ސިޓީ ލިޔުން

ސިޓީ ލިޔުން

މިއީ އަމިއްލަ ރަސްމީ ސިޓީގެ ތެރެއިން ހަވާލާދީ ލިޔަންޖެހޭ ސިޓީއަށް ކުދިން ތައްޔާރުކުރުމަށް ދެވިދާނެ ތަމްރީނެކެވެ.

ތިރީގައިއެވަނީ ވިލާ ކޮލެޖުން ނެރެފައިވާ އިއުލާނެކެވެ. ސިޓީ ލިޔާ ފަރާތަކީ ދ.ކުޑަހުވަދޫ ދޮންޖަންބުގޭ ހައްވާ ނަައުމާކަމަށް ބަލައިގެން ދީފައިއެވާ އިޢުލާނުގައިވާ ވަޒީފާއަށް އެދި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހުމަދު އަންވަރަށް ސިޓީއެއް ލިޔާށެވެ. މިސިޓީގައި ތިރީގައިއެވާ ނުކުތާތައް ހިމަނަންވާނެއެވެ.

  • * އިޢުލާނާ ހަވާލާދީ އެދޭ މަޤާމް
  • * ހުށައަޅާ ލިޔުންތައް
  • * މަގާމާ ގުޅޭގޮތުން ލިބިފައިވާ ތަޖުރިބާ
  • * މިހާރު އަދާކުރާ ވަޒީފާއާއި މަޤާމް

ކިޔުމުގެ ދޭހަ

ކިޔުމުގެ ދޭހަ

ތިރީގައިއެވަނީ ‘މިހާރު’ ނޫހަށް ޕްރޮފެސާރ އުގެއިލް ލިޔުއްވާފައިވާ ލިޔުމަކަށް ބަދަލުގެނެސްގެން ތައްޔާރުކޮށްފައިވާ ދޭހައެވެ. މިއީ ގްރޭޑް 8ގެ ދަރިވަރުންގެ ފެންވަރުގެ ދޭހައެކެވެ.

ކިޔުމުގެ ދޭހައިގެ ލިޔުން:

މޮޅު ދަރިވަރަކަށް ވާނީ ކިހިނެއް؟ ޕްރޮފެސާރ އުގެއިލްގެ 5 ނަސޭހަތް.

  1. 1.ތައުލީމީ އާ އަހަރެއް އަބަދުވެސް ފެށެނީ އާ އުއްމީދުތަކަކާ އެކީގަ އެވެ. އެކަމަކު ފުރަތަމަ ދުވަހުގެ އަޒުމުގައި ދެމިތިބެވެނީ ކިތައް ދަރިވަރުންނަށް ހެއްޔެވެ؟ ދަސްކުރަން ޖެހޭ ފިލާވަޅުތަކާއި ބައިވެރިވާން ޖެހޭ ހަރަކާތްތަކުގެ ބިޒީކަމާ އެކު ބައެއް ފަހަރު ކަންކަން ބޮއްސުންލައިގެން ދެ އެވެ. އެކަމަކު ހިކުމަތްތެރިކަމާއެކު އެކަންކަން ރާވާލެވިއްޖެނަމަ ދަރިވަރެއްގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެކުއެކީގައި އޮމާންކޮށް ގެންދެވިދާނެ އެވެ. ފޭސްބުކް ޕޯސްޓެއްގައި ޕްރޮފެސަރު ހަސަން އުގެއިލްވަނީ އެކަން ހާސިލްކުރަން ކުރެވިދާނެ ފަސް ކަމެއް ފާހަގަކުރައްވައިފަ އެވެ. އެއީ މި ވަގުތުން ފެށިގެން ވެސް ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭނުން ހިފިދާނެ މުހިއްމު ނަސޭހަތްތަކެކެވެ.

2.އުގެއިލް ވިދާޅުވާ ގޮތުގައި ކިޔެވުން ކުރިއަށް ގެންދާނެ ގޮތުގެ ސާފު ޕްލޭނެއް ސިކުނޑީގައި ނުވަތަ ލިޔެފައި ބޭއްވުން މުހިއްމެވެ. ދުވަހުގެ އެކި ގަޑިތަކުގައި ކިޔާނެ އެކި ފިލާވަޅުތަކާއި ސްކޫލުން ދީފައިވާ ފިލާވަޅުތައް ނިންމާނެ ވަގުތުތައް އެނގޭނެހެން ޓޭބަލް އެއް ހެދިދާނެއެވެ. މިގޮތަށް ޓޭބަލް ހަދާއިރު އޭގެ ތެރެއަށް ނަމާދުވަގުތާއި ކެއިންބުއިމުގެ ވަގުތުތައްވެސް ހިމެނިދާނެއެވެ. އޭރުން، ކުރަންވީ ކަންކަމާއި އެ ކަންކަން ކުރަންވީ ވަގުތުތައް ނޭނގި އޮޅުންބޮޅުން ވެގެން އުޅޭކަށް ނުޖެހޭނެ އެވެ. 

3.ކުރަން ޖެހޭ ކަންކަން އެންމެ ފަހު ވަގުތަށް ބެހެއްޓުމަކީ ކިޔެވުމުގައި ވެސް އަދި މަސައްކަތުގައި ވެސް ގިނަ ބަޔަކަށް ދިމާވާ ވަރަށް ބޮޑު މައްސަލައެކެވެ. މިހާރު ކުރަން ޖެހޭ ކަމެއް ފަހަށް ބޭއްވުމަކީ، އުގެއިލް ފާހަގަކުރައްވާ ގޮތުގައި، ހާސްވުމާއި ފިކުރުބޮޑުވުމަށް މަގުފަހިވާ ކަމެކެވެ. މާދަމާ ކުރަން ޖެހޭ އިތުރު ކަންކަން ހުންނާނެތީ، މިއަދު ކުރަން އޮތް ކަމެއް މާދަމާ އަށް ނުބާއްވަން އޭނާ ނަސޭހަތް ދެއްވަ އެވެ. “މީގައި ގެންގުޅެން ޖެހޭ އުކުޅަކީ، އެ ކަމެއް ފެއްޓުން. އުނދަގޫ ކަމެއް ވެއްޖެއްޔާ ބައިބަޔަށް ބަހާލައިގެން ކުދިކުދި ވަކި މަސައްކަތްތަކަކަށް ހެދިދާނެ. އޭރުން އެކަމެއް ފަށައިގަންނަން ފަސޭހަވާނެ،” އުގެއިލް ލިޔުއްވި އެވެ.

4.މަލްޓި-ޓާސްކިން ނުވަތަ އެއްފަހަރާ ގިނަ ކަންކަން ކުރުމަކީ ވަރަށް ހުށިޔާރު މީހުންގެ ސިފައެއް ކަމަށް ބައެއް މީހުން ދެކެ އެވެ. އެކަމަކު އުގެއިލް ފާހަގަކުރައްވާ ގޮތުގައި އޭނާ އަށް އެނގިވަޑައިގަންނަވާ ކާމިޔާބު ގިނަ މީހުން އެ ގޮތަކަށް މަސައްކަތެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އެ މީހުން ފަހަރަކު ކަމެއް ނަގައިގެން އެ ކަމަކަށް ހުރިހާ ސަމާލުކަމެއް ހުސްކޮށްލަނީ އެވެ. އެއްފަހަރާ އެތައް ކަމެއް ރަނގަޅަށް ކުރުމަކީ ވާނެ ކަމެއް ނޫން ކަމުގެ ސައިންޓިފިކް އެތައް ހެއްކެއް ވެސް އެބަހުރި ކަމަށާއި މަލްޓި-ޓާސްކް ކުރަން އުޅުނީމާ، ކަމެއް ކުރަން ހޭދަވާ ވަގުތާއި ހެދޭ ގޯސްތައް ވެސް ދެގުނަ އިތުރު ވެގެންދާ ކަމަށް އުގެއިލް ވިދާޅުވެ އެވެ.

5.އުގެއިލް ވިދާޅުވާ ގޮތުގައި ކޮންމެ މީހަކީ ވެސް “އެ މީހަކާ އެކު އުޅޭ ފަސް މީހެއްގެ އެވްރެޖް”އެކެވެ. ތިމާއާ އެއް ވިސްނުމެއްގެ މީހުންނާ އެކު އުޅެންޏާ، ކިޔެވުމުގެ ޕްލޭން ކުރިއަށް ގެންގޮސް، އެއްގޮތެއްގައި ދެމިހުރުމުގެ އިތުރުން އުނގެނެން ވެސް ފަސޭހަވާނެ ކަން އޭނާ ފާހަގަކުރައްވަ އެވެ. އަދި، އެއްޗެއް އެނގުނީ ކިހާ ވަރަކަށްތޯ ބަލައިލަން އެހެން މީހަކަށް އެ އެއްޗެއް ކިޔައިދިނުން ވަރަށް ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ. ހަމައެހެންމެ ބޭކާރު ކަންކަމުގައި ވަގުތު ބޭކާރުކުރާ އެކުވެރިންގެ ސަބަބުން ތިމާގެ އަގުހުރި ވަގުތުވެސް ގެއްލިގެންދެއެވެ. އެހެންކަމުން ތިމާ ޚިޔާރުކުރާ ރައްޓަހިންނަކީ ރަނގަޅުބަޔަކަށް ބާންޖެހެއެވެ.

6.އުގެއިލް ނަސޭހަތްތެރިވެ ވަޑައިގަންނަވަނީ ދަރިވަރުން ވެސް އާދައިގެ ގޮތަކަށް ދިރިއުޅުން ބެހެއްޓުމަށާއި އަމިއްލަ ނަފްސަށް ވަފާތެރިވުމަށެވެ. “ކިޔެވުމަކީ ބޮޑު ބުރައެއް ކަމަށް ދެކިގެން ނުވާނެ. ބަލަން ޖެހޭނީ އެއީ ވެސް އާއްމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި. މީގެ މާނައަކީ، ކިޔެވުމެކޭ އެއްވަރަށް މުހިއްމު އެހެން ކަންކަމަށް ވެސް އެކަށީގެންވާ ވަގުތު ހުސްކުރަން ޖެހޭނެއޭ،” އޭނާ ލިޔުއްވި އެވެ. އެގޮތުން ފައިދާހުރި ކާނާ ކެއުމާއި ރަނގަޅަށް ނިދުމާއި ހަރަކާތްތެރިކޮށް އުޅުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވުން އަދި މީހާ އަށް އަރާމު ލިބޭ ފަދަ ކަންކަން ކުރުމެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރުމުގެ އިތުރުން ހިތްހަމަޖައްސާލަން ވެސް ޖެހޭނެ ކަމަށެވެ. “އެކަމަކު އެންމެ މުހިއްމު ކަމަކީ ޕްލޭނާ އެއްގޮތަށް އަމަލުކުރުމުގައި ދެމިހުރުން. ބުރަކޮށް މަސައްކަތްކުރުން ރަނގަޅު. ގަވާއިދުން ބުރަކޮށް މަސައްކަތްކުރުން އަދި މާ ރަނގަޅު،” އުގެއިލް ލިޔުއްވި އެވެ.

ދޭހައިގެ ސުވާލުތައް:

1: ގިނަ ހަރަކާތްތަކުގައި ބިޒީވާ ދަރިވަރުންނަށް ކާމިޔާބާހަމަޔަށް ނުދެވެނީ ކީއްވެ؟

2: ކިޔެވުން ކުރިއަށް ގެންދާނެ ގޮތުގެ ސާފު ޕްލޭނެއް އޮތުމުން ލިބޭނެ ފައިދާއަކީ ކޮބާ؟

3: މިއަދު ކުރަން ހުންނަ ކަންކަން މާދަމައަށް ފަސްކުރުމަކީ އަހަރެމެންގެ އާދައެކެވެ. އެގޮތަށް ކަންކަން ފަހަށް ބަހަށްޓަން މެދުވެރިވާ މައިގަނޑު ސަބަބަކީ ކޮބާ؟ އެދި އެކަމުން ދުރުހެލިވާން ކުރެވިދާނެ ކަމަކީ ކޮބާ؟

4: އެއްފަހަރާ ގިނަ ކަންކަން ކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށްބުނެ ލިޔުންތެރިޔާ ދައްކާފައިވާ ހެއްކަކީ ކޮބާ؟

5: އުގެއިލް ވިދާޅުވާ ގޮތުގައި ކޮންމެ މީހަކީ ވެސް އެ މީހަކާ އެކު އުޅޭ ފަސް މީހެއްގެ އެވްރެޖްއެކެވެ. މިޖުމްލައިގައި ދަށުރޮނގު ދަމާފައިއެވާ އިބާރާތް އިތުރަށް ތަފްޞީލުކޮށްދޭށެވެ.

6: ރަޙްމަތްތެރިން އިޚްތިޔާރުކުރުމުގައި ވިސްނަންޖެހޭކަމަށް ދޭހައިގައި ބުނެފައިއެވަނީ ކީއްވެގެން ހެއްޔެވެ؟

7: ދޭހައިގެ ފަހު ޕެރެގްރާފުގައި މޮޅު ދަރިވަރަކަށް ވުމަށްޓަކައި ދަރިވަރުންނަށް އުގެއިލް ދެއްވާފައިވާ ނަސޭހަތަކީ ކޮބައިކަން ތަފްޞީލުކޮށްދޭށެވެ.

8: މިދޭހައިގައި ޕްރޮފެސާރ އުގެއިލް ދެއްވާފައިވާ 5 ނަސޭހަތުގެ އިތުރުން ދިޔަ ދަރިވަރުގެ ނަޒަރުގައި ކިޔަވާކުއްޖަކު ކާމިޔާބު ހޯދުމަށްޓަކައި ކުރެވިދާނެ 2 ކަމެއް ބުނެދޭށެވެ.

9: ތިރީގައިއެވާ ބަސްތައް ދޭހައިގައި ބޭނުންކޮށްފައިވަނީ ކޮންމާނައެއްގައިކަން ލިޔާށެވެ.

ހ. ބޮއްސުންލުން (ޕ 1)             ނ. ހުށިޔާރު (ޕ4)

ށ. އުކުޅު (ޕ3)                   ރ. ވަފާތެރި (ޕ6)

ކިޔަވައިދިނުމުެ އެހީއެއްގެ ގޮތުން މި ވެބްސައިޓުގައި ހުރި ތަކެތި ބޭނުންކުރުމުގެ ހައްގު ކޮންމެ ބޭފުޅަކަށްވެސް ލިބިގެންވެއެވެ. އަދި އެކަމަށް އަޅުގަނޑު މަރުޙަބާ ކިޔަމެވެ.

ތިރީގައި އެވާ ލިންކުން މި ދޭހަ ޑައުންލޯޑް ކުރެއްވޭނެއެވެ.