ކުށްވެރިއަކީ އަހަރެންތަ؟… (22ވަނަ ބައި)ލިޔުނީ: އަޙުމަދު އަރީފް - އައްސޭރި / ފ.ނިލަންދޫ

ކުރީގެ އަދަދާ ގުޅޭ…

“މިއުޅެނީ ކުއްޖެއްމަތިން ހަމަ ހަނދާންވާވަރުން ނުދިދިގެން… ” ސުމަން މަޑުމަޑުން ބުނެލިއެވެ.

“ކޮންމެހެން މާ ލާނެއް ވާނެކަމެއް ނެތް… ތިޔަކުއްކަޖީ އަހަރެންކަން އަހަންނަށް އެނގޭ…” އިފާ ކުޑަކޮށް ހީނލިއެވެ.

“ހާދައަވަހަކާ ތި ނިދީ.. ކިހިނެއްވީ؟ ކޮބާ އަފީ..؟”

“މިރޭވެސް ބައްޕަ ހުރީ ވަރަށް ކަޓާފައި. ބޭރުން އައިތަނުން ވަރަށް ސުވާލުކުރި..”

“ދެން އިފާ ކީކޭ ބުނީ…؟” ސުމަންގެ އެސުވާލަށް އިފާ ދޭނީ ކޮންޖަވާބެއްތޯ ބަލަން ސުމަންއޮތީ ކެއްތަމަދުވެފައެވެ. އެކަމަކު އިފާ އެއްވެސް އެއްޗެކޭ ނުބުނެއެވެ.

“ކީއްވެ އެއްޗެކޭ ނުބުނީ..؟ ބައްޕަ އެހީމަ އިފާ ކީކޭ ބުނީ..؟” އަނެއްކާވެސް އެސުވާލު ސުމަން ތަކުރާރު ކުރިއެވެ.

“އަހަރެން ބުނީ ހައްޖަމެން ގެއަށް ގޮސް އެމީހުންނާއެކު އުޅެލާފައޭ މިއައީ..” ނުބުނާން ހުރެފައި އިފާ ޖަވާބު ދިނެވެ.

އިފާގެ އެޖަވާބު ކަންފަތުގައި ޖެހުމުން ސުމަން ކުޑަކޮށް މަޑުޖެހިލިއެވެ. ކަންވީ ސުމަންވެސް ހަމަ ހީކުރިގޮތަށެވެ.
އިފާއާއި ސުމަންގެ ލޯބީގެ ވާހަކަތައް އަދި އިފާގެ އާއިލާއަކަށް ނޭނގެއެވެ. އެކަން އިފާއަދި އެމީހުންނަކާ ނުދައްކައެވެ.

“ކީއްވެ ތެދުތެދަށް ނުބުނީ… އެގެއިން އަހަރެންނާ ބައްދަލުވި ވާހަކައެއް ނުބުނަންތަ؟” އަނެއްކާވެސް ސުމަން ކުރީ ސުވާލެކެވެ.

“އަޅެ….” ސުމަންގެ ސުވާލުތަކަށް އިފާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ އޭނާއަކަށް އެވަގުތު ފޯނުން ހުރިހައިއެއްޗެއް ކިޔައިދޭނެހާ ހިތްވަރެއް ނުލިބުނެވެ. އެއަށްވުރެ ސުމަންގެ ކެތްތެރިކަން މާކުޑައެވެ.

“ކުރީރޭވެސް އިފާ ބުނި މަންމަމެން ގާތު ބުނާނަމޭ.. ދެން ކީއްވެ އަދިވެސް އެމީހުންނަށް ސިއްރުކުރަނީ…؟”

“އަހަރެން އަދި ސުމަންއަސް ހުރިހައި ވާހަކައެއް ކިޔައިދޭނަން. އޯކޭތަ.. މިރޭ އަހަރެން ވަރަށް މޫޑީ..” ބަސީރު ކަންތައް ކުރިގޮތުން އިފާއޮތީ ވަރަސް ބޮޑަށް ފޫހިވެފައެވެ. ބައަޕައެއްކަމަކަު އެހައި ރުޅި އިސްކުރުމަކީ އިފާ އެހައި ގަޔާވާ ކަމެއް ނޫނެވެ.

ވަރަށް އާދޭސްކޮށްގެން ސުމަންގެ ހިތް ކޮންޓްރޯލް ކުރެވުނެވެ.

“ލަވް ޔޫ… ސުމަން ފޯން ބޭއްވީ ލޯބީގެ ފޮނި ބަސްކޮޅަކުން އިފާގެ ހިތަށް އުފާވެރިކަން ގެނުވަމުންނެވެ. ފަހަރުގައި ނިދާލަންވެސް އިފާއަށް ފަސޭހަވެދާނެކަމަށް ބަލާފައެވެ.

ގަޑިން ގާތްގަނޑަކަށް ރޭގަނޑު 10 ޖަހަނީއެވެ. އިރާކޮޅު ބޭރަށް ދިޔަގޮތަކަށް އަދިވެސް ބަސީރެއް ނާދެއެވެ. އެހެން ރޭތަކެކޭވެސް އެއްފަދައިން މިރޭވެސް ޒާހިރާ އެއިންނަނީ ބަސީރު އަންނާނެވަގުތަކަށެވެ. ކައިވެންޏަށް 22އަހަރު ފުރެން ދަނީއެވެ. އެކަމަކު ދުވަހަކުވެސް މިނޫންވަރެއް ނުވެއެވެ. ބަސީރުގެ ރުޅިގަނޑަކަށް ބަދަލެއް ނާދެއެވެ. ކައިވެނީގެ ކުރީކޮޅު ބަސީރުގެ އަމަލުތައް ހުރިގޮތުން ޒާހިރާއަށް ކެތްކުރަންވެސް އުނދަގޫވިއެވެ. އެހެންނަމަވެސް ބަސީރުދެކެ ވީލޯބިންނާއި ލިބުނު ހަމައެކަނި ދަރިފުޅުގެ މުސްތަގުބަލައްޓަކައި ބަސީރުއާއެކު އުޅުނިއެވެ. މިއަދާ ޖެހެންދެންވެސް ކެތްކުރިއެވެ.

ޒާހިރާ މަޑުމަޑުން ސޯފާގެތެރެގައި އޮށޯވެލިއެވެ. އާފުރެލަމުންނެވެ. އޭރު އޭނާގެ ދެލޯވަނީ ނިދިން ފުރިފައެވެ. ހުވަފެނުގެ ގޮވެއްޗަކުން އޭނައަށް ގޮވަމުންދާކަހަލައެވެ. މާލަހެއް ނުވެ ޒާހިރާއަށް ހަމަ ރަނގަޅަށްވެސް ނިދިއްޖެއެވެ.

ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައީ ޑޮކްޓަރެވެ. އޭރު ބަސީރުހުރީ އޭނާގެ ކުޑަކުޑަ ދަރިފުޅު އޮތް އެނދުކައިރީގައި މަޑުކޮސްލައިގެންނެވެ.

“މިމަންޖެއަށް ކިޔާނީ އިފާޝާ…” ބަސީރު ހިނިތުންވެލަމުން ޒާހިރާއަށް ބަލައިލިއެވެ. ކުޑައެނދުގައި އޮތް ތުއްތުދަރިފުޅަށް ބަލަންހުރިއިރު ބަސީރުދިޔައީ އެމައުސޫމް ދަރިފުޅު ހެއްވާލުމަށް ހިތްގައިމު ލަވަކިޔަމުންނެވެ. އެމަންޒަރުތައް ފެނިފައި ޒާހިރާގެ ދެލޮލުން ކަރުނަތަށް ފޭދިގެންދިޔައެވެ. އުފަލުންނެވެ. އެދަރިފުޅުދެކެ ބަސީރު ވާލޯބި ފެނުމުންނެވެ.

“މިހާރު ކިހިނެތްތަ؟” ވަހަކަ ދެއްކީ އޭޑީކޭގެ އަންހެނުންގެ ޚާއްޞަ ޑޮކްޓަރެކެވެ.

“ރަނގަޅު. އެކަމަކު އަދިވެސް ވަރަށް ވަރުބަލިވޭ…” ލޮލުން ފައިބައިފައިވާ ކަރުނަތައް ފުހެލަމުން ޒާހިރާ ޑޮކްޓަރަސް ޖަވާބުދާރީވިއެވެ. “ބައެއްފަހަރު ހީވަނީ މިދިމާލުގައި އަދިވެސް ވަރަށް ރިއްސާހެން” ބަނޑުގެ ދަށްފަރާތުގައި އަތްޖައްސައިލަމުން ޒާހިރާ ކުދަކޮށް ތެދުވެލިއެވެ. އޭރު ޑޮކްޓަރުގެ އަތުގައި ޒާހިރާގެ ނަން ޖަހާފައިވާ ފައިލެއް އޮތެވެ. ހީވާގޮތުން ޓެސްޓުތަކުގެ ނަތީޖާ ލިބުނީއެވެ.

“ޑޮކްޓަރު ކިހިނެތްވީ..؟” ނުތަނަވަސްވެފައިވާ ހާލު ޒާހިރާއަށް އަހައިލެވުނެވެ. “ހުރިހައިކަމެއްވެސް ރަނގަޅުތަ؟ ނޫނީ ކަމެއް ގޯސްވީތަ؟” މަޑުމަޑުން ޒާހިރާގެ އަޑު ރޫރުލާން ފެށިއެވެ.

ޑޮކްޓަރު އެއްޗެކޭ ނުބުނެ ޒާހިރާގެ ފައިލް ހުޅުވާލިއެވެ. އަދި ޒާހިރާގެ މޫނަށް ބަލާލިއެވެ. އޭރު ޒާހިރާގެ މޫނުމަތިން ފެންނަމުންދިޔައީ ކެތްތެރިކަން ކޮޅުން ލައިފައިވާ އަންހެނެއްގެ މޫނުމަތިން ފެންނަމުންދާފަދަ ކުލަވަރުތަކެކެވެ. ދެވަނަފަހަރަށްވެސް ޑޮކްޓަރު އެފައިލަށް ބަލާލިއެވެ. އަދި މަޑުމަޑުން ޒާހިރާގެ އަތުގައި ހިފައިލިއެވެ. ހަމައެއާއެކު ޒާހިރާއަށް ރޮވުނެވެ. ޑޮކްޓަރު ދޭން އުޅެނީ އުފާވެރި ޚަބަރެއް ނޫންކަން ޒާހިރާއަށް އެނގުނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ލޮލުގެ ދެފަރާތުން ފޭދިގެން އޮހޮރެން ފެށިއެވެ. އޭނާއަށް ހީވީ މޭމަތިގައި މީހަކު ބަރުއެއްޗެއް ބޭއްވީހެންނެވެ.

“އައިމް ސޮރީ… ކެތްކުރޭ ޒާހިރާ…” ޑޮކްޓަރު ކުޑަކޮށް ޒާހިރާއާ ގާތްވެލިއެވެ. އަންހެނެއްގެ ހިތުގައި އަޅާނެ ވޭން އިހުސާސްކުރެވުމުންނެވެ.

“އެކަމަކު ކީއްވެ.. ހުރިހައި ޓެސްޓެއްވެސް ނޯމަލްއެއްނު. ވިހައިރުވެސް އެއްވެސް ކަމެއް ދިމާއެއް ނުވެއެއްނު..”

ޒާހިރާއަކަށް އަދިވެސް ގަބޫލެއް ނުކުރެވުނެވެ. އޭނާއަކީ ބަލިވެއިނީއްސުރެ ގަވާއިދުން ޓެސްޓުތައް ހަދަމުންއައި މީހެކެވެ. އެއްވެސްކަމެއް ގޯސްކަމަކަށް ނުދައްކައެވެ. އެކަމަކު މިއަދު ކަންތައް މިވީގޮތުން…..

ޒާހިރާއަކަށް އަދިވެސް އެރިޕޯޓުތައް ގަބޫލެއް ނުކުރެވުނެވެ.

ދެވަނަފަހަރަކުނޫން… އަދި އެއްފަހަރު ހެދިޔަސް އަހަންނަކަށް ގަބޫލެއް ނުކުރެވޭނެ.. ވަރިހަމަ ފަސް ހަފަހަރު ހެދިޔަސް.. އަހަރެން ތި ރިޕޯޓްތައް ގަބޫލެއް ނުކުރާނަން.” ޒާހިރާއަށް ކެތްނުކުރެވިގެންގޮސް ރޮވިއްޖެއެވެ. އެވަގުތު ޑޮކްޓަރުގެ އިޝާރާތަކަށް ބަސީރު އެތަނަށް އައެވެ.

އޭރު ބަސީރަކަށްވެސް ވެގެން މިއުޅޭ ގޮތެއް ނުވިސްނުނެވެ. މީގެ ކުޑައިރުކޮޅެއްކުރިން ޒާހިރާ އޮތީ ނުލާހިކު ހިނިތުންވުމާއެކު ހަމަޖެހިލައިގެންނެވެ. ލިބުނު އަލަތު ދަރިފުޅާއެކު ޒާހިރާއޮތީ ހިތްހަމަޖެހިލައިގެންނެވެ. ޑޮކްޓަރުގެ އަތުގައި އޮތް ޒާހިރާގެ ފައިލު ފެނުމާއެކު ބަސީރުވެސް ކުޑަކޮށް ނުތަނަވަސް ވިއެވެ. އަމުދުން ޒާހިރާ އެހާވަރަށް ރޯ މަންޒަރު ފެނުމުން ބަސީރަކަސް ކެތެއް ނުކުރެވުނެވެ.

“ކިހިނެތްވީ ޑޮކްޓަރ…؟؟ ޒާހިރާ…!! ކިހިނެތްވީ..؟” ވެގެން އުޅޭގޮތެއް ބަސީރަކަށް ނޭނގުނެވެ. ސުވާލުކުރަންވީ ކާކާކަމެއް ބަސީރަކަށް ނޭނގުނެވެ.

“އައިމް ސޮރީ ބަސީރް..” ޑޮކްޓަރު ބަސީރުގެ ކޮނޑުގައި އަތްޖަހާލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

(އަދި ނުނިމޭ.. 23ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!)

ވާހަކަ ކިޔާލުމަށްފަހު ކޮމެންޓް ކުރައްވާ!!!

Advertisements