ސުވާލު 1: ތިރީގައިއެވާ ދޭހަ ފަރުވާތެރިކަމާއެކު ކިޔުމަށްފަހު ދޭހަޔާގުޅިގެން ދީފައިވާ ސުވާލުތަކުގެ ޖަވާބު ލިޔާށެވެ.

ނަންއިތުރު


1- ދިވެހިބަސް ބައިބަޔަށް ބައިކުރެއްވުމުގައި، ބަހުގެ އެދުރުން ހިންގަވާފައިވާ މަގުތައް ތަފާތެވެ. ބަހުގެ ޤަވާއިދޭ ކިއުން އެކަށީގެންވާ ގޮތުގައި ފުރަތަމަ ލިޔުއްވި ލިޔުންތެރިޔަކީ ނާއިބު ތުއްތުއެވެ. އޭނާލިޔުއްވި ދެފޮތުންކުރެ ފޮތެއްގައި، އެފަދަ ގޮތަކަށް ބައިކުރައްވައި އެފަދަ ބަޔާނެއް ދެއްވާފައެއް ނެތެވެ.

2- އޭގަފަހުން ފަޟީލަތުއް ޝައިޚުލް މަރުޙޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވި އައްތުޙުފަތުލް އަދަބިއްޔާގައި ބަސްތައް ތިންބަޔަކަށް ބައިކުރައްވާފައި ވެއެވެ. އެއީ ނަން، ކަން، އަކުރު މިތިންބައެވެ. އޭގެފަހުން ސުއްލަމުލް އަރީބުގައި ވަނީވެސް ހަމަ އެގޮތަށެވެ.

ނަންއިތުރު

ނަންއިތުރުގެ މިސާލެއް

3- ނަންއިތުރު މިނަން އެންމެ ފުރަތަމަ ފެނުނީ އަލްއަމީރުލް މަރުޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލަގެފާނު ލިޔުއްވި “ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާ” މިފޮތުންނެވެ. އެފޮތުގައި ލިޔުއްވާފައިވާ ގޮތުގައި “ނަންއިތުރަކީ ނަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ލަފުޒެކެވެ.

4- މިދެންނެވި ފޮތުގެ ދުވަސްވަރަށް ފަހު ޗާޕްވެގެން ނުކުތް ބައެއް ފޮތްފޮތަށް ބަލާއިރު ނަންއިތުރުގެ ގޮޅި ފުޅައުވެގެން ހިގައްޖެވެ. ނަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކަންކަމަކީވެސް ނަންއިތުރަށް ވެއްޖެވެ.

5- މިކަން ކޮންމެ ގޮތަކަށް އޮތަސް، ނަންއިތުރަކީ ބަހުގެ ތެރެއަށް ވަދެ ހިނގާ ވަރަށް މުޙިއްމު އެއްޗެކެވެ. ނަންއިތުރު ރައްދުވާ ފަރާތް ފާހަގަ ކުރުމަކީވެސް ވަރަށް މުޙިއްމު ކަމެކެވެ. އެގޮތަކީ އެފަރާތް ފާހަގަ ކުރުމުގައި މަގުން އެއްކިބާ ވެއްޖެނަމަ ވަރަށްބޮޑެތި އޮޅުން އަރައިދާނެވެ. ގަސްތުކުރާ މާނަނޫން އެހެންމާނަ ދޭހަވާގޮތް ވެދާނެވެ.

6- މިދެންނެވި ބާވަތުގެ ބައެއްމިސާލު ދަންނަވާލާނަމެވެ. މިވެނިތަނެއްގައި ބޮމެއް ގޮއްވުމުގެ ސަބަބުން “ވަރަށްގިނަ ސަރުކާރުގެ ޢިމާރާތްތަކަށް ގެއްލުން” ލިބުނެވެ. މިހެން ބުނާބުނުމުން ދޭހަވާގޮތުގައި ވަރަށްގިނަ ކަމުގެސިފަ ދެވެނީ ކޮންފަރާތަކަށް ތޯއެވެ؟ ސަރުކާރަށް ނޫންތޯއެވެ؟ އެތައް ސަރުކާރެއްގެ ޢިމާރާތަށް ގެއްލުން ލިބުނުވާހަކަ ބުނާކަހަލައެވެ. ނަމަވެސް ވަރަށްގިނަކަމުގެ ސިފަ ރައްދުކުރާން އުޅުނީ އިމާރާތަށެވެ.

7- ބުނާމީހަކު ބުނެފާނެވެ. އެދޭތެރެއަށް ކޮމާއެއް ލީމާ ނިމުނީ ނޫންހޭ؟ އޭރުން މައްސަލައެއް ނުއުފެދޭނެއެވެ. ނަމަވެސް ވިދާޅުވެ ބައްލަވާށެވެ! ވާހަކައެއް ދެއްކުމުގެ ތެރޭގައި ނުވަތަ ޚަބަރެއް ކިޔުމުގެ ތެރޭގައި ކޮމާޖަހާނީ ކިހިނަކުން ތޯއެވެ؟ ދެންވެސް ހަމަ އެކަހަލަ އެހެން މިސާލެކެވެ. “އާސިފައިންގެ ސަރުކާރުން މިވެނި އެންގެވުމެއް އަންގަވާއިރު އައު ނުވަތަ އާ ކަމުގެސިފަ ދެވެނީ ކޮންފަރާތަކަށް ތޯއެވެ؟ ސިފައިންނަށް ތޯއެވެ؟ ނުވަތަ ސަރުކާރަށް ތޯއެވެ؟

8- މިކަހަލަ ބަސްތައް ވަރަށްގިނައިން އިވެމުންދެއެވެ. އަދި ވަކިން ޚާއްޞަ ގޮތެއްގައި މިންވަރު ނުވަތަ އަދަދު ބަޔާންކުރުމަށް ގެނެވޭ ނަންއިތުރު ރައްދުވާ ފަރާތް ފާހަގަ ކުރުމުގެ ބޭނުންތެރިކަން ބޮޑެވެ. ނޫންނަމަ ވަރަށްބޮޑަށް އޮޅިދާނެވެ. މިސާލު: ތިންމޫނުބަލާ ލޯގަނޑު، ދެމީހުން ގައިގައިލާ ކަހަލަ ފޮށާ، ދެފަޔަށް ލައްވާ އުރަ، ފަސްނަމާދު ފޮށާ، މިފަދަ ބަސްބަހުން އޮޅުމެއް ނާރާތޯއެވެ؟

9- އާއްމު ގޮތެއްގައި ނަންއިތުރު އޮންނާނީ ނަންއިތުރު ރައްދުކުރާން ބޭނުންވާ ފަރާތް ދޭހަކޮށްދޭ ނަމާއި ވިދިގެން ކުރިއަށެވެ.

10- ތެދެކެވެ. ނަންއިތުރު ރައްދުކުރަން ބޭނުންވާ ފަރާތް ފާހަގަކުރާން އެނގުމަކީ ވަރަށްބޭނުންތެރި ކަމެކެވެ. ލިޔުމާއި ކިޔުމުގައި އެކަމުގެ މައްޗަށް ސަމާލުކަން ދެއްވަމާ ހިނގާށެވެ.

ދޭހައިގެ ސުވާލުތައް:
1- “ނަންއިތުރު” މިނަން އެންމެ ފުރަތަމަ ފެނުނީ ކޮންފޮތަކުން ހެއްޔެވެ؟

2- ނަންއިތުރަކީ ކޮބައި ހެއްޔެވެ؟

3- ދިވެހިބަހުގެ ޤަވާއިދު ފޮތެއް އެންމެ ފުރަތަމަ ނެރުއްވީ ކޮންބޭފުޅެއް ހެއްޔެވެ؟

4- ނަންއިތުރު ބޭނުންކުރާއިރު ޢިބާރާތުގައި ބުނަން ގަސްތުކުރާ މާނަނޫން އެހެންމާނައެއް ދޭހަވާގޮތްވަނީ ކީއްވެ؟

5- ލިޔުމުގައިވާ “ބޮމެއް ގޮވުމުގެ ސަބަބުން ވަރަށްގިނަ ސަރުކާރުގެ ޢިމާރާތްތަކަށް ގެއްލުން ލިބުނެވެ.” މިޢިބާރާތް އިސްލާޙު ކޮށްގެން ލިޔާށެވެ!

6- ނަމަކަށް އިތުރު ބަޔާނެއް ގެނެސްދޭ ކަންކަމަކީ ނަންއިތުރު ކަމުގައި ބެލެވޭނެ ހެއްޔެވެ؟

7- ނަންއިތުރު ހިމަނައިގެން ލިޔާ ޖުމްލައިގައި ނަންއިތުރު އޮންނާނީ ކޮންތާކު؟

(ފިލާވަޅު ތައްޔާރުކުރީ، އަހުމަދު ޢަރީފް)

Advertisements