އަމިއްލަ ރަސްމީ ސިޓީ ލިޔުން

މިބާވަތުގެ ސިޓީ ލިޔާއިރު، ބޭނުންކުރެވޭ ބަހުރުވަޔާމެދު ވިސްނާށެވެ. ސިޓި އިބާރާތްކޮށްފައި އޮންނަންވާނީ މާތް ބަހުންނެވެ. އަމިއްލަ އަމިއްލަ ސިޓީތަކުގައި ބޭނުންކުރާ ފަދަ އާދައިގެ ބަހުރުވައެއް ނޫނެވެ. އެހެންކަމުން އެކަމަށް ފަރުވާތެރިވާން ވާނެއެވެ.

ތިރީގައި އެވަނީ ގްރޭޑް 10ގެ ކުލާހެއްގައި އަޅުގަނޑު ގެންގޮސްފައިވާ ސިޓީގެ ގަޑިއެއްގައި ބޭނުންކޮސްފައިވާ ސިޓީ ނޯޓެކެވެ. ބޭނުން ތެރި އެއްޗެއްކަމުގައި ދެކޭތީ ހިއްސާކޮށްލީއެވެ.

ސިޓީ ލިޔުން: ދީފައި އެވާ ސިޓީ ނޯޓަށް ސިޓީއެއް ލިޔާށެވެ. ސިޓީގެ މައިގަނޑު 20 ފޮޅުވަތަށްވުރެ ދިގުނުކުރާށެވެ.

ދ.ކުޑަހުވަދޫއަކީ މަސްވެރި އާބާދިއެއް ދިރިއުޅެމުންދާ ރަށެކެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަސްކެއްކުމާއި މަސްހިއްކުމާއި އަދި ރޯމަސް ގިނަދުވަހަށް ރައްކާކޮށްގެން އޭގެ ވިޔަފާރިކުރާ މީހުން އެރަށުގައި ވަރަށް ގިނައެވެ. އެހެން ނަމަވެސް އެރަށުގައި އެފަދަ ކުރާ ފަރާތްތަކަށް ތަފާތު އެކި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އަދި އެކަމުގެ ސަބަބުން އެފަދަ ވިޔަފާރިތައް ކުރާފަރާތްތަކުން ދަނީ ޝަކުވާތައް ކުރަމުންނެވެ. ތިޔަ ދަރިވަރަކީ ދ.ކުޑަހުވަދޫ ދެއިރުދޭމާގެ މުހައްމަދު ރިޟާކަމުގައި ބަލައިގެން،  މަސް ކެއްކުމާއި މަސް ހިއްކުމުގެ ވިޔަފާރީގައި ، މިހާރު ކުރިމަތިވެފައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް އެދި ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނަދީމަށް ސިޓީއެއް ލިޔާށެވެ. މިސިޓީގައި ތިރީގައި އެވާ ނުކުތާތައް ހިމަނަންވާނެއެވެ.

މަސް ކެއްކުމާއި މަސްހިއްކުމުގެ ވިޔަފާރީގައި ހޭދަވީ މުއްދަތު

އެވިޔަފާރިން މީގެ ކުރިން ލިބުނު އާމްދަނީ އާއި މިހާރު ލިބޭ އާމްދަނީ

މިހާރު އެމަސައްކަތް ކުރުމުގައި ހުރި ގޮންޖެހުންތައް (ދަތިތައް)

ދިމާވެފައިވާ ދަތިތައް ހައްލުކުރަން އެދޭ ގޮތް