Latest Entries »

ވާހަކަ މާކު ކުރުމުގައި ބޭނުންކުރެވިދާނެ ރުބްރިކެއް

ތިރީގައިއެވަނީ އެސް.އެސް.ސީ އިމްތިހާނުގައި ވާޙަކަ މާކު ކުރުމުގައި ބޭނުންކުރާ ރުބްރިކް އަސްލެއް ކަމަށް ބަލައިގެން އެއް ޞަފްޙާއަށް އަރާނެހެން ތައްޔާރުކޮށްފައިވާ ރުބްރިކް އެކެވެ. މިގޮތަށް ތައްޔާރުކޮށްލަންޖެހުނީ ސްކޫލް އިމްތިހާނު ތަކުގައި ދިވެހި ޕޭޕަރު މާކު ކުރުމުގައި އެސް.އެސް.ސީ މިންގަނޑަށް މާކު ކުރުމަށް ބާރުއެޅުމަށެވެ. ބައެއް ފަހަރު ގިނަ ޞަފްހާތަކެއްގެ މައްޗަށް އޮންނަ ރުބްރިކެއް ބޭނުންކުރަން ޖެހުމުން ބައެއް ބޭފުޅުންނަށް އެކަން ތަންކޮޅެއް ދަތިކަމަކަށްވެސް ވެއެވެ. އެގޮތުން މިތައްޔާރު ކުރެވުނު ރުބްރިކް އެހީއަކަށް ވާނެކަމަަށް އުއްމީދު ކުރަމެވެ.

 

ތިރީގައިއެވާ ލިންކުން މި ފައިލް ޑައުންލޯޑް ކުރެވޭނެއެވެ.

Advertisements

އަދަބިއްޔާތު ޔުނިޓް ޓެސްޓު 2

ގްރޭޑް 10

ފުރަތަމަ ބައި- އަދަބިއްޔާތު

ހ. ތިރީގައިވާ ސުވާލުތަކަށް ޖަވާބުދޭށެވެ. ކޮންމެ ރަނގަޅު ޖަވާބަކަށް 2 މާކުސް ލިބޭނެއެވެ.

ލިޔުންތެރިކަން މިޒަމާނަށް އައުމުގެ ކުލަވަރު ފެންނަން ފަށާފައިވަނީ ކޮން ފޮތަކުން؟

ވާހަކަ ކޮމެޓީން އަތުން ލިޔެގެން ނެރެވުނު މަޖައްލާއަކީ ކޮބާ؟

‘ބޮޑު ތަރުތީބު’ މިފޮތަށް ލިޔުންތެރިޔާ ދީފައިވާ ނަމަކީ ކޮބާ؟

ދިޔޯގެ ރައިވަރު ފޮތް ކުށްވެފައިވަނީކޮށް އެފޮތުގެ ކުށްފިލުވައި ޝަރަހައެއް ލިޔުއްވީ ކާކު؟

‘ސިއްކަ މޮހޮރީ’ މިފޮތުގައި ވަނީ ކޮން ވާހަކަތަކެއް؟

ދިވެހި އަދަބިއްޔާތުގައި ‘ދޮންބީފާނު ވާހަކަ’ ޚާއްޞަވާ ގޮތަކީ ކޮބާ؟

ބަސްކޮމެޓިން ކުރެވުނު އެންމެ މުހިއްމު މަސައްކަތަކީ ކޮބާ؟

ލިޔުންތެރިކަމުގެ ދައުރުތަކުގެ ތަފާތު އެންމެ ބޮޑަށް ފެންނަންހުރީ ކޮންކަމަކުން ހެއްޔެވެ؟

ބަނޑޭރި ހަސަންމަނިކުފާނަކީ ލިޔުންތެރިކަމުގެ ކޮން ދައުރަކަށް ނިސްބަތްވާ ބޭފުޅެއް؟

‘ބޮޑު ތަރުތީބު’ ޗާޕު ކުރެވުނީ ކޮން އަހަރަކު؟

‘ހިމާރުލް ގައުމް’ މިއީ ކޮންބޭފުޅަކަށް އެރުވިފައިވާ ލަގަބެއް؟

ށ. ތިރީގައިވާ ސުވާލުތަކަށް ޖަވާބު ދޭށެވެ. ކޮންމެ ރަނގަޅު ޖަވާބަކަށް 3 މާކުސް ލިބޭނެއެވެ.

ތަގުވީމުއްލިސާނި’ މި ފޮތް ލިޔުއްވީ ކޮންބޭފުޅެއް؟ އަދި މިފޮތުގެ މައުޟޫއަކީ ކޮބާ؟

ލިޔުންތެރިކަމުގެ ހިނގައިގަނެވުނު ދައުރަކީ ކޮބާ؟

ޝައިޚް ޒުބައިރުގެ ނަމުން ނަން ދެވިފައިވާ ފޮތް ލިޔުއްވީ ކޮންބޭފުޅެއް؟ އަދި އެފޮތް ނިސްބަތްވާ ދެ ބޭފުޅުންނަކީ ކޮބާ؟

ވާހަކަ ކޮމެޓީން އޭރު ކުރަމުންއައި އެންމެ މުހިންމު މަސައްކަތަކީ ކޮބާ؟

ނ. ތިރީގައިއެވާ ތާވަލް ފުރިހަމަ ކުރާށެވެ. ރަނގަޅު ޖަވާބު ލިޔެފައިވާ ކޮންމެ ގޮޅިއަކަށް 1 މާކުސް ލިބޭނެއެވެ.

ދެވަނަ ބައި – އަދަބީ ބަސް

ހ. ތިރީގައިއެވާ އަދަބީ ބަސްތައް ބޭނުންކުރެވޭނެ ހާލަތަކީ ކޮބާ؟                                (10 މާކުސް)

1.     ނެގޭނީ ދީފައި އޮންނަ ބަނޑު ހަނޑުލެކެވެ.

2.     ގެންފައި ދާނީ ފަލަމަހެކެވެ.

3.     ކަނދިކަމަނާގެ މަސްތެލުލުން

4.     ޔަހުޔާއަށް ކާޅުހިފުން

5.     ގިނަ އޮޅި ގިރާކުރަންޏާ ގިނަ އަޑުއިވޭނެއެވެ.

ށ. އަދަބީބަސް ބޭނުންކުރެވޭ ޙާލަތާ ގުޅުވާށެވެ.                                     (5 މާކުސް)

ތިރީގައިއެވާ އަދަބިބަހަށް 5 ފޮޅުވަތާއި 8 ފޮޅުވަތާއި ދެމެދުގެ ހާދިސާއެއް ލިޔާށެވެ.              ( 5 މާކުސް)

“ކެޔޮކެވޭވަރު އެނގޭނީ ބިތުފަންގި ނެގީމައެވެ.”

މި ޕޭޕަރު ތިރީގައިއެވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

މަޒުމޫނު މާކު ކުރުމުގައި ބޭނުންކުރެވިދާނެ ރުބްރިކެއް

ތިރީގައިއެވަނީ އެސް.އެސް.ސީ އިމްތިހާނުގައި މަޒޫމޫނު މާކު ކުރުމުގައި ބޭނުންކުރާ ރުބްރިކް އަސްލެއް ކަމަށް ބަލައިގެން އެއް ޞަފްޙާއަށް އަރާނެހެން ތައްޔާރުކޮށްފައިވާ ރުބްރިކް އެކެވެ. މިގޮތަށް ތައްޔާރުކޮށްލަންޖެހުނީ ސްކޫލް އިމްތިހާނު ތަކުގައި ދިވެހި ޕޭޕަރު މާކު ކުރުމުގައި އެސް.އެސް.ސީ މިންގަނޑަށް މާކު ކުރުމަށް ބާރުއެޅުމަށެވެ. ބައެއް ފަހަރު ގިނަ ޞަފްހާތަކެއްގެ މައްޗަށް އޮންނަ ރުބްރިކެއް ބޭނުންކުރަން ޖެހުމުން ބައެއް ބޭފުޅުންނަށް އެކަން ތަންކޮޅެއް ދަތިކަމަކަށްވެސް ވެއެވެ. އެގޮތުން މިތައްޔާރު ކުރެވުނު ރުބްރިކް އެހީއަކަށް ވާނެކަމަަށް އުއްމީދު ކުރަމެވެ.

ތިރީގައިއެވާ ލިންކުން މި ފައިލް ޑައުންލޯޑް ކުރެވޭނެއެވެ.

ސިޓީ ލިޔުން

މިއީ އަމިއްލަ ރަސްމީ ސިޓީގެ ތެރެއިން ހަވާލާދީ ލިޔަންޖެހޭ ސިޓީއަށް ކުދިން ތައްޔާރުކުރުމަށް ދެވިދާނެ ތަމްރީނެކެވެ.

ތިރީގައިއެވަނީ ވިލާ ކޮލެޖުން ނެރެފައިވާ އިއުލާނެކެވެ. ސިޓީ ލިޔާ ފަރާތަކީ ދ.ކުޑަހުވަދޫ ދޮންޖަންބުގޭ ހައްވާ ނަައުމާކަމަށް ބަލައިގެން ދީފައިއެވާ އިޢުލާނުގައިވާ ވަޒީފާއަށް އެދި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހުމަދު އަންވަރަށް ސިޓީއެއް ލިޔާށެވެ. މިސިޓީގައި ތިރީގައިއެވާ ނުކުތާތައް ހިމަނަންވާނެއެވެ.

  • * އިޢުލާނާ ހަވާލާދީ އެދޭ މަޤާމް
  • * ހުށައަޅާ ލިޔުންތައް
  • * މަގާމާ ގުޅޭގޮތުން ލިބިފައިވާ ތަޖުރިބާ
  • * މިހާރު އަދާކުރާ ވަޒީފާއާއި މަޤާމް

ކިޔުމުގެ ދޭހަ

ތިރީގައިއެވަނީ ‘މިހާރު’ ނޫހަށް ޕްރޮފެސާރ އުގެއިލް ލިޔުއްވާފައިވާ ލިޔުމަކަށް ބަދަލުގެނެސްގެން ތައްޔާރުކޮށްފައިވާ ދޭހައެވެ. މިއީ ގްރޭޑް 8ގެ ދަރިވަރުންގެ ފެންވަރުގެ ދޭހައެކެވެ.

ކިޔުމުގެ ދޭހައިގެ ލިޔުން:

މޮޅު ދަރިވަރަކަށް ވާނީ ކިހިނެއް؟ ޕްރޮފެސާރ އުގެއިލްގެ 5 ނަސޭހަތް.

  1. 1.ތައުލީމީ އާ އަހަރެއް އަބަދުވެސް ފެށެނީ އާ އުއްމީދުތަކަކާ އެކީގަ އެވެ. އެކަމަކު ފުރަތަމަ ދުވަހުގެ އަޒުމުގައި ދެމިތިބެވެނީ ކިތައް ދަރިވަރުންނަށް ހެއްޔެވެ؟ ދަސްކުރަން ޖެހޭ ފިލާވަޅުތަކާއި ބައިވެރިވާން ޖެހޭ ހަރަކާތްތަކުގެ ބިޒީކަމާ އެކު ބައެއް ފަހަރު ކަންކަން ބޮއްސުންލައިގެން ދެ އެވެ. އެކަމަކު ހިކުމަތްތެރިކަމާއެކު އެކަންކަން ރާވާލެވިއްޖެނަމަ ދަރިވަރެއްގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެކުއެކީގައި އޮމާންކޮށް ގެންދެވިދާނެ އެވެ. ފޭސްބުކް ޕޯސްޓެއްގައި ޕްރޮފެސަރު ހަސަން އުގެއިލްވަނީ އެކަން ހާސިލްކުރަން ކުރެވިދާނެ ފަސް ކަމެއް ފާހަގަކުރައްވައިފަ އެވެ. އެއީ މި ވަގުތުން ފެށިގެން ވެސް ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭނުން ހިފިދާނެ މުހިއްމު ނަސޭހަތްތަކެކެވެ.

2.އުގެއިލް ވިދާޅުވާ ގޮތުގައި ކިޔެވުން ކުރިއަށް ގެންދާނެ ގޮތުގެ ސާފު ޕްލޭނެއް ސިކުނޑީގައި ނުވަތަ ލިޔެފައި ބޭއްވުން މުހިއްމެވެ. ދުވަހުގެ އެކި ގަޑިތަކުގައި ކިޔާނެ އެކި ފިލާވަޅުތަކާއި ސްކޫލުން ދީފައިވާ ފިލާވަޅުތައް ނިންމާނެ ވަގުތުތައް އެނގޭނެހެން ޓޭބަލް އެއް ހެދިދާނެއެވެ. މިގޮތަށް ޓޭބަލް ހަދާއިރު އޭގެ ތެރެއަށް ނަމާދުވަގުތާއި ކެއިންބުއިމުގެ ވަގުތުތައްވެސް ހިމެނިދާނެއެވެ. އޭރުން، ކުރަންވީ ކަންކަމާއި އެ ކަންކަން ކުރަންވީ ވަގުތުތައް ނޭނގި އޮޅުންބޮޅުން ވެގެން އުޅޭކަށް ނުޖެހޭނެ އެވެ. 

3.ކުރަން ޖެހޭ ކަންކަން އެންމެ ފަހު ވަގުތަށް ބެހެއްޓުމަކީ ކިޔެވުމުގައި ވެސް އަދި މަސައްކަތުގައި ވެސް ގިނަ ބަޔަކަށް ދިމާވާ ވަރަށް ބޮޑު މައްސަލައެކެވެ. މިހާރު ކުރަން ޖެހޭ ކަމެއް ފަހަށް ބޭއްވުމަކީ، އުގެއިލް ފާހަގަކުރައްވާ ގޮތުގައި، ހާސްވުމާއި ފިކުރުބޮޑުވުމަށް މަގުފަހިވާ ކަމެކެވެ. މާދަމާ ކުރަން ޖެހޭ އިތުރު ކަންކަން ހުންނާނެތީ، މިއަދު ކުރަން އޮތް ކަމެއް މާދަމާ އަށް ނުބާއްވަން އޭނާ ނަސޭހަތް ދެއްވަ އެވެ. “މީގައި ގެންގުޅެން ޖެހޭ އުކުޅަކީ، އެ ކަމެއް ފެއްޓުން. އުނދަގޫ ކަމެއް ވެއްޖެއްޔާ ބައިބަޔަށް ބަހާލައިގެން ކުދިކުދި ވަކި މަސައްކަތްތަކަކަށް ހެދިދާނެ. އޭރުން އެކަމެއް ފަށައިގަންނަން ފަސޭހަވާނެ،” އުގެއިލް ލިޔުއްވި އެވެ.

4.މަލްޓި-ޓާސްކިން ނުވަތަ އެއްފަހަރާ ގިނަ ކަންކަން ކުރުމަކީ ވަރަށް ހުށިޔާރު މީހުންގެ ސިފައެއް ކަމަށް ބައެއް މީހުން ދެކެ އެވެ. އެކަމަކު އުގެއިލް ފާހަގަކުރައްވާ ގޮތުގައި އޭނާ އަށް އެނގިވަޑައިގަންނަވާ ކާމިޔާބު ގިނަ މީހުން އެ ގޮތަކަށް މަސައްކަތެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އެ މީހުން ފަހަރަކު ކަމެއް ނަގައިގެން އެ ކަމަކަށް ހުރިހާ ސަމާލުކަމެއް ހުސްކޮށްލަނީ އެވެ. އެއްފަހަރާ އެތައް ކަމެއް ރަނގަޅަށް ކުރުމަކީ ވާނެ ކަމެއް ނޫން ކަމުގެ ސައިންޓިފިކް އެތައް ހެއްކެއް ވެސް އެބަހުރި ކަމަށާއި މަލްޓި-ޓާސްކް ކުރަން އުޅުނީމާ، ކަމެއް ކުރަން ހޭދަވާ ވަގުތާއި ހެދޭ ގޯސްތައް ވެސް ދެގުނަ އިތުރު ވެގެންދާ ކަމަށް އުގެއިލް ވިދާޅުވެ އެވެ.

5.އުގެއިލް ވިދާޅުވާ ގޮތުގައި ކޮންމެ މީހަކީ ވެސް “އެ މީހަކާ އެކު އުޅޭ ފަސް މީހެއްގެ އެވްރެޖް”އެކެވެ. ތިމާއާ އެއް ވިސްނުމެއްގެ މީހުންނާ އެކު އުޅެންޏާ، ކިޔެވުމުގެ ޕްލޭން ކުރިއަށް ގެންގޮސް، އެއްގޮތެއްގައި ދެމިހުރުމުގެ އިތުރުން އުނގެނެން ވެސް ފަސޭހަވާނެ ކަން އޭނާ ފާހަގަކުރައްވަ އެވެ. އަދި، އެއްޗެއް އެނގުނީ ކިހާ ވަރަކަށްތޯ ބަލައިލަން އެހެން މީހަކަށް އެ އެއްޗެއް ކިޔައިދިނުން ވަރަށް ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ. ހަމައެހެންމެ ބޭކާރު ކަންކަމުގައި ވަގުތު ބޭކާރުކުރާ އެކުވެރިންގެ ސަބަބުން ތިމާގެ އަގުހުރި ވަގުތުވެސް ގެއްލިގެންދެއެވެ. އެހެންކަމުން ތިމާ ޚިޔާރުކުރާ ރައްޓަހިންނަކީ ރަނގަޅުބަޔަކަށް ބާންޖެހެއެވެ.

6.އުގެއިލް ނަސޭހަތްތެރިވެ ވަޑައިގަންނަވަނީ ދަރިވަރުން ވެސް އާދައިގެ ގޮތަކަށް ދިރިއުޅުން ބެހެއްޓުމަށާއި އަމިއްލަ ނަފްސަށް ވަފާތެރިވުމަށެވެ. “ކިޔެވުމަކީ ބޮޑު ބުރައެއް ކަމަށް ދެކިގެން ނުވާނެ. ބަލަން ޖެހޭނީ އެއީ ވެސް އާއްމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި. މީގެ މާނައަކީ، ކިޔެވުމެކޭ އެއްވަރަށް މުހިއްމު އެހެން ކަންކަމަށް ވެސް އެކަށީގެންވާ ވަގުތު ހުސްކުރަން ޖެހޭނެއޭ،” އޭނާ ލިޔުއްވި އެވެ. އެގޮތުން ފައިދާހުރި ކާނާ ކެއުމާއި ރަނގަޅަށް ނިދުމާއި ހަރަކާތްތެރިކޮށް އުޅުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވުން އަދި މީހާ އަށް އަރާމު ލިބޭ ފަދަ ކަންކަން ކުރުމެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރުމުގެ އިތުރުން ހިތްހަމަޖައްސާލަން ވެސް ޖެހޭނެ ކަމަށެވެ. “އެކަމަކު އެންމެ މުހިއްމު ކަމަކީ ޕްލޭނާ އެއްގޮތަށް އަމަލުކުރުމުގައި ދެމިހުރުން. ބުރަކޮށް މަސައްކަތްކުރުން ރަނގަޅު. ގަވާއިދުން ބުރަކޮށް މަސައްކަތްކުރުން އަދި މާ ރަނގަޅު،” އުގެއިލް ލިޔުއްވި އެވެ.

ދޭހައިގެ ސުވާލުތައް:

1: ގިނަ ހަރަކާތްތަކުގައި ބިޒީވާ ދަރިވަރުންނަށް ކާމިޔާބާހަމަޔަށް ނުދެވެނީ ކީއްވެ؟

2: ކިޔެވުން ކުރިއަށް ގެންދާނެ ގޮތުގެ ސާފު ޕްލޭނެއް އޮތުމުން ލިބޭނެ ފައިދާއަކީ ކޮބާ؟

3: މިއަދު ކުރަން ހުންނަ ކަންކަން މާދަމައަށް ފަސްކުރުމަކީ އަހަރެމެންގެ އާދައެކެވެ. އެގޮތަށް ކަންކަން ފަހަށް ބަހަށްޓަން މެދުވެރިވާ މައިގަނޑު ސަބަބަކީ ކޮބާ؟ އެދި އެކަމުން ދުރުހެލިވާން ކުރެވިދާނެ ކަމަކީ ކޮބާ؟

4: އެއްފަހަރާ ގިނަ ކަންކަން ކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށްބުނެ ލިޔުންތެރިޔާ ދައްކާފައިވާ ހެއްކަކީ ކޮބާ؟

5: އުގެއިލް ވިދާޅުވާ ގޮތުގައި ކޮންމެ މީހަކީ ވެސް އެ މީހަކާ އެކު އުޅޭ ފަސް މީހެއްގެ އެވްރެޖްއެކެވެ. މިޖުމްލައިގައި ދަށުރޮނގު ދަމާފައިއެވާ އިބާރާތް އިތުރަށް ތަފްޞީލުކޮށްދޭށެވެ.

6: ރަޙްމަތްތެރިން އިޚްތިޔާރުކުރުމުގައި ވިސްނަންޖެހޭކަމަށް ދޭހައިގައި ބުނެފައިއެވަނީ ކީއްވެގެން ހެއްޔެވެ؟

7: ދޭހައިގެ ފަހު ޕެރެގްރާފުގައި މޮޅު ދަރިވަރަކަށް ވުމަށްޓަކައި ދަރިވަރުންނަށް އުގެއިލް ދެއްވާފައިވާ ނަސޭހަތަކީ ކޮބައިކަން ތަފްޞީލުކޮށްދޭށެވެ.

8: މިދޭހައިގައި ޕްރޮފެސާރ އުގެއިލް ދެއްވާފައިވާ 5 ނަސޭހަތުގެ އިތުރުން ދިޔަ ދަރިވަރުގެ ނަޒަރުގައި ކިޔަވާކުއްޖަކު ކާމިޔާބު ހޯދުމަށްޓަކައި ކުރެވިދާނެ 2 ކަމެއް ބުނެދޭށެވެ.

9: ތިރީގައިއެވާ ބަސްތައް ދޭހައިގައި ބޭނުންކޮށްފައިވަނީ ކޮންމާނައެއްގައިކަން ލިޔާށެވެ.

ހ. ބޮއްސުންލުން (ޕ 1)             ނ. ހުށިޔާރު (ޕ4)

ށ. އުކުޅު (ޕ3)                   ރ. ވަފާތެރި (ޕ6)

ކިޔަވައިދިނުމުެ އެހީއެއްގެ ގޮތުން މި ވެބްސައިޓުގައި ހުރި ތަކެތި ބޭނުންކުރުމުގެ ހައްގު ކޮންމެ ބޭފުޅަކަށްވެސް ލިބިގެންވެއެވެ. އަދި އެކަމަށް އަޅުގަނޑު މަރުޙަބާ ކިޔަމެވެ.

ތިރީގައި އެވާ ލިންކުން މި ދޭހަ ޑައުންލޯޑް ކުރެއްވޭނެއެވެ.

އަމިއްލަ ރަސްމީ ސިޓީ ލިޔުން

މިބާވަތުގެ ސިޓީ ލިޔާއިރު، ބޭނުންކުރެވޭ ބަހުރުވަޔާމެދު ވިސްނާށެވެ. ސިޓި އިބާރާތްކޮށްފައި އޮންނަންވާނީ މާތް ބަހުންނެވެ. އަމިއްލަ އަމިއްލަ ސިޓީތަކުގައި ބޭނުންކުރާ ފަދަ އާދައިގެ ބަހުރުވައެއް ނޫނެވެ. އެހެންކަމުން އެކަމަށް ފަރުވާތެރިވާން ވާނެއެވެ.

ތިރީގައި އެވަނީ ގްރޭޑް 10ގެ ކުލާހެއްގައި އަޅުގަނޑު ގެންގޮސްފައިވާ ސިޓީގެ ގަޑިއެއްގައި ބޭނުންކޮސްފައިވާ ސިޓީ ނޯޓެކެވެ. ބޭނުން ތެރި އެއްޗެއްކަމުގައި ދެކޭތީ ހިއްސާކޮށްލީއެވެ.

ސިޓީ ލިޔުން: ދީފައި އެވާ ސިޓީ ނޯޓަށް ސިޓީއެއް ލިޔާށެވެ. ސިޓީގެ މައިގަނޑު 20 ފޮޅުވަތަށްވުރެ ދިގުނުކުރާށެވެ.

ދ.ކުޑަހުވަދޫއަކީ މަސްވެރި އާބާދިއެއް ދިރިއުޅެމުންދާ ރަށެކެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަސްކެއްކުމާއި މަސްހިއްކުމާއި އަދި ރޯމަސް ގިނަދުވަހަށް ރައްކާކޮށްގެން އޭގެ ވިޔަފާރިކުރާ މީހުން އެރަށުގައި ވަރަށް ގިނައެވެ. އެހެން ނަމަވެސް އެރަށުގައި އެފަދަ ކުރާ ފަރާތްތަކަށް ތަފާތު އެކި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އަދި އެކަމުގެ ސަބަބުން އެފަދަ ވިޔަފާރިތައް ކުރާފަރާތްތަކުން ދަނީ ޝަކުވާތައް ކުރަމުންނެވެ. ތިޔަ ދަރިވަރަކީ ދ.ކުޑަހުވަދޫ ދެއިރުދޭމާގެ މުހައްމަދު ރިޟާކަމުގައި ބަލައިގެން،  މަސް ކެއްކުމާއި މަސް ހިއްކުމުގެ ވިޔަފާރީގައި ، މިހާރު ކުރިމަތިވެފައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް އެދި ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނަދީމަށް ސިޓީއެއް ލިޔާށެވެ. މިސިޓީގައި ތިރީގައި އެވާ ނުކުތާތައް ހިމަނަންވާނެއެވެ.

މަސް ކެއްކުމާއި މަސްހިއްކުމުގެ ވިޔަފާރީގައި ހޭދަވީ މުއްދަތު

އެވިޔަފާރިން މީގެ ކުރިން ލިބުނު އާމްދަނީ އާއި މިހާރު ލިބޭ އާމްދަނީ

މިހާރު އެމަސައްކަތް ކުރުމުގައި ހުރި ގޮންޖެހުންތައް (ދަތިތައް)

ދިމާވެފައިވާ ދަތިތައް ހައްލުކުރަން އެދޭ ގޮތް

އަދަބިއްޔާތު : މިއީ ގްރޭޑް 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ސުވާލު ކަރުދާހެކެވެ.

ޔުނިޓް ޓެސްޓް 2

އަދަބުގެ ތަޢާރަފް

  1. 1. އެންމެ ފުރަތަމަ އުފެދުނު ވާހަކަ ކޮމެޓީގެ މަޤްޞަދަކީ ކޮބާ؟ ( 2 މާކުސް)

2. އަފްޟަލުލް މަރާޙިބް” މިއީ ކޮންބާވަތެއްގެ ފޮތެއް؟ އަދި މި ފޮތް ލިޔުއްވީ ކޮން ބޭފުޅެއް؟ (3 މާކުސް)

3. ބޮޑުފެންވަޅުގޭ ސީދީ ލިޔުއްވާފައިވާ މަޝްހޫރު 2 ފޮތް ބުނެދީ! (2 މާކުސް)

4. “ސުއްކަތުރާ ޚަބަރު” މިފޮތް ލިޔުއްވީ ކޮންބޭފުޅެއް؟ އަދި މި ފޮތުގައިވަނީ ކޮން ވާހަކަތަކެއް؟ ( 2 މާކުސް)

5. 1323ގައި ޗާޕުކުރެވުނު ޚާއްޞަ ފޮތަކީ ކޮބާ؟ (2 މާކުސް)

6. ދިވެހި އަދަބީ ގުލްޝަނުގައި ޝާއިރުލް އުމޫމީއަކީ ކޮންބޭފުޅޭއް؟ (2 މާކުސް)

7. ދިޔޯގެ ރައިވަރުގެ ޝަރަހަ ލިޔުއްވީ ކޮންބޭފުޅެއް؟ (2 މާކުސް)

8. ޗާޕުވެފައިހުރި ލިޔުންތަކުގެ ތެރެއިން އެންމެ ކުރީގެ އިބާރާތްކޮޅެއް ފެންނަން އޮތީ ކޮން ލިޔުއްވުމަކުން؟ އަދި އެފޮތުގައިވަނީ ކޮންވާހަކަތަކެއް؟ (2 މާކުސް)

9. ވާހަކަ ކޮމެޓީ އުފެއްދީ ކޮން ފަރާތަކުން؟ އަދި އެކޮމެޓީގެ އިސްވެރިއަކަށް ހުންނެވީ ކޮންބޭފުޅެއް (2 މާކުސް)

10. ދިވެހި ބަސްފޮތް އެކުލަވައިލީ ކޮން ކޮމެޓީއަކުން ހެއްޔެވެ؟ (1 މާކު)

11. ހުސައިނުގެފާނުގެ ޅެމާއި ފާތިމާ ކަމަނާފާނުގެ ޅެން ހެއްދެވީ ކޮން ބޭފުޅެއް؟ (2 މާކުސް)

12. “ބޮޑު ތަރުތީބަށް” ލިޔުންތެރިޔާ ދީފައިވާ ނަމަކީ ކޮބާ؟ (2 މާކުސް)

13. ލިޔުންތެރިކަމުގެ ދައުރުތަކުގެ ތަފާތު އެންމެ ބޮޑަށް ފެންނަނީ ކޮންކަމަކުން؟ (2 މާކުސް)

14. “ސަރުކާރުގެ ޚަބަރު” މި ނޫސް ފާހަގަކުރެވެނީ ކޮންގޮތަކުން؟ (2 މާކުސް)

15. ތިރީގައިވާ ތާވަލް ފުރިހަމަކޮށްލާށެވެ. (4 މާކުސް)

table 1

16. ތިރީގައިއެވާ އިބާރަތްތައް ކިޔާލުމަށްފަހު ހެޔޮ ފާހަގަ ނުވަތަ ރަސްގެ ޖަހާށެވެ. (8 މާކުސް)

yes or No table

ތިރީގައިއެވާ ލިންކުން މި ފައިލް ޑައުންލޯޑް ކުރައްވާ!

Adhabiyyaathu TEST 2 (Amilla)

ކިޔުމުގެ ދޭހަ: މިއީ ގްރޭޑް 9ގެ ދަރިވަރުންނަށް ދިނުމަށް ތައްޔާރުކޮށްފައިވާ ދޭހައެކެވެ.

މަރުގެ އަދަބު

1- މިޒަމާނަކީ މަރުގެ އަދަބު ދިނުމާއި ވަރަށްބޮޑަށް ދެކޮޅު ހަދަމުންދާ  ޒަމާނެކެވެ. މީހަކަށް މަރުގެ ޙުކުމް އިއްވައިފިނަމަ އެމީހަކަށް އިއްވިފައިވާ ޙުކުމް ބަދަލު ކުރުމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މީހުން ގޮވާނެއެވެ. އަދި ބައެއް ޤައުމުތަކުގެ ސަރުކާރުތަކުންވެސް މަރުގެ ޙުކުމް ތަންފީޒު ނުކުރުމަށް އިލްތިމާސްކޮށް ހަދާނެއެވެ. އަދި އެއްވެސް ޤައުމަކުން މަރުގެ ޙުކުމް ތަންފީޒު ކޮށްފިނަމަ އެޤައުމަކީ އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ނުހިތާ ޤައުމެއްކަމުގެ އިލްޒާމުވެސް އަޅުވާނެއެވެ.

2- އެމެރިކާގައި މަރުގެ އަދަބު ދެއެވެ. ނަމަވެސް އެކަމާ ދެކޮޅުހެދުންވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. އެޤައުމުގައި މަރުގެ ޙުކުމް ތަންފީޒުކުރަނީ ވިހަ އިންޖެކުޝަނެއް ޖަހައިގެންނެވެ. މިކަމާ ކޯޓުތަކުންވެސް ދެކޮޅުހަދަމުން ދެއެވެ. އިލިނޮއި ސުޓޭޓުގައި ވަނީ އެކަން ހުއްޓާލައިފައެވެ. ނިވް ޖާރޒީގައި ދަނީ މަރުގެ އަދަބުދިނުން ހުއްޓާލެވޭތޯ މަސައްކަތް ކުރަމުންނެވެ. ޔޫރަޕުގައިވެސް މަރުގެ އަދަބުދިނުމާއި ވަރަށްބޮޑަށް ދެކޮޅު ހަދައެވެ. އަދި ޞިނާޢީ އެހެނިހެން ޤައުމުތަކުގައިވެސް މިކަމާ ވަރަށްބޮޑަށް ދެކޮޅު ހަދައެވެ. ނަތީޖާއެއްގެ ގޮތުން ވަރަށްމަދު ޤައުމެއްގައި ފިޔަވައި މަރުގެ އަދަބުދިނުން ވަނީ ހުއްޓާލައިފައެވެ.

3- ނަމަވެސް ޤައުމުތަކުން ސަމާލުކަން އަދިނުދެވޭ ކަމެއް އެބައޮތެވެ. އެއީ ވޭތުވެދިޔަ ހަ އަހަރުގެތެރޭގައި ކުރެވިފައިވާ ކަމާބެހޭ ޢިލްމީ ދިރާސާތަކެވެ. މަރުގެ އަދަބާއި ގުޅޭގޮތުން ވޭތުވެދިޔަ ހަ އަހަރު ކުރެވުނު ދިރާސާތަކުން އެނގުނުގޮތުގައި މަރުގެ އަދަބު ދެވޭ ކޮންމެ ފަހަރަކާއި ގުޅިގެން މީހުން މެރުމުގެ ފަސް ހާދިސާއެއް އުނިވެގެން ދެއެވެ. އަދި މަރުގެ ޙުކުމެއް ލުއިކޮށްދެވޭ ކޮންމެ ފަހަރަކު މީހުން މެރުމުގެ ފަސްހާދިސާއެއް އިތުރުވެގެން ދެއެވެ. ” މިއީ ވަރުގަދަ ނަތީޖާއެކެވެ. މި ނަތީޖާއެއް ގެއްލިގެން ނުދާނެއެވެ. ” ނެސީ މޮކަން ވިދާޅުވިއެވެ. ” މަށަކީ މަރުގެ އަދަބުދިނުމާ ދެކޮޅު މީހެކެވެ. އެކަމަކު އަހަރެންގެ ނަތީޖާތައް ދައްކަނީ މަރުގެ އަދަބު ދިނުމަކީ މީހުން މެރުން މަދުވާ ކަމެއް ކަމުގައެވެ. އެހެންވީމާ ހަދާނީ ކިހެނެއްހެއްޔެވެ؟ މަޢުލޫމާތުތައް ފޮރުވަންވީ ހެއްޔެވެ؟ މީނާގެ ދިރާސާފަދަ ތަފާސް ހިސާބުތަކާއި ބެހޭ 12 ދިރާސާއެއް 2001ގެ ފަހުން ކުރެވިފައިވެއެވެ. މިހުރިހާ ދިރާސާތަކުންވެސް ދައްކާފައިވަނީ މަރުގެ އަދަބު ދިނުމަކީ ބޮޑެތި ކުށް ކުރުން މަދުވެގެންދާ ކަމެއްކަމުގައެވެ. އަދި މަރުގެ ޙުކުމް ތަންފީޒުކުރުން އަވަސްކުރުމަކީ މީހުން މެރުމުގެ ޢަދަދުވެސް މަދުވެގެންދާ ކަމެއްކަމުގައެވެ.

4513_dp_stats_social_top5

ދުނިޔޭގެ ބައެއް ގައުމުތަކުގައި ދަންޖައްސައިގެން މަރުގެ އަދަބުދެއެވެ.

4- އެމޮރީ ޔުނިވަރސިޓީގެ ޕްރޮފިސަރުންތަކެއް 2003 ވަނަ އަހަރު ކުރެއްވި ދިރާސާއަކަށްފަހު މަރުގެ އަދަބުދެވޭ ކޮންމެ ފަހަރަކާއި ގުޅިގެން އެވުރެޖު ގޮތެއްގައި މަރާލުމުގެ 18 ޙާދިސާ މަދުވެފައިވާކަމަށް ނިންމާފައި ވެއެވެ. ނަމަވެސް އެމެރިކާގެ އިލިނޮއި ސްޓޭޓުގައި 2000ވަނަ އަހަރު މަރުގެ އަދަބުދިނުން ހުއްޓާލުމާ ގުޅިގެން ވިދިގެން އައި ހަތަރު އަހަރުގެ ތެރޭގައި 150 މަރާލުމުގެ ޙާދިސާ އިތުރުވެފައިވާ ކަމަށް ޔުނިވަރސިޓީ އޮފް ހިއުސްޓަންގެ ޕްރޮފިސަރުންތަކެއް 2006ވަނަ އަހަރު ކުރެއްވި ދިރާސާއެއްގައި ދައްކާފައި ވެއެވެ.

5- މިފަދަ ދިރާސާތަކާ ގުޅިގެން މަރުގެ އަދަބު ދިނުމާ ދެކޮޅު ބައެއް ފަރާތްތަކުންވެސް މިހާރު މަޑުމަޑުން ވިސްނުން ބަދަލު ކުރަމުން އެބަ ގެންދެއެވެ. މިގޮތުން ޔުނިވަރސިޓީ އޮފް ޗިކާކޯގެ ޤާނޫނާބެހޭ ޕްރޮފިސަރެއް ކަމުގައިވާ ކޭސް ސަންސްޓެއިންއަކީ މަރުގެ އަދަބު ދިނުމާ ވަރަށްބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅެކެވެ. ނަމަވެސް މަރުގެ އަދަބު ދިނުމަކީ މީހުން މެރުން މަދުވެގެންދާ ކަމެއްކަން އެނގިވަޑައިގަތުމުން ތިޔަކަމަކީ މަރުގެ އަދަބު ދިނުމާ ދެކޮޅުހަދާ މީހުންނަށް ނުވިސްނި އޮންނަ ނުކުތާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

6- 1970ގެ އަހަރުތަކުގެ ތެރޭގައިވެސް މިމައްސަލައާމެދު ބަޙުޘް ކުރެވިފައި ވެއެވެ. 1975ވަނަ އަހަރު އިޤުތިޞާދީ މާހިރެއްކަމުގައިވާ އިސާކް އާރލިޗް ހެއްދެވި ދިރާސާއަކުންވެސް މަރުގެ އަދަބު ދިނުމަކީ މީހުން މެރުން މަދުވެގެންދާ ކަމެއްކަން ހާމަވެގެން ދިޔައެވެ. އަދި މިޚަބަރު ނޫސްތަކާއި ޚަބަރު ފަތުރާ އެހެނިހެން ވަޞީލަތްތަކުގެ ފަލަ ސުރުޚީއަށް އަރައިގެން ދިޔައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގައި 1972ވަނަ އަހަރު މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތްއޮތުން އުވާލައި 1976ވަނަ އަހަރު އަލުން މަރުގެ އަދަބު ދޭން ފެށުނެވެ.

ދޭހަ 2 ގެ ސުވާލުތައް

1- އެމެރިކާގެ ކޯޓުތަކުން ދެކޮޅުހެދީ ކޮން ކަމަކަށް ހެއްޔެވެ؟       ( 1 މާކުސް )

2 މަރުގެ އަދަބު ދެމުންއައި ބައެއް ޤައުމުތަކުން އެކަން ހުއްޓާލީ ކީއްވެ؟     ( 1 މާކުސް )

3- މަރުގެ އަދަބު ދިނުމާއި ގުޅޭގޮތުން ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ކުރެވުނު ދިރާސާތަކުގެ ނަތީޖާއަކީކޮބާ؟   ( 2 މާކުސް )

4- މަރުގެ އަދަބު ދިނުން ހުއްޓާލުމާއި ގުޅިގެން މަރާލުމުގެ ޙާދިސާތައް އިތުރުވެގެން ދިޔަކަން ސާބިތު ކޮށްދޭފަދަ ޖުމުލައެއް ލިޔުމުން ނަކަލު ކުރާށެވެ. ( 1 މާކުސް )

5- ކުރިން މަރުގެ އަދަބު ދިނުމާއިމެދު ދެކޮޅުހެދި ބައެއް މީހުންގެ ޚިޔާލު މިހާރުވަނީ ބަދަލުވެފައެވެ. އެބައިމީހުންގެ ޚިޔާލު ބަދަލުވީ ކީއްވެ؟ ) 2 މާކުސް )

6- މަރުގެ އަދަބު  ޙައްޤުވާ ފަރާތްތަކަށް  މަރުގެ އަދަބު ދިނުމަކީ ކުރުން  ރަނގަޅު ކަމެއް ހެއްޔެވެ؟ ނުވަތަ ރަނގަޅު ކަމެއް ނޫންހެއްޔެވެ؟ ލިޔުމުގައިވާ ވާހަކަތަކުގެ އަލީގައި ބުރަވާކޮޅެއް ހާމަކޮށް ސަބަބު ބަޔާން ކުރާށެވެ.   ( 3 މާކުސް )

7- ލިޔުމުގެ އެހީގައި ތިރީގައިވާ ބަސްތަކުގެ މާނަ ލިޔާށެވެ.      ( 2 މާކުސް )

    ހ- ޙުކުމް            ( ޕެރެގުރާފު 1 )

    ށ- އިންސާނީ ޙައްޤުތައް   ( ޕެރެގުރާފު 1 )

   ނ- ތަންފީޒުކުރުން       ( ޕެރެގުރާފު 2 )

   ރ- ޢިލްމީ ދިރާސާ       ( ޕެރެގުރާފު 3 )

2 ވަނަ ސުވާލު ( ޚުލާސާކުރުން )

ދޭހައިގެ ދެވަނަ  ބައިގައިވާ ލިޔުމުގެ  ފުރަތަމަ ތިން  ޕެރެގުރާފު ޚުލާސާ ކުރާށެވެ.  ކުރާ ޚުލާސާގެ ދިގުމިން 8 ފޮޅުވަތާއި 12 ފޮޅުވަތާ ދެމެދަށް ފައްތާށެވެ. (10 މާކުސް )

ކިޔުމުގެ ދޭހަ: މިއީ ގްރޭޑް 9ގެ ދަރިވަރުންނަށް ދިނުމަށް ތައްޔާރުކޮށްފައިވާ ދޭހައެކެވެ.

ވަގުތުކިޔުން

އަޅުގަނޑުމެން ދިވެހީންނަކީ ، ވަރަށް އިހުޒަމާނުއްސުރެވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ، އަމިއްލަ ގޮތެއްގައި ހިފަހައްޓައިގެން ތިބޭ އަމިއްލަ މިނިވަން ބައެކެވެ. ތާރީޚުން އެގޭ ހެކި ފެނިފައިވެއެވެ. އަޅުގަނޑުމެން ވަށައިގެން އެތިބި ޤައުމުތަށް ވިލާތުގެ އިސްތިއުމާރުގެ ދަށަށް ގޮސް މުޅިން އެބައިމީހުންގެ އަމިއްލަކަން ނެތިގެން ދިޔައިރުވެސް ދިވެހީން ތިބީ އަމިއްލަކަމެއްގެ މަތީގައެވެ. އަމިއްލަ ބަސް އޮތެވެ. އަމިއްލަ އާދަކާދަ އާއި އަމިއްލަ ޘަޤާފަތެއް އޮތެވެ. ދުވަހަކުވެސް ސަރުކާރުގެ ލިޔުންތަކާ ، ކިޔުންތައް އެހެން ބަހަކުން ލިޔެ ކިޔާން ޖެހުނު ދުވަސްވަރެއް އައިކަމަށް ނުވިސްނެއެވެ. ތެދެކެވެ. ދިވެހީންނަކީ ، އަމިއްލަކަންމަތީގައި އުޅުނު މިނިވަން ބައެކެވެ.
ދިރިއުޅުމުގެ ތެރޭގައި ބޭނުން ކުރާ ބޮޑެތި ކަންތައް އަމިއްލަށް އުފައްދައި ބޭނުން ކުރަމުން ގެންދިޔައެވެ. ދުވަސްތަކާ ، މަސްތަކަށް ނަން ކިޔުމާއި ވަގުތު ކިޔުން އޭގެތެރޭގައި ހިމެނެއެވެ.

ދިވެހީންގެ ދިވެހި ދިރިއުޅުމުގައި ދާދި ފަހަކާ ޖެހެންދެން ގިނަކަންތަކުގައި ފާހަގަކުރަމުން ދިޔައީ ހިޖުރީ އަހަރުގެ މައްސަރުތަކެވެ. އެމައްސަރުތަކަށް ނަންތަކެއް ކިޔައިގެން އުޅުނެވެ. އާދޭހެވެ! މުޙައްރަމް މަހަކީ ކަނދި މަހެވެ. ދެން ޞޮފަރު މަހެވެ. ދެނަ ބާރަ މަހެވެ. ފަހުއާޚިރުމަހާއި ، ހިޔަރަކާތް މަހެވެ. ރޯދަމަހާއި ކުޑަޢީދު މަހާއި ދެޢީދު ދޭތެރެމަހާއި ޙައްޖުމަހާއި ހިޔަރަކާތް މަހެވެ. ރޯދަމަހާއި ކުޑަޢީދު މަހާއި ދެޢީދު ދޭތެރެމަހާއި ޙައްޖުމަހެވެ. ރަބީއުލްއާޚިރު ޖުމާދަލްއޫލާ މިދެމަހުގެ ނަން އޮތްގޮތަށް އޮވެއެވެ.
ދިވެހީންގެ ދިވެހިބަހުން ވަގުތު ކިޔައި އުޅުނީ ވަކި ގޮތަކަށެވެ. ހަނދުމަހާއި ، ހަނދުމަހުގެ ދުވަސްތަކާއި ވަރަށް ބޮޑު ގުޅުމެއް ގުޅާފައި ވެއެވެ. އަޅުގަނޑުމުން އެންމެން ދަންނަފަދައިން ހަނދުމަހުގެ ދުވަސް ފެށެނީ ކުރީދުވަހުގެ އިރުއޮއްސުމުންނެވެ. މެންދަމު ބާރަ ޖެހީމައެއް ނޫނެވެ.

ދިވެހިން ވަގުތު ކިޔައި އުޅުނު ގޮތުގައި ދުވަހެއްގައި ދުވާލަކު ރެޔެއް އޮވެއެވެ. ނަމަވެސް ދުވަހުގެ ރެޔެއް ނޯވެއެވެ. އޮންނަނީ ، ދުވަސް ވިލޭ ނުވަތަ ވިލުނު ރެޔެކެވެ. ވިލުމަކީ ފައުޅުވުމެވެ. ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުން ހުކުރު ވިލުނީއެވެ. ފައުޅުވީއެވެ. ދުނިޔެއަށް އުފަންވީއެވެ. އެހެންކަމުން އެރެއަށް ކިޔަނީ ހުކުރު ވިލޭރޭއެވެ.
ދިވެހީން ދުވަސް ފާހަގަކުރަމުން އައިގޮތުގައި ދުވަހެއް ފެށެނީ ކުރީގެ ދުވަހުގެ އިރުއޮއްސުމުންނެވެ. ދުވާލެއްގައިވެސް ރޭގަނޑެއްގައިވެސް ހަތަރުދަން އޮވެއެވެ. ދަމަކީ ގާތްގަނޑަކަށް ތިންގަޑިއިރެވެ. ރެއަކާއި ދުވާލުގައި އައްޑަން އޮވެއެވެ. ރޭގަނޑުގެ ކުރީކޮޅަށް އިރާކޮޅޭ ކިޔައެވެ. ހަވީރެކޭ ނުކިޔައެވެ. ރޭދެބައިވީމާ މެންދަންވީއެވެ. މެންދަމަށްވުރެ ފަސްވެއްޖެނަމަ މެންދަމުން އަލިވީއެވެ. މެންދަމުން އަނބުރައިފިޔެކޭ ނުކިޔައެވެ. ދެންވާނީ ފަތިހެވެ. ފަތިފހަށްފަހު ބިންމަތި އަލިވެ އިރު އަރައެވެ. އިރުއެރުމަށްފަހު އެއީ ހެނދުނެވެ. ފަތިހު ފަހެއް ޖަހައެވެ. ހެނދުނު ހަތަރެއް ޖެހިކަމަށްވެސް ނުކިޔައެވެ. ދުވާލުވަގުތު ދެބައިވުމުން މެންދުރުވީއެވެ. މެންދުރުވުމަށްފަހު މެންދުރުން އަނބުރައެވެ. އެއަށްފަހު އަސުރުވެއެވެ. އަސުރުން އިރު ތިރިވެއެވެ. އަސުރުން އަނބުރައިފިޔެކޭ ނުކިޔައެވެ.

ދިވެހީން ވަގުތުކިޔަމުން އައިގޮތް ހަމަޖެހިފައިއޮއްވާ ބޭރު ބަސްބަހުން ވަގުތު ކިޔާގޮތް ދިވެހިބަހުގެތެރެއަށް ގެނައުމުގެ ސަބަބުން ގިނަ ދިވެހީންނަށް ވަރަށް ބޮޑެތި އޮޅުންތައް އަރަމުން ދެއެވެ. އެހެން ކަމުން އެއީ ބޭނުންކަމެއްނޫނެވެ. ބޭރުމީހުންނާ ބެހޭގޮތުން ބޭރުބަސްބަހުން ލިޔެފައި ހުންނަ ލިޔުންތަކުގައި އެގޮތް އެންމެ ރަނގަޅުވިޔަސް ދިވެހީންގެ ތެރޭގައި ، ދިވެހި ބަހުން ލިޔެވިގެން ހިނގާ ލިޔުންތަކާ ، ކިޔުންތަކުގައި އެގޮތްގެންގުޅުމުން ދޭހަވަނީ، ހަމަ އެންމެ ކަމެކެވެ. ދިވެހިވަންތަކަމަށް ތިމާގެ ހިތުގައި އޮންނަ ގަދަރެއްގެ ކުޑަކަމެވެ. “ބޭރުންގެނެވޭ ބޭރުތަކެއްޗަށް ރޭރުވެގެން ” ތިމާއަށް އުޅެވޭލެށް ބޮޑުކަމެވެ.

މިބާވަތުގެ ކަންކަމުގައި ، ދިވެހި ގޮތްކުރިއަރުވައި ދިވެހި ވަންތަކަން އިސްކުރެއްވުން ކީއްތޯއެވެ! އެފަދަ ގޮތްތަށް ދަސްވެފައި ނެތްނަމަ ، އުގެނި ދަސްކުރެއްވުން ކީއްތޯއެވެ؟

( ފަތްތޫރައިގެ 41 ވަނަ ޢަދަދުން ނަގައިފައި)

ސުވާލުތައް
1- ދިވެހިންނަކީ ޒަމާނުއްސުރެ އަމިއްލަ ގޮތެއްގައި ހިފަހައްޓައިގެން ތިބި އަމިއްލަ މިނިވަން ބައެއްކަން ތާރީޚުން އެނގެއެވެ. މިކަން އެނގޭ މައިގަނޑު އެއް ހެއްކަކީ ކޮބާ؟
2- ދުވާލެއްގައިވެސް ރޭގަނޑެޢްގައިވެސް ހަތަރުދަން އޮވެއެވެ. ދަމަކީ ގާތްގަނޑަކަށް ތިންގަޑިއިރެވެ. ރެއަކާ ދުވާލުގައި އައްޑަން އޮވެއެވެ. އެދަންތަކަކީކޮބާ؟
3- އިހުގައި ދިވެހިން އެބައިމީހުންގެ ދިރިއުޅުމުގެ ކަންތަކުގައި ތާރީޚު ބަލައި އުޅުނީ ކޮންގޮތަކަށް؟
4- ހިޖުރީ މައްސަރުތަކަށް ދިވެހިން އަމިއްލަ ނަންތަކެއް ކިޔައިގެން ބޭނުންކުރިކަމަށް ބުނެފައިވީނަމަވެސް ހުރިހާ މަހަކަށް އަމިއްލަ ނަން ދީފައި ނުވާކަން އެނގެއެވެ. އެކަން އެނގޭ ގޮތަކީކޮބާ؟
5- ހަނދުމަހުގެ ދުވަސް ފެށެނީ ކޮންވަގުތަކު؟
6- އިހުގައި ދިވެހިން ވަގުތުކިޔާ އުޅުނު ގޮތަށް ބަލާއިރު އާދީއްތަ ދުވަހުގެ އިރު އިރުއޮއްސުމުން އެރެއަށް ނިސަބަތްކޮށް ބުނާ ގޮތަކީކޮބާ؟
7- ދިވެހިން ވަގުތު ކިޔަމުން އައި ގޮތް ހަމަޖެހިފައި އޮއްވައި ދިވެހިންގެ ތެރޭގައި ދިވެހިބަހުން ލިޔާ ލިޔުންތަކާއި ކިޔުންތަކުގައި ބޭރު ބަސްބަހުން ވަގުތު ކިޔާގޮތަށް ބޭނުންކުރުމުން ދޭހަވަނީ ކޮންކަމެއްހޭ؟
8- “ބޭރުންގެނެވޭ ބޭރުތަކެއްޗަށް ރޭރުވެގެން ތިމާއަށް އުޅެވޭލެއް ބޮޑުކަމެވެ. ” މިއިބާރާތުން ދޭހަވާ މާނަ ތަންކޮޅެއް ތަފްސީލުކޮށް ލިޔާށެވެ!

ތިރީގައި އެވަނީ ލިޔުމެއްގެ އަސްލަކާއި އޭގެ ޚުލާސާއެވެ.

ލިޔުން: މިސިފަތަކާ ދުރުވަމާތޯ؟

ޒަމާނުއްސުރެ ދިވެހިން މަޝްހޫރު ވެފައިވަނީ ވަރަށް ހިންހެޔޮ ބައެއްގެ ގޮތުގައެވެ. އެކުވެރިކަމާއި، އެއްބައިވަންތަ ބައެއްގެ ގޮތުގައެވެ. އެހީތެރިކަމާއި، އޯގަތެރި ބައެއްގެ ގޮތުގައިވެސް މެއެވެ. ދިވެހީންގެ ކިބައިގައިހުރި މިރީތި ސިފަތަކަށް ތައުރީފުކޮށް، ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ބޭރުގެ ލިޔުންތެރިންވެސް ތަފާތު ލިޔުންތައް ލިޔުއްވާފައި ވެއެވެ. މީގެތެރޭން އެންމެ ފާހަގަ ކޮށްލެވޭ އެއްބޭފުޅަކީ އިބުނި ބަޠޫޠާއެވެ. މިރާއްޖޭގެ އަހުލުވެރިން ކުރު މުއްދަތެއްގައި ޙާޞިލު ކޮށްފައިވާ ތަރައްޤީގެ އުސް ބަހާތަކުގެ މައިގަނޑު އަސްލަކީވެސް ދިވެހީންގެ ކިބައިގައިހުރި މިދެންނެވި ސިފަތައް ކަމާމެދު ޝައްކެއްނެތެވެ.
މާޒީގައި ކަންއޮތީ މިހެން ކަމަށްވިޔަސް މިހާރު މަންޒަރު ބަދަލުވާން ފަށައިފިއެވެ. އިވޭއަޑުތަކާއި ފެންނަ ފެނުންތައްވެސް ތަފާތު ވާންފަށައިފިއެވެ. މުސްލިމުންގެ ގޮތުގައިތިބެމެ، މުސްލިމުންގެ ކިބައިން އެއްގޮތަކަށްވެސް ފެނިގެންނުވާނެ އެތައްސިފައެއް މިއަދު ދިވެހި މުޖުތަމަޢުގެ ބައެއް ފަރުދުންގެ ކިބައިގައި އާއްމު ވަމުންދާކަމީ ހިތާމަހުރި ކަމެކެވެ. ދެބައޮޑުވުމާއި، ޢީބަބުނުމާއި، ބޮޑާވުމާއި، ޙަސަދަވެރިވުންފަދަ ސިފަތަކަކީ އެސިފަ އެތަނެއްގެ އަހުލުވެރިންގެ ކިބައިގައި ހަރުލައިފިނަމަ މުޅިތަން ފަސާދަކުރާ ނުރައްކާތެރި ސިފަތަކެކެވެ. ތަރައްޤީގެ މަގުގައި ކުރިއަށްދިއުމަށް ހުރަސްތައް މެދުވެރި ކުރުވާފަދަ ނޭއްގާނީ ސިފަތަކެކެވެ. ދީނީގޮތުން ބަލާއިރުވެސް މިއިން އެއްވެސް ސިފައަކީ ފުރިހަމަ މުސްލިމެއްގެ ކިބައިގައި އެއްގޮތަކަށްވެސް ހުރެގެންވާނެ ސިފައެއްނޫނެވެ.

large_558174c6-6390-49bb-82d6-1355482fefbb

ދެ ދިވެއްސަކު ދިވެހި ހެދިކާއެއްކަމަށްވާ ‘ގުޅަ’ ހަދަނީ. ދިވެިންނަކީ މިފަދަ ކަންކަމުގައިވެސް ވަރަށް އެކުވެރި ބައެކެވެ.

 

މަތީގައި އިޝާރާތްކުރި ސިފަތަކުގެ ތެރެއިން، ދެބައޮޑުވުމަކީ އެމީހަކު ނެތްތަންތާނގައި އެމީހެއްގެހުރި އައިބެއްގެ ވާހަކަ ދެއްކުމެވެ. ނެތިމޮށުމަކީ އެމީހަކު ނެތްތަންތާނގައި އެމީހެއްގެ ނުބައިވާހަކަ ދެއްކުމެވެ. މިއިންކޮންމެ ސިފައަކީވެސް އެސިފައެއްގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުމަށް ބުރޫއަރާފަދަ ސިފަތަކެކެވެ. އެއްވެސް އިންސާނަކީ އެމީހެއްގެ ހުރި އައިބުތަކެއްގެ ވާހަކަ އެހެންމީހަކު ދައްކަން ބޭނުންވާނެ މީހެން ނޫނެވެ. އަދި އެމީހަކު ނެތްތަންތާނގައި އެމިހަކު ނުބައިމީސްކޮށް ވާހަކަ ދެއްކުމަކީވެސް އެއްވެސްމީހަކު އެދޭނޭ ގޮތެއް ނޫނެވެ. އެހެންކަމުން އެހެންމީހުން ތިމާއާދޭތެރޭ ކަންތައްތައްކުރަން ނޭދޭގޮތަށް، ތިމާވެސް އެހެންމީހުންނާ ދޭތެރޭ ކަންތައްތައް ކުރުމަކީ އެއްވެސް އިންސާފެއް ނޫނެވެ. އަދި އެގޮތަށް ކަންތައްތަށް ކުރާމީހާއަކީ ފުރިހަމަ މުޢުމިނެއްވެސް ނޫނެވެ. މިކަމާމެދު ކީރިތި ރަސޫލާގެ ޙަދީޘެއްގެ މާނައިގައި ވަނީ ތިމާއަށް ރަނގަޅު ގޮތްވުމަށް އެދޭފަދައިން އަނެކާއަށްވެސް ރަނގަޅުގޮތްވުމަށް ނޭދޭހައި ހިނދަކު ތިމާގެ އީމާންކަން ފުރިހަމަނުވާ ހުއްޓެވެ. މީގެއިތުރުން، ޢީބަބުނުމާއި ނެތިމޮށުން، ކީރިތިﷲ ސިފަކުރައްވާފައިވަނީ މުސްލިމަކު އޭނާގެ އަޚާ މަރުވެފައި ވަނިކޮށް އެއަޚާގެ މުޅަމަސްގަނޑު ކެއުމާއި އެއްފަދަ ކަމެއްކަމުގައެވެ. މިއިންވެސް އެގެނީ ނެތިމޮށުމާއި، ޣީބަ ބުނުމުގެ ނުބައިކަމެވެ. އަދި ދީނީ ނަޒަރަކުން ބަލާއިރު އެޢަމަލުގެ ހަޑިހުތުރު ކަމެވެ.
ބޮޑާވުމާއި ޙަސަދަވެރި ވުމަކީވެސް ހަމަ އެހައި ނޭއްގާނީ ދެސިފައެވެ. ބޮޑާވުމަކީ ތިމާވަރުގެ މީހަކު ނެތްކަމަށްދެކި ކިބުރުވެރި ވުމެވެ. ޙަސަދަވެރި ވުމަކީ އެހެންމީހަކަށް ލިބިފައިވާ ނިޢުމަތެއް އެމީހެއްގެ އަތުން ބީވުމަށް އެދުމެވެ. މިދެސިފައަކީވެސް މީހެއްގެ ކިބައިގައި އަށަގެންފިނަމަ އެމީހެއްގެ ވިސްނުމާއި ފިކުރު މުޅިން އެހެންދިމާއަކަށް އަނބުރުވާލާފަދަ ދެސިފައެވެ. ކިބުރުވެރިކަމާމެދު ކީރިތިރަސޫލާ ކުރައްވާފައިވާ ޙަދީޘެއްގެ މާނާގައިވަނީ، ކިބުރުވެރިކަމުގެ ކިތަންމެ ކުޑަމިންވަރެއްވެސް ހިތުގައިވާ މީހާ މޫނުވަތައް ނަރަކައަށް ވައްދަވާނެ ކަމަށެވެ. ހަމަ މިބީދައިން ޙަސަދަވެރި ކަމާމެދު ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގާވަނީ އަލިފާންދަރު އަންދައި ނެތިކޮށްލާފަދައިން، ޙަސަދަވެރިކަން އެމީހަކު ކޮށްފައިހުންނަ ހެޔޮޢަމަލުތަށް ނެތިކޮށްލައެވެ. މިދެޙަދީޘުންވެސް އަޅުގަނޑުމެންނަށް އެނގެނީ މިދެސިފައިގެ ނުރައްކާތެރިކަމެވެ.
ޙަޤީޤަތަކީ މިއީކަމަށްވުމުން، މިފަދަ ސިފަތަކެއް މުޖުތަމަޢެއްގައި ހަރުލައިފިނަމަ އެތަނެއްގައި އޮންނަ އެކުވެރިކަމާއި، އެއްބައިވަންތަ ކަމާއި، އަޚުވަންތަކަން މުޅިން ނެތިގެން ދާނެކަމީ ޝައްކެން ހުރި ކަމެއްނޫނެވެ. އެހެންކަމުން ކޮންމެ ކުއްޖަކުވެސް ބަލަންވީ ދެދުނިޔޭގެ ބާއްޖަވެރިކަންއޮތީ މާތްﷲ އެންގެވި ތެދުމަގުގައި ހިފަހައްޓައިގެން ކަމެވެ.

ލިޔުމުގެ ޚުލާސާ:

ޒަމާނުއްސުރެ ދިވެހިން މަޝްހޫރު ވެފައިވަނީ ވަރަށް ހިންހެޔޮ، އެއްބައިވަންތަ ބައެއްގެ ގޮތުގައެވެ. ދިވެހިންގެ މިސިފައަށް ތަޢުރީފުކޮށް ބޭރުގެ ތަފާތު ލިޔުންތެރިންވެސް ލިޔުއްވާފައިވެއެވެ. ކުރުމުއްދަތެއްގައި ރާއްޖެއަށް އައި ތަރައްޤީގެ މައިގަނޑު އަސްލަކީ ވެސް ދިވެހިންގެ ކިބައިގަހުރި މިދެންނެވި ފަދަ ސިފަތަކެވެ. ނަމަވެސް ޒަމާނާއެކު މިހާރު ހުރިހާކަމެއްވެސް ބަދަލުވާން ފަށައިފިއެވެ. މިގޮތުން މުސްލިމެއްގެ ކިބައިން ފެނިގެންނުވާނެ އެތައްސިފައެއް މިއަދު ބައެއް ދިވެހިންގެ ކިބައިން ފެންނަމުން އެބަދެއެވެ. ޣީބަބުނުމާއި، ދެބައޮޑުވުމާއި، ޙަސަދަވެރިވުމާއި، ބޮޑާވުންފަދަ ސިފަތަކަކީ ފުރިހަމަ މުސްލިމެއްގެ ކިބައިން ފެނިގެންވާނެ ފަދަ ސިފަތަކެއް ނޫނެވެ. އަދި، މިދެންނެވި ކޮންމެ ސިފައަކީވެސް މުޖުތަމަޢުގެ ހަމަޖެހުމަށް ބުރޫއަރާފަދަ ސިފައެކެވެ. ތިމާއަށް ރަނގަޅުގޮތް ވުމަށް އެދޭފަދައިން އަނެކާއަށްވެސް ރަނގަޅުގޮތްވުމަށް ނޭދޭނަމަ، ތިމާގެ އީމާންކަން ވެސް ފުރިހަމައެއް ނުވެއެވެ. އަދި އެފަދަ ސިފަތަށް ހުންނަމީހުންނަކީ އާޚިރަތް ދުވަހުންވެސް ނާކާމިޔާބީއާއި ކުރިމަތިލާންޖެހޭނެ ބައެއްކަމަށް މާތްﷲ އާއި އެކަލާންގެ ރަސޫލާވަނީ އަންގަވައިފައެވެ. އެހެންކަމުން ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދަން އެދޭމީހާ މިސިފަތަކާދުރުވެ މާތްﷲ އެންގެވިގޮތަށް އުޅެންޖެހެވެ.