މަގޭ ހިތުގެ ޝަކުވާ…
އަރީފްސާރ

1. ވެދުމާ ސަލާމާ އެކުފަށަން، ނައިން ޖީގެ ގަޑިތައް އަބަދުގާ
.         ވެދުމާ ސަލާމެއް ނުކުރިޔަސް، އަމުދުން މަނުބުނަން ޗުއްޕުވެސް

2. ފޮތުގާ ނުދީގެން ތަރިހަނދާ، އުޅުނޭ ދެދުވަހަކު ސާލިމާ
.         އެކުގާ ނަދީމާއާއި މިޒޫ، ޝަކުވާކުރާނެ އެއްބަސްވަމުން

3. ސާރާ ކުރީ އިނދެ ބުނެލައޭ، ފޮނި މީހެކޭ ތިޔަ ސޯއަކީ
.         ހޭން ފައްޓަމުން ޠައިލާ ނިކަން، އަވަހަށް ބުނާނެ އިޓް އިޒް ޓުރޫ

4. މާފާޑަކަށް އިނދެފާ ނަދާ، ސިއްރުން އިނާޝާއާއެކީ
.          ބުނެލާދެތިން ބަހަކުން މަގޭ، ހިތުގާ ޖެހޭނެ ބައެއްފަހަރު

5. ޝަމްނާ ގެނައި ޕެން ގެއްލިގެން، ޕެންއެއް ދިނީމާވެސް އަލުން
.         ނުބުނޭ ޝުކުރުވެސް ކުޑަމިނުން، ހެޔޮވާނެތޯ އެގޮތަށް ހަދަން

6. ބޭރަށް ބަލަން ދީނާ އިނޭ، ޔުސްރާ އެކީ އާ ބައިވެގެން
.         ދައްކަން އެދާ ފިރިހެން ކުދިން، އުޅެޔޭ ނިހާޔާ ފޯރިދީ

7. ޝަހުދާ ކިތަންމެ މަޑުން އިނަސް، ވަސްވާހަކުން ދޭ ޝާޒްލީ
.         ބޭރަށް ބަލާނެ ވަރަށް މަދުން، ބެންޗުގެ ކުދިންނާ އެކުވެގެން

8. ނަޖުވާ ނުބުނެޔޭ ޗުއްޕުވެސް، ހީވާ ގޮތުން އާމާލުވެސް
.         އެކަމަކު ނައިން ޖީ ޝައްމަމެން، އަނގަތަޅުވައޭ ހުއްޓާނުލާ

9. އިންތަން ބަދަލުކޮށްފާނެތީ، އީނާޝްވެސް ހޭކިޔެ ބޮޑާ
.         އިންތަން ބަދަލުކުރި ދުވަހުގާ، ދެކޮޅަށް ތެދުވެ އަޑު އުފުލިޔޭ

10. ދުންޔާގެ އަނގަ ހުޅުވިއްޖެޔޭ، އެކަމަކު ހަނާ އެހެނެއް ނުވޭ
.         އަޒުމާއެކީ ކުރިއަށް ގެނެސް، ދައްކާށެ ވާހަކަ ބުނުމަކުން

11. ފަހަތަށް ފޮނުވިޔަސް އާތިކާ، ޝަކުވާ ނުކޮށް ހިނިތުންވެފާ
.         އެހެނަސް އެހެންތޯއޭ ޝިފާ، ފޫއްސެއް މަވޭ ސޯދެކެ ބުނީ

12. ހީވާގޮތުންނެ ޝެރިންއަކީ، ލަދުވެތި މިޒާޖުގެ ކުއްޖެކޭ
.         މަޑުމޮޅިކަމާއެކު ބަސްބުނާ، ކުއްޖެއް ޒުނެއިނާވެސް އެއީ

13. މާބާރަކަށް ލެވިޔަސް ހަޅޭ، ހިރުވާ އެތައްމެ ކަހާނުލާ
.          މާފާޑަކަށް ހީލާ ހަދާ ކުއްޖެއް އެ ރީޝާވެސް އެއީ

14. ނައިން ޖީ ކުދިންގެ ރަނގަޅުކަމާ، އެކުދިން ބަހައްޓާ ގާތްކަމުން
.         އަބަދާ އަބަދު ތައުރީފުކޮށް، ސޯ ދައްކައޭ ވާހަކަ މިތާ

15. ޒިންމާގެ ވާހަކަ ދައްކަމުން، ޒިންމާ ހަނދާންކޮށް ދެއްވަމުން
.         ހިތްވެސް ބަދަލު ކޮށްލައިފިޔޭ، ތިކުދިން އަމިއްލަ އަތުން މަގޭ

(މިއީ 2013ވަނަ އަހަރު މަދަރުސަތުލް އަޙުމަދިއްޔާގެ ގްރޭޑް 9 ޖީގެ ދަރިވަރުން ކުލާހުގައި ވާޙަކަދައްކާ ޝަކުވާކޮށްހަދާތީ އެކަން ފާޙަގަކޮށް ތައްޔާޜުކޮށްފައިވާ ޅެމެކެވެ. ޅެން ތައްޔާރުކުރީ އަޅުގަނޑު އަޙުމަދު ޢަރީފް އެވެ.)