ކުޑަކުދިންގެ ވާހަކަ

މަކަރުވެރި ހިޔަޅާއި މޮޔަ ކާޅުމޮޔަ ކާޅާއި މަކަރުވެރި ހިޔަޅު

އެއްދުވަހެއްގެ ހެނދުނެވެ. ކާޅެއް ބަނޑުހައިވެގެން ކާއެއްޗަކަށް ހޯދަމުން އުދުހެނީއެވެ. ބޯކޮށް ހެދިފައިވާ ގަސްތައް މަތިން އުދުހެމުންއައިސް މީހުން އުޅޭ ގެތައް މަތިން އުދުހެނިކޮށް ކާނެ އެއްޗެއް ކާޅަށް ފެނުނެވެ. ގެއެއްގެ ބޭރު އަށިމަތީގައި ހިއްކަން އަވީލައިފައިހުރި މަސް ތައްޓެކެވެ. ކާޅު ވަރަށް ނުބައި ގޮތަކަށް ބަލަން އިދެފައި އޭގެ ތެރެއިން މަސްކިބައެއް ތުނބުލައިގެން އުދުހިގެންފިއެވެ. ކާޅު އުފަލުންގޮސް ވަރަށް ދުރަށް ދެވެންދެން އުދުހުނެވެ. އެއްވެސް އެއްޗަކަށް ނުފެންނަ ހިސާބުގައި ހެދިފައިހުރި ގަހެއްގެ އޮފިގަނޑުގައި ކާޅު އިށީނެވެ. އަދި އޭތީގެ ތުނބުން މަސްކިބަ ވީދައިގެން ކާންފެށިއެވެ.

އެވަގުތު އެތަނަށް ހިޔަޅަކަށް އާދެވިއްޖެއެވެ. މަސްކިބަ ފެނުމާއެކު ހިޔަޅު ދަހިވިއެވެ. އަދި ކާޅުގެ އަތުން އެމަސްކިބަ އަތުލާނެ ގޮތަކާމެދު ވިސްނިއެވެ.

“ކާޅާ.. ކާޅުގެ އަޑު ތީ ހާދަ ރީތި އަޑެކޭ. ތިޔަ އަޑުން ލަވައެއް ކިޔަނިކޮށް ހުރިހައި ދޫނި ތަކުގެ ރާޖާއަށް ވެވިދާނެ” ކުޑައިރުކޮޅަކު ވިސްނަން އިނދެފައި ހިޔަޅު ބުންޏެވެ.

އެވަގުތު ކާޅު ބޭނުންވީ ކާޅުގެ އަޑުން ލަވައެއް ކިޔައިގެން ދޫނިތަކުގެ ރާޖާއަށް ވާށެވެ. ކާޅު ލަވައެއްކިޔަން އޭތީގެ ތުނބުކޮޅު ހުޅުވާލުމާއެކު ތުނބުގައިއޮތް މަސްކިބަ ވެއްޓުނެވެ. ހަމައެއާކު އެމަކަރުވެރި ހިޔަޅު މަސްކިބަ ނެގިއެވެ. އަދި ކާޅާ ދިމާއަށް ބުންޏެވެ.

“މޮޔަ ކާޅާ. ކަލޯ ހީކުރީ ކަލޯގެ އަޑު ވަރަށް ރީތިކަމަށްތަ؟ ދެންވެސް މީހަކު ހަމަ ދައްކާވާހާ ވާހަކައަކަށް ނުހެއްލޭތި.”

އެހެން ބުނެފައި ހެމުން ހެމުން ހިޔަޅު މަސްކިބަ ހިފައިގެން ދުއްވައިގަތެވެ.

ނިމުނީ