ކުށްވެރިއަކީ އަހަރެންތަ؟ (20ވަނަ ބައި)ލިޔުނީ: އަޙުމަދު އަރީފް - އައްސޭރި / ފ.ނިލަންދޫ

ކުރީގެ އަދަދާ ގުޅޭ

“ކޮންކަމަކާ ބަސީރުބެ ކަޓާފަ އެދިޔައީ..؟” އިފާޝާއާ ޖެހިގެން އޮތް ޖޯލީގައި އޮށީވެލަމުން ސީމާއަށް އަހާލެވުނެވެ.

“ބޭބެ ބަލަލާގޮތުންވެސް އަހަރެން ބައެއްފަހަރު ބިރުގަނޭ.. އަބަދުވެސް ހީވަނީ ރުޅިއައިސްފައި ހުންނަހެން..” އަފީފާގެ ވާހަކައަށް ހައްޖަވެސް އެއްޗެއް އިތުރުކޮށްލިއެވެ.

“އެއީ ބައްޕަގެ އާދައެއްނު.. މިގޭ ކައިރިން ބައްޕައާ ދިމާވީ ދޯ..” ސީމާގެ ޖަވާބު ވަރަސް ކުރެވެ.

އެނޫން ވަކި ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ ބަސީރުއޭ ކިޔާފައި ދައްކާނެ މާގިނަ ވާހަކައެއް ނޯންނާނެއެވެ. ބަސީރަކީ ގޭގައި އުޅޭއިރުވެސް މާގިނައިން ވާހަކަދައްކައި ހަދަމީހެއް ނޫނެވެ. ކަންކަމާ މާގިނައިން މަޝްވަރާކޮށްހަދާ މީހެއް ނޫނެވެ. މަޝްވަރާކުރުމުގެ މާބޮޑު ބޭނުމެއް އެގޭތެރެއަކު ނޯވެއެވެ. ގިނަފަހަރު ކަންކަން ނިމޭނީ ބަސީރު އަންގާ ގޮތަށެވެ. އެގޮތާ ޚިލާފަށް އެއްޗެއް ބުނަން ކެރޭ މީހަކު އެގެއަކު ނޫޅެއެވެ. ޒާހިރާއަކަށްވެސް ބަސީރުގެ ނިންމުންތަކަކާ އެއްޗެކޭ ބުނާކަށް ނުކެރެއެވެ.

“އޮރިއެންޓު ފަންކާއެއް ހަރުކުރަންވީނު ބޭބެ ކޫލްކުރަން..” ހިނިގަނޑެއް ޖަހައިލަމުން ގެތެރެއަށް ވަދެގެން އެއައީ ދެވަނަ މީހެއް ނޫނެވެ. އަފީއަކީ އަބަދުވެސް ސަމާސާރާގަށް ވާހަކަ ދައްކާ މީހެކެވެ. ގޭގައި ބަސީރު ނޫޅޭކަން އަފީއަށް އެނގުނެވެ.

“ސާބަސް. ބައްޕައަށް އަޑުއިވިއްޖެއްޔާ؟” އިފާޝާ ހިފީ އަފީގެ އަތުގައެވެ. އަދި ޖޯލީގައި ބެއިންދިއެވެ.

“އައްދެ. މިޖޯލީގައި ތިބީމައި ގްރޫޕް ސްޓަޑީޒް ޖެއްސޭތަ؟. މިހެން ތިބެގެން ގްރޫޕް ޓޯކެއްނު ޖެއްސޭނީ..” އެންމެން ޖޯލީގައި މާހަމަޖެހިލުމުން ހައްޖައަށް އަހައިލެވުނެވެ.

ތެދެކެވެ. އެންމެން އެގަޑި އެއްވީ ކިޔަވާން ދާންވެގެންނެވެ. ކިޔެވުން ބަންދު ދުވަހެއްކަމުން ކޮންމެވެސްވަރަކަށް ފިލާވަޅުތައް ފަރިތަކޮށްލާންވެގެންނެވެ.

“އެއްކަލަ ހައްޖަ. ކުޑައިރުކޮލަކު މަޑުކޮސްލިޔަސް މާ ލަސްތަކެއް ނުވަނެ. އެހެންނޫނަސް މިޖޯލީގައި މިހެން އަނގަތަޅާލެވޭނީ މަދު ފަހަރަކު..” އަފީ އިޝާރާތްކުރީ ބަސީރަށެވެ. އޭނާ ގޭގައި އުޅޭނަމަ އެޖޯލީގައި އަނގަތަޅާލާކަސް ނުތިބެވެނެއެވެ.

“އެހެން ނޫނަސް މިއަދު އިފާއަށް ކިޔެވޭނެހެނެއް ހިއެއް ނުވޭ..”

“އެއްޗެކޭ ކިޔަންދޯ ތިއުޅެނީ.. މަށާ ދިމާކުރާނެކަމެއް ނެތް..” އަފީ ދައްކަން އުޅެނީ ކޮންވާހަކައެއްކަން އިފާއަށް އެނގުނެވެ. އަފީއާ ދިމާކޮށްލީވެސް އެހެންވެގެންނެވެ. އެކަމަކު އިފާއެއް އެވާހަކައެއް އިތުރަކަށް ނުދައްކައެވެ.

އިފާ ބަލާލީ އަފީގެ މޫނަށެވެ. އަފިގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުން އެވާހަަކަތައް އިތުރަށް ކުރިއަށް ގެްނދަން ބެނުން ނުވާކަން އިފާއަށް އެނގުނެވެ.

އެވާހަކަތައް އަދި މީހުންނަ ހިއްސަކުރަން ތަންކޮޅެއް އަވަސްކަމަށް އަފީފާއަށް ގަބުލުކުރެވުނެވެ. ހަމައެކނަި މީހުން ކިޔައިފާނެ އެއްޗަކަށް ވިސްނާފައެއް ނޫނެވެ. އެކަމަކު އެކަމުގައި އައްފާނުމެންގެ ޚިޔާލަކި ކޮބައިކަންވެސް ބަލާލަން އަފީފާ ބޭނުންވިއެވެ.

ފަހަރުގައި އެވާހަކަ އެހައި އަވަހަށް ދައްކަން އައްފާނުމެން ބޭނުން ނުވެދާނެއެވެ. އެހެންކަމުން އިހަށް މަޑުކޮށްލަން އަފީ ބޭނުންވީއެވެ.

“ފާޑުފާޑުގެ ވާހަކަ ދައްކައިގެން ކިތަންމެ ވަގުތެއްވެސް ބޭކާރު ކުރެވިދާނެ. ހިނގާ ދާން..” އަފީ ވާހަކ ަބަދަލުކޮށްލިއެވެ. އެކަން ހައްޖައަށް ފާހަގަވެސް ކުރެވުނެވެ.

“އައްދެ. ދެންމެ އަހަރެން ދާ ވަހަކަ ބުނީމަ ކީކޭ ބުނީ.. ދެން މިހާރު ކީކޭ ތިކިޔަނީ..؟”

“ސާބަހޭ އެއި އޭނަ އެހެން ބުނިއެއްޗެއް ނޫނޭ. އަދިވެސް އަފީ ދަސްނުވޭ ދޯ!” ހައްޖަގެ އެސުވާލަސް ޖަވަބުދިނީ އިފާޝާއެވެ. އަފީ ދާން އުޅުނީ އަވަހަށް ވާހަކަ ބަދަލުކޮށްލާންވެގެންކަން އިފާއަށް އެނގުނެވެ. އަދި އެއީ ކިއްވެގެންކަންވެސް އަފީގެ މޫނަށް ބަލާލުމުން އިފާއަށް އެނގުނެވެ.

“ދެންވެސް ހިނގާ ދާން…” އަފީގެ އަތުގައި ހިފަމުން އިފާ ތެދުވިއެވެ.

އިފާ އެހެން ބުނުމުން ހައްޖަވެސް އިތުރަކަށް އެއްޗެކޭ ނުބުނެއެވެ. އިފާ ގެތެރއަށްވަދެ ފޮތްތައް ހިފައިގެން ނުކުމެ އެންމެން އެކިގައި ދިޔައީއެވެ. ހައްޖަމެން ގެއަށެވެ.

އިރުއޮއްސިއްޖެއެވެ. ބަސީރު އިނީ އަށެއްގެ ޚަބަރު އަޅުވައިގެންނެވެ. އޭރު ޒާހިރާވެސް ސިޓިންގ ރޫމުގައި ހުރި ސޯފާއެއްގައި އިޝީނދެލައިގެން އިނެވެ.

“ކޮބާތަ އިފާޝާ.. މިރޭ ގޭތެރެއަކުންވެސް ނުފެނޭ..؟” ބަސީރު ދުފާތަބަށް ކައިރިކޮށްލަމުން ޒާހިރަ ގާތު އަހައިލިއެވެ.

ބަސީރަކީ ކިތަންމެ ރުޅިގަދަ، ހަރުކަށި މީހަކަސް ދުވަހަކުވެސް ބަސީރުގެ ފަރާތުން ކަމެއް ނުވެގެން ނުވަތ ައުނިވެގެން އުޅޭކަށް ނުޖެހޭނެއެވެ. އަބަދުވެސް ޒާހިރާއާއި އިފާޝާގެ ހާލުބަލައި ހަދާނެއެވެ. ގޭގައި އުޅޭތޯ ނޫޅޭތޯ ބަލާހަދާނެއެވެ. މައްސަލައަކީ އެއްޗެކޭ ބުނާފަހަރު މާބާރަށް ބުނާތިއެވެ. ނަސޭހަތް ދިނުމުގެ ގޮތް ނުހުންނާތީއެވެ. ބަސީރުގެ ސުވާލަށް ޖަވާބެއް ނުދެވި އުޅެނިކޮށް އިފާޝާއަށް އައިސް ގެއަށް ވަދެވުނެވެ.

ފުރަތަމަވެސް ލޮލުގައި އަޅައިގަތި ސޯފާގައި އިން އޭނާގެ ހަރުކަށި ބައްޕައެވެ. އެއްޗެކޭ ބުނާކަސް ނުކެރުނެވެ. ބަލާލެވުނީ ގަޑިއަށެވެ.

“ގަޑިން މިހާރު އަށްގަޑި ބައިވެދިޔައީ… ކޮންތާކުން ތިއައީ..؟” ބަސީރު އޭނާގެ އާދައިގެ ހަރުކަށީ ރާގުގައި އަހައިލިއެވެ.
އެސުވާލަށް އިފާއަކަށް ޖަވާބެއް ނުދެވުނެވެ. އޭގެކުރިން ޒާހިރާވެސް ހަމައެސުވާލު ކުރިއެވެ. އެކަމަކު މިފަހަރު ވަރަށް ތަފަތެވެ. ޒާހިރާގެ އަޑުގައި ވަނީ މައިވަންތަކަމެވެ.

“ތެދެއް ދަރިފުޅާ.. މިއަދު ހަވީރުއްސުރެ މަންމައެއްވެސް ދަރިފުޅެއް ނުދެކެން. ކޮންތާކުން ތިއައީ..”

“މިއައީ ހައްޖަމެން ގެއިން. ކިޔަވާންގޮސްފައި އަންނަނިކޮށް އަފީގެ މަންމަ ބުނެގެން އެގެއަށް ވަދެލާފަ މިއައީ” އިސްދަށަށް ޖަހައިގެންހުރެ ޖަވާބު ދެމުންދިޔައިރު އިފާޝާ ހީވަނީ ގްރޭޑް 2ގައި ކިޔަވަމުންދާ ކުޑަ ކުއްޖެއް ހެންނެވެ.

“ކައިގެންތަ ތިއައީ..” ޒާހިރާ އަނެއްކާވެސް ސުވާލެއްކޮށްލިއެވެ. ޖަވާބުގައި އިފާޝާ ބޯހުރާލުމުން ބަދިގޭގައި ހަނާކުރި މަސްކޮޅެއް ހުންނާނެ ވާހަކަބުނެފައި ކާންދިއުމަށް ބުންޏެވެ.

އަތުގައިހުރި ފޮތްތައް ކޮޓަރިއަށް ލުމަށްފަހު އިފާޝާ ދިޔައީ ބަދިގެފަރާތަށެވެ.

(އަދި ނުނިމޭ… 21ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ)

Advertisements