ކުށްވެރިއަކީ އަހަރެންތަ؟…. 17ވަނަ ބައިލިޔުނީ: އަޙުމަދު އަރީފް - އައްސޭރި / ފ.ނިލަންދޫ

(ކުރީގެ އަދަދާ ގުޅޭ..)

“ހިނގާ ގެއަށްދާން… މިހާރު ވަރަށް ލަސްވެއްޖެއްނު.. ދިހަގަޑި ބައިވަނީ..” ލޯބީގެ މޮޅު ވާހަތައް ދައްކަން ތިބިއިރު ގަޑި ހިނގައިދިޔަގޮތެއްވެސް ނޭނގުނެވެ.

“ދާންވީތަ…” ސުމަން ބޭނުންވީ އަދިވެސް އިފާ އޭނާގެ އުނގުގެތެރޭގައި ބައިންދަލާށެވެ. ލޯބިކޮށްލާށެވެ.
އިފާދެކެ ސުމަން ލޯބިވާވަރު އިހުސާސްކުރެވުމުން އިފާ ވަރަށް އުފާވިއެވެ.

“ކޮބާ އަފީމެން…” އިފާ ވާހަކަ ބަދަލުކޮށްލިއެވެ. ލަދުންކަންނޭނގެއެވެ. އިފާ އެހެން ބުނުމުން ސުމަންވެސް އިންތަނުން ތެދުވިއެވެ. އަދި މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ.

“ހިނގާ މިދިމާއިން ދާން.. އެމީހުން ދިޔައީ މިހެންލާފައެންނު..” ކުރިއަށް ހިގަައިގަންނަމުން ސުމަން އިފާގެ އަތުގައި ހިފައިލިއެވެ. މާދުރަށް ނުދެވެނިސް ތަންކޮޅެއް ދުރުން އައްފާނާއި އަފީ އަންނަތަން ފެނުނެވެ. އެމީހުންވެސް އެއަންނަނި ގެއަށްދާށެވެ. އެހައި ދަންވަންދެން ބޭރުއުޅުމަކީ އިފާ އެހައި ބޭނުންވާ ކަމެއް ނޫނެވެ. އެކަން އަފީއަށްވުރެ ރަނގަޅަށް އެނގޭނެ މީހަކުވެސް ނޫޅޭނެއެވެ.

ކޮންމެއަކަސް މުޅި ރޭ ނިމިދިޔައީ ދެހާއްޔެއްގައި ތިބި ލޯބިވެރިންތަކަކަށް އުފާވެރިކަން ގެނުވަމުންނެވެ. އެލޯބިވެރިންގެ ހަޔާތުގެ ހުޅުކޮޅުގެ އަލިކަން ގަދަކޮށްދެމުންނެވެ. ކަިފކަފިވެފައިވާ ރާސްތާގައި ކުރިއަށްދާންވީ މަގު އަލިކުރުވަމުންނެވެ.

ސުމަންއަށް އޭނާގެ ހިތުގައި ހިނގަމުންއައި ހުރިހައި ޝައްކުތައް ފިލުވާލެވުނެވެ. ހިތުގައި އުފެދިފައިވާ ޖަވާބު ނޭނގޭ ސުވާލުތަކަށް ޖަވާބު ހޯދުނެވެ. އެވެ. އިފާއަށް އޭނާގެ ލޯބި ޙާޞިލްކުރެވުނީއެވެ. ހަނދާންތަކެއް ފޮހެލުމަށްފަހު އާބައިވެރިއަކު އައްފާނަށް ލިބުނީއެވެ. އެކަނިވެރިކަން ފިލުވާލުމުގެ ރަނުގެ ފުރުޞަތެއް އަފީއަށް ލިބުނީއެވެ. ކޮންމެ މީހަކަށްވެސް ހާސިލްކުރެވުނީ އެމީހަކު ހާސިލްކުރަން ބޭނުންވާ ލޯބި އެންމެ ފުރިހަމަގޮތުގައެވެ.

ގެއަށް އައިފަހުން މިހާރު ގަޑިއިރެއް ވަނީއެވެ. އަދިވެސް އިފާ އޮތީ އެނގުގައި އައިސް ޖައްސާލިގޮތަށެވެ. އޭނަ ގާތަކަށް ނިންޖެއް ނައެވެ. ޚިޔާލުގައި ރަސްކަންކުރަމުންދިޔައީ ސުމަންއެވެ. ސުމަންގެ އެކި ހަނދާންތަކެވެ. މޭޒުމަތީގައި ބަހައްޓާފައިހުރި ރޭޑިޔޯއިން އަންނަމުންދިޔަ ލަވަ އަޑުއަހާލަން އިފާއޮތީ ވަރަސް ޝައުގުވެރިކަމާއެކުގައެވެ.

“ނިންޖެއް ލޮލަށް ނައީހެ މިރޭ… ދެން މިވީގޮތުން..” އަލީ ރަމީޒްގެ ހިތްގައިމު އަޑުން ކިޔާފައިވާ އެލަވައަކި މިރޭގެ އެހިތްގައިމު ވަގުތާ ވަރަށް ގުޅޭ ލަވައެކެވެ. އިފާ ފޯނު ނެގިއެވެ. އަދި މެސެޖެއް ލިޔެލިއެވެ.

“މިސްވަނީ..” ސުމަން މެސެޖް ކިޔާލިއެވެ. އެއީ އިފާ ފޮނުވި މެސެޖެކެވެ. ސުމަންގެ ހާލަކީވެސް އެއީއެވެ. ގެއަށް އައިއްސުރެ އޭނަ އެއޮންނަނީ އިފާގެ ފޯންކޯލެއްގެ އިންތިޒާރުގައެވެ. އަމިއްލައަށް ގުޅާލަން ނުކެރިފައިކަންނޭނގެއެވެ. މެސެޖް ކިޔާލުމައެކު ދެވަނަ މެސެޖެއް އަނެއްކާވެސް އައެވެ. މިފަހަރު މެސެޖް ފޮނުވީ އައްފާނެވެ. މެސެޖްގައި އޮތީ މިރޭގެ ހުރިހައިކަމެއްވެސް ވަރަށް ސަޅިކަމަށްބުނެފައެވެ.

“ހަލޯ..” އައްފާނު ފޯނު ނެގިއެވެ. އަނެއްކޮޅުން ވާހަކަ ދައްކަމުންދިޔައީ ސުމަންއެވެ.

“އައްޕި ކަލޭ ގަދަ އިނގޭ.. މަހިއެއް ނުކުރަމޭ ކަލޭވެސް މިރޭ ޕްރޮޕޯސް ކުރާނެކަމަކަށް. އަސްލުވެސް މަހީކުރީ އަހަންނާ އިފާއާ ގުޅުވަދޭންވެގެން ކަލޭ ރޭވި ހިނގާލުމެއްކަމަށް” ކުޑަކޮށް ހީލަމުން ސުމަން ވާހަކަދެއްކިއެވެ.

“ދެން މަވެސް ބައެއް އަޅަންވާނެ ދޯ. އެހެންނޫނަސް މަ އަސްލު ޕްރޮޕޯސް ކުރީ މިރެއަކު ނޫން. އަހަރެން ކުރިން ރެއަކު އަފީއާ ވާހަކަ ދައްކަމުން އިޝާރާތެއް ކޮށްލިން. މިރޭ މިދިޔައީ ޖަވާބަކީ ކޮބައިތޯ ބަލާލަން.” އައްޕި ވާހަކަދެއްކީ އަދި އެއަށްވުރެ އުފާވެރި ރާގެއްގައެވެ.

ތެދެކެވެ. މީގެ ދެރޭކުރިން އައްފާނާ އަފީފާއާ ދެމީހުންގެ ދެމެދުގައި ދެކެވުނު ދިގު ވާހަކަ ގަނޑަކަށްފަހު އައްފާނަށް އަފީ ކަމުދާކަމަށް ބުންޏެވެ. އަދި އަފީ ގުޅެން ހުިރއްޔަ އައްފަނު އަފީއާ ގުޅެން ބޭނުންވަކަމަށް އެރޭ އައްފާނު ބުންޏެވެ.

ކުއްލިއަކަށް ރައްޓަހިވާން އެހުމުން އަފީއަށް އެރެއަކު ޖަވާބެއް ނުދެވުނެވެ. އައްފާނަށްޓަކައި ހިތުގައި ޖާގައެއް ދެވިފައި އޮތަސް އޭނަ އެރޭ ޖަވާބެއް ނުދެއެވެ. ވިސްނާލާފައި ޖަވާބެއް ދޭނެކަމަށް ބުނެފައި މަޑުކޮށްލީއެވެ. ފަހަރުގައި މިރެއާ ޖެހެންދެންވެސް ކަންނޭނގެއެވެ.

“ކަލޭވެސް ދޯ.. ހާދަހާ ސިއްރުވެރިބައި ބޮޑުވެއްޖެއޭ… ” އައްފާނު ކޮނޑުގައި ޖަހައިލަމުން ސުމަން އޭނައާ ދިމާކޮސްލިއެވެ.

“މަގޭ ވާހަކަަ ހުއްޓާލަބަލަ. މިރޭ ކަލޭގެ ކަންތައް ދިޔައީ ކިހިނެތް.. އިފާ އޯކޭވިތަ؟” އައްފާނުގެ އެސުވާލު ކަންފަތުގައި ޖެހުމާއެކު ސުމަންގެ ހިތުގައި ހިތްހަމަޖެހުމުގެ އޮއިވާވަރެއް ހިނގައިގަތެވެ. އިފާގެ ނަން ކަންފަތުގައި ޖެހުމާއެކު ހަށިގަނޑަށް ފިނިކަމެއް ގެނުވިއެވެ.

“ހީވޭތަ މާ ކުރިމަތިލައިފި ކަމެއް ކާމިޔާބު ނުވެ ހިނގައިދާނެހެން.” ހިނިގަނޑެއް ޖަހައިލަމުން ސުމަން އޭނާގެ ކާމިޔާބުކަން ދައްކައިލިއެވެ. ޙަގީގަތުގައިވެސް ސުމަންއަކީ އެކަހަލަ މިހެކެވެ. އެނާއަކީ ދިިރއުޅުމުގައި ކުރިމަތިލ ކޮންމެ ކަމެއް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލާ މީހެކެވެ. ކިޔެވުމުގެ ދުވަސްވަރުވެސް އޭނައަކީ ކަމަކަ ކުރިމަތިލައިފިއްޔާ އެކަމެއް ޙާސިލްކުރާ މިހެކެވެ. އަޒުމް ވަރުގަދަ މީހެކެވެ.

“އިފާވެސް އަސްލު އަހަރެންދެކެ ވަރަށް ލޯބިވެ. އޭނަވެސް ނުބުނާ ހުރީ.” ސުމަން އޭނަގެ ވަހަކަ އިތުރަށ ްތަފސީލްކޮށްލަ ދިނެވެ.

“އެހެންތަ. ރަނގަޅަކަށްނު މިވީ. އަހަރެނެމެން ދެމީހުންނަކީ ދެ ބެސްޓް ފްރެންޑުން. އިފާއާއި އަފީއަކި ދެބެސްޓް ފްރެންޑުން” ކަންތައްތައް ވަމުން. ދިޔަގޮތުން އައްފާނު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

އާދުވަހަކަށް އިރު ފެނުން ތޮޅެލީ އާ އުއްމީދުތަކަކާއެކުގައެވެ. އާހުވަފެންތަކަކާއެކުގައެވެ. އެތައް ބައެއްގެ ދިރިއުޅުމުގައި ތަފަތު އެކި ކުލަތަކެއް ޖައްސަމުންނެވެ. އެއްބަޔަކަށް ހިތާމައާއި ހިތްދަތިކަމެވެ. އަނެއްބަޔަކަށް ހިނިތުންވުމާއި އުފާވެރިކަމެވެ. ލޯތްބައި ހިތްހަމަޖެހުމެވެ. އިފާޝާ އޮތީ އަދިވެސް ސުމަންގެ ހަނދާންތަކަށް ގެއްލިފައެވެ. އޭނާގެ ޚިޔާލަސް ސަވާރުވަމުންދިޔައީ ރޭގެ ވަގުތްތަކެވެ. ކުރިމަތިން ސުމަންގ އެސޫރަ ފެންނަމުންދިޔަ ކަހަލައެވެ.

“ދަރިފުޅާ އިފާޝާ.. އަދިވެސް ނިކުންނާކަށް ނުވޭތަ؟ މިއަދު ކޮލެޖަށް ދާކަށް ނުޖެހޭތަ؟” ޚިޔާލުތަކަށް ގެއްލިފައި އޮއްވާ އެޚިޔާލުތަކުން ބޭރުކޮށްލީ އޭނާގެ މަންމައެވެ.

(އަދި ނުނިމޭ.. 18ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ..!)