ކުޑަކުދިންގެ ވާހަކަ

ހިތްވަރާއެކު މަސައްކަތްކުރާށެވެ. ކާމިޔާބު ވާނެއެވެ.boy reading the book

ލިޔުނީ އަޙުމަދު އަރީފް

އަހުމަދަކީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގުރޭޑް 5ގައި ކިޔަވަމުންދާ ބަސްއަހާ ކުއްޖެކެވެ. ހުރިހައި ޓީޗަރުންވެސް އަހުމަދު ދެކެ ވަރަށް ލޯބިވެއެވެ. އެއީ އަބަދުވެސް އަހުމަދު ކިޔެވުމަށް ރަނގަޅުވެފައި ޓީޗަރުންގެ ބަސް އަހާތިއެވެ. އަހުމަދު ބޭނުންވަނީ ގްރޭޑް ފަހެއް ނިމޭއިރު މުޅި ގްރޭޑުން އެއްވަނަ ދަރިވަރަކަށް ވާށެވެ. އެކަމަކު އެގުރޭޑުގައި އަހުމަދު ނޫނަސް ވަރަށް މޮޅު ކުދިން ތިބެއެވެ. އެކަމާ އަހުމަދު ވަރަށް ޖެހިލުންވެއެވެ. އަދި އަހަރުގެ ފަހު އިމްތިހާނުގައި އެކުދިންނަށްވުރެ ދަށްވެދާނެތީ ބިރުގަނެއެވެ.

އެއްދުވަހު އަހުމަދު ޖޯލީގައި އޮށޯވެލައިގެން އޮއްވައި އަހުމަދުގެ މަންމަ އަހާލިއެވެ. “ދަރިފުޅާ ކިހިނެތްވެފައި ތިޔައޮތީ”.

އަހުމަދު ޖަވާބުދިނެވެ. “މިވިސްނެނީ އިމްތިހާނާ ދޭތެރޭ. އަހަންނަށް އެއްވަނަ ނުލިބިދާނެތީ ބިރުގަންނަނީ”.

އަހުމަދު އެހެން ބުނުމުން މަންމަ އަހުމަދާ ތަންކޮޅެއް ގާތްވެލައިފައި ނަސޭހަތެއްދިނެވެ.

“ދަރިފުޅާ މަންމަ ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް. ކޮންމެ ކުއްޖަކަށްވެސް ކުލާހުން އެއްވަނަ ހޯދިދާނެ. ދަރިފުޅަށްވެސް ހޯދޭނެ. އެކަމަކު ވަރަށް ހިތްވަރާއެކު މަސައްކަތް ކުރަން ޖެހޭނެ. ކާމިޔާބަކީ ހިތްވަރާއެކު ބުރަ މަސައްކަތްކުރާ ކުދިންގެ ޙައްގެއް. އެހެންވީމާ ދަރިފުޅުވެސް ހިތްވަރާއެކު މަސައްކަތްކުރޭ. އިރާދަކުރެއްވިއްޔާ ދަރިފުޅަށް ކުލާހުން އެއްވަނަ ލިބޭނެ.”

މަންމަގެ މިނަސޭޙަތް އަޑުއަހައިގެން އަހުމަދު މަސައްކަތްކުރީ އެއްވަނަ ހޯދާށެވެ. އެގޮތުން ސްކޫލުން ދޭފިލާވަޅުތައް ދަސްކުރެއެވެ. އަދި ފަސްވަގުތު ނާޅައި ނަމާދުކުރެއެވެ. ކޮންމެ ނަމާދަކަށްފަހު އަހުމަދަކީ މޮޅުކުއްޖެއްކަމުގައި ލެއްވުން އެދި ﷲއަށް ދުޢާ ކުރެއެވެ.

އެންމެފަހުން އަހަރުގެ އިމްތިހަނު ނިމި ނަތީޖާ ދެއްކި ދުވަހު އަހުމަދު ހުރީ ވަރަށް އުފަލުންނެވެ. އެއީ މުޅި ގުރޭޑުން އެއްވަނަ އަހުމަދަށް ލިބުނީމައެވެ. ސްޓޭޖްމަތިން ރިޕޯޓް ފޮތް ހިފައިގެން އައިރު އަހުމަދަށް ހުރީ އުފަލުން ރޮވިފައެވެ.

ނިމުނީ

Advertisements