ކުށްވެރިއަކީ އަހަރެންތަ؟ – 21ވަނަ ބައިލިޔުނީ: އަޙުމަދު އަރީފް - އައްސޭރި / ފ.ނިލަންދޫ

ކުރީގެ އަދަދާ ގުޅޭ…

“ކައިގެންތަ ތިއައީ..” ޒާހިރާ އަނެއްކާވެސް ސުވާލެއްކޮށްލިއެވެ. ޖަވާބުގައި އިފާޝާ ބޯހުރާލުމުން ބަދިގޭގައި ހަނާކުރި މަސްކޮޅެއް ހުންނާނެ ވާހަކަބުނެފައި ކާންދިއުމަށް ބުންޏެވެ.

އަތުގައިހުރި ފޮތްތައް ކޮޓަރިއަށް ލުމަށްފަހު އިފާޝާ ދިޔައީ ބަދިގެފަރާތަށެވެ.

“ޒަހިރާ ހައްދާގޮތުންނޭ އެހެން އެވަނީ..” ބަސީރުއިނީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ހަމައެކަނި އޭނާގެ ސުވާލަށް އިފާޝާ ޖަވާބު ނުދިނުމަކުން ނޫނެވެ. ބޮޑުވެފައިހުރި ކުއްޖަކު އެހައި ގިނަވަގުތު ބޭރުގައި އުޅުމަކީ ބަސީރު އެހައި ހިތްހަމަ ޖެހޭކަމަކަށް ނުވިއެވެ.

“މިހާރު ކިއްތަވީ؟ އަހަރެން ކީއްކުރީ..؟” ޒާހިރާއަކަށް ބުނާނެވަކި އިތުރުއެއްޗެއް ނޭނގުނެވެ.

“އޭނައަކީވެސް ކުޑަކުއްޖެއް ނޫން. އެހާލަސްވަނދެން ބޭރު އުޅޭކަށް ނުވާނެ. އަމުދުން މިހާ މީހުން ނުބައި ޒަމާނަކު..؟” ބަސީރު އެބުނީ މުޅިން ދޮގެއްވެސް ނޫނެވެ. އޭނާ ވިސްނީ އެއްގޮތަކަށް ނޫނެވެ. އަމުދުން މިހައި މީހުން ނުބައި ޒަމާނަކު ބޮޑުވެފައިހުރި އަންހެން ކުއްޖަކު މާގިނައިްނ ބޭރުގައި އުޅުމަކީ ތާހިރުކަމަކަށް ނުވާނެއެވެ.

“އެހެންވީމައޭ އެހައިވަރަށް އަހަރެންވެސް އަޅައިނުލަނީ.. އޭނައަކީ މިހާރު ކުޑަކުއްޖެއް ނޫނެއްނު. އެހެންނޫނަސް އަދި ނުވައެއްވެސް ނުޖަހާ” ނުބުނާން އެިނދެފައި ޒާހިރާ ބަސީރުގެ ވާހަކައަށް ރައްދު ދިނެވެ. ޒާހިރާއަށް އޭނާގެ ދަރިފުޅަށް ފުރިހަމައަށް އިތުބާރުކުރެވެއެވެ. އޭނާގެ ދަރިފުޅަށް ދެވިފައިވާ ތަރުބިއްޔަތަމެދު ޒާހިރާއަށް ފުރިހަމަ ޔަގީންކަން އޮވެއެވެ. އެތަރުބިއްޔަތުގެ މަތީގައި އިފާޝާ ދެމިހުންނާނެކަން ޒާހިރާއަށް އެނގެއެވެ.

ޒާހިރާ އެހެން ބުނުމާއެކު ބަސީރު އިންތަނުން ތެދުވިއެވެ. މިފަހަރު އެއްޗެކޭ ނުބުނެއެވެ. މޭޒުމަތީގައި ރިމޯޓު ބޭއްވުމަށްފަހު ބޭރަށް ނުކުމެގެން ދިޔައީއެވެ.

ބަސީރު ބޭރަށްދިއުމުން ޒާހިރާ ތެދުވެގެންދިޔައީ ބަދިގެ ފަރާތަށެވެ. މޭޒުމަތީގައިހުރި ތަށިތައް ނަގައި ބޭޒުމަތި ސާފުކޮށްލާށެވެ. ޒާހިރާ ބަދިގެއަށްދިޔައިރު ކާމޭޒު ދޮށުގައި އިފާޝާ އިނެވެ. އޭރު އަދި ކައި ނުނިމެއެވެ.

“ބައްޕަ ހުރީ ހިތްހަމަ ނުޖެހިފައިދޯ..” ޒާހިރާ ފެނުމާއެކު އިފާޝާއަށް އަހައިލެވުނެވެ. ޖަވާޞުގައި ޒަހިރާ ބޯޖަހަލިއެވެ.

“ކީއްވެގެންތަ ބައްޕަ އެހާ ރުޅިގަދައީ. އަހަރެން ހިތަށް އަރާ ބައްޕަގެ އޮންނަނީ ހިލަ ހިތެއްބާވައޭ”

“ތިކަހަލައެއްޗިހި ކިޔާކަށް ނުވާނެ. އެއީ ބައްޕަގެ މިޒާޖު ހުންނަ ގޮތެއްނު…” ޒާހިރާވެސް ހުރީ ފާޑަކަށެވެ. އެކަށް އޭނާގެ އަޑުންނާއި ވާހަކަ ދައްކަމުންދިޔަ ރާގުން ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ.

ކެއި ތަށި ސިންކަށްލުަމށްފަހު އަތްދޮވެލައިގެްނ އިފާޝާ ކޮޓަރިއަށް ދިޔައެވެ. ފުރަތަމަވެސް ބަލާލެވުނީ މޭޒުމަތީގައި އޮތް އޭނާގެ ފޯނަށެވެ. މެސެޖެއް އައިސްފައި އޮތްތޯއެވެ. ކަންދިމާކުރީ ހީކުރި ގޮތަކަށް ނޫނެވެ. ފޫހިގޮތަކަށް ފޯނުން ގަޑި ބަލާލިއިރު އަދި ކިރިޔާ ނުވައެއް ޖަހަނިއެވެ. އެކަމަކު އެރޭ ކަންތައް ވީގޮތުން ދެން އިތުރަށް ކޮޓަރިން ބޭރަށް ނުކުންނާކަށް އިފާއަކަށް ނުކެރުނެވެ. އެނދުމައްޗަށް ފޯނު އެއްލުމަށްފަހު މަޑުމަޑުން ކެހެމުން ކަހަލަގޮތަކަސް ފާޚަނައަށް ވަނެވެ. އެއްޗިހި ބަދަލުކޮށްލައިގެން ނުކުމެ އެނދުމަތީގައި ޖައްސައިލިއެވެ. އަދި ފޯނު ނެގުމަށްފަހު އެފް.އެމްއަށް ޓިއުނުކޮށްލިއެވެ. އޭރު އަންނަމުންދިޔައީ ކޮންމެވެސް ކުއިޒް ޕްރޮގްރާމެކެވެ. ވީ ފޫއްސަކުން ފޯން ބޭއްވުމަށްފަހު މޫނުމަތިގައި ބަލީސް އެޅިއެވެ. އެއޮތް ގޮތަށް އޮވެ އިފާއަށް އެރޭ ނިދުނީއެވެ.

ކުއްލިއަކަށް އިފާއަށް ސިއްސައިގެންގޮސް ހޭލެވުނީ ފޯން ރިންގުވިއަޑަށެވެ. ފުރަތަމަވެސް ބަލާލެވުނީ ގަޑިއަށެވެ. އޭރު މެންދަމުން އަލިވެ އެއްގަޑި ބައިވަނީއެވެ. ދެލޯ އުނގުޅާލަމުން އިފާ ފޯން ނެގިއެވެ. ސްކްރީނަކަށް ބަލައެއް ނުލައެވެ.

“ހަލޯ..” އިފާގެ އަޑުއިވޭ މިހަކަށް ހިވާނީ އިފަ ނިދަފައި އޮވެގެން ވާހަކަ ދައްކާހެންނެވެ.

އިފާގެ ފޯނަސް ގުޅައިގެން ހުރީ ދެވަނަ މީހެއް ނޫނެވެ. ސުމަންއެވެ. އިފާގެ އަޑު ޖެހުމުން ފުރަތަމަ ސުމަންއަށް ކުޑަކޮށް ހެވުނިއެވެ. އިފައަސް އޮތީ ނިދިފައިކަން ސުމަންއަށް އެނގުނެވެ.

“ކާކުތަ..؟” އަދިވެސް އިފަ ހީވަނީ ނިިދާފައި އޮތްހެންނެވެ.

“ނިދާފަތަ..؟” މަޑުމަޑުން ސުމަން އަހައިލިއެވެ.

އެވަގުތު ނިދާފައި އޮތް އިފާގެ ލޮލުން މުޅިން ނިދި ފިލިކަހަލައެވެ. އަންދިރިވެފައިވާ ކޮޓަރިތެރެއަށް އަލިަކން ގެނުވިފަދައެވެ. ހީވީ ވަޔާއެކު އައި ހިތްގައިމު ވައިރޯޅިތަކާއެކު އިފާގެ ނިދިފިލައިގެން ދިޔައީހެންނެވެ.

“ނޫނެ.. ހެލާ މިއޮތީ.. އެހެންނޫނަސް ނިދާފައި އޮވެގެން ކިހިނެތް ވާހަކަ ދައްކާނީ” އަދިވެސް އިފާގެ އަޑުގައިވަނީ ނިދީގެ އަސަރެވެ. އެކަމަކު އިފާ މަސައްކަތްކުރީ އެކަން ސުމަންއަށް ސިއްރުކުރާށެވެ. އެކަން ސުމަންއަށްވެސް ފާހަގަކުރެވުނެވެ.

“އެހެންތަ..؟ ދެން އަހަރެން ގުޅިމަ ކީއްވެ ކާކުހޭ އެހީ..؟” ކުޑަކޮށް ހީނލަމުން ސުމަން ވާހަކަ ދެއްކިއެވެ.

ސުމަންގެ ވާހަކަ ހުރިގޮތުން އިފާއަށް އެކަން އެނގުނެވެ. އޭނާ އޮތީ ނިދިފައިކަން ސުމަންއަށް އެނގިއްޖެކަން އިފާއަށްް އެނގުނެވެ.

“ކަމެއްނުވޭ.. ކީއްކުރަން ތިގުޅި…”

“ނިދިނައިސްގެން…”

“އެހެންތަ… ” އިފާޝާ ވާހަކަ ދައްކަމުންދިޔައީ ވަރަސް މަޑުންނެވެ. އޭނާގެ އަޑުގައި އަދިވެސް ނިދީގެ އަސަރުހުއްޓެވެ.

“މިއުޅެނީ ކުއްޖެއްމަތިން ހަމަ ހަނދާންވާވަރުން ނުދިދިގެން… ” ސުމަން މަޑުމަޑުން ބުނެލިއެވެ.

“ކޮންމެހެން މާ ލާނެއް ވާނެކަމެއް ނެތް… ތިޔަކުއްކަޖީ އަހަރެންކަން އަހަންނަށް އެނގޭ…” އިފ ަކުޑަކޮށް ހީނލިއެވެ.

“ހާދައަވަހަކާ ތި ނިދީ.. ކިހިނެއްވީ؟ ކޮބާ އަފީ..؟”

“މިރޭވެސް ބައްޕަ ހުރީ ވަރަށް ކަޓާފައި. ބޭރުން އައިތަނުން ވަރަށް ސުވާލުކުރި..”

“ދެން އިފާ ކީކޭ ބުނީ…؟” ސުމަންގެ އެސުވާލަށް އިފާ ދޭނީ ކޮންޖަވާބެއްތޯ ބަލަން ސުމަންއޮތީ ކެއްތަމަދުވެފައެވެ. އެކަމަކު އިފާ އެއްވެސް އެއްޗެކޭ ނުބުނެއެވެ.

“ކީއްވެ އެއްޗެކޭ ނުބުނީ..؟ ބައްޕަ އެހީމަ އިފާ ކީކޭ ބުނީ..؟”

(އަދި ނުނިމޭ.. 22ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!)

Advertisements