ޓިމްތަކުގެ ޕްރެކްޓިސްތައް ކުރިއަށް

ކުރިއަށް މިއޮތް ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަހައުސް ފުޓްބޯޅަލީގަށް ތައްޔާރުވުމުގެ ގޮތުން ހައުސްތަކުން ޕްރެކްޓިސް ކުރަމުން އެބަގެންދެއެވެ. ދަރިވަރުންގެ މެދުގައި ހަމަޖެހިފައިވާ ވަކިއުސޫލެއްގެ ދަށުން ފުޓްބޯޅަ ދަނޑުގައި ކޮންމެ ދުވަހަކުވެސް ދެހައުސްއަކުން ވާދަވެރިކަމުގެ ޕްރެކްޓިސް މެޗްތަކެއް ކުޅެއެވެ.

ކުރިއަށް އޮތް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދަރިވަރުން ޕްރެކްޓިސްތައް ކުރަމުން ދާއިރު ޓީޗަރުންގެ ޝަކުވާއަކީ މުބާރާތާ ގުޅިގެން ހެދިފައިވާ ޤަވާޢިދުތަކަށް ދަރިވަރުން ސަމާލުަކްނ ނުދިނުމެވެ. ވަކީން ޚާއްޞަކޮށް ހައުސްތަކުގެ ސީނިއަރ ދަރިވަރުން ޤަވާޢިދުތަކަށް ސަމާލުކަން ނުދޭކަމަށް ހައުސް މާސްޓަރުންވެސް ފާހަގަކުރައްވައެވެ. މިކަމަކީ ދަރިވަރުން މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ.

މުތްތޮށިހައުސްގެ ފުރަތަމަ ޑިވިޜަންގެ ދަރިވަރުންނާއި ދެވަނަ ޑިވިޜަންގެ ދަރިވަރުން ޔޮކަހާމާ ދަނޑުގައި ޕްރެކްޓިސް ކުރަނީ

މުބާރާތް ފެެން ދެދުވަހަށް ވެފައި ވާއިރު މިހާރުވެސް ބައެއް ހައުސްތަކުގެ ގިނަކުދިންނަށް މުބާރާތުގެ ފުރަތަމަމެޗުން ޖާގަ ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބައެއް ދަރިވަރުްނ އެއް މެޗަށް ސަސްޕެންޑް ވެފައިވާއިރު ދެތިން މެޗަށް ސަސްޕެންޑް ވެފައިވާ ދަރިވަރުންވެސް އެބަތިއްބެވެ.

ރޭގަނޑު ދިހައެއްގެ ފަހު ބޭރުއުޅުމާއި ވަގުތަށް ހުކުރަށް ނުދިއުމުގެ ސަބަބުްނ ގިނަކުދިންތަކަކަށް ސަސްޕެންޝަނަކާ ހަމަޔަށް ދާންޖެހިފައި ވާއިރު ހާޒިރީ ހަމަނުވެގެން މަދު ކުއްޖެއް ނަމަވެސް މުބާރާތާ އަލްވަދާޢު ކިޔަން ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން ގްރޭޑް ދިހައެއް ފިޔަވައި އެހެން ގްރޭޑް ތަކަށް ނެގޭ އެކްސްޓްރާ ކްލާސްތަކާއި ގުރުޢާން ކުލާސްތަކާއި މިނޫންވެސް ކުލާސްތަކަށް ހާޒިރުނުވެގެން މެޗަކަށް ނޫނީ ދެމެޗަށް ސަސްޕެންޑްވެފައިތިބި ކުދިންވެސް އެބަތިއްބެވެ. ކަންތައްތައް މިހާހިސާބަށް ގޮސްފައިވާއިރު މިއަދުވެސް ގިނަ ކުދިންތަކެއް 12:30ގެ ފަހުން މިސްކިތަށް ހުކުރަށް ދިޔަކަން ފާހަގަކޮށްލެވެއެވެ.

 

ބަޙުސް މުބާރާތުގެ ފައިނަލް

ފ،އަތޮޅު ތަޢުލީމީ މަރުކަޒުގެ ހައުސްތަކުގެ މެދުގައި ބޭއްވުނު އިންޓަހައުސް ސިލްވަރ ޖުބުލީ ބަޙުޘް މުބާރާތް މިއަދު ނިމިއްޖެއެވެ. މުބާރާތުގެ ފައިނަލްގައި އިތާ ހައުސްއާ ބައްދަލުކޮށް ތަފާތު ބޮޑު ނަތީޖާއަކުން ބަޙުޘް މުބާރާތުގެ ޗެންޕިއަން ޓީމަކަށް ހޮވިފައިވަނީ މުރަކަހައުސް އެވެ. ފައިނަލް ބަޙުޘްގެ އެންމެ މޮޅު ބަޙުޘްކުރުންތެރިއަކަށް ހޮވިފައިވަނީ އިތާހައުސްގެ ދަރިވަރު މާއިޝާއެވެ. ފައިނަލް ބަޙުޘްގެ މައުޟޫއަކީ “ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނީ ބެލެނިވެރިންނަށްހޭ؟ ސުކޫލަށްހޭ؟”.

ބަޙުޘް މުބާރާތުގެ ފައިނަލް

ދެޓިމުންވެސް ވަރަށް ފޯރީގައި ބަޙުޘްކުރަމުންދިޔައިރު ބަޙުޘް ބަލާލުމަށް ސުކޫލުގެ ވެރިންގެ އިތުރުން ގިނައަދަދެއްގެ ޓީޗަރުންވެސް ބައިވެރިވިއެވެ. އަދި ދެހައުސްގެ ކުދިންގެ އިތުރުން އެހެނިހެން ހައުސްތަކުގެ ކުދިންވެސް ބަޙުޘްކުރަމުންދިޔަ ސަރަހައްދުގައި ޓިމުތަކަށް ހިތްވަރުދިނުމަށް އައިސްތިބިކަން ފާހަގަކޮށްލެވުނެވެ.

 

ނިދާބޮކި

ނިދާބޮކި

ފިހާރައަކަށްވަދެ “ނިދާ ބޮތްކެއް” ދީބަލާށޭ ބުނެފިނަމަ ފުރަތަމަވެސް އަހާލާނީ ކޮންކުލައެއްތޯއެވެ. ރާއްޖޭގައި ކަރަންޓްގެ ޚިދުމަތް އާންމުވިފަހުން މީ ފިހާރަތަކުން އަޅުގަނޑަށް އިވޭ ވަރަށް އާންމު އަޑެކެވެ. އެކި މީހުންނަށް ކަމުދާނީ އެކި ކުލައިގެ ބޮތްކެވެ. އަނެއްބަޔަކު ވިސްނާނީ މި ބޮކީގެ އަލިމިން ހުންނާނެވަރާއި މެދުގައެވެ. އަދި އެއްފަހަރު ގަންނަ ކުލަ އަނެއްފަހަރު ނުގަންނަ މީހުންވެސް ތިބޭނެއެވެ. އެއީ ގަނެވުނު ކުލަބޮކިން ނުވަތަ “ނިދާ ބޮކިން” އެންމެ ހިތްއެދޭ ބޭނުން ނުފުދުމުންނެވެ.

ދުނިޔޭގައި ކޮންމެ ކަމަކަށްވެސް އާހޯދުންތައް ހޯދާ އިހަށްވުރެ ރަނގަޅުގޮތްތައް ތަޢާރަފް ކުރަމުންދެއެވެ. މިގޮތުން ހިތްހަމަޖެހޭ ކުލައެއްގެ ފަނޑު އަލީގައި ނިދާލުމަކީ މިހާރަކު އެހާ އުނދަގޫކަމެއް ނޫނެވެ. ގަނެވުނު ކުލަބޮކީގެ ކުލައާއިމެދު ހިތްހަމަނުޖެހި އޮންނާކަށްވެސް ނުޖެހޭނެއެވެ. އެންމެ ބޮތްކެއްގެ އެހީގައި 16 ކުލައިގެ އަލީގައި ނިދާލުމަކީ މިހާރު ދާދި ފަސޭހަކަމެކެވެ.

މިފަހަރު އެންމެހާ ކިއުންތެރިންނާ މި ހިއްސާ ކޮށްލަނީ އެއްލައިޓްގައި 16 ކުލައިގެ އަލި ހުންނަ ބޮތްކެއްގެ ވާހަކައެވެ. މިލައިޓަކީ އެންމެފަހުގެ “ލެޑް” ލައިޓްގެ ޓެކްނޮލޮޖީ ހިމެނޭގޮތަށް ފަރުމާ ކުރެވިފައިވާ ލައިޓެކެވެ. ރިމޯޓް ކޮންޓްރޯލެއް ހިމެނޭ މިލައިޓްގެ އަލީގެ މިންވަރުވެސް ގަދަކޮށް އަދި މަޑުކޮށްވެސް ހެދޭނެއެވެ.

މިލައިޓުން 16 ކުލައިގެ އަލި ލިބޭނެއެވެ. އެވަގުތަކު “މޫޑު” ހުންނަ ގޮތަކަށް ލައިޓުގެ ކުލަ ބަދަލުކޮށްލަންވީއެވެ. އައި.އާރު. ރިމޯޓުގެ އެހީގައެވެ. ފެހިކުލަ، ރަތްކުލަ ނުވަތަ ނޫކުލައަށެވެ. ފިޔާތޮށި ނޫނީ މެރޫން ކުލައަށެވެ.

މިލައިޓަކީ 5 ވަޓްގެ ލެޑް ލައިޓެކެވެ. ލެޑް ލައިޓަކީ ވަރަށް ޢުމުރު ދިގު އެއްޗެކެވެ. އެހެންކަމުން އަބަދާ އަބަދު “ނިދާ ބޮކި” އަނދައިގެން އުޅޭކަށް ނުޖެގޭނެއެވެ. އަދި ލައިޓް ދިއްލާ ނިވާހަދަން ތެދުވާކަށްވެސް ނުޖެހޭނެއެވެ. ހަމައެކަނި ރިމޯޓަށް ފިތާލާށެވެ. ބޭނުން ކުލައެއް ބަހައްޓާށެވެ. ދެއް ބޭނުންވާ މިންވަރަކަށް އަލި ދައްކޮށްލާށެވެ. ހިތްހަމަޖެހުމާ އެކު އޮވެ ނިދާލާށެވެ.

މިލައިޓަކީ މިނޫނަސް ތަފާތު ބޭނުންތަކަށްވެސް ބޭނުން ކުރެވޭގޮތަށް ފަރުމާ ކުރެވިފައިވާ ލައިޓެކެވެ.

މަދިރި ކޮންޓްރޯލް ކުރުމަކީ ޑެންގީހުން ކޮންޓްރޯލްވުން

މަދިރި ކޮންޓްރޯލް ކުރުމަކީ ޑެންގީހުން ކޮންޓްރޯލް ވުން.

މިދުވަސްކޮޅު މުޅި ރާއްޖޭގައިވެސް ޑެންގީހުން ހަލުވި މިނެއްގައި ފެތުރެމުންދާތީ މިކަން ޙައްލުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަފާތު ގިނަ މަސައްކަތްތަކެއް ދަނީ ކުރިއަށް ގެނދަމުންނެވެ. އެގޮތުން މިއަދު (09 ޖުލައި 2011 ، ހޮނިހިރު) ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް އަށަކުން މަތީގެ ހުރިހައި ދަރިވަރުންނާއި އެސްކޫލުގެ މެނޭޖްމެންޓާއި މުދައްރިސުން ގުޅިގެން ރަށުގެ ވަށައިގެންވާ ހޭޅިފަށް ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މިޕްރޮގްރާމް ފުރަތަމަ ފަށާގޮތަށް އޮތީ މިއަދު ހެނދުނު ނުވައެއް ޖަހާއިރު ނަމަވެސް، ހެނދުނު ހައެއް ޖެހިއިރު މިޕްރޮގްރާމް ވަނީ ފަށާފައެވެ. އެގޮތުން ސްކޫލުގެ މުދައްރިސުންނާއި ކުދިންތައް ދިހަ ގްރޫޕަކަށް ބަހައި ސާފުކުރަން ޖެހޭ ސަރަޙައްދު ދިހަ ގްރޫޕަށް ވާގޮތަށް ބަހައި މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދު މިކުރި މަސައްކަތުގައި ސާފުކޮށްނިންމާލި ސަރަޙައްދަށް ބަލާއިރު ރައްޔިތުންގެ އިންޖީނުގޭ ހުރި ސަރަޙައްދުން ފެށިގެންގޮސް ބޮޑު ބަނދަރާއި ސްޓޭޖް ސަރަހައްދާއި ތުނޑި ހިމެނުނެވެ. އަދި ތުނޑިން ފެށިގެން ގޮސް ބޮޑު މަގާ ހަމަޔަށް ސާފުކޮށްފައިވާއިރު އެހިސާބުން ފެށިގެން ނަރުދަމާ ނިޒާމުހުރި ހިސާބާއި ރުށްދަނޑާއި ވީފަރާތުން ‘ޔޮކަހާމާ’ ފުޓުބޯޅަ ދަނޑުކައިރިންގޮސް ކުނިކޮއްޓާ ހަމަޔަށްވަނީ ސާފުކޮށްފައެވެ. ބޭރުމަގާއި މަގާވީފަރާތު އަތިރިމައްޗާއި ހޭޅިފަށް ސާފުކުކުރުމުގެ ތެރޭގައި ގިނައަދަދެއްގެ ދަޅު ފުޅިއާއި، އުނބާއި މިނޫންވެސް ފެން ހަރުލާ ޒާތުގެ ކުނިބުނި ވަނީ ނަގައިފައެވެ. މިމަސައްކަތް ކުރިއަށްދިޔައިރު މަސައްކަތުގެ ފޯރިއާއި ޖޯޝުގައި ދަރިވަރުން މަސައްކަތް ކުރިއަށް ގެންދިޔަކަމަށް ގްރޫޕުތަކާ ހަވާލުވެގެންތިބި ގިނަ މުދައްރިސުން ފާހަގަކޮށްފައިވެއެވެ.

ރަށުގެ ޢާންމު ޙާލަތާއި ގުޅުންހުރި މިފަދަ މަސައްކަތްތަކުގައި ސްކޫލުން ދެއްވާ އެއްބާރުލުމާއި ބަހައްޓަވާ ގާތްކަމަކީ ރަށުގެ ވެރިންނާއި އިދާރާތަކުން އަބަދުވެސް ފާހަގަކުރައްވާ ކަމެވެ. މިއަދުކުރިއަށްދިަޔ މިމަސައްކަތަކީވެސް ނުރައްކާތެރި ހަލުވިމެނއްގައި ފެތުރެމުންމިދާ ޑެންގީހުން މުޅިން ހުއްޓާލުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއަށް އިތުރުވި ބޮޅެކެވެ.

ސާފުކުރުމުގެ މިފަދަ ކިތަންމެ ޕްރޮގްރާމްތަކެއް ހިންގިޔަސް ‘ރަށުގެ ރައްޔިތުން ހޭލުންތެރި ވެގެން ނޫނީ’ ނުރައްކާތެރި ބަލިތަކުން އަޅުގަނޑުމެން ސަލާމަތްވުމަކީ އުނދަގޫ ކަމެކެވެ. ގެއާއި ގޯތިތެރޭގައްޔާއި އެނޫންވެސް ތިމާ އުޅޭ ސަރަހައްދުތަކުގައި ފެން ހަރުލާ ޒާތުގެ އެއްޗިހި ނުބެހެއްޓުމާއި، ފެންހަރުލާފައިހުރި އެއްޗެއް ފެނިއްޖެނަމަ ބަނޑުން ޖަހާލުމަކީ އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. އަދި ރަށުގެ އެތަންމިތަނަށް ކުނި ނޭޅުމާއި ސާފުތާހިރުކަމަށް ލޯބިކުރުމަކީ އެތައް ސަތޭކަ ބައްޔަކުން އަޅުގަނޑުމެން ސަލާމަތްވާނެ ކަމެކެވެ.

ވޮލީމުބާރާތް ނިމިއްޖެ.

އިންޓަހައުސް ވޮލީ މުބާރާތް ނިމި، މުބާރާތުގެ ޝަރަފްވެރި އެއްވަނަ މަޤާމް މުރަކަ ހައުސްއިން ހޯދައިފިއެވެ. މިމަގާމް މުރަކަހައުސް ހޯދައިފައިވަނީ އެންދެރި ހައުސްއާއެކު ބައްދަލުކޮށް ފޯރިގަދަ ކުޅުމެއް ދެއްކުމަށް ފަހުގައެވެ. މުބާރާތުގެ ފައިނަލް މެޗް ފުރަތަމަ ކުޅުނު ދުވަހު މޫސުން ތަން ނުދިނުމުގެ ސަބަބުން މެޗް ހުއްޓާލިއިރު ކޮންމެ ޓީމަކުންވެސް ވަނީ އެއް ސެޓް ހޯދާފައެވެ. އަދި ޖެހިގެން އައިދުވަހު ކުރިއަށްދިޔަ ފައިނަލް މެޗްގެ ފުރަތަމަ ދެ ސެޓް މުރަކަހަސުއިން ހޯދިއިރު ތަފާތު ބޮޑުކޮށް ނަތީޖާ ނެރެފައިވާކަން ފާހަގަޔުރެވުނެވެ. އެހެން ނަމަވެސް ޖެހިގެން އައި ދެސެޓްވެސް އެންދެރިހައުސްއިން ވަނީ ހޯދާފައެވެ. މެޗްގެ ފަސްވަނަ ސެޓް ފެށިގެން ދިޔައިރު ކުޅުންތެރިން ވަރަށް ބޮޑަށް ވަރުބަލިވެފައިވާކަން ފާހަގަ ކުރެވުނެވެ. އެހެން ނަމަވެސް ޕޮއިންޓު ލިބެމުން ދިޔައީ ދާދި އެއްވަރަކަށެވެ. މިމެޗް މުރަކަހައުސް ހޯދީ ފަސްވަނަ ސެޓްގައި 15 – 12 ގެ ތަފާތަކުންނެވެ.

މިިދިޔަމަހުގެ ފަހުކޮޅު ފެށި މި މުބާރާތާއެކު ތަފާތު ކަންތައްތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން މުބާރާތް ފެށުނުއިރު ދަރިަވރުން އަމަލު ކުރަން ޖެހޭ ޚާއްޞަ ޤަވާޢިދެއް އަތޮޅު ތަޢުލީމީ މަރުކަޒުންވަނީ ނެރެފައެވެ. ކެނބުގެ ރަޢީސްއާއި، ސުޕަވައިޒަރ ލެވެލްގެ ބޭފުޅަކާއި ހަތަރު ހައުސްގެ ހައުސްގެ ފަރާތުން ބޭފުޅަކު ތިބެގެން އުފެދުނު ޤަވާޢިދު ކޮމެޓީން ނެރެފައިވާ ޤަވާޢިދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ “ރޭގަނޑު 10ގެ ފަހުން ބޭރުގައި އުޅުން މަނާކުރި ޤަވާޢިދާއި، 12:30ގެ ކުރިން ހުކުރަށް” ދިއުމަށް އަންގާފައިވާ ޤަވާޢިދެވެ. ޤަވާޢިދު ކޮމެޓީން ނެރެފައިވާ ޤަވާޢިދުތަކާ ޚިލާފުވެގެން ވޮލީ މުބާރާތުގެ ކުރީކޮޅު ގިނަ ކުޅުންތެރިންނަށްވަނި ކުޅުމުގެ ފުރުޞަތު ނުލިބިފައެވެ. އެހެން ނަމަވެސް ޤަވާޢިދުތަކަށް އަމަލުކުރަން ފެށުމުން ދަރިވަރުންގެ އުޅުމާއި ސުލޫކަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިކަން ފާހަގަ ކުރެވުނެވެ. ހުކުރު ނަމާދަށް މިސްކިތަށް ދާ ކުދިންގެ އަދަދު އިތުރުވުމާއި ރޭގަނޑު ދިހައެއްގެ ފަހުން ސްކޫލުކުއްޖަކު ބޭރުން ނުފެނުމަކީ މިކަމުގެ ހެއްކެކެވެ.

ރައިވަރު

ތިރީގައިވާ ދެ ރައިވަރުގެ ބަސްތަރުތީބުކުރުމަށްފަހު މާނަ ލިޔާށެވެ.

1ވަނަ ރައިވަރު

ފޭވެ އެކަ ނުވާހެރި
ދެވޭ ވަރު ހިތް އަތަށް ނެރި
ޅޭ އު ރަޙްމަތްކަމުން ތެރި
ނޭގޭކަމެއް ކަމަރު ވެރި
ރޭތެ މަސްހެން ތިބޭ ދަލުވެ
ވޭއިރު އައިސް ބައްދަލުވެ

2ވަނަ ރައިވަރު

ރޭގަނޑުން ބައެއްގާ
ގޭމަކިއްލާ ފިޔެ ފަޅާ
ނޭނގި ހުރެ ތުގަ ސިއްރިޔާ
ހޭލާ ތިބެނިކޮށް ވަށާ
ބޭރުގައި ތިބެ މާކުރީން
ފޭރޭ ޒާތު ޗޯރީން

ނަމޫނާ ޅެންޝަރަޙަ

ޅެން ޝަރަޙަކުރުން: ތިރީގައިވާ ބައިތުތައް 20 ފޮޅުވަތާއި 25 ފޮޅުވަތާ ދެމެދަށް ޝަރަޙަކުރާށެވެ. (10 މާކުސް)

* ނޯޓް: ޅެންޝަރަޙައެއް ލިޔަން ފެށުމުގައި ފަށުވި ޢިބާރާތްކޮޅަކާއެކު ހުޅުވާ ޖުމުލައެއް ބޭނުންކުރާށެވެ.

ވިސްނާށެވެ!

1. ޢިއްފަތާ ޢަބުރާއި ރައްކާތެރިކުރާށޭ ދުނިޔެއިން
          ސިއްސުވާލާ ދަޅަތަކަށް ހެއްލުން ނުވާށޭ ދުނިޔެއިން
2. ރަން ޖަވާހިރު ނަޤުދުތައް ގިނައިން ތިމާއަށް ނުލިބުނަސް
           ރަންގަނޑެއްފަދަ މޮޅު ޢަބުރު ވިއްކާނުލާށޭ ދުނިޔެއިން
3. އެންމެ އަގުބޮޑު އެއްޗަކީ ޠާހިރު ތިމާގެވި ޢިއްފަތޭ
.            އެންމެ ކުޑަކުޑަ ލައްކޮޅެއް އެރިޔަސް ހަލާކޭ ދުނިޔެއިން
4. ހެއު ނުބައި ވަކިކޮށް އުޅޭ ބުއްދީގެ އަގުހުރި ޖައުހަރެއް
.            ހެއުހިތުން މިކަމާމެދަށް ވިސްނާށެ ބިރުވެރި ދުނިޔެއިން
5. ނެއްޓިގެން ނުމެދާށެ ދީނުގެ އަޞްލު މިސްރާބުން ތިމާ
.            ވެއްޓިނުމެ ފުންވަޅުގަނޑަށް ހިތްވަރުކުރާށޭ ދުނިޔެއިން

އިންސާނުން މިދުނިޔޭގައި އުޅޭއިރު ސަމާލުވެ ރައްކާތެރިވާންޖެހޭ ކިތަންމެ ކަމެއް ހުންނާނެއެވެ. އެގޮތުން ދުނިޔެ ދައްކާ ދަޅަތަކަށް ރައްކާތެރިވެ ތިމާގެ އަބުރު ސަލާމަތް ކުރުމަށް ނަސޭހަތްތެރިވަމުން ޅެންވެރިޔާ މިޅެން ފައްޓަވާފައިވަނީ ދުނިޔޭގައި ތިމާއުޅޭ މަދު ދުވަސްކޮޅުގައި ތަފާތު ދަޅަތައް ފެންނާނެކަން ހަނދާންކޮށް ދެއްވަމުންނެވެ. ޝައްކެތް ނެތްގޮތުގައި ދުނިޔޭގައި އުޅޭއިރު ތަފާތު ކުލަތަކާއި މަންޒަރުތައް ތިމާގެ ލޮލަށް ފެންނާނެއެވެ. އެހެނަސް އެއިން ކޮންމެ ކުލައަކީ “ސައިބޯނި ބޮތްކެއް”ކަން ހަނދާންކޮށް ތިމާގެ އަބުރާއި ޢިއްޒަތް ސަލާމަތް ކުރަން ޖެހޭނެއެވެ. ނަމަވެސް ވިދާހާ އެއްޗަކީ ރަންކަމުގައި ދެކެން ފަށައިފިނަމަ ތިމާގެ އަބުރާއި އިއްފަތްތެރިކަމުގެ މައްޗަށް ދުނިޔަވީ އެދުންތައް ގަދަވެގަންނާނެއެވެ. މިކަމަށް އިޝާރާތް ކުރައްވައި ދެވަނަ ބައިތުގައި ޅެންވެރިޔާ ވިދާޅުވަނީ ކިތަންމެ ގިނަ ރަންތަކަކާއި ޖަވާހިރުތަކެއް ލިބުނުކަމުގައި ވިޔަސް ރަންގަނޑެއްފަދަ ތިމާގެ އަބުރު ވިއްކާނުލުމަށެވެ. ތެދެކެވެ. ގެއްލިއްޖެ އަބުރަކީ އަނބުރާ ލިބޭނެއެއްޗެއް ނޫނެވެ. އެހެންކަމުން އަތުގައި އޮންނަ ޖަވާހިރަށް ރައްކާތެރިވާ ފަދައިން ތިމާގެ އަބުރަށްވެސް ރައްކާތެރިވާން ޖެހެއެވެ. އެއަށް ރައްކާތެރި ނުވެވިއްޖެނަމަ މުސްތަޤުބަލުގައި ކަންތައް ވެގެންދާނެގޮތް ބަޔާންކުރައްވަމުން ޅެމުގެ ތިންވަނަ ބައިތުގައި ޅެންވެރިޔާ ވިދާޅުވަނީ އެންމެ އަގުބޮޑުއެއްޗަކީ ޠާހިރު ޢިއްޒަތްކަމުގައި ނުވިސްނައި އުޅުމުގެ ސަބަބުން ޖެހޭ ކުޑަކުޑަ ލައްކޮޅެއްގެ ސަބަބުންވެސް ދުނިޔެއިން ތިމާ ހަލާކުވެދާނެކަމަށެވެ. ޅެންވެރިޔާގެ މިވާހަކައިގެ ތެދުކަން މުޖުތަމަޢުގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް ފެންނާނެއެވެ. މިސާލަކަށް އަބުރުވެރިކަމަށް ނުބަލައި އުޅުމުގެ ސަބަބުން ޙަރާމަށް ބަލިވެ އިނދެ މުޖުތަމަޢުގައި ތިމާ ބޭކާރު މީހަކަށް ވާފަހަރު އާދެއެވެ. ކިޔަވާ ކުއްޖެއްނަމަ ކިޔެވުން މަޙުރޫމުވެގެން ދެއެވެ. ވީމާ ތިމާއަށް މާތްﷲ ދެއްވާފައިވާ އަގުހުރި ބުއްދީގެ ބޭނުންކޮށް ހެއުނުބައި ދެނެގަތުމާއެކު ކުރިމަަތިވެދާނެ ނުރައްކާތެރިި ބިރުވެރި ކަންކަމާމެދު ފުންކޮށް ވިސްނަންވާނެކަމަށް ހަތަރުވަނަ ބައިތުގައި ޅެންވެރިޔާ ނަސޭޙަތްތެރިވެ ލައްވައެވެ. އާދެ! ޅެންވެރިޔާ އެވިދާޅުވާ ފަދައިން ސަލާމަތުގެ އައްސޭރިއަކަށް ދިއުމައްޓަކައި ﷲ އިންސާނާއަށް ދެއްވާފައިވާ ބުއްދީގެ ބޭނުން ހެއުގޮތުގައި ހިފަންޖެހެއެވެ. ނޫނީ ކޮންމެ ފަދަ މުޞީބާތަކާވެސް ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން ޅެން ނިންމަވާލައްވަމުން ޅެންވެރިޔާ ގޮވާލައްވަނީ ދުނިޔޭގައިވާ ފުންވަޅުގަނޑަށް ނުވެއްޓި އިސްލާމް ދީންމަތީގައި ސާބިތުވެ ހުރުމަށެވެ. އެހެނީ އިސްލާމް ދީނުގެ ސާފުމަގުން ކައިވަތެއް ބޭރަށް ޖެހިލައިފިނަމަވެސް ދުނިޔެއިން ތިމާ ބޭކާރުވެގެން ހިނގައިދާނެތީއެވެ.

މި ލިޔުން ޑައުންލޯޑްކުރައްވާ

ރިޕޯޓު ލިޔާއިރު ސަމާލުކަންދޭންވީ ކަންތައްތައް

• އިމްތިޙާނުގައި ލިޔާ ރިޕޯޓުގެ ދިގުމިނަކަށް ވާންޖެހޭނީ 50 ފޮޅުވަތާއި 60 ފޮޅުވަތާއި ދެމެދެވެ. އެއަށްވުރެ ދިގުވެގެން ނުވާނެއެވެ.

• މިކަން ކުރުމައްޓަކައި މަދުވެގެން 4 އަރިމަތި ސުރުޚީ ނަގައި ކޮންމެ އަރިމަތި ސުރުޚީއެއްގެ ދަށުން 7 ފޮޅުވަތާއި 8 ފޮޅުވަތުގެ ޕެރެގްރާފެއް ލިޔާށެވެ. އެއްވެސް ޕެރެގްރާފެއްގެ ދިގުމިން 10 ފޮޅުވަތަށްވުރެ ދިގުވެގެން ނުވާނެއެވެ.

• ރިޕޯޓުގައި ފަށުވި އިބާރާތް ހިމަނައިގެން ނުވާނެއެވެ. ލިޔާ ކޮންމެ ލަފްޒަކީ އަދި ޖުމުލައަކީ ރިޕޯޓަށް މުޙިއްމު އެއްޗަކަށް ވާންޖެހޭނެއެވެ. ބޭނުންކުރަންވާނީ ސާފުސީދާ ބަސްކޮށާރެކެވެ.

• މައްސަލަ ބަޔާންކުރާ ރިޕޯޓަކަސް، ޙާލަތު ބަޔާންކުރާ ރިޕޯޓަކަސް، ނުވަތަ ކަންހިނގިގޮތް ބަޔާންކޮށް ރިޕޯޓެއް ލިޔުނަސް ރިޕޯޓުގެ އަރިމަތި ސުރުޚީތައް ކަނޑައެޅުމުގައި އިތުރު ސަމާލުކަމެއް ދޭށެވެ. އެގޮތުން ކަނޑައަޅާ އަރިމަތި ސުރުޚީއަކީ ދީފައިވާ މަޢުލޫމާތުގެ މައްޗަށް އުފައްދާފައިވާ ސުރުޚީއެއްނަމަ އެ ސުރުޚީގެ ދަށުން ދެއްކެން ހުރި ވާހަކަ ތަކާމެދު ވިސްނައިލާށެވެ. އެގޮތުން ނަގާފައިވާ ސުރުޚީއަކީ ދީފައިވާ މަޢުލޫމާތު އެންމެ ރަނގަޅަށް ހުށައަޅައިދެވޭ ފެންވަރުގެ ސުރުޚީއެއްތޯ ބަލަންވާނެއެވެ. ކަނޑައަޅާ ސުރުޚީއަކީ އަމިއްލަ ޚިޔާލަށް އުފައްދާ ސުރުޚީއެއްނަމަ ރިޕޯޓުގެ ބާވަތުން އެއީ ގުޅޭ ސުރުޚީއެއްތޯ ނުވަތަ ނޫންތޯ ވިސްނައިލާށެވެ. އެއްވައްތަރެއްގެ ސުރުޚީތަކެއް ނެގޭނަމަ ރިޕޯޓާއި ގުޅުވާލައިގެން އެންމެ ރަނގަޅަށް އޮޅުން ފިލުވަައިދެވޭނީ ކޮން ސުރުޚީއަކުންތޯ ބަލަންވާނެއެވެ.

• މައްސަލަ ބަޔަންކުރާ ރިޕޯޓާއި ޙާލަތު ބަޔާންކުރާ ރިޕޯޓު ލިޔުމަށް ހަވާލުކޮށްފައިވާ ސުރުޚީގައި ވަކި ދާއިރާއެއް ދިރާސާކޮށް އެދިރާސާގެ މައްޗަށް ރިޕޯޓު ލިޔުމަށް ބުނެފައިވާނަމަ އެގޮތަށް ލިޔާށެވެ.

• މިސާލު 1: “މިކަމުގެ ސަބަބުން ނުކުންނަމުންދާ އިޖްތިމާޢީ މައްސަލަތަކާއި އިޤްތިޞާދީ މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު ރިޕޯޓެއް ލިޔާށެވެ.” މިގޮތަށް ދީފައި އޮންނަނަމަ ހުރިހައި އަރިމަތި ސުރުޚީއެއްވެސް އޮންނަން ޖެހޭނީ އިޖްތިމާޢީ މައްސަލަތަކާއި އިޤްތިޞާދީ މައްސަލަތަކުގެ މައްޗަށެވެ. އަދި މިފަދަ ރިޕޯޓެއްގެ އަރިމަތި ސުރުޚީތައް “އިޖްތިމާޢީ މައްސަލަތައް، އިޤްތިޞާދީ މައްސަލަތައް” މިގޮތަށް ހުށައަޅައިގެން ނުވާނެއެވެ.

• ހަމައެގޮތަށް ވަކި ދާއިރާއަކަށް އަމާޒުނުކޮށް “ދިމާވެފައިހުރި މައްސަލަތައް ބަލައި ރިޕޯޓު ލިޔުމަށް” ނުވަތަ “މިހާރުގެ ޙާލަތު އޮތްގޮތް ބަޔާންކޮށް ރިޕޯޓު ލިޔުމަށް” ހަވާލުކޮށްފައިވާނަމަ މައިގަނޑު ހަތަރު ދާއިރާއަކަށް އަމާޒުކުރަންވާނެއެވެ. އެގޮތުން މައިގަނޑު ސުރުޚީގެ ދަށުން “ސިއްޙީ މައްސަލަ، އަޚްލާގީ މައްސަލަ، އިޖްމާޢީ މައްސަލަ، އަދި އިޤްތިޞާދީ މައްސަލަ” ގެނެވެން ހުރި ނަމަ މިއިން ކޮންމެ ދާއިރާއަކުން މަދުވެގެން އެއް މައްސަލަ ހުށައަޅަންވާނެއެވެ. ނުވަތަ އެއް ސުރުޚީ އުފައްދަންވާނެއެވެ.

• މައްސަލަ ބަޔާންކުރާ ރިޕޯޓުތަކުގައި ނަގާ އަރިމަތި ސުރުޚީ ރަނގަޅަށް އޮޅުން ފިލުވައި ދިނުމަށް އަރިމަތި ސުރުޚީގެ ދަށުން “ކިހިނެއް؟/ކޮންގޮތަކަށް؟” ، “މީގެ ނަތީޖާއަކީ ކޮބާ؟” މިދެ ސުވާލަށް ރަނގަޅަށް ޖަވާބު ދެވިފައިވޭތޯ ބަލަންވާނެއެވެ.

• ރިޕޯޓު ސުވާލާ ގުޅިގެން ދީފައި ހުންނަ މަޢުލޫމާތުގެ ބޭނުން ކުރުމަށް ސަމާލުވާށެވެ. ބައެއްފަހަރު ދީފައި ހުންނަ މަޢުލޫމާތުގެ އިތުރުން ދަރިވަރު ބޭނުންނަމަ އަމިއްލަ މަޢުލޫމާތުވެސް ބޭނުންކުރެވިދާނެއެވެ. އެހެން ނަމަވެސް ސުވާލުގައި ދީފައި ހުންނަ މަޢުލޫމާތު ފުރިހަމައަށް ހުށައަޅައި ދެވޭތޯ ބަލަންވާނެއެވެ.

• ޙާލަތު ބަޔާންކޮށް ލިޔާ ރިޕޯޓެއްގެ ނިންމުމުގައި ނިންމުމެއް ގެންނަނަމަ ޙާލަތު އެގޮތަށް އޮންނަން މެދުވެރިވި ސަބަބުތައް ހުށައަޅައިދޭކަށް ނުޖެހޭނެއެވެ. މިސާލަކަށް އަރިމަތި ސުރުޚީގައި “ރަށުގެ ސިއްޙީ ޙާލަތު ދަށަށް ދިއުން” މިގޮތަށް އޮތްނަމަވެސް ސިއްޙީ ޙާލަތު ދަށަށް ދިއުމަށް މެދުވެރިވި ސަބަބުތައް ހުށައަޅައިދޭކަން ނުޖެހޭނެއެވެ.

• މިއާ ޚިލާފަށް ޙާލަތު ބަޔާންކޮށް ލިޔާ ރިޕޯޓެއްގެ ނިންމުމުގައި ޙައްލެއް ގެންނަނަމަ ޙާލަތު އެގޮތަށް އޮންނަން މެދުވެރިވި ސަބަބުތައް ހުށައަޅައިދޭން ޖެހޭނެއެވެ. މިސާލަކަށް އަރިމަތި ސުރުޚީގައި “ރަށުގެ ސިއްޙީ ޙާލަތު ދަށަށް ދިއުން” މިގޮތަށް އޮންނަނަމަ ސިއްޙީ ޙާލަތު ދަށަށް ދިއުމަށް މެދުވެރިވި ސަބަބުތައް ހުށައަޅައިދޭން ޖެހޭނެއެވެ.

ކަން ހިނގިގޮތް ބަޔާންކޮށް ރިޕޯޓެއް ލިޔާއިރު އަރިމަތި ސުރުޚީ އުފައްދަން ވާނީ ކަންހިނގާދިޔަ ތަރުތީބުންނެވެ.

ކަން ހިނގިގޮތް ބަޔާންކޮށް ލިޔާ ރިޕޯޓުގައި އޮންނަންވާނީ ނިންމުމެކެވެ. އަދި ނިންމުމުގައި ތިރީގައި ފާހަގަކޮށްފައިއެވާ 3 ނުކުތާ އޮންނަން ވާނެއެވެ.

• އެކަން އެގޮތަށް އޮންނަން ނުވަތަ ހިނގައިދިއުމަށް މެދުވެރިވި މައިގަނޑު ސަބަބު.

• ޒިންމާ އުފުލަން ޖެހޭ ފަރާތެއް ވާނަ އެފަރާތް.

• ކަމުގެ ބާވަތުން ކުރިއަށް އޮތް ތަނުގައި ސަމާލުވާންވީ ނުވަތަ ސަމާލުކަން ދޭންވީ ދެތިން ކަމެއް.