މަދިރި ކޮންޓްރޯލް ކުރުމަކީ ޑެންގީހުން ކޮންޓްރޯލް ވުން.

މިދުވަސްކޮޅު މުޅި ރާއްޖޭގައިވެސް ޑެންގީހުން ހަލުވި މިނެއްގައި ފެތުރެމުންދާތީ މިކަން ޙައްލުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަފާތު ގިނަ މަސައްކަތްތަކެއް ދަނީ ކުރިއަށް ގެނދަމުންނެވެ. އެގޮތުން މިއަދު (09 ޖުލައި 2011 ، ހޮނިހިރު) ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް އަށަކުން މަތީގެ ހުރިހައި ދަރިވަރުންނާއި އެސްކޫލުގެ މެނޭޖްމެންޓާއި މުދައްރިސުން ގުޅިގެން ރަށުގެ ވަށައިގެންވާ ހޭޅިފަށް ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މިޕްރޮގްރާމް ފުރަތަމަ ފަށާގޮތަށް އޮތީ މިއަދު ހެނދުނު ނުވައެއް ޖަހާއިރު ނަމަވެސް، ހެނދުނު ހައެއް ޖެހިއިރު މިޕްރޮގްރާމް ވަނީ ފަށާފައެވެ. އެގޮތުން ސްކޫލުގެ މުދައްރިސުންނާއި ކުދިންތައް ދިހަ ގްރޫޕަކަށް ބަހައި ސާފުކުރަން ޖެހޭ ސަރަޙައްދު ދިހަ ގްރޫޕަށް ވާގޮތަށް ބަހައި މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދު މިކުރި މަސައްކަތުގައި ސާފުކޮށްނިންމާލި ސަރަޙައްދަށް ބަލާއިރު ރައްޔިތުންގެ އިންޖީނުގޭ ހުރި ސަރަޙައްދުން ފެށިގެންގޮސް ބޮޑު ބަނދަރާއި ސްޓޭޖް ސަރަހައްދާއި ތުނޑި ހިމެނުނެވެ. އަދި ތުނޑިން ފެށިގެން ގޮސް ބޮޑު މަގާ ހަމަޔަށް ސާފުކޮށްފައިވާއިރު އެހިސާބުން ފެށިގެން ނަރުދަމާ ނިޒާމުހުރި ހިސާބާއި ރުށްދަނޑާއި ވީފަރާތުން ‘ޔޮކަހާމާ’ ފުޓުބޯޅަ ދަނޑުކައިރިންގޮސް ކުނިކޮއްޓާ ހަމަޔަށްވަނީ ސާފުކޮށްފައެވެ. ބޭރުމަގާއި މަގާވީފަރާތު އަތިރިމައްޗާއި ހޭޅިފަށް ސާފުކުކުރުމުގެ ތެރޭގައި ގިނައަދަދެއްގެ ދަޅު ފުޅިއާއި، އުނބާއި މިނޫންވެސް ފެން ހަރުލާ ޒާތުގެ ކުނިބުނި ވަނީ ނަގައިފައެވެ. މިމަސައްކަތް ކުރިއަށްދިޔައިރު މަސައްކަތުގެ ފޯރިއާއި ޖޯޝުގައި ދަރިވަރުން މަސައްކަތް ކުރިއަށް ގެންދިޔަކަމަށް ގްރޫޕުތަކާ ހަވާލުވެގެންތިބި ގިނަ މުދައްރިސުން ފާހަގަކޮށްފައިވެއެވެ.

ރަށުގެ ޢާންމު ޙާލަތާއި ގުޅުންހުރި މިފަދަ މަސައްކަތްތަކުގައި ސްކޫލުން ދެއްވާ އެއްބާރުލުމާއި ބަހައްޓަވާ ގާތްކަމަކީ ރަށުގެ ވެރިންނާއި އިދާރާތަކުން އަބަދުވެސް ފާހަގަކުރައްވާ ކަމެވެ. މިއަދުކުރިއަށްދިަޔ މިމަސައްކަތަކީވެސް ނުރައްކާތެރި ހަލުވިމެނއްގައި ފެތުރެމުންމިދާ ޑެންގީހުން މުޅިން ހުއްޓާލުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއަށް އިތުރުވި ބޮޅެކެވެ.

ސާފުކުރުމުގެ މިފަދަ ކިތަންމެ ޕްރޮގްރާމްތަކެއް ހިންގިޔަސް ‘ރަށުގެ ރައްޔިތުން ހޭލުންތެރި ވެގެން ނޫނީ’ ނުރައްކާތެރި ބަލިތަކުން އަޅުގަނޑުމެން ސަލާމަތްވުމަކީ އުނދަގޫ ކަމެކެވެ. ގެއާއި ގޯތިތެރޭގައްޔާއި އެނޫންވެސް ތިމާ އުޅޭ ސަރަހައްދުތަކުގައި ފެން ހަރުލާ ޒާތުގެ އެއްޗިހި ނުބެހެއްޓުމާއި، ފެންހަރުލާފައިހުރި އެއްޗެއް ފެނިއްޖެނަމަ ބަނޑުން ޖަހާލުމަކީ އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. އަދި ރަށުގެ އެތަންމިތަނަށް ކުނި ނޭޅުމާއި ސާފުތާހިރުކަމަށް ލޯބިކުރުމަކީ އެތައް ސަތޭކަ ބައްޔަކުން އަޅުގަނޑުމެން ސަލާމަތްވާނެ ކަމެކެވެ.