ކުޑަކުދިންގެ ވާހަކަ

ތެދުވެރިވާށެވެ.Camera 360

ލިޔުނީ އަޙުމަދު އަރީފް

އަހުމަދަކީ އާދައިގެ ޓެކްސީއެއް ދުއްވާ ޑްރައިވަރެކެވެ. އޭނަ އާންމުކޮށް ދަތުރުކޮށް އުޅެނީ ބަނދަރުމަތީގައެވެ. ދޯނިތައް ލަފާގަޑި އެސަރަހައްދުން މީހުން އަރުވައިގެން ދަތުރުތައް ކުރުމަކީ އަހުމަދުގެ އާދައެކެވެ. މިމަސައްކަތުން މާގިނަ ލާރިތަކެއް ނުލިބުނަސް އަހުމަދަކީ ދަހި މީހެއް ނޫނެވެ.

އާދައިގެމަތިން އެއްދުވަހަކު އަހުމަދު ބަނދަރުމައްޗަށް ދިޔައެވެ. އޭރު އުތުރު އަތޮޅަކަށް ނިސްބަތްވާ ބޮޑު ބޯޓެއް ބަނދަރުކުރަނީއެވެ. އަހުމަދުގޮސް އޭނާގެ ކާރު މަޑުކޮށްލީ އެބޯޓު އޮތްދިމާއަށެވެ. މީހުންތައް ފައިބަން ފެށުމާއެކު އެތަނުން މުސްކުޅިފުރައިގެ ފިރިހެނަކު އަހުމަދުގެ ކާރަށް އަރައިފިއެވެ. އޭނާ ދާންބޭނުންވީ ދަރުބާރުގެއަށެވެ.

އާދައިގެ ދުވެއްޔެއްގައި އަހުމަދު ދުއްވަމުންގޮސް ދަރުބާރުގޭ ދޮރުކުރިމަތީ ކާރު މަޑުކޮށްލުމާއެކު އެމީހާ ފައިބައިގެން ދަރުބާރުގެއަށް ވަނެވެ. ހަމައެއާއެކު އަހުމަދުވެސް އަނެއްކާ ބަނދަރުމައްޗަށް ދިއުމަށް ނައްޓާލިއެވެ. ތަންކޮޅަކަށް ދިޔަތަނާ އަހުމަދަށް ކާރުގެ ގޮނޑިމަތީގައި ވަރަށް އަގުބޮޑު ކެމެރާއެއް އޮއްވައި ފެނިއްޖެއެވެ. އަދި އެއީ ދެންމެ ދަރުބާރުގެއަށް ފެއިބި މީހާގެ ކެމެރާއެއްކަން އަހުމަދަށް ޔަގީންކުރެވުނެވެ.

ވަގުތުން އަހުމަދު ފޯނުނަގަފައި ދަރުބަރުގެއަށް ގުޅިއެވެ. އޭރު އެކެމެރާގެ ވެރިފަރާތުން ކެމެރާގެއްލިގެން ހޯދަނީއެވެ. އަހުމަދު އޭނާގެ އަތުގައި ކެމެރާ އޮތްވާހަކަ ބުނެފައި އެނބުރި ދަރުބާރުގެއަށް ދިޔައެވެ. ކެމެރާގެ ވެރިފަރާތަށް ކެމެރާ ހަވާލުކުރެވުމުން އަހުމަދުގެ ތެދުވެރިކަމާހުރެ އެމީހާ ވަރަށް އުފާކުރިއެވެ. އަދި ބުންޏެވެ.

“ތިޔައީ ވަރަށް ރަނގަޅު ސިފައެއް. އަބަދުވެސް ތެދުވެރިވާންވާނެ.” މިހެން ބުނެފައި އެމީހާ އަހުމަދަށް 500 ރުފިޔާ ދިނެވެ. އަދި ބުންޏެވެ. “މިއީ އަހުމަދު ތެދުވެރިވީމައި އޭގެ ބަދަލުގައި އަހަރެން ދިން ހަދިޔާއެއް”

Advertisements