ތިރީގައި އެވަނީ ލިޔުމެއްގެ އަސްލަކާއި އޭގެ ޚުލާސާއެވެ.

ލިޔުން: މިސިފަތަކާ ދުރުވަމާތޯ؟

ޒަމާނުއްސުރެ ދިވެހިން މަޝްހޫރު ވެފައިވަނީ ވަރަށް ހިންހެޔޮ ބައެއްގެ ގޮތުގައެވެ. އެކުވެރިކަމާއި، އެއްބައިވަންތަ ބައެއްގެ ގޮތުގައެވެ. އެހީތެރިކަމާއި، އޯގަތެރި ބައެއްގެ ގޮތުގައިވެސް މެއެވެ. ދިވެހީންގެ ކިބައިގައިހުރި މިރީތި ސިފަތަކަށް ތައުރީފުކޮށް، ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ބޭރުގެ ލިޔުންތެރިންވެސް ތަފާތު ލިޔުންތައް ލިޔުއްވާފައި ވެއެވެ. މީގެތެރޭން އެންމެ ފާހަގަ ކޮށްލެވޭ އެއްބޭފުޅަކީ އިބުނި ބަޠޫޠާއެވެ. މިރާއްޖޭގެ އަހުލުވެރިން ކުރު މުއްދަތެއްގައި ޙާޞިލު ކޮށްފައިވާ ތަރައްޤީގެ އުސް ބަހާތަކުގެ މައިގަނޑު އަސްލަކީވެސް ދިވެހީންގެ ކިބައިގައިހުރި މިދެންނެވި ސިފަތައް ކަމާމެދު ޝައްކެއްނެތެވެ.
މާޒީގައި ކަންއޮތީ މިހެން ކަމަށްވިޔަސް މިހާރު މަންޒަރު ބަދަލުވާން ފަށައިފިއެވެ. އިވޭއަޑުތަކާއި ފެންނަ ފެނުންތައްވެސް ތަފާތު ވާންފަށައިފިއެވެ. މުސްލިމުންގެ ގޮތުގައިތިބެމެ، މުސްލިމުންގެ ކިބައިން އެއްގޮތަކަށްވެސް ފެނިގެންނުވާނެ އެތައްސިފައެއް މިއަދު ދިވެހި މުޖުތަމަޢުގެ ބައެއް ފަރުދުންގެ ކިބައިގައި އާއްމު ވަމުންދާކަމީ ހިތާމަހުރި ކަމެކެވެ. ދެބައޮޑުވުމާއި، ޢީބަބުނުމާއި، ބޮޑާވުމާއި، ޙަސަދަވެރިވުންފަދަ ސިފަތަކަކީ އެސިފަ އެތަނެއްގެ އަހުލުވެރިންގެ ކިބައިގައި ހަރުލައިފިނަމަ މުޅިތަން ފަސާދަކުރާ ނުރައްކާތެރި ސިފަތަކެކެވެ. ތަރައްޤީގެ މަގުގައި ކުރިއަށްދިއުމަށް ހުރަސްތައް މެދުވެރި ކުރުވާފަދަ ނޭއްގާނީ ސިފަތަކެކެވެ. ދީނީގޮތުން ބަލާއިރުވެސް މިއިން އެއްވެސް ސިފައަކީ ފުރިހަމަ މުސްލިމެއްގެ ކިބައިގައި އެއްގޮތަކަށްވެސް ހުރެގެންވާނެ ސިފައެއްނޫނެވެ.

large_558174c6-6390-49bb-82d6-1355482fefbb

ދެ ދިވެއްސަކު ދިވެހި ހެދިކާއެއްކަމަށްވާ ‘ގުޅަ’ ހަދަނީ. ދިވެިންނަކީ މިފަދަ ކަންކަމުގައިވެސް ވަރަށް އެކުވެރި ބައެކެވެ.

 

މަތީގައި އިޝާރާތްކުރި ސިފަތަކުގެ ތެރެއިން، ދެބައޮޑުވުމަކީ އެމީހަކު ނެތްތަންތާނގައި އެމީހެއްގެހުރި އައިބެއްގެ ވާހަކަ ދެއްކުމެވެ. ނެތިމޮށުމަކީ އެމީހަކު ނެތްތަންތާނގައި އެމީހެއްގެ ނުބައިވާހަކަ ދެއްކުމެވެ. މިއިންކޮންމެ ސިފައަކީވެސް އެސިފައެއްގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުމަށް ބުރޫއަރާފަދަ ސިފަތަކެކެވެ. އެއްވެސް އިންސާނަކީ އެމީހެއްގެ ހުރި އައިބުތަކެއްގެ ވާހަކަ އެހެންމީހަކު ދައްކަން ބޭނުންވާނެ މީހެން ނޫނެވެ. އަދި އެމީހަކު ނެތްތަންތާނގައި އެމިހަކު ނުބައިމީސްކޮށް ވާހަކަ ދެއްކުމަކީވެސް އެއްވެސްމީހަކު އެދޭނޭ ގޮތެއް ނޫނެވެ. އެހެންކަމުން އެހެންމީހުން ތިމާއާދޭތެރޭ ކަންތައްތައްކުރަން ނޭދޭގޮތަށް، ތިމާވެސް އެހެންމީހުންނާ ދޭތެރޭ ކަންތައްތައް ކުރުމަކީ އެއްވެސް އިންސާފެއް ނޫނެވެ. އަދި އެގޮތަށް ކަންތައްތަށް ކުރާމީހާއަކީ ފުރިހަމަ މުޢުމިނެއްވެސް ނޫނެވެ. މިކަމާމެދު ކީރިތި ރަސޫލާގެ ޙަދީޘެއްގެ މާނައިގައި ވަނީ ތިމާއަށް ރަނގަޅު ގޮތްވުމަށް އެދޭފަދައިން އަނެކާއަށްވެސް ރަނގަޅުގޮތްވުމަށް ނޭދޭހައި ހިނދަކު ތިމާގެ އީމާންކަން ފުރިހަމަނުވާ ހުއްޓެވެ. މީގެއިތުރުން، ޢީބަބުނުމާއި ނެތިމޮށުން، ކީރިތިﷲ ސިފަކުރައްވާފައިވަނީ މުސްލިމަކު އޭނާގެ އަޚާ މަރުވެފައި ވަނިކޮށް އެއަޚާގެ މުޅަމަސްގަނޑު ކެއުމާއި އެއްފަދަ ކަމެއްކަމުގައެވެ. މިއިންވެސް އެގެނީ ނެތިމޮށުމާއި، ޣީބަ ބުނުމުގެ ނުބައިކަމެވެ. އަދި ދީނީ ނަޒަރަކުން ބަލާއިރު އެޢަމަލުގެ ހަޑިހުތުރު ކަމެވެ.
ބޮޑާވުމާއި ޙަސަދަވެރި ވުމަކީވެސް ހަމަ އެހައި ނޭއްގާނީ ދެސިފައެވެ. ބޮޑާވުމަކީ ތިމާވަރުގެ މީހަކު ނެތްކަމަށްދެކި ކިބުރުވެރި ވުމެވެ. ޙަސަދަވެރި ވުމަކީ އެހެންމީހަކަށް ލިބިފައިވާ ނިޢުމަތެއް އެމީހެއްގެ އަތުން ބީވުމަށް އެދުމެވެ. މިދެސިފައަކީވެސް މީހެއްގެ ކިބައިގައި އަށަގެންފިނަމަ އެމީހެއްގެ ވިސްނުމާއި ފިކުރު މުޅިން އެހެންދިމާއަކަށް އަނބުރުވާލާފަދަ ދެސިފައެވެ. ކިބުރުވެރިކަމާމެދު ކީރިތިރަސޫލާ ކުރައްވާފައިވާ ޙަދީޘެއްގެ މާނާގައިވަނީ، ކިބުރުވެރިކަމުގެ ކިތަންމެ ކުޑަމިންވަރެއްވެސް ހިތުގައިވާ މީހާ މޫނުވަތައް ނަރަކައަށް ވައްދަވާނެ ކަމަށެވެ. ހަމަ މިބީދައިން ޙަސަދަވެރި ކަމާމެދު ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގާވަނީ އަލިފާންދަރު އަންދައި ނެތިކޮށްލާފަދައިން، ޙަސަދަވެރިކަން އެމީހަކު ކޮށްފައިހުންނަ ހެޔޮޢަމަލުތަށް ނެތިކޮށްލައެވެ. މިދެޙަދީޘުންވެސް އަޅުގަނޑުމެންނަށް އެނގެނީ މިދެސިފައިގެ ނުރައްކާތެރިކަމެވެ.
ޙަޤީޤަތަކީ މިއީކަމަށްވުމުން، މިފަދަ ސިފަތަކެއް މުޖުތަމަޢެއްގައި ހަރުލައިފިނަމަ އެތަނެއްގައި އޮންނަ އެކުވެރިކަމާއި، އެއްބައިވަންތަ ކަމާއި، އަޚުވަންތަކަން މުޅިން ނެތިގެން ދާނެކަމީ ޝައްކެން ހުރި ކަމެއްނޫނެވެ. އެހެންކަމުން ކޮންމެ ކުއްޖަކުވެސް ބަލަންވީ ދެދުނިޔޭގެ ބާއްޖަވެރިކަންއޮތީ މާތްﷲ އެންގެވި ތެދުމަގުގައި ހިފަހައްޓައިގެން ކަމެވެ.

ލިޔުމުގެ ޚުލާސާ:

ޒަމާނުއްސުރެ ދިވެހިން މަޝްހޫރު ވެފައިވަނީ ވަރަށް ހިންހެޔޮ، އެއްބައިވަންތަ ބައެއްގެ ގޮތުގައެވެ. ދިވެހިންގެ މިސިފައަށް ތަޢުރީފުކޮށް ބޭރުގެ ތަފާތު ލިޔުންތެރިންވެސް ލިޔުއްވާފައިވެއެވެ. ކުރުމުއްދަތެއްގައި ރާއްޖެއަށް އައި ތަރައްޤީގެ މައިގަނޑު އަސްލަކީ ވެސް ދިވެހިންގެ ކިބައިގަހުރި މިދެންނެވި ފަދަ ސިފަތަކެވެ. ނަމަވެސް ޒަމާނާއެކު މިހާރު ހުރިހާކަމެއްވެސް ބަދަލުވާން ފަށައިފިއެވެ. މިގޮތުން މުސްލިމެއްގެ ކިބައިން ފެނިގެންނުވާނެ އެތައްސިފައެއް މިއަދު ބައެއް ދިވެހިންގެ ކިބައިން ފެންނަމުން އެބަދެއެވެ. ޣީބަބުނުމާއި، ދެބައޮޑުވުމާއި، ޙަސަދަވެރިވުމާއި، ބޮޑާވުންފަދަ ސިފަތަކަކީ ފުރިހަމަ މުސްލިމެއްގެ ކިބައިން ފެނިގެންވާނެ ފަދަ ސިފަތަކެއް ނޫނެވެ. އަދި، މިދެންނެވި ކޮންމެ ސިފައަކީވެސް މުޖުތަމަޢުގެ ހަމަޖެހުމަށް ބުރޫއަރާފަދަ ސިފައެކެވެ. ތިމާއަށް ރަނގަޅުގޮތް ވުމަށް އެދޭފަދައިން އަނެކާއަށްވެސް ރަނގަޅުގޮތްވުމަށް ނޭދޭނަމަ، ތިމާގެ އީމާންކަން ވެސް ފުރިހަމައެއް ނުވެއެވެ. އަދި އެފަދަ ސިފަތަށް ހުންނަމީހުންނަކީ އާޚިރަތް ދުވަހުންވެސް ނާކާމިޔާބީއާއި ކުރިމަތިލާންޖެހޭނެ ބައެއްކަމަށް މާތްﷲ އާއި އެކަލާންގެ ރަސޫލާވަނީ އަންގަވައިފައެވެ. އެހެންކަމުން ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދަން އެދޭމީހާ މިސިފަތަކާދުރުވެ މާތްﷲ އެންގެވިގޮތަށް އުޅެންޖެހެވެ.

Advertisements