ތިރީގައި އެވަނީ ސާނަވީ ގްރޭޑް ނުވައެއްގެ ދަރިވަރުންނަށްޓަކައި ހިމަނާލާފައިވާ ދޭހައެކެވެ.Download

ވަރުގަދަކުރަންޖެހޭ ޤައުމީ ޖިހާދެއް

1. އާބާދީގެ ނިސްބަތުން ޒުވާނުންގެ އެންމެ ގިނަ ބަޔަކު މަސްތުވާތަކެތީގެ އަވާގައިޖެހި ބޭކާރުވަމުންދާ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. ޑްރަގުގެ ވަބާގެ ސަބަބުން ކުރިމަގު އެންމެ ބޮޑަށް ބަނަވެފައިވާ އެއް ޤައުމަކީވެސް ދިވެހިރާއްޖެއެވެ. މިކަމުގެ ހައްލާ ބެހޭގޮތުން ތަފާތު ފެންވަރުގައި ވާހަކަދެކެވި އެކި މަސައްކަތްތައް ކުރެވުނުކަމަށްވިޔަސް ބޭނުންވާ ނަތީޖާ އޮތީ އަދި ވަރަށް ދުރުގައެވެ. ނަތީޖާ ނުނެރެވި ދުވަސްތައް ދިގުލަމުންދާއިރު އިޖުތިމާޢީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން މިޤައުމުގެ އޮނިގަނޑު ދަނީ ފީވަމުން ހަލާކުވަމުންނެވެ.

2. މަސްތުވާ ތަކެތިން ކުލަކުލައިގެ ހުވަފެން އެންމެ ގިނައިން ދެކެމުންދާ ބަޔަކީ ޒުވާނުން ކަމުގައިވިޔަސް ޒުވާން އުމުރު ފަހަނައަޅައި އިސްތަށިތަކުގެ ކުލަ ހުދުވަމުންދާ ނުވަތަ ހުދުވެފައިވާ ބައެއް މީހުން މިވަބާގައި ޖެހިފައިވާކަމީވެސް ޙަޤީޤަތެކެވެ. ދަރިން ތަރުބިއްޔަތުކުރުމުގެ ޒިންމާ ކޮނޑުގައި އަޅަންޖެހިފައިވާ މައިންނާއި ބައްޕައިންގެ އިތުރުން މުޖުތަމަޢުގެ ޤަދަރާއި އިޙްތިރާމުލިބިގެން ޢަބުރުވެރިކަމާއެކު ގޭގައި އުޅެންޖެހޭ މާމަ، ކާފަ ނުވަތަ އެޢުމުރުގެ ބައެއް މީހުންވެސް ޑްރަގުގެ އަޅުންނަށްވެ ނިމިފައިވާކަމީ މިއަދުގެ ޙަޤީޤަތްތަކުގެތެރެއިން ޙަޤީޤަތެކެވެ. ރިހެބުފަދަ ތަންތަނުން ދެބަފައިންނާއި ދެމައިން އެކުގައި ފެންނަމުންދާ ދިއުމަކީ މައްސަލަ މިއަދު އޮތް ހިސާބު އަންގައިދޭ ހެއްކެކެވެ.

3. ރާއްޖޭގެ ހުރިހައި ކަންކޮޅުތަކުން މިފަދަ މަންޒަރުތައް ފެންނަމުންދާއިރު މިހާރު ޔަޤީންވާ އެއްކަމަކީ މިމައްސަލަ ޙައްލުކުރުމުގެ ގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ބޭކާރުވެގެން ގޮސްފައިވާކަމެވެ. ބޭކާރުވެގެން ގޮސްފައި ނުވާނަމަ ޑްރަގުގެ މައްސަލަ އެއްދުވަހުން އަނެއް ދުވަހަށް ސީރިއަސްވަމުން ފުޅާވަމުން ނުދާނެއެވެ. މިހާތަނަށް ވިސްނިފައިވާ ވިސްނުންތަކާއި އެކަށަ ހެޅިފައިވާ ޕްލޭންތަކާއި ކުރެވިފައިވާ މަސައްކަތްތައް ބޭކާރުވެފައިވާނަމަ ދެން މިމައްސަލަ ހައްލުކުރުމަށް އޮންނާނީ ކޮންމެވެސް އެހެން ގޮތެކެވެ. ނުވަތަ ގޮތްތަކެކެވެ. އެނބުރެންޖެހެނީ އެދިމާއަށެވެ.

4. ޑްރަގަކީ މިއަދު މިޤައުމުގެ ހަލާކަށް ވެފައިވާއިރު ޑްރަގަކީ މިޤައުމުގައި އުފައްދާ އަދި އުފެދޭނެ އެއްޗެއްވެސް ނޫނެވެ. އެއީ ކޮންމެވެސް ބަޔަކު އެތެރެކުރާ އެއްޗެކެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި މަރުގެ ހުކުމް ކަނޑައެޅިފައިވާ ކުށްތަކުގެތެރެއިން އެއް ކުށަކީ ޑްރަގު އެތެރެ ކުރުމާއި ވިއްކުމެވެ. އެކަހަލަ ޤައުމުތަކުގެ ޑްރަގުގެ ކަންތައް އޮތީ ކިހާވަރަކަށްކަން ދެނެގަނެ ފިލާވަޅު ލިބިގަތުމަކީވެސް އަޅުގަނޑުމެންނަށް އޮތްކަމެކެވެ. ކުށްވެރިން ނުމެރިއަސް އެބާވަތުގެ މީހުން އަލުން މުޖުތަމައަށް ނުވެއްދުމަކީ ކުރަންޖެހިފައި އޮތްކަމެކެވެ.

5. ވަކި މުއްދަތަކުން މާފުދީފައި ދޫކޮށްލުމާއި ގާތްތިމާގެ މީހުންގެ އާދޭސްތަކާއި ގުޅިގެން ހަމްދަރުދީވުމުގެ އާދަ މިއޮތީ ދޫކޮށްލަންޖެހިފައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ޖަލުތައް ހަދައިގެން ބޮޑެތިކުށްވެރިން އެތަންތަނުގައި ގެންގުޅުމުގެ ބަދަލުގައި މުޅިން އެކަހެރި ދުރުރަށެއް ޙާއްޞަކޮށް މިބާވަތުގެ ކުށްވެރިން އެރަށެއްގެ ދާއިމީ ރަށްވެހިން ނުވަތަ ޤައިދީންނަށް ހެދުމަކީ މިހާރު ވިސްނުން އަމާޒުކުރަންޖެހިފައިވާ ކަމެކެވެ.

6. މިކަންކަމަކީ ވަކިބަޔަކާ ދެކޮޅަށް ކުރެވޭ ނުވަތަ ކުރަންޖެހޭ ކަމަކަށްވުރެ މުޅި ޤައުމުގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި އޮތްކަމެކެވެ. މުޅި ޤައުމުގެ މަސްލަހަތާއި ގުޅިފައިވާ ކަންކަމަކީ ދޫދެވޭނެ ނުވަތަ ފަރުވާ ކުޑަކުރެވޭނެ ކަންކަމެއް ނޫނެވެ. ޤައުމަށްޓަކައި ޖިހާދުކުރުމާއި ޤުރުބާންވުމަކީ ހަމައެކަނި ކަނޑި ބަޑި ހިފައިގެން ނުކުތުމެއް ނޫނެވެ. ޤައުމަށް ދިމާވާ ނުރައްކާތަކުން ޤައުމު މިންޖުކޮށްދިނުމަށް ކޮންމެ ސިފައެއްގައިވިޔަސް އެހީތެރިވެދިނުމަކީ ޤައުމީ ޖިހާދެކެވެ. ޑްރަގުގެ ވަބާއާ ދެކޮޅަށް ފަށަންޖެހިފައި އޮތީ އެފަދަ ޖިހާދެކެވެ. ( “16 ފެބުރުއަރީ 2008 ގެ ހަވީރުނޫހުން ނަގާފައި”)

ދޭހައިގެ ސުވާލުތަކަށް ޖަވާބުދޭށެވެ.

1. ރާއްޖެއަށް ދިމާވެފައިވާ އެންމެ މުހިއްމު ދެމައްސަލައަކީ ކޮބާ؟

2. ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުނުކުރެވުމުގެ ސަބަބުން ދިމާވާ މައްސަލައަކީ ކޮބާ؟

3. ލިޔޔުންތެރިޔާ މިއަދުގެ ޙަޤީޤަތްތަކުގެތެރެއިން ޙަޤީޤަތެއްކަމަށް އެބުނާ ކަމަކީކޮބާ؟

4. ޑްރަގުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ބޭކާރުވެގެން ގޮސްފައިވާކަމަށް ލިޔުންތެރިޔާ އެބުނަނީ ކީއްވެތަ؟

5. ޑްރަގަކީ ކޮންމެވެސް ބަޔަކު އެތެރެކުރާ އެއްޗެއްކަމަށް ލިޔުންތެރިޔާ އެދައްކާ ހެކިތަކަކީ ކޮބާ؟

6. ރާއްޖެ ޑުރަގުގެ ވަބާއިން ސަލާމަތްކުރުމަށް ލިޔުންތެރިޔާ ހުށަހަޅާފައިވާ ކަންތައްތަކުގެތެރެއިން 4 ކަންތައް ލިޔޭ!

7. “މީހުން ދިރިއުޅޭ ރަށްރަށުގައި ޖަލުތައް ހަދައިގެން ބޮޑެތިކުށްވެރިން އެތަންތަނުގައި ގެންގުޅުމުގެ ބަދަލުގައި މުޅިން އެކަހެރި ދުރުރަށެއް ޙާއްޞަކޮށް މިބާވަތުގެ ކުށްވެރިން އެރަށެއްގެ ދާއިމީ ރަށްވެހިން ނުވަތަ ޤައިދީންނަށް ހެދުމަކީ މިހާރު ވިސްނުން އަމާޒުކުރަންޖެހިފައިވާ ކަމެކެވެ.”ލިޔުންތެރިޔާގެ މި ބުނުމާމެދު ތިޔަ ދަރިވަރު ދެކޭގޮތް މުޖުތަމަޢުން ހެކިދައްކައިގެން އޮޅުންފިލުވައިދީ!

8. ތިރީގައިވާ ލަފުޒުތަކުގެ މާނަ ދޭހައިގައި ގެނެސްދީފައިވާ މާނަ ލިޔާށެވެ.

ހ. އަވައިގައިޖެހުން ޕ1 ، ށ. ފަހަނައަޅައި ޕ2 ، ނ. ކަންކޮޅުތަކުން ޕ3 ، ރ. މިންޖުކޮށްދިނުން ޕ6

ތައްޔާރުކުރީ އަޙުމަދު ޢަރީފް / އައްސޭރި / ފ.ނިލަންދޫ

Advertisements