ކިޔުމުގެ ދޭހަ: މިއީ ގްރޭޑް 9ގެ ދަރިވަރުންނަށް ދިނުމަށް ތައްޔާރުކޮށްފައިވާ ދޭހައެކެވެ.

މަރުގެ އަދަބު

1- މިޒަމާނަކީ މަރުގެ އަދަބު ދިނުމާއި ވަރަށްބޮޑަށް ދެކޮޅު ހަދަމުންދާ  ޒަމާނެކެވެ. މީހަކަށް މަރުގެ ޙުކުމް އިއްވައިފިނަމަ އެމީހަކަށް އިއްވިފައިވާ ޙުކުމް ބަދަލު ކުރުމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މީހުން ގޮވާނެއެވެ. އަދި ބައެއް ޤައުމުތަކުގެ ސަރުކާރުތަކުންވެސް މަރުގެ ޙުކުމް ތަންފީޒު ނުކުރުމަށް އިލްތިމާސްކޮށް ހަދާނެއެވެ. އަދި އެއްވެސް ޤައުމަކުން މަރުގެ ޙުކުމް ތަންފީޒު ކޮށްފިނަމަ އެޤައުމަކީ އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ނުހިތާ ޤައުމެއްކަމުގެ އިލްޒާމުވެސް އަޅުވާނެއެވެ.

2- އެމެރިކާގައި މަރުގެ އަދަބު ދެއެވެ. ނަމަވެސް އެކަމާ ދެކޮޅުހެދުންވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. އެޤައުމުގައި މަރުގެ ޙުކުމް ތަންފީޒުކުރަނީ ވިހަ އިންޖެކުޝަނެއް ޖަހައިގެންނެވެ. މިކަމާ ކޯޓުތަކުންވެސް ދެކޮޅުހަދަމުން ދެއެވެ. އިލިނޮއި ސުޓޭޓުގައި ވަނީ އެކަން ހުއްޓާލައިފައެވެ. ނިވް ޖާރޒީގައި ދަނީ މަރުގެ އަދަބުދިނުން ހުއްޓާލެވޭތޯ މަސައްކަތް ކުރަމުންނެވެ. ޔޫރަޕުގައިވެސް މަރުގެ އަދަބުދިނުމާއި ވަރަށްބޮޑަށް ދެކޮޅު ހަދައެވެ. އަދި ޞިނާޢީ އެހެނިހެން ޤައުމުތަކުގައިވެސް މިކަމާ ވަރަށްބޮޑަށް ދެކޮޅު ހަދައެވެ. ނަތީޖާއެއްގެ ގޮތުން ވަރަށްމަދު ޤައުމެއްގައި ފިޔަވައި މަރުގެ އަދަބުދިނުން ވަނީ ހުއްޓާލައިފައެވެ.

3- ނަމަވެސް ޤައުމުތަކުން ސަމާލުކަން އަދިނުދެވޭ ކަމެއް އެބައޮތެވެ. އެއީ ވޭތުވެދިޔަ ހަ އަހަރުގެތެރޭގައި ކުރެވިފައިވާ ކަމާބެހޭ ޢިލްމީ ދިރާސާތަކެވެ. މަރުގެ އަދަބާއި ގުޅޭގޮތުން ވޭތުވެދިޔަ ހަ އަހަރު ކުރެވުނު ދިރާސާތަކުން އެނގުނުގޮތުގައި މަރުގެ އަދަބު ދެވޭ ކޮންމެ ފަހަރަކާއި ގުޅިގެން މީހުން މެރުމުގެ ފަސް ހާދިސާއެއް އުނިވެގެން ދެއެވެ. އަދި މަރުގެ ޙުކުމެއް ލުއިކޮށްދެވޭ ކޮންމެ ފަހަރަކު މީހުން މެރުމުގެ ފަސްހާދިސާއެއް އިތުރުވެގެން ދެއެވެ. ” މިއީ ވަރުގަދަ ނަތީޖާއެކެވެ. މި ނަތީޖާއެއް ގެއްލިގެން ނުދާނެއެވެ. ” ނެސީ މޮކަން ވިދާޅުވިއެވެ. ” މަށަކީ މަރުގެ އަދަބުދިނުމާ ދެކޮޅު މީހެކެވެ. އެކަމަކު އަހަރެންގެ ނަތީޖާތައް ދައްކަނީ މަރުގެ އަދަބު ދިނުމަކީ މީހުން މެރުން މަދުވާ ކަމެއް ކަމުގައެވެ. އެހެންވީމާ ހަދާނީ ކިހެނެއްހެއްޔެވެ؟ މަޢުލޫމާތުތައް ފޮރުވަންވީ ހެއްޔެވެ؟ މީނާގެ ދިރާސާފަދަ ތަފާސް ހިސާބުތަކާއި ބެހޭ 12 ދިރާސާއެއް 2001ގެ ފަހުން ކުރެވިފައިވެއެވެ. މިހުރިހާ ދިރާސާތަކުންވެސް ދައްކާފައިވަނީ މަރުގެ އަދަބު ދިނުމަކީ ބޮޑެތި ކުށް ކުރުން މަދުވެގެންދާ ކަމެއްކަމުގައެވެ. އަދި މަރުގެ ޙުކުމް ތަންފީޒުކުރުން އަވަސްކުރުމަކީ މީހުން މެރުމުގެ ޢަދަދުވެސް މަދުވެގެންދާ ކަމެއްކަމުގައެވެ.

4513_dp_stats_social_top5

ދުނިޔޭގެ ބައެއް ގައުމުތަކުގައި ދަންޖައްސައިގެން މަރުގެ އަދަބުދެއެވެ.

4- އެމޮރީ ޔުނިވަރސިޓީގެ ޕްރޮފިސަރުންތަކެއް 2003 ވަނަ އަހަރު ކުރެއްވި ދިރާސާއަކަށްފަހު މަރުގެ އަދަބުދެވޭ ކޮންމެ ފަހަރަކާއި ގުޅިގެން އެވުރެޖު ގޮތެއްގައި މަރާލުމުގެ 18 ޙާދިސާ މަދުވެފައިވާކަމަށް ނިންމާފައި ވެއެވެ. ނަމަވެސް އެމެރިކާގެ އިލިނޮއި ސްޓޭޓުގައި 2000ވަނަ އަހަރު މަރުގެ އަދަބުދިނުން ހުއްޓާލުމާ ގުޅިގެން ވިދިގެން އައި ހަތަރު އަހަރުގެ ތެރޭގައި 150 މަރާލުމުގެ ޙާދިސާ އިތުރުވެފައިވާ ކަމަށް ޔުނިވަރސިޓީ އޮފް ހިއުސްޓަންގެ ޕްރޮފިސަރުންތަކެއް 2006ވަނަ އަހަރު ކުރެއްވި ދިރާސާއެއްގައި ދައްކާފައި ވެއެވެ.

5- މިފަދަ ދިރާސާތަކާ ގުޅިގެން މަރުގެ އަދަބު ދިނުމާ ދެކޮޅު ބައެއް ފަރާތްތަކުންވެސް މިހާރު މަޑުމަޑުން ވިސްނުން ބަދަލު ކުރަމުން އެބަ ގެންދެއެވެ. މިގޮތުން ޔުނިވަރސިޓީ އޮފް ޗިކާކޯގެ ޤާނޫނާބެހޭ ޕްރޮފިސަރެއް ކަމުގައިވާ ކޭސް ސަންސްޓެއިންއަކީ މަރުގެ އަދަބު ދިނުމާ ވަރަށްބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅެކެވެ. ނަމަވެސް މަރުގެ އަދަބު ދިނުމަކީ މީހުން މެރުން މަދުވެގެންދާ ކަމެއްކަން އެނގިވަޑައިގަތުމުން ތިޔަކަމަކީ މަރުގެ އަދަބު ދިނުމާ ދެކޮޅުހަދާ މީހުންނަށް ނުވިސްނި އޮންނަ ނުކުތާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

6- 1970ގެ އަހަރުތަކުގެ ތެރޭގައިވެސް މިމައްސަލައާމެދު ބަޙުޘް ކުރެވިފައި ވެއެވެ. 1975ވަނަ އަހަރު އިޤުތިޞާދީ މާހިރެއްކަމުގައިވާ އިސާކް އާރލިޗް ހެއްދެވި ދިރާސާއަކުންވެސް މަރުގެ އަދަބު ދިނުމަކީ މީހުން މެރުން މަދުވެގެންދާ ކަމެއްކަން ހާމަވެގެން ދިޔައެވެ. އަދި މިޚަބަރު ނޫސްތަކާއި ޚަބަރު ފަތުރާ އެހެނިހެން ވަޞީލަތްތަކުގެ ފަލަ ސުރުޚީއަށް އަރައިގެން ދިޔައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގައި 1972ވަނަ އަހަރު މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތްއޮތުން އުވާލައި 1976ވަނަ އަހަރު އަލުން މަރުގެ އަދަބު ދޭން ފެށުނެވެ.

ދޭހަ 2 ގެ ސުވާލުތައް

1- އެމެރިކާގެ ކޯޓުތަކުން ދެކޮޅުހެދީ ކޮން ކަމަކަށް ހެއްޔެވެ؟       ( 1 މާކުސް )

2 މަރުގެ އަދަބު ދެމުންއައި ބައެއް ޤައުމުތަކުން އެކަން ހުއްޓާލީ ކީއްވެ؟     ( 1 މާކުސް )

3- މަރުގެ އަދަބު ދިނުމާއި ގުޅޭގޮތުން ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ކުރެވުނު ދިރާސާތަކުގެ ނަތީޖާއަކީކޮބާ؟   ( 2 މާކުސް )

4- މަރުގެ އަދަބު ދިނުން ހުއްޓާލުމާއި ގުޅިގެން މަރާލުމުގެ ޙާދިސާތައް އިތުރުވެގެން ދިޔަކަން ސާބިތު ކޮށްދޭފަދަ ޖުމުލައެއް ލިޔުމުން ނަކަލު ކުރާށެވެ. ( 1 މާކުސް )

5- ކުރިން މަރުގެ އަދަބު ދިނުމާއިމެދު ދެކޮޅުހެދި ބައެއް މީހުންގެ ޚިޔާލު މިހާރުވަނީ ބަދަލުވެފައެވެ. އެބައިމީހުންގެ ޚިޔާލު ބަދަލުވީ ކީއްވެ؟ ) 2 މާކުސް )

6- މަރުގެ އަދަބު  ޙައްޤުވާ ފަރާތްތަކަށް  މަރުގެ އަދަބު ދިނުމަކީ ކުރުން  ރަނގަޅު ކަމެއް ހެއްޔެވެ؟ ނުވަތަ ރަނގަޅު ކަމެއް ނޫންހެއްޔެވެ؟ ލިޔުމުގައިވާ ވާހަކަތަކުގެ އަލީގައި ބުރަވާކޮޅެއް ހާމަކޮށް ސަބަބު ބަޔާން ކުރާށެވެ.   ( 3 މާކުސް )

7- ލިޔުމުގެ އެހީގައި ތިރީގައިވާ ބަސްތަކުގެ މާނަ ލިޔާށެވެ.      ( 2 މާކުސް )

    ހ- ޙުކުމް            ( ޕެރެގުރާފު 1 )

    ށ- އިންސާނީ ޙައްޤުތައް   ( ޕެރެގުރާފު 1 )

   ނ- ތަންފީޒުކުރުން       ( ޕެރެގުރާފު 2 )

   ރ- ޢިލްމީ ދިރާސާ       ( ޕެރެގުރާފު 3 )

2 ވަނަ ސުވާލު ( ޚުލާސާކުރުން )

ދޭހައިގެ ދެވަނަ  ބައިގައިވާ ލިޔުމުގެ  ފުރަތަމަ ތިން  ޕެރެގުރާފު ޚުލާސާ ކުރާށެވެ.  ކުރާ ޚުލާސާގެ ދިގުމިން 8 ފޮޅުވަތާއި 12 ފޮޅުވަތާ ދެމެދަށް ފައްތާށެވެ. (10 މާކުސް )

Advertisements