ކިޔުމުގެ ދޭހަ: މިއީ ގްރޭޑް 9ގެ ދަރިވަރުންނަށް ދިނުމަށް ތައްޔާރުކޮށްފައިވާ ދޭހައެކެވެ.

ވަގުތުކިޔުން

އަޅުގަނޑުމެން ދިވެހީންނަކީ ، ވަރަށް އިހުޒަމާނުއްސުރެވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ، އަމިއްލަ ގޮތެއްގައި ހިފަހައްޓައިގެން ތިބޭ އަމިއްލަ މިނިވަން ބައެކެވެ. ތާރީޚުން އެގޭ ހެކި ފެނިފައިވެއެވެ. އަޅުގަނޑުމެން ވަށައިގެން އެތިބި ޤައުމުތަށް ވިލާތުގެ އިސްތިއުމާރުގެ ދަށަށް ގޮސް މުޅިން އެބައިމީހުންގެ އަމިއްލަކަން ނެތިގެން ދިޔައިރުވެސް ދިވެހީން ތިބީ އަމިއްލަކަމެއްގެ މަތީގައެވެ. އަމިއްލަ ބަސް އޮތެވެ. އަމިއްލަ އާދަކާދަ އާއި އަމިއްލަ ޘަޤާފަތެއް އޮތެވެ. ދުވަހަކުވެސް ސަރުކާރުގެ ލިޔުންތަކާ ، ކިޔުންތައް އެހެން ބަހަކުން ލިޔެ ކިޔާން ޖެހުނު ދުވަސްވަރެއް އައިކަމަށް ނުވިސްނެއެވެ. ތެދެކެވެ. ދިވެހީންނަކީ ، އަމިއްލަކަންމަތީގައި އުޅުނު މިނިވަން ބައެކެވެ.
ދިރިއުޅުމުގެ ތެރޭގައި ބޭނުން ކުރާ ބޮޑެތި ކަންތައް އަމިއްލަށް އުފައްދައި ބޭނުން ކުރަމުން ގެންދިޔައެވެ. ދުވަސްތަކާ ، މަސްތަކަށް ނަން ކިޔުމާއި ވަގުތު ކިޔުން އޭގެތެރޭގައި ހިމެނެއެވެ.

ދިވެހީންގެ ދިވެހި ދިރިއުޅުމުގައި ދާދި ފަހަކާ ޖެހެންދެން ގިނަކަންތަކުގައި ފާހަގަކުރަމުން ދިޔައީ ހިޖުރީ އަހަރުގެ މައްސަރުތަކެވެ. އެމައްސަރުތަކަށް ނަންތަކެއް ކިޔައިގެން އުޅުނެވެ. އާދޭހެވެ! މުޙައްރަމް މަހަކީ ކަނދި މަހެވެ. ދެން ޞޮފަރު މަހެވެ. ދެނަ ބާރަ މަހެވެ. ފަހުއާޚިރުމަހާއި ، ހިޔަރަކާތް މަހެވެ. ރޯދަމަހާއި ކުޑަޢީދު މަހާއި ދެޢީދު ދޭތެރެމަހާއި ޙައްޖުމަހާއި ހިޔަރަކާތް މަހެވެ. ރޯދަމަހާއި ކުޑަޢީދު މަހާއި ދެޢީދު ދޭތެރެމަހާއި ޙައްޖުމަހެވެ. ރަބީއުލްއާޚިރު ޖުމާދަލްއޫލާ މިދެމަހުގެ ނަން އޮތްގޮތަށް އޮވެއެވެ.
ދިވެހީންގެ ދިވެހިބަހުން ވަގުތު ކިޔައި އުޅުނީ ވަކި ގޮތަކަށެވެ. ހަނދުމަހާއި ، ހަނދުމަހުގެ ދުވަސްތަކާއި ވަރަށް ބޮޑު ގުޅުމެއް ގުޅާފައި ވެއެވެ. އަޅުގަނޑުމުން އެންމެން ދަންނަފަދައިން ހަނދުމަހުގެ ދުވަސް ފެށެނީ ކުރީދުވަހުގެ އިރުއޮއްސުމުންނެވެ. މެންދަމު ބާރަ ޖެހީމައެއް ނޫނެވެ.

ދިވެހިން ވަގުތު ކިޔައި އުޅުނު ގޮތުގައި ދުވަހެއްގައި ދުވާލަކު ރެޔެއް އޮވެއެވެ. ނަމަވެސް ދުވަހުގެ ރެޔެއް ނޯވެއެވެ. އޮންނަނީ ، ދުވަސް ވިލޭ ނުވަތަ ވިލުނު ރެޔެކެވެ. ވިލުމަކީ ފައުޅުވުމެވެ. ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުން ހުކުރު ވިލުނީއެވެ. ފައުޅުވީއެވެ. ދުނިޔެއަށް އުފަންވީއެވެ. އެހެންކަމުން އެރެއަށް ކިޔަނީ ހުކުރު ވިލޭރޭއެވެ.
ދިވެހީން ދުވަސް ފާހަގަކުރަމުން އައިގޮތުގައި ދުވަހެއް ފެށެނީ ކުރީގެ ދުވަހުގެ އިރުއޮއްސުމުންނެވެ. ދުވާލެއްގައިވެސް ރޭގަނޑެއްގައިވެސް ހަތަރުދަން އޮވެއެވެ. ދަމަކީ ގާތްގަނޑަކަށް ތިންގަޑިއިރެވެ. ރެއަކާއި ދުވާލުގައި އައްޑަން އޮވެއެވެ. ރޭގަނޑުގެ ކުރީކޮޅަށް އިރާކޮޅޭ ކިޔައެވެ. ހަވީރެކޭ ނުކިޔައެވެ. ރޭދެބައިވީމާ މެންދަންވީއެވެ. މެންދަމަށްވުރެ ފަސްވެއްޖެނަމަ މެންދަމުން އަލިވީއެވެ. މެންދަމުން އަނބުރައިފިޔެކޭ ނުކިޔައެވެ. ދެންވާނީ ފަތިހެވެ. ފަތިފހަށްފަހު ބިންމަތި އަލިވެ އިރު އަރައެވެ. އިރުއެރުމަށްފަހު އެއީ ހެނދުނެވެ. ފަތިހު ފަހެއް ޖަހައެވެ. ހެނދުނު ހަތަރެއް ޖެހިކަމަށްވެސް ނުކިޔައެވެ. ދުވާލުވަގުތު ދެބައިވުމުން މެންދުރުވީއެވެ. މެންދުރުވުމަށްފަހު މެންދުރުން އަނބުރައެވެ. އެއަށްފަހު އަސުރުވެއެވެ. އަސުރުން އިރު ތިރިވެއެވެ. އަސުރުން އަނބުރައިފިޔެކޭ ނުކިޔައެވެ.

ދިވެހީން ވަގުތުކިޔަމުން އައިގޮތް ހަމަޖެހިފައިއޮއްވާ ބޭރު ބަސްބަހުން ވަގުތު ކިޔާގޮތް ދިވެހިބަހުގެތެރެއަށް ގެނައުމުގެ ސަބަބުން ގިނަ ދިވެހީންނަށް ވަރަށް ބޮޑެތި އޮޅުންތައް އަރަމުން ދެއެވެ. އެހެން ކަމުން އެއީ ބޭނުންކަމެއްނޫނެވެ. ބޭރުމީހުންނާ ބެހޭގޮތުން ބޭރުބަސްބަހުން ލިޔެފައި ހުންނަ ލިޔުންތަކުގައި އެގޮތް އެންމެ ރަނގަޅުވިޔަސް ދިވެހީންގެ ތެރޭގައި ، ދިވެހި ބަހުން ލިޔެވިގެން ހިނގާ ލިޔުންތަކާ ، ކިޔުންތަކުގައި އެގޮތްގެންގުޅުމުން ދޭހަވަނީ، ހަމަ އެންމެ ކަމެކެވެ. ދިވެހިވަންތަކަމަށް ތިމާގެ ހިތުގައި އޮންނަ ގަދަރެއްގެ ކުޑަކަމެވެ. “ބޭރުންގެނެވޭ ބޭރުތަކެއްޗަށް ރޭރުވެގެން ” ތިމާއަށް އުޅެވޭލެށް ބޮޑުކަމެވެ.

މިބާވަތުގެ ކަންކަމުގައި ، ދިވެހި ގޮތްކުރިއަރުވައި ދިވެހި ވަންތަކަން އިސްކުރެއްވުން ކީއްތޯއެވެ! އެފަދަ ގޮތްތަށް ދަސްވެފައި ނެތްނަމަ ، އުގެނި ދަސްކުރެއްވުން ކީއްތޯއެވެ؟

( ފަތްތޫރައިގެ 41 ވަނަ ޢަދަދުން ނަގައިފައި)

ސުވާލުތައް
1- ދިވެހިންނަކީ ޒަމާނުއްސުރެ އަމިއްލަ ގޮތެއްގައި ހިފަހައްޓައިގެން ތިބި އަމިއްލަ މިނިވަން ބައެއްކަން ތާރީޚުން އެނގެއެވެ. މިކަން އެނގޭ މައިގަނޑު އެއް ހެއްކަކީ ކޮބާ؟
2- ދުވާލެއްގައިވެސް ރޭގަނޑެޢްގައިވެސް ހަތަރުދަން އޮވެއެވެ. ދަމަކީ ގާތްގަނޑަކަށް ތިންގަޑިއިރެވެ. ރެއަކާ ދުވާލުގައި އައްޑަން އޮވެއެވެ. އެދަންތަކަކީކޮބާ؟
3- އިހުގައި ދިވެހިން އެބައިމީހުންގެ ދިރިއުޅުމުގެ ކަންތަކުގައި ތާރީޚު ބަލައި އުޅުނީ ކޮންގޮތަކަށް؟
4- ހިޖުރީ މައްސަރުތަކަށް ދިވެހިން އަމިއްލަ ނަންތަކެއް ކިޔައިގެން ބޭނުންކުރިކަމަށް ބުނެފައިވީނަމަވެސް ހުރިހާ މަހަކަށް އަމިއްލަ ނަން ދީފައި ނުވާކަން އެނގެއެވެ. އެކަން އެނގޭ ގޮތަކީކޮބާ؟
5- ހަނދުމަހުގެ ދުވަސް ފެށެނީ ކޮންވަގުތަކު؟
6- އިހުގައި ދިވެހިން ވަގުތުކިޔާ އުޅުނު ގޮތަށް ބަލާއިރު އާދީއްތަ ދުވަހުގެ އިރު އިރުއޮއްސުމުން އެރެއަށް ނިސަބަތްކޮށް ބުނާ ގޮތަކީކޮބާ؟
7- ދިވެހިން ވަގުތު ކިޔަމުން އައި ގޮތް ހަމަޖެހިފައި އޮއްވައި ދިވެހިންގެ ތެރޭގައި ދިވެހިބަހުން ލިޔާ ލިޔުންތަކާއި ކިޔުންތަކުގައި ބޭރު ބަސްބަހުން ވަގުތު ކިޔާގޮތަށް ބޭނުންކުރުމުން ދޭހަވަނީ ކޮންކަމެއްހޭ؟
8- “ބޭރުންގެނެވޭ ބޭރުތަކެއްޗަށް ރޭރުވެގެން ތިމާއަށް އުޅެވޭލެއް ބޮޑުކަމެވެ. ” މިއިބާރާތުން ދޭހަވާ މާނަ ތަންކޮޅެއް ތަފްސީލުކޮށް ލިޔާށެވެ!