ޅެން ޝަރަޙަކުރުން: ތިރީގައިވާ ބައިތުތައް 20 ފޮޅުވަތާއި 25 ފޮޅުވަތާ ދެމެދަށް ޝަރަޙަކުރާށެވެ. (10 މާކުސް)

* ނޯޓް: ޅެންޝަރަޙައެއް ލިޔަން ފެށުމުގައި ފަށުވި ޢިބާރާތްކޮޅަކާއެކު ހުޅުވާ ޖުމުލައެއް ބޭނުންކުރާށެވެ.

ވިސްނާށެވެ!

1. ޢިއްފަތާ ޢަބުރާއި ރައްކާތެރިކުރާށޭ ދުނިޔެއިން
          ސިއްސުވާލާ ދަޅަތަކަށް ހެއްލުން ނުވާށޭ ދުނިޔެއިން
2. ރަން ޖަވާހިރު ނަޤުދުތައް ގިނައިން ތިމާއަށް ނުލިބުނަސް
           ރަންގަނޑެއްފަދަ މޮޅު ޢަބުރު ވިއްކާނުލާށޭ ދުނިޔެއިން
3. އެންމެ އަގުބޮޑު އެއްޗަކީ ޠާހިރު ތިމާގެވި ޢިއްފަތޭ
.            އެންމެ ކުޑަކުޑަ ލައްކޮޅެއް އެރިޔަސް ހަލާކޭ ދުނިޔެއިން
4. ހެއު ނުބައި ވަކިކޮށް އުޅޭ ބުއްދީގެ އަގުހުރި ޖައުހަރެއް
.            ހެއުހިތުން މިކަމާމެދަށް ވިސްނާށެ ބިރުވެރި ދުނިޔެއިން
5. ނެއްޓިގެން ނުމެދާށެ ދީނުގެ އަޞްލު މިސްރާބުން ތިމާ
.            ވެއްޓިނުމެ ފުންވަޅުގަނޑަށް ހިތްވަރުކުރާށޭ ދުނިޔެއިން

އިންސާނުން މިދުނިޔޭގައި އުޅޭއިރު ސަމާލުވެ ރައްކާތެރިވާންޖެހޭ ކިތަންމެ ކަމެއް ހުންނާނެއެވެ. އެގޮތުން ދުނިޔެ ދައްކާ ދަޅަތަކަށް ރައްކާތެރިވެ ތިމާގެ އަބުރު ސަލާމަތް ކުރުމަށް ނަސޭހަތްތެރިވަމުން ޅެންވެރިޔާ މިޅެން ފައްޓަވާފައިވަނީ ދުނިޔޭގައި ތިމާއުޅޭ މަދު ދުވަސްކޮޅުގައި ތަފާތު ދަޅަތައް ފެންނާނެކަން ހަނދާންކޮށް ދެއްވަމުންނެވެ. ޝައްކެތް ނެތްގޮތުގައި ދުނިޔޭގައި އުޅޭއިރު ތަފާތު ކުލަތަކާއި މަންޒަރުތައް ތިމާގެ ލޮލަށް ފެންނާނެއެވެ. އެހެނަސް އެއިން ކޮންމެ ކުލައަކީ “ސައިބޯނި ބޮތްކެއް”ކަން ހަނދާންކޮށް ތިމާގެ އަބުރާއި ޢިއްޒަތް ސަލާމަތް ކުރަން ޖެހޭނެއެވެ. ނަމަވެސް ވިދާހާ އެއްޗަކީ ރަންކަމުގައި ދެކެން ފަށައިފިނަމަ ތިމާގެ އަބުރާއި އިއްފަތްތެރިކަމުގެ މައްޗަށް ދުނިޔަވީ އެދުންތައް ގަދަވެގަންނާނެއެވެ. މިކަމަށް އިޝާރާތް ކުރައްވައި ދެވަނަ ބައިތުގައި ޅެންވެރިޔާ ވިދާޅުވަނީ ކިތަންމެ ގިނަ ރަންތަކަކާއި ޖަވާހިރުތަކެއް ލިބުނުކަމުގައި ވިޔަސް ރަންގަނޑެއްފަދަ ތިމާގެ އަބުރު ވިއްކާނުލުމަށެވެ. ތެދެކެވެ. ގެއްލިއްޖެ އަބުރަކީ އަނބުރާ ލިބޭނެއެއްޗެއް ނޫނެވެ. އެހެންކަމުން އަތުގައި އޮންނަ ޖަވާހިރަށް ރައްކާތެރިވާ ފަދައިން ތިމާގެ އަބުރަށްވެސް ރައްކާތެރިވާން ޖެހެއެވެ. އެއަށް ރައްކާތެރި ނުވެވިއްޖެނަމަ މުސްތަޤުބަލުގައި ކަންތައް ވެގެންދާނެގޮތް ބަޔާންކުރައްވަމުން ޅެމުގެ ތިންވަނަ ބައިތުގައި ޅެންވެރިޔާ ވިދާޅުވަނީ އެންމެ އަގުބޮޑުއެއްޗަކީ ޠާހިރު ޢިއްޒަތްކަމުގައި ނުވިސްނައި އުޅުމުގެ ސަބަބުން ޖެހޭ ކުޑަކުޑަ ލައްކޮޅެއްގެ ސަބަބުންވެސް ދުނިޔެއިން ތިމާ ހަލާކުވެދާނެކަމަށެވެ. ޅެންވެރިޔާގެ މިވާހަކައިގެ ތެދުކަން މުޖުތަމަޢުގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް ފެންނާނެއެވެ. މިސާލަކަށް އަބުރުވެރިކަމަށް ނުބަލައި އުޅުމުގެ ސަބަބުން ޙަރާމަށް ބަލިވެ އިނދެ މުޖުތަމަޢުގައި ތިމާ ބޭކާރު މީހަކަށް ވާފަހަރު އާދެއެވެ. ކިޔަވާ ކުއްޖެއްނަމަ ކިޔެވުން މަޙުރޫމުވެގެން ދެއެވެ. ވީމާ ތިމާއަށް މާތްﷲ ދެއްވާފައިވާ އަގުހުރި ބުއްދީގެ ބޭނުންކޮށް ހެއުނުބައި ދެނެގަތުމާއެކު ކުރިމަަތިވެދާނެ ނުރައްކާތެރިި ބިރުވެރި ކަންކަމާމެދު ފުންކޮށް ވިސްނަންވާނެކަމަށް ހަތަރުވަނަ ބައިތުގައި ޅެންވެރިޔާ ނަސޭޙަތްތެރިވެ ލައްވައެވެ. އާދެ! ޅެންވެރިޔާ އެވިދާޅުވާ ފަދައިން ސަލާމަތުގެ އައްސޭރިއަކަށް ދިއުމައްޓަކައި ﷲ އިންސާނާއަށް ދެއްވާފައިވާ ބުއްދީގެ ބޭނުން ހެއުގޮތުގައި ހިފަންޖެހެއެވެ. ނޫނީ ކޮންމެ ފަދަ މުޞީބާތަކާވެސް ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން ޅެން ނިންމަވާލައްވަމުން ޅެންވެރިޔާ ގޮވާލައްވަނީ ދުނިޔޭގައިވާ ފުންވަޅުގަނޑަށް ނުވެއްޓި އިސްލާމް ދީންމަތީގައި ސާބިތުވެ ހުރުމަށެވެ. އެހެނީ އިސްލާމް ދީނުގެ ސާފުމަގުން ކައިވަތެއް ބޭރަށް ޖެހިލައިފިނަމަވެސް ދުނިޔެއިން ތިމާ ބޭކާރުވެގެން ހިނގައިދާނެތީއެވެ.

މި ލިޔުން ޑައުންލޯޑްކުރައްވާ