ކުށްވެރިއަކީ އަހަރެންތަ؟… 18ވަނަ ބައިލިޔުނީ: އަޙުމަދު އަރީފް - އައްސޭރި / ފ.ނިލަންދޫ

(ކުރީގެ އަދަދާ ގުޅޭ)

އާދުވަހަކަށް އިރު ފެނުން ތޮޅެލީ އާ އުއްމީދުތަކަކާއެކުގައެވެ. އާހުވަފެންތަކަކާއެކުގައެވެ. އެތައް ބައެއްގެ ދިރިއުޅުމުގައި ތަފަތު އެކި ކުލަތަކެއް ޖައްސަމުންނެވެ. އެއްބަޔަކަށް ހިތާމައާއި ހިތްދަތިކަމެވެ. އަނެއްބަޔަކަށް ހިނިތުންވުމާއި އުފާވެރިކަމެވެ. ލޯތްބައި ހިތްހަމަޖެހުމެވެ. އިފާޝާ އޮތީ އަދިވެސް ސުމަންގެ ހަނދާންތަކަށް ގެއްލިފައެވެ. އޭނާގެ ޚިޔާލަސް ސަވާރުވަމުންދިޔައީ ރޭގެ ވަގުތްތަކެވެ. ކުރިމަތިން ސުމަންގ އެސޫރަ ފެންނަމުންދިޔަ ކަހަލައެވެ.

“ދަރިފުޅާ އިފާޝާ.. އަދިވެސް ނިކުންނާކަށް ނުވޭތަ؟ މިއަދު ކޮލެޖަށް ދާކަށް ނުޖެހޭތަ؟” ޚިޔާލުތަކަށް ގެއްލިފައި އޮއްވާ އެޚިޔާލުތަކުން ބޭރުކޮށްލީ އޭނާގެ މަންމައެވެ.

ގަޑިން އޭރު ހަތްގަޑި ބައި ވަނީއެވެ. އާދައިގެމަތިން ހެނދުނު ހެނދުނާ ތެދުވެ މިހާރުވއިރު ބަދިގޭގެ ހުރިހައިހަމެއް ޒާހިރާ ނިންމާލިއެވެ. އޭނާ އިފާޝާއަށް އެގޮވަނީ ސައިބޯންވެގެންނެވެ.

“މިދަނީ މަންމާ… މަޑުކޮށްލައްޗޭ އަހަރެން ދަންދެން.. ” މޯޅިއަކަށް ދެމިަލމުން އިފާޝާ ތެދުވިއެވެ. މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމަކީ ދެވަނަ އެހެން އުފާވެރިކަމެއް ނޫނެވެ. ސުމްނަފަދަ ފުރިހަމަ ޒުވާނެއް އޭނާގެ ޙަޔާތަށް އަންނަން އުޅޭކަމުގެ ފެހި ސިގްނަލް ލިބުމުން އިފާއަށް ލިބުނީ ބުނެދޭންވެސް ނޭގޭފަދަ ހިތްހަމަޖެހުމެކެވެ. މަޑުމަޑުން އެނދުން ތެދުވެ ފެންވަރާން ވަނެވެ. މާގިނައިރުތަކެއްނުވެ ފެންވަރާލައިގެްނ ނުކުމެ ރިތިވެލީ އިންތިޒާރުގައި މަންމައިންކަން އެނގުމުންނެވެ.

“މިއަދު ކޮލެޖަށް ދާކަށް ނުޖެހޭތަ؟ ދަރިފުޅު މާގިނައިންވިއްޔާ ތި ނިދަނީ..” އިފާޝާއައިސް ބަދިގެއަށް ވަމުނުން ޒާހިރާ އަހައިލިއެވެ.

އިފާޝާއަށް ތައްޔާރުވެލައިގެން ނިކުމެވުނުއިރު ގާތްގަނޑަކަށް އަށެއް ޖަހަނިއެވެ. ކޮލެޖަށް ދާންޖެހޭނީ އަށެއް ޖަހާއިރުއެވެ. ޒާހިރާ ހީކުރީ އެދުވަހަކީ ކޮލެޖް އޮންނަ ދުވަހެއްކަމަށެވެ. ތަންކޮޅެއް ހިތްހަމަނުޖެހިފައިހުރީވެސް އެހެންވެގެންނެވެ.

“މަންމާ…” އިފާޝާ ކުޑަކޮށް ޒާހިރާއާތް ގާތްވެލިއެވެ. އަދި ފަހަތުން ގޮސް ޒާހިރާގެ ގައިގައި ލޯބިކޮށްލަމުން ބައްދައިލިއެވެ. “މަންމާ… މިއަދު ކްލާހަށް ދާކަށް ނުޖެހޭ.. މިއަދުމީ ރަސްމީ ބަންދު ދުވަހެއްނު..” ކުރިއަށްވުރެވެސް ބޮޑަށް އިފާޝާ އޭނާގެ މަންމަގެ ގައިގައި އޮޅުލައިގަތެވެ.

އެވަގުތު ޒާހިރާވެސް އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމައިލިއެވެ.

“ބައްޕަވެސް އެދިޔައީ ސައިބޮއިގެން. އެހި ދަރިފުޅު ކޮބާހޭ..؟”

“އެހެންތަ؟ ބައްޕަ ހުރީ ރުޅިއައިސްފަތަ؟” އިފާޝާ އޭނާގެ މަންމަގެ ކޮނޑުން އަތް ދޫކޮށްލަމުން އަހައިލިއެވެ.

ބައްޕަގެ ވާހަކަ އަޑުއިވ ޭކޮންމެ ފަހަރަކު އިފާޝާގެ މޫޑު ބަދަލުވެއެވެ. ހެނދުނު ހޭލައިގެން ކޮޓަރިން ނިކުންއިރު މޫނުމަތި ހީވަނީ ތާޒާވެ ފޮޅިފައިއިން ފަރި މަލެއް ހެންނެވެ. އެކަމަކު ބަސީރުގެ ވާހަކަ ބުނުމާއެކު އިފާޝާގެ މޫނުމަތީގެ ކުލަވަރު ފަނޑުވެ މީހާ މަޑުމަތިރިވިއެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ.

ބަސީރަކީ އަބަދުވެސް ރުޅިގަދަ މީހެކެވެ. އަންހެނުންނާއި ދަރިންގެ ކަންތައްތައް ބަރާބަރަށް ކޮށްދިނަސް އޭނައަކީ ކަންކަމުގައި ވަރަށް ރުޅިއިސްކުރާ މީހެކެވެ. މަޑުމަޑުން ހުއްޓަސް ވަރަށް އަމުރުވެރި މީހެކެވެ.

“ބައްޕަ އެއްޗެކޭ ބުނިތަ؟” މަޑުމަޑުން އިފާޝާއަށް އަހައިލެވުނެވެ.

“ދަރިފުޅު އަދި ނުތެދުވޭހޭ އެހީ.. މަންމަ އާއެކޭ ބުނިމަ ފަހުން އެއްޗެކޭ ނުބުނޭ..” މޭޒު ދޮށުގައި އިށީންނަމުން ޒާހިރާ އެނާގެ ދަރިފުޅުގެ އަތުގައި ހިފައި މެޒުދޮށުގައި ބޭންދިއެވެ.

“ދެން އަވަހާ ސައިބޯން ފަށާ. ތިޔަ ހުރިހައި ވާހަކައެއް ދައްކާނީ ފަހުން.. މަންމަ އަންނާނަން އާދިލް ފިހާރައަށް ގޮސްފައި” އިފާޝާގެ ތައްޓަށް ދެތިން ރޮށި ލައިދިނެވެ.

“މަންމާ.. އަހަންނަށް ފޯން ކާޑެއް ގެނެސް ދެއްޗޭ..” ޒާހިރާ ބޭރަށް ނުކުންނަން ދަނިކޮސް އިފާޝާ ގޮވައިލިއެވެ.

އެވަގުތު ގޭގެ ބޭރު ގޭޓުގައި މީހަކު ހިފާލި އަޑު އިވުނެވެ.

އޭރު ޒާހިރާއަށް ބޭރަށް ނުކުމެވިއްޖެއެވެ.

“ޒާހިރައްތާ. ކޮބާ އިފާ؟” އަފީއަށް ޒާހިރާ ފެނުމުން އަހައިލެވުނެވެ.

“ވެއްޖެ އެފަރާތުގައި. ދާންވީނު ސައިބޯން… އިފާޝާވެސް އެބައުޅޭ ބަދިގޭގައި” އެހެން ބުނެފައި ޒާހިރާ ނުކުތީ ފިހާރައަށް ދާށެވެ.

އަފީފާ ދިޔަގޮތަށް އެތެރެއަށް ވަދެގެން ދިޔައެވެ. އޭރު ކާމޭޒު ދޮށުގައި އިފާށާ އިނެވެ. ފުރަތަމަވެސް އަހައިލެވުނީ ރޭގެ ވާހަކައެވެ.

“އެނގޭތަ.. ރޭގަ އުފަލުން ގޮސް ނުވެސް ނިދުނު..” އަފީފާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މޫނުމަތިން އުފާވެރިކަމުގެ އިހުސާސްތައް ފާޅުވާން ހުއްޓެވެ. ބައެއްފަހުރު ލައިގެން ހުރި ހެދުމުގައި ބާރަށް ހިފައި ނާށާވެސް ލެވެއެވެ.

އިފާވެސް ނިކަން އަވަހާ އަތް ދޮވެލައިގެން އައިސް އަފީއާ ބައިވެލިއެވެ. އޭނާވެސް ހުރީ ކަންތައް ވީގޮތް އަފީފާއާ ހިއްސާކުރަން ބޭނުންވެފައެވެ.

“އަހަރެން ބުނިން އާއެކޭ..” ސުމަން ރައްޓަހިވާން އެހިވާހަކައާ އަދި އިފާ ނިންމިގޮތަކީ ކޮބައިކަން އިފާ ކިޔައިދިނެވެ. ސުމަން އިފާ ދެކެ ލޯބިވާވާހަކަ ބުންޏެވެ.

އަފީފާވެސް އެއުފަލުގައި ބައިވެރިވިއެވެ. އެކަން އެގޮތަށް ވުމަކީ އަފީވެސް އެންމެ ބޭނުންވާ ގޮތެވެ. އެކަމައްޓަކައި އެހައި މަސައްކަތް ކުރިވެސް އެހެންވެގެނނެވެ. އެކުވެރިޔާއަސް ލިބ ޭކޮންމެ އުފަލަކީ އަފީފާއަށްވެސް ލިބ ެއެންމް ބޮޑު އުފަލެވެ.

“މަ އޭރުވެސް ބުނީމެއްނު ކުރިމަތިލާށޭ.. ކަލޭ ފިޑިކަމުން ހުރީނު..” އަފީ އިޝާރާތްކުރީ ކުރިން އޭނަ ދެއްކި ވާހަކަތަކަށެވެ.

(އަދި ނުނިމޭ.. 19ވަނަ ބަޔަށް އިންތިޒަރުކޮށްލައްވާ)

 

Advertisements