ކިޔުމުގެ ދޭހަ – ގްރޭޑް 6

ސިއްހަތަށް ގެއްލުން ނުވާ ގޮތަށް ރޯދަ ހިފުންރޯދަ

ރަމަޟާންމަހަކީ އަޅުކަމާއި ތަގުވާގެ މަހެވެ. ނަފްސާއި ހަށިގަނޑު ތޯހިރު ކުރުމުގެ މައްސަރެވެ. ހޫނުގަދަ ދުވަހެއް ފިނި ދުވަހެއް ނެތި ދުވާލުގެ ހަތަރުދަމު ރޯދަ ހިފައިގެން ހުންނަން ޖެހެ އެވެ. އެހެންކަމުން ރޯދަމަހު ސިއްހަތު ސަލާމަތުން ހުރުމަކީ އަޅުކަން ފުރިހަމައަށް އަދާކުރުމަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ.

ރޯދައަށް ހުންނަ ދުވަސްވަރު ސިއްހީ މައްސަލަތައް ދިމާވުން މަދުކުރުމަށްޓަކައި ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. އެގޮތުން ގަވާއިދުން ބޭހެއް ކާންޖެހޭ ނުވަތަ ސިއްހީ މައްސަލައެއް ހުރި ނަމަ ރޯދަ މަސް އައުމުގެ ކުރިން ޑޮކްޓަރަށް ދައްކައިގެން ރޯދަ މަހު ބޭސް ކެއުމާއި ކަންތައްތައް ބަހައްޓާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރުން ބޭނުންތެރި އެވެ. ހަމައެހެންމެ ރޯދަ މަސް ފެށުމުގެ ކުރިން ރޯދަމަހުގެ ޝެޑިއުލް ރާވާލުމަކީވެސް ވަރަށް މުހިއްމުކަމެކެވެ. ކާނީ ކޮން ގަޑިގަޑިއަކުތޯ އާއި ނިދާ ގަޑިއާއި އަދި ކަސްރަތު ކުރާނެ ގަޑިއެއް ހަމަޖެއްސުމެވެ. އޭރުން ހަށިގަނޑަށް ފައިދާ ހުރި ކާނާ އާއި ފެން ލިބޭނެ އިންތިޒާމް ދުރާލާ ހަމަޖެއްސޭނެ އެވެ. އަދި އަރާމު ކުރާނެ ވަގުތު ވެސް ކަނޑައެޅިފައި އޮންނާނެ އެވެ.

ރޯދަ އަށް ހުރުމަށްޓަކައި ހާރު ކެއުމަކީ މުހިއްމު ކަމެކެވެ. ނިދާފައި ހޭލުމަކީ ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމަކަށް ވިޔަސް ވީހާ ވެސް ލަހަކުން ހާރު ކެއުމަކީ ސިއްހަތަށް އެންމެ ފައިދާ ހުރި ގޮތެވެ. ހާރުކެއުން ފަސްކޮށްލާނަމަ ކައިގެން ބަނޑު ފުރައިގެން އޮށޯވެ ނިދުމުގެ ބަދަލުގައި ފަތިސް ނަމާދުކޮށްގެން އިރުއަރަންދެން ކިޔަވާލަން އިނދެފައި ނިދުމުގެ ފުރުސަތު ބޮޑުވާނެ އެވެ. ބަނޑު ފުރެންދެން ކައިގެން ވަގުތުން އޮށޯވެ ނިދުމަކީ ސިއްހީ މައްސަލަތައް އިތުރުވާނެ ކަމެކެވެ.

ރޯދަ ވީއްލާ ގަޑީގައި މާ ގަދަޔަށް ކެއުމުގެ ބަދަލުގައި ކިރު، ފެން ނުވަތަ ޖޫސް ތައްޓަކާއި ކަދުރުން ރޯދަ ވީއްލާށެވެ. އަދި މަޣުރިބު ނަމާދުކޮށްގެން އައިސް ތަންކޮޅެއް ލުއިކޮށް ކާށެވެ. ރޮށި ފަދަ އެއްޗެތި މި ގަޑިގައި ކާނަމަވެސް ބަނޑަށް އުނދަގޫ ނުވާ ވަރަށް ލުއި ކެއުމެއް ކާށެވެ. ދުވާލު ހަތަރު ދަމު އެއްޗެއް ނުކައި ހުރުމުން ހަށިގަނޑުން ފެންމަދުވެ ލޭގައި ހަކުރު އެކުލެވޭ މިންވަރު ހުންނާނީ ވަރަށް ދަށްވެފަ އެވެ. އެހެންކަމުން ކުއްލިއަކަށް މާ ގަދަޔަށް ކާލައިގެން ހަކުރު މާ މަތިވެގެން ދިއުމަކީ ސިއްހީ މައްސަލަތައް ދިމާވާނެ ކަމެކެވެ. މާގިނައިން ނުކައި ފެން ތައްޓަކުން ބަނޑު ފުރާލުން ރަނގަޅުވާނެ އެވެ.

ރޯދަ މަހޭ ކިޔާފައި ކަސްރަތު ކުރުން މުޅިން ހުއްޓާލައިގެން ނުވާނެ އެވެ. އެންމެ ކުޑަމިނުން 20-15 ވަރަކަށް މިނިޓް ހިނގާލިޔަސް ރަނގަޅެވެ. ކަސްރަތު ކުރަން އެންމެ ރަނގަޅީ ރޯދަ ވީއްލައިގެން ދެ ތިން ގަޑިއިރު ފަހުންނެވެ. ރޯދަ މަހު ވީވަރަކުން ހަވާދުލީ އެއްޗިއްސާއި ތެޔޮ އެއްޗެތި ނުކާށެވެ. ހަށިގަނޑަށް ތަފާތު ވައްތަރުގެ ވިޓަމިންސް ލިބޭ ކަހަލަ ކާނާތައް ކާށެވެ. ގަވާއިދުން ދުވާލަކު ދެތިން ފަހަރު ދަތް އުނގުޅާށެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން ދުރުހެލިވާށެވެ. ކާއެއްޗެއްގައި އަތްލުމުގެ ކުރިން އަތް ދޮންނަން އާދަކުރާށެވެ.

ދޭހައިގެ ސުވާލުތައް:
1. އަހަރުގެ އެހެން މަސްމަހާ ޚިލާފަށް ރޯދަމަހު ސިއްޙަތާމެދު ސަމާލުވާން ޖެހެނީ ކީއްވެގެން ހެއްޔެވެ؟
2. ރޯދައަށް ހުންނަ ދުވަސްވަރު ސިއްހީ މައްސަލަތައް ދިމާވުން މަދުކުރުމަށްޓަކައި ކުރެވިދާނެ 2 ކަމެއް ބަޔާންކޮށްދޭށެވެ.
3. ހާރުކެއުމުގައި އަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބާ؟
4. ރޯދަވީއްލާ ވަގުތު މާގިނައިން ނުކެއުމަށް ލިޔުންތެރިޔާ އެވިދާޅުވާ ސަބަބަކީ ކޮބާ؟
5. ރޯދަވެރިޔާ ރޯދައަށްހުރެ ފަރުވާތެރިވާންޖެހޭ 3 ކަމެއް ލިޔުމުގެ އަލީގައި ބަޔާންކޮށްދޭށެވެ.
6. ތިރީގައިވާ ބަސްތަކުގެ މާނަ ލިޔާށެވެ.
ހ. އިންތިޒާމް
ށ. ފަސްކޮށްލުން
ނ. ދުރުހެލިވުން

ތައްޔާރުކުރީ އަޙުމަދު އަރީފް (އައްސޭރި، ފ.ނިލަންދޫ)

 

Advertisements