ދީފައިއެވާ ދޭހަ ފަރުވާތެރިކަމާއެކު ކިޔައިލާށެވެ.kalhu dhunn

1. މާލޭގެ އާބާދީ ތޮއްޖެހި، ދުއްވާ އެއްޗިހިން ދަނީ ފިތި ބާރުވަމުންނެވެ. މާލޭގެ ހަނި މަގުތައް ފުރުމުގެ އިތުރުން ޕާކުކުރާނެ ޖާގަތައް ފުރުމުގެ ސަބަބުން ދުއްވާ އެއްޗެހީގެ ތަރުތީބު ގެއްލި، އެމީހަކާ އެމީހެކޭ ބުނާ އުސޫލުން ކަންތައްތައް ކުރާތީ ޓުރެފިކު މައްސަލަދަނީ ސީރިއަސްވަމުންނެވެ.

2. ދުއްވާ އެއްޗިހި އިތުރުވެ ވައި ތަޣައްޔަރު ވުމަކީ ސިއްޚީގޮތުން ނުރައްކާތެރި ކަމެކެވެ. ޚާއްޞަކޮށް ކުޑަކުދިންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވެއެވެ. އޭގެތެރޭގައި ނޭވާލާ ނިޒާމުގެ ބަލިތަކާއި ހަމުގެ ބަލިތައްވެސް ހިމެނެއެވެ. އަދި ބައެއް މީހުންގެ ސިކުނޑީގެ ބަލިތައްވެސް ކުރިމަތިވާކަމަށް ފަހުގެ ދިރާސާތަކުންވަނީ ދައްކާފައެވެ.

3. މާލޭގައި ކަޅުދުން ގިނަ ވެހިކަލްތައް މަގުމަތީގައި ދުއްވުމަކީ އާއްމުކަމެކެވެ. އެކަން ކޮންޓްރޯލް ކުރުމަށް ނުވަތަ ހައްލުކުރުމަށް ރޯޑުވާދިނަސް ހަދަމުން ގެންދިޔަ ނަމަވެސް އޭގެސަބަބުން ވެހިކަލްތަކުގެ ހާލަތަށް ބަދަލު އަންނާތީއެއް ނުފެނެއެވެ. ކަޅުދުމުގެ މައްސަލަ ދަނީ ބަނަވަމުންނެވެ.

4. ކަޅުދުން ގިނަވެ ވައި ތަޣައްޔަރު ވުމަކީ ސީރިޔަސް މައްސަލައެކެވެ. ތަރައްގީ ވެފައިވާ ގައުމުތަކުގައި އެއާ ކޮލިޓީ ސްޓޭންޑަޑް ހިފެހެއްޓުމަށްޓަކައި ވަރަށް ހަރުދަނާ ގަވާއިދުތައް ދަނީ ތަންފީޒު ކުރަމުންނެވެ. އެމެރިކާގައި ނޭވާ ހިއްލާ މީހުންގެ އަދަދު 14 މިލިއަނަށް އަރައި، އޭގެތެރޭގައި 6 މިލިއަން ކުޑަކުދިން ހިމެނުމާގުޅިގެން ވައިގެ ނުސާފުކަން ކުޑަކުރުމަށް ޚާއްޞަ ކަންތައް ތަކެއް ތައާރަފު ކުރިއެވެ. އެގޮތުން އެންމެ ފުޅާ މަސައްކަތަކަށް ހެދީ މީޑިޔާ ކެންޕޭނެވެ. އެންމެންގެ ޞިއްޚަތަށް އޮތް ނުރައްކަލެއްގެ ވާހަކަ ބުނެދީ ގިނަ ބައެއްގެ އެއްބާރުލުން ހޯދައިގެން ކަޅުދުމުގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ފެށިއެވެ. އެހެންނަމަވެސް އެމެރިކާގައި ހިންގާ ތަފާތު ފެކްޓްރީތަކުން ނުކުންނަ ދުމުގެ މައްސަލަ ހައްލުކުރުމުގައި މާބޮޑު ސަމާލުކަމެއް ނުދިނެވެ. އެއީ އިޤްތިޞާދު މަރުވެދާނެކަމަށް ބަލާފައެވެ.

5. މާލޭގައި ވައިގެ ހާލަތު ގޯސްކަމަށް ބަލަމާހެއްޔެވެ؟ އެހެންނަމަވެސް އެކަން ކަށަވަރުކަމާއެކު ބުނެވޭނީ ދާއިމީގޮތެއްގައި އެކަން މޮނިޓަރކޮށްބަލާނެ ސައިންޓިފިކް ނިޒާމެއް ގާއިމުކޮށްގެންނެވެ. އެހެންނަމަވެސް މާލޭގައި އެފަދަ އިތުބާރު ހަރުދަނާ ނިޒާމެއްގެދަށުން ވައިގެ ހާލަތު ވަޒަންކުރަމަކުން ނުގެންދެވެއެވެ. އެހެންކަމުން ވައި ތަޣައްޔަރުވާ މިންވަރު ކަނޑައެޅިގެން ބުނުމަކީ ފަސޭހަކަމަކަށް ނުވެއެވެ.

6. ކަޅުދުމުގައި އެކުލެވޭ ކާބަން މޮނޮއޮކްސައިޑުގެ ނުރައްކަލާމެދު ސަމާލުވާން ވެއްޖެއެވެ. މަދިރީގެ ސަބަބުންޖެހޭ ބަލިތަކުގެ އަސަރު ކުއްލިއަކަށް ހަށިގަނޑު ފެނުނުކަމުގައި ވީނަމަވެސް ކަޅުދުމުގައި އެކުލެވޭ ވިހައިން ފުއްޕާމެޔަށާއި ހަންގަނޑަށް ލިބޭ އެކިއެކި ގެއްލުންތައް ކުއްލިއަކަށް ކުރިމަތިވެ، ނުރައްކަލަކާ ކުރިމަތިލާން ނުޖެހިދާނެއެވެ. އެހެންނަމަވެސް ދިގުމުއްދަތަކަށް ބަލާއިރު އެއީ ބޮޑު މައްސަލައެކެވެ. ވަރަށް ސީރިއަސް ކަމެކެވެ.

7. ކަޅުދުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހެލްތު މިނިސްޓްރީ އާއި ޓްރާންސްޕޯޓު ފަދަ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ހަރުދަނާ ނިންމުންތަކެއް ނިންމަންވެއްޖެއެވެ. ސިޔާސީ ވަގުތީ ފައިދާއަކަށްވުރެ މުޅި ރައްޔިތުންގެ ދާއިމީ ފައިދާއަށް ވިސްނައިގެން ސިޔާސަތު ރާވައި ތަންފީޒު ކުރުމުގެ ވަގުތު މިއޮތީ ޖެހިފައެވެ. އެހެންނޫނީ އާއްމުންގެ ޞިއްޙީ މައްސަލަތައް އިތުރުވެ، ނޭވާލާން އުނދަގޫވާން ފަށާފާނެއެވެ. ކުދިން ހެދި ބޮޑުވުމަށް ހުރަސް އެޅި ދުޅަހެޔޮކަން ގެއްލިދާނެއެވެ.
17 މެއި 2007ގެ ހަވީރު ނޫހުން ނަގާފައި

ތިރީގައިވާ ސުވާލުތަކަށް ތަމްރީން ހަދާފޮތުގައި ޖަވަބުދޭށެވެ.

1. މާލޭގެ ޓުރެފިކު މައްސަލަތައް ސީރިއަސްވަމުންދާ ސަބަބުތައް އޮޅުންފިލުވައިދޭށެވެ!

2. ވައި ތަޣައްޔަރުވުމުގެ ސަބަބުން ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަކީ ކޮބާ؟

3. މާލެއިން ކަޅުދުން ގިނަ ވެހިކަލްތައް މަދުކުރުމަށް ކުރާކަމަކީ ކޮބާ؟

4. އެމެރިކާގައި ވައިސާނުސާފުކަން ކުޑަކުރުމަށް ވަރަށް ޚާއްޞަ ހަރަކާތެއް ހިންގިކަމަށް މިލިޔުމުގައިފާހަގަކޮށްފައިވެއެވެ. އެ ހަރަކާތަކީ ކޮބާ؟

5. އެމެރިކާގައި ހިންގާ ތަފާތު ފެކްޓްރީތަކުން ނުކުންނަ ދުމުގެ މައްސަލަ ހައްލުކުރުމުގައި މާބޮޑު ސަމާލުކަމެއް ނުދިންކަމަށް ލިޔުންތެރިޔާ ހާމަކޮށްފައިވެއެވެ. ތިޔަދަރިވަރު ދެކޭގޮތުގައި އެމެރިކާގެ ސަރުކާރުން މިކަމަށް އެއްވެސް ސަމާލުކަމެއް ނުދިން ސަބަބު ބަޔާންކުރޭ!

6. މާލޭގެ ވައި ތަޣައްޔަރުވާ މިންވަރު ކަނޑައެޅިގެން ނުބުނެވެނީ ކީޢްވެތަ؟ އަދި މިކަން ހައްލުކުމަށް ކުރަންވީ ކަންތައްތަކަކީ ކޮބާ؟

7. ސިޔާސީ ވަގުތީ ފައިދާއަކަށްވުރެ މުޅި ރައްޔިތުންގެ ދާއިމީ ފައިދާއަށް ވިސްނައިގެން ސިޔާސަތު ރާވައި ތަންފީޒު ކުރަންޖެހެނީ ކީއްވެތަ؟

8 . ތިރީގައިވާ ބަސްތަކުގެ މާނަލިޔާށެވެ.
ހ. ތޮއްޖެހުން ޕ1      ށ. ބަނަވުން ޕ3      ނ. ތަންފީޒުކުރުން ޕ4     ރ. ސިޔާސަތު ރޭވުން ޕ7

ތައްޔާރުކުރީ އަޙުމަދު ޢަރީފް