިޤުތިޞާދީ މާހިރެއްކަމުގައިވާ އިސާކް އާރލިޗް ހެއްދެވި ދިރާސާއަކުންވެސް މަރުގެ އަދަބު ދިނުމަކީ މީހުން މެރުން މަދުވެގެންދާ ކަމެއްކަން ހާމަވެގެން ދިޔައެވެ. އަދި މިޚަބަރު ނޫސްތަކާއި ޚަބަރު ފަތުރާ އެހެނިހެން ވަޞީލަތްތަކުގެ ފަލަ ސުރުޚީއަށް އަރައިގެން ދިޔައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގައި 1972ވަނަ އަހަރު މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތްއޮތުން އުވާލައި 1976ވަނަ އަހަރު އަލުން މަރުގެ އަދަބު ދޭން ފެށުނެވެ.

ދޭހަ 2 ގެ ސުވާލުތައް

1- އެމެރިކާގެ ކޯޓުތަކުން ދެކޮޅުހެދީ ކޮން ކަމަކަށް ހެއްޔެވެ؟       ( 1 މާކުސް )

2 މަރުގެ އަދަބު ދެމުންއައި ބައެއް ޤައުމުތަކުން އެކަން ހުއްޓާލީ ކީއްވެ؟     ( 1 މާކުސް )

3- މަރުގެ އަދަބު ދިނުމާއި ގުޅޭގޮތުން ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ކުރެވުނު ދިރާސާތަކުގެ ނަތީޖާއަކީކޮބާ؟   ( 2 މާކުސް )

4- މަރުގެ އަދަބު ދިނުން ހުއްޓާލުމާއި ގުޅިގެން މަރާލުމުގެ ޙާދިސާތައް އިތުރުވެގެން ދިޔަކަން ސާބިތު ކޮށްދޭފަދަ ޖުމުލައެއް ލިޔުމުން ނަކަލު ކުރާށެވެ. ( 1 މާކުސް )

5- ކުރިން މަރުގެ އަދަބު ދިނުމާއިމެދު ދެކޮޅުހެދި ބައެއް މީހުންގެ ޚިޔާލު މިހާރުވަނީ ބަދަލުވެފައެވެ. އެބައިމީހުންގެ ޚިޔާލު ބަދަލުވީ ކީއްވެ؟ ) 2 މާކުސް )

6- މަރުގެ އަދަބު  ޙައްޤުވާ ފަރާތްތަކަށް  މަރުގެ އަދަބު ދިނުމަކީ ކުރުން  ރަނގަޅު ކަމެއް ހެއްޔެވެ؟ ނުވަތަ ރަނގަޅު ކަމެއް ނޫންހެއްޔެވެ؟ ލިޔުމުގައިވާ ވާހަކަތަކުގެ އަލީގައި ބުރަވާކޮޅެއް ހާމަކޮށް ސަބަބު ބަޔާން ކުރާށެވެ.   ( 3 މާކުސް )

7- ލިޔުމުގެ އެހީގައި ތިރީގައިވާ ބަސްތަކުގެ މާނަ ލިޔާށެވެ.      ( 2 މާކުސް )

    ހ- ޙުކުމް            ( ޕެރެގުރާފު 1 )

    ށ- އިންސާނީ ޙައްޤުތައް   ( ޕެރެގުރާފު 1 )

   ނ- ތަންފީޒުކުރުން       ( ޕެރެގުރާފު 2 )

   ރ- ޢިލްމީ ދިރާސާ       ( ޕެރެގުރާފު 3 )

2 ވަނަ ސުވާލު ( ޚުލާސާކުރުން )

ދޭހައިގެ ދެވަނަ  ބައިގައިވާ ލިޔުމުގެ  ފުރަތަމަ ތިން  ޕެރެގުރާފު ޚުލާސާ ކުރާށެވެ.  ކުރާ ޚުލާސާގެ ދިގުމިން 8 ފޮޅުވަތާއި 12 ފޮޅުވަތާ ދެމެދަށް ފައްތާށެވެ. (10 މާކުސް )

ކިޔުމުގެ ދޭހަ – ވަގުތުކިޔުން

ކިޔުމުގެ ދޭހަ: މިއީ ގްރޭޑް 9ގެ ދަރިވަރުންނަށް ދިނުމަށް ތައްޔާރުކޮށްފައިވާ ދޭހައެކެވެ.

ވަގުތުކިޔުން

އަޅުގަނޑުމެން ދިވެހީންނަކީ ، ވަރަށް އިހުޒަމާނުއްސުރެވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ، އަމިއްލަ ގޮތެއްގައި ހިފަހައްޓައިގެން ތިބޭ އަމިއްލަ މިނިވަން ބައެކެވެ. ތާރީޚުން އެގޭ ހެކި ފެނިފައިވެއެވެ. އަޅުގަނޑުމެން ވަށައިގެން އެތިބި ޤައުމުތަށް ވިލާތުގެ އިސްތިއުމާރުގެ ދަށަށް ގޮސް މުޅިން އެބައިމީހުންގެ އަމިއްލަކަން ނެތިގެން ދިޔައިރުވެސް ދިވެހީން ތިބީ އަމިއްލަކަމެއްގެ މަތީގައެވެ. އަމިއްލަ ބަސް އޮތެވެ. އަމިއްލަ އާދަކާދަ އާއި އަމިއްލަ ޘަޤާފަތެއް އޮތެވެ. ދުވަހަކުވެސް ސަރުކާރުގެ ލިޔުންތަކާ ، ކިޔުންތައް އެހެން ބަހަކުން ލިޔެ ކިޔާން ޖެހުނު ދުވަސްވަރެއް އައިކަމަށް ނުވިސްނެއެވެ. ތެދެކެވެ. ދިވެހީންނަކީ ، އަމިއްލަކަންމަތީގައި އުޅުނު މިނިވަން ބައެކެވެ.
ދިރިއުޅުމުގެ ތެރޭގައި ބޭނުން ކުރާ ބޮޑެތި ކަންތައް އަމިއްލަށް އުފައްދައި ބޭނުން ކުރަމުން ގެންދިޔައެވެ. ދުވަސްތަކާ ، މަސްތަކަށް ނަން ކިޔުމާއި ވަގުތު ކިޔުން އޭގެތެރޭގައި ހިމެނެއެވެ.

ދިވެހީންގެ ދިވެހި ދިރިއުޅުމުގައި ދާދި ފަހަކާ ޖެހެންދެން ގިނަކަންތަކުގައި ފާހަގަކުރަމުން ދިޔައީ ހިޖުރީ އަހަރުގެ މައްސަރުތަކެވެ. އެމައްސަރުތަކަށް ނަންތަކެއް ކިޔައިގެން އުޅުނެވެ. އާދޭހެވެ! މުޙައްރަމް މަހަކީ ކަނދި މަހެވެ. ދެން ޞޮފަރު މަހެވެ. ދެނަ ބާރަ މަހެވެ. ފަހުއާޚިރުމަހާއި ، ހިޔަރަކާތް މަހެވެ. ރޯދަމަހާއި ކުޑަޢީދު މަހާއި ދެޢީދު ދޭތެރެމަހާއި ޙައްޖުމަހާއި ހިޔަރަކާތް މަހެވެ. ރޯދަމަހާއި ކުޑަޢީދު މަހާއި ދެޢީދު ދޭތެރެމަހާއި ޙައްޖުމަހެވެ. ރަބީއުލްއާޚިރު ޖުމާދަލްއޫލާ މިދެމަހުގެ ނަން އޮތްގޮތަށް އޮވެއެވެ.
ދިވެހީންގެ ދިވެހިބަހުން ވަގުތު ކިޔައި އުޅުނީ ވަކި ގޮތަކަށެވެ. ހަނދުމަހާއި ، ހަނދުމަހުގެ ދުވަސްތަކާއި ވަރަށް ބޮޑު ގުޅުމެއް ގުޅާފައި ވެއެވެ. އަޅުގަނޑުމުން އެންމެން ދަންނަފަދައިން ހަނދުމަހުގެ ދުވަސް ފެށެނީ ކުރީދުވަހުގެ އިރުއޮއްސުމުންނެވެ. މެންދަމު ބާރަ ޖެހީމައެއް ނޫނެވެ.

ދިވެހިން ވަގުތު ކިޔައި އުޅުނު ގޮތުގައި ދުވަހެއްގައި ދުވާލަކު ރެޔެއް އޮވެއެވެ. ނަމަވެސް ދުވަހުގެ ރެޔެއް ނޯވެއެވެ. އޮންނަނީ ، ދުވަސް ވިލޭ ނުވަތަ ވިލުނު ރެޔެކެވެ. ވިލުމަކީ ފައުޅުވުމެވެ. ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުން ހުކުރު ވިލުނީއެވެ. ފައުޅުވީއެވެ. ދުނިޔެއަށް އުފަންވީއެވެ. އެހެންކަމުން އެރެއަށް ކިޔަނީ ހުކުރު ވިލޭރޭއެވެ.
ދިވެހީން ދުވަސް ފާހަގަކުރަމުން އައިގޮތުގައި ދުވަހެއް ފެށެނީ ކުރީގެ ދުވަހުގެ އިރުއޮއްސުމުންނެވެ. ދުވާލެއްގައިވެސް ރޭގަނޑެއްގައިވެސް ހަތަރުދަން އޮވެއެވެ. ދަމަކީ ގާތްގަނޑަކަށް ތިންގަޑިއިރެވެ. ރެއަކާއި ދުވާލުގައި އައްޑަން އޮވެއެވެ. ރޭގަނޑުގެ ކުރީކޮޅަށް އިރާކޮޅޭ ކިޔައެވެ. ހަވީރެކޭ ނުކިޔައެވެ. ރޭދެބައިވީމާ މެންދަންވީއެވެ. މެންދަމަށްވުރެ ފަސްވެއްޖެނަމަ މެންދަމުން އަލިވީއެވެ. މެންދަމުން އަނބުރައިފިޔެކޭ ނުކިޔައެވެ. ދެންވާނީ ފަތިހެވެ. ފަތިފހަށްފަހު ބިންމަތި އަލިވެ އިރު އަރައެވެ. އިރުއެރުމަށްފަހު އެއީ ހެނދުނެވެ. ފަތިހު ފަހެއް ޖަހައެވެ. ހެނދުނު ހަތަރެއް ޖެހިކަމަށްވެސް ނުކިޔައެވެ. ދުވާލުވަގުތު ދެބައިވުމުން މެންދުރުވީއެވެ. މެންދުރުވުމަށްފަހު މެންދުރުން އަނބުރައެވެ. އެއަށްފަހު އަސުރުވެއެވެ. އަސުރުން އިރު ތިރިވެއެވެ. އަސުރުން އަނބުރައިފިޔެކޭ ނުކިޔައެވެ.

ދިވެހީން ވަގުތުކިޔަމުން އައިގޮތް ހަމަޖެހިފައިއޮއްވާ ބޭރު ބަސްބަހުން ވަގުތު ކިޔާގޮތް ދިވެހިބަހުގެތެރެއަށް ގެނައުމުގެ ސަބަބުން ގިނަ ދިވެހީންނަށް ވަރަށް ބޮޑެތި އޮޅުންތައް އަރަމުން ދެއެވެ. އެހެން ކަމުން އެއީ ބޭނުންކަމެއްނޫނެވެ. ބޭރުމީހުންނާ ބެހޭގޮތުން ބޭރުބަސްބަހުން ލިޔެފައި ހުންނަ ލިޔުންތަކުގައި އެގޮތް އެންމެ ރަނގަޅުވިޔަސް ދިވެހީންގެ ތެރޭގައި ، ދިވެހި ބަހުން ލިޔެވިގެން ހިނގާ ލިޔުންތަކާ ، ކިޔުންތަކުގައި އެގޮތްގެންގުޅުމުން ދޭހަވަނީ، ހަމަ އެންމެ ކަމެކެވެ. ދިވެހިވަންތަކަމަށް ތިމާގެ ހިތުގައި އޮންނަ ގަދަރެއްގެ ކުޑަކަމެވެ. “ބޭރުންގެނެވޭ ބޭރުތަކެއްޗަށް ރޭރުވެގެން ” ތިމާއަށް އުޅެވޭލެށް ބޮޑުކަމެވެ.

މިބާވަތުގެ ކަންކަމުގައި ، ދިވެހި ގޮތްކުރިއަރުވައި ދިވެހި ވަންތަކަން އިސްކުރެއްވުން ކީއްތޯއެވެ! އެފަދަ ގޮތްތަށް ދަސްވެފައި ނެތްނަމަ ، އުގެނި ދަސްކުރެއްވުން ކީއްތޯއެވެ؟

( ފަތްތޫރައިގެ 41 ވަނަ ޢަދަދުން ނަގައިފައި)

ސުވާލުތައް
1- ދިވެހިންނަކީ ޒަމާނުއްސުރެ އަމިއްލަ ގޮތެއްގައި ހިފަހައްޓައިގެން ތިބި އަމިއްލަ މިނިވަން ބައެއްކަން ތާރީޚުން އެނގެއެވެ. މިކަން އެނގޭ މައިގަނޑު އެއް ހެއްކަކީ ކޮބާ؟
2- ދުވާލެއްގައިވެސް ރޭގަނޑެޢްގައިވެސް ހަތަރުދަން އޮވެއެވެ. ދަމަކީ ގާތްގަނޑަކަށް ތިންގަޑިއިރެވެ. ރެއަކާ ދުވާލުގައި އައްޑަން އޮވެއެވެ. އެދަންތަކަކީކޮބާ؟
3- އިހުގައި ދިވެހިން އެބައިމީހުންގެ ދިރިއުޅުމުގެ ކަންތަކުގައި ތާރީޚު ބަލައި އުޅުނީ ކޮންގޮތަކަށް؟
4- ހިޖުރީ މައްސަރުތަކަށް ދިވެހިން އަމިއްލަ ނަންތަކެއް ކިޔައިގެން ބޭނުންކުރިކަމަށް ބުނެފައިވީނަމަވެސް ހުރިހާ މަހަކަށް އަމިއްލަ ނަން ދީފައި ނުވާކަން އެނގެއެވެ. އެކަން އެނގޭ ގޮތަކީކޮބާ؟
5- ހަނދުމަހުގެ ދުވަސް ފެށެނީ ކޮންވަގުތަކު؟
6- އިހުގައި ދިވެހިން ވަގުތުކިޔާ އުޅުނު ގޮތަށް ބަލާއިރު އާދީއްތަ ދުވަހުގެ އިރު އިރުއޮއްސުމުން އެރެއަށް ނިސަބަތްކޮށް ބުނާ ގޮތަކީކޮބާ؟
7- ދިވެހިން ވަގުތު ކިޔަމުން އައި ގޮތް ހަމަޖެހިފައި އޮއްވައި ދިވެހިންގެ ތެރޭގައި ދިވެހިބަހުން ލިޔާ ލިޔުންތަކާއި ކިޔުންތަކުގައި ބޭރު ބަސްބަހުން ވަގުތު ކިޔާގޮތަށް ބޭނުންކުރުމުން ދޭހަވަނީ ކޮންކަމެއްހޭ؟
8- “ބޭރުންގެނެވޭ ބޭރުތަކެއްޗަށް ރޭރުވެގެން ތިމާއަށް އުޅެވޭލެއް ބޮޑުކަމެވެ. ” މިއިބާރާތުން ދޭހަވާ މާނަ ތަންކޮޅެއް ތަފްސީލުކޮށް ލިޔާށެވެ!

ޚުލާސާކުރުން – މަސައްކަތުކަރުދާސް

ތިރީގައި އެވަނީ ލިޔުމެއްގެ އަސްލަކާއި އޭގެ ޚުލާސާއެވެ.

ލިޔުން: މިސިފަތަކާ ދުރުވަމާތޯ؟

ޒަމާނުއްސުރެ ދިވެހިން މަޝްހޫރު ވެފައިވަނީ ވަރަށް ހިންހެޔޮ ބައެއްގެ ގޮތުގައެވެ. އެކުވެރިކަމާއި، އެއްބައިވަންތަ ބައެއްގެ ގޮތުގައެވެ. އެހީތެރިކަމާއި، އޯގަތެރި ބައެއްގެ ގޮތުގައިވެސް މެއެވެ. ދިވެހީންގެ ކިބައިގައިހުރި މިރީތި ސިފަތަކަށް ތައުރީފުކޮށް، ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ބޭރުގެ ލިޔުންތެރިންވެސް ތަފާތު ލިޔުންތައް ލިޔުއްވާފައި ވެއެވެ. މީގެތެރޭން އެންމެ ފާހަގަ ކޮށްލެވޭ އެއްބޭފުޅަކީ އިބުނި ބަޠޫޠާއެވެ. މިރާއްޖޭގެ އަހުލުވެރިން ކުރު މުއްދަތެއްގައި ޙާޞިލު ކޮށްފައިވާ ތަރައްޤީގެ އުސް ބަހާތަކުގެ މައިގަނޑު އަސްލަކީވެސް ދިވެހީންގެ ކިބައިގައިހުރި މިދެންނެވި ސިފަތައް ކަމާމެދު ޝައްކެއްނެތެވެ.
މާޒީގައި ކަންއޮތީ މިހެން ކަމަށްވިޔަސް މިހާރު މަންޒަރު ބަދަލުވާން ފަށައިފިއެވެ. އިވޭއަޑުތަކާއި ފެންނަ ފެނުންތައްވެސް ތަފާތު ވާންފަށައިފިއެވެ. މުސްލިމުންގެ ގޮތުގައިތިބެމެ، މުސްލިމުންގެ ކިބައިން އެއްގޮތަކަށްވެސް ފެނިގެންނުވާނެ އެތައްސިފައެއް މިއަދު ދިވެހި މުޖުތަމަޢުގެ ބައެއް ފަރުދުންގެ ކިބައިގައި އާއްމު ވަމުންދާކަމީ ހިތާމަހުރި ކަމެކެވެ. ދެބައޮޑުވުމާއި، ޢީބަބުނުމާއި، ބޮޑާވުމާއި، ޙަސަދަވެރިވުންފަދަ ސިފަތަކަކީ އެސިފަ އެތަނެއްގެ އަހުލުވެރިންގެ ކިބައިގައި ހަރުލައިފިނަމަ މުޅިތަން ފަސާދަކުރާ ނުރައްކާތެރި ސިފަތަކެކެވެ. ތަރައްޤީގެ މަގުގައި ކުރިއަށްދިއުމަށް ހުރަސްތައް މެދުވެރި ކުރުވާފަދަ ނޭއްގާނީ ސިފަތަކެކެވެ. ދީނީގޮތުން ބަލާއިރުވެސް މިއިން އެއްވެސް ސިފައަކީ ފުރިހަމަ މުސްލިމެއްގެ ކިބައިގައި އެއްގޮތަކަށްވެސް ހުރެގެންވާނެ ސިފައެއްނޫނެވެ.

large_558174c6-6390-49bb-82d6-1355482fefbb

ދެ ދިވެއްސަކު ދިވެހި ހެދިކާއެއްކަމަށްވާ ‘ގުޅަ’ ހަދަނީ. ދިވެިންނަކީ މިފަދަ ކަންކަމުގައިވެސް ވަރަށް އެކުވެރި ބައެކެވެ.

 

މަތީގައި އިޝާރާތްކުރި ސިފަތަކުގެ ތެރެއިން، ދެބައޮޑުވުމަކީ އެމީހަކު ނެތްތަންތާނގައި އެމީހެއްގެހުރި އައިބެއްގެ ވާހަކަ ދެއްކުމެވެ. ނެތިމޮށުމަކީ އެމީހަކު ނެތްތަންތާނގައި އެމީހެއްގެ ނުބައިވާހަކަ ދެއްކުމެވެ. މިއިންކޮންމެ ސިފައަކީވެސް އެސިފައެއްގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުމަށް ބުރޫއަރާފަދަ ސިފަތަކެކެވެ. އެއްވެސް އިންސާނަކީ އެމީހެއްގެ ހުރި އައިބުތަކެއްގެ ވާހަކަ އެހެންމީހަކު ދައްކަން ބޭނުންވާނެ މީހެން ނޫނެވެ. އަދި އެމީހަކު ނެތްތަންތާނގައި އެމިހަކު ނުބައިމީސްކޮށް ވާހަކަ ދެއްކުމަކީވެސް އެއްވެސްމީހަކު އެދޭނޭ ގޮތެއް ނޫނެވެ. އެހެންކަމުން އެހެންމީހުން ތިމާއާދޭތެރޭ ކަންތައްތައްކުރަން ނޭދޭގޮތަށް، ތިމާވެސް އެހެންމީހުންނާ ދޭތެރޭ ކަންތައްތައް ކުރުމަކީ އެއްވެސް އިންސާފެއް ނޫނެވެ. އަދި އެގޮތަށް ކަންތައްތަށް ކުރާމީހާއަކީ ފުރިހަމަ މުޢުމިނެއްވެސް ނޫނެވެ. މިކަމާމެދު ކީރިތި ރަސޫލާގެ ޙަދީޘެއްގެ މާނައިގައި ވަނީ ތިމާއަށް ރަނގަޅު ގޮތްވުމަށް އެދޭފަދައިން އަނެކާއަށްވެސް ރަނގަޅުގޮތްވުމަށް ނޭދޭހައި ހިނދަކު ތިމާގެ އީމާންކަން ފުރިހަމަނުވާ ހުއްޓެވެ. މީގެއިތުރުން، ޢީބަބުނުމާއި ނެތިމޮށުން، ކީރިތިﷲ ސިފަކުރައްވާފައިވަނީ މުސްލިމަކު އޭނާގެ އަޚާ މަރުވެފައި ވަނިކޮށް އެއަޚާގެ މުޅަމަސްގަނޑު ކެއުމާއި އެއްފަދަ ކަމެއްކަމުގައެވެ. މިއިންވެސް އެގެނީ ނެތިމޮށުމާއި، ޣީބަ ބުނުމުގެ ނުބައިކަމެވެ. އަދި ދީނީ ނަޒަރަކުން ބަލާއިރު އެޢަމަލުގެ ހަޑިހުތުރު ކަމެވެ.
ބޮޑާވުމާއި ޙަސަދަވެރި ވުމަކީވެސް ހަމަ އެހައި ނޭއްގާނީ ދެސިފައެވެ. ބޮޑާވުމަކީ ތިމާވަރުގެ މީހަކު ނެތްކަމަށްދެކި ކިބުރުވެރި ވުމެވެ. ޙަސަދަވެރި ވުމަކީ އެހެންމީހަކަށް ލިބިފައިވާ ނިޢުމަތެއް އެމީހެއްގެ އަތުން ބީވުމަށް އެދުމެވެ. މިދެސިފައަކީވެސް މީހެއްގެ ކިބައިގައި އަށަގެންފިނަމަ އެމީހެއްގެ ވިސްނުމާއި ފިކުރު މުޅިން އެހެންދިމާއަކަށް އަނބުރުވާލާފަދަ ދެސިފައެވެ. ކިބުރުވެރިކަމާމެދު ކީރިތިރަސޫލާ ކުރައްވާފައިވާ ޙަދީޘެއްގެ މާނާގައިވަނީ، ކިބުރުވެރިކަމުގެ ކިތަންމެ ކުޑަމިންވަރެއްވެސް ހިތުގައިވާ މީހާ މޫނުވަތައް ނަރަކައަށް ވައްދަވާނެ ކަމަށެވެ. ހަމަ މިބީދައިން ޙަސަދަވެރި ކަމާމެދު ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގާވަނީ އަލިފާންދަރު އަންދައި ނެތިކޮށްލާފަދައިން، ޙަސަދަވެރިކަން އެމީހަކު ކޮށްފައިހުންނަ ހެޔޮޢަމަލުތަށް ނެތިކޮށްލައެވެ. މިދެޙަދީޘުންވެސް އަޅުގަނޑުމެންނަށް އެނގެނީ މިދެސިފައިގެ ނުރައްކާތެރިކަމެވެ.
ޙަޤީޤަތަކީ މިއީކަމަށްވުމުން، މިފަދަ ސިފަތަކެއް މުޖުތަމަޢެއްގައި ހަރުލައިފިނަމަ އެތަނެއްގައި އޮންނަ އެކުވެރިކަމާއި، އެއްބައިވަންތަ ކަމާއި، އަޚުވަންތަކަން މުޅިން ނެތިގެން ދާނެކަމީ ޝައްކެން ހުރި ކަމެއްނޫނެވެ. އެހެންކަމުން ކޮންމެ ކުއްޖަކުވެސް ބަލަންވީ ދެދުނިޔޭގެ ބާއްޖަވެރިކަންއޮތީ މާތްﷲ އެންގެވި ތެދުމަގުގައި ހިފަހައްޓައިގެން ކަމެވެ.

ލިޔުމުގެ ޚުލާސާ:

ޒަމާނުއްސުރެ ދިވެހިން މަޝްހޫރު ވެފައިވަނީ ވަރަށް ހިންހެޔޮ، އެއްބައިވަންތަ ބައެއްގެ ގޮތުގައެވެ. ދިވެހިންގެ މިސިފައަށް ތަޢުރީފުކޮށް ބޭރުގެ ތަފާތު ލިޔުންތެރިންވެސް ލިޔުއްވާފައިވެއެވެ. ކުރުމުއްދަތެއްގައި ރާއްޖެއަށް އައި ތަރައްޤީގެ މައިގަނޑު އަސްލަކީ ވެސް ދިވެހިންގެ ކިބައިގަހުރި މިދެންނެވި ފަދަ ސިފަތަކެވެ. ނަމަވެސް ޒަމާނާއެކު މިހާރު ހުރިހާކަމެއްވެސް ބަދަލުވާން ފަށައިފިއެވެ. މިގޮތުން މުސްލިމެއްގެ ކިބައިން ފެނިގެންނުވާނެ އެތައްސިފައެއް މިއަދު ބައެއް ދިވެހިންގެ ކިބައިން ފެންނަމުން އެބަދެއެވެ. ޣީބަބުނުމާއި، ދެބައޮޑުވުމާއި، ޙަސަދަވެރިވުމާއި، ބޮޑާވުންފަދަ ސިފަތަކަކީ ފުރިހަމަ މުސްލިމެއްގެ ކިބައިން ފެނިގެންވާނެ ފަދަ ސިފަތަކެއް ނޫނެވެ. އަދި، މިދެންނެވި ކޮންމެ ސިފައަކީވެސް މުޖުތަމަޢުގެ ހަމަޖެހުމަށް ބުރޫއަރާފަދަ ސިފައެކެވެ. ތިމާއަށް ރަނގަޅުގޮތް ވުމަށް އެދޭފަދައިން އަނެކާއަށްވެސް ރަނގަޅުގޮތްވުމަށް ނޭދޭނަމަ، ތިމާގެ އީމާންކަން ވެސް ފުރިހަމައެއް ނުވެއެވެ. އަދި އެފަދަ ސިފަތަށް ހުންނަމީހުންނަކީ އާޚިރަތް ދުވަހުންވެސް ނާކާމިޔާބީއާއި ކުރިމަތިލާންޖެހޭނެ ބައެއްކަމަށް މާތްﷲ އާއި އެކަލާންގެ ރަސޫލާވަނީ އަންގަވައިފައެވެ. އެހެންކަމުން ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދަން އެދޭމީހާ މިސިފަތަކާދުރުވެ މާތްﷲ އެންގެވިގޮތަށް އުޅެންޖެހެވެ.

ޚުލާސާކުރުން

ޚުލާސާކުރުން

ޚުލާސާކުރުމަކީ ލިޔުމެއްގެ މައިގަނޑު ވާހަކަތައް ނުގެއްލޭގޮތައް ކުރުކޮށްލުމެވެ. މިގޮތަށް ކުރުކުރާއިރު، މިސާލާއި، ތަފުސީލާއި، ލިސްޓްފަދަ ބައިތަކެއް ޚުލަޞާއަކު ނުހިމަނާނެވެ. ޚުލާޞާކުރާ ލިޔުމެއްގެ ބާވަތުން އެޚުލާޞާއެއްގެ ކުރުދިގުމިނަށް ތަފާތު އާދެވެ. މިސާލަކަށް ވާހަކައެއް ޚުލާޞާ ކުރާނަމަ އެއިން ދޫކޮށްލަންޖެހޭބައި، މަޒުމޫނަކާ އަޅައިބަލާއިރު ދިގުވާނެވެ. ސަބަބަކީ މަޒުމުނަކާ އަޅައިބަލާއިރު ވާހަކައެއްގައި ތަފުސީލު ބޮޑުވާނެތީއެވެ. އެހެންކަމުން މަޒުމޫނުގެ ޚުލާޞާ ވާހަކައެއްގެ ޚުލާޞާއަށްވުރެ ނިސްބަތުން ދިގުވާނެވެ. އަދިހަމަ އެހެންމެ ރިޕޯޓެއް ޚުލާޞާކުރާއިރު އެއިންދޫކޮށްލަންޖެހޭބައި ނިސްބަތުން ކުޑަވާނެވެ. ސަބަބަކީ ރިޕޯޓެއްގައި އާއްމުގޮތެއްގައި ހުންނާނީ އެއާއިގުޅޭ މުޙިއްމު ނުކުތާތައް ކަމަށްވާތީއެވެ. ވީމާ، މަޒުމޫނެއްގެ ޚުލާޞާއަކާ އަޅައިބަލާއިރު ރިޕޯޓެއްގެ ޚުލާޞާ ނިސްބަތުން ދިގުވާނެވެ.

ޚުލާޞާ ކުރުމުގައި އެކިމީހުން ގެންގުޅެނީ އެކިގޮތް ނަމަވެސް ޚުލާޞާ ކުރުމުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ، ޚުލާޞާކުރަން އުޅޭ ލިޔުމެއް ފުރަތަމަވެސް ފަރުވާތެރިކަމާއެކު ކިޔައިލުމެވެ. އެއަށްފަހު އޭގެ މުޙިއްމު ނުކުތާތައް ފާހަގަކޮށް ދަށުރޮގު ދެމުމެވެ. މިގޮތަށް ހެދުމުން ޚުލާޞާ ކުރާއިރު މުޙިއްމު ނުކުތާއެއް ދޫކޮށްލެވުމުގެ ފުރުޞަތު ކުޑަވާނެވެ. މިގޮތަށް މުޙިއްމު ނުކުތާތައް ފާހަގަ ކުރުމަށްފަހު ދެންއޮންނާނީ ޚުލާޞާ ކުރުމެވެ. ޚުލާޞާކުރާއިރުވެސް އަސްލު ލިޔުމުގައި ބޭނުންކޮށްފައި ހުރި ޖުމުލަތައް އަކުރުން އަކުރަށް ލިޔުމުގެ ބަދަލުގައި އެވާހަކަތަށް ކުރުކޮށް، އަމިއްލަ ޢިބާރާތުން ގެނައުމަށް ސަމާލުކަން ދޭންވާނެވެ. އަދިހަމަ އެހެންމެ އަސްލު ލިޔުމުގައި، ދުލަށްބަރު މާނަދޭހަކުރަން އުދަގޫ “ބޮޑެތި” ބަސްތަކެއް ބޭނުންކޮށްފައި ވާނަމަ، ޚުލާޞާ ކުރާއިރު އެބަސްތަކުގެ ބަދަލުގައި ތިލަ، ފަސޭހައިން ދޭހަވާ ފަދަ ބަސްބަސް ބޭނުންކުރުމަށް ވެސް ސަމާލުކަން ދޭންވާނެވެ. ނަމެއް ދޭންވާނެއެވެ.