ކުށްވެރިއަކީ އަހަރެންތަ؟… 16ވަނަ ބައިލިޔުނީ: އަޙުމަދު އަރީފް - އައްސޭރި / ފ.ނިލަންދޫ

ކުރީގެ އަދަދާ ގުޅޭ…

ސުމަންގެ އެފިރިހެންވަންތަ އަޑު އަނެއްކާވެސް އިފާގެ ކަންފަތުގައި ޖެހުނެވެ. މިފަހަރުވެ އިފާ އެއްޗެކޭ ބުނަން އަނގަހުޅުވާލިއެވެ. އެކަމަކު އޭގެ ކުރިން ސުމަން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެން ވާހަކައެއް އަހައިފިއްޔާ ތެދަށް ބުނެފާނަންތަ؟”

އިފާގެ މުނުމައްޗަށް ގެނުވީ ހިނިތުންވުމެކެވެ. އެވަރުން ސުމަންއަސް ފުދުނެވެ. އިފާގެ ޖަވާބަކީ ކޮބައިކަން ސުމަންއަސް އެނގުނެވެ.

“އިފާ އަހަރެންދެކެ ލޯބިވޭތަ؟” ވަރަށް ނުބުނާން ހުރެފައި ސުމަން ކެރިގެން ކުރިމަތިލިއެވެ. ލޯބީގައި ފަސްޖެހިގެން ކުރިއަށް ނުދެވޭނެކަނ ްއޭނާއަށް އެނގުނެވެ.

ސުމަންގެ އެސުވާލު ކަންފަތުގައި ޖެހުނީ ހިތްގައިމު ބަގީޗާއެއްގައި ނަށަމުންދާ ކޮކާތަކެއްގެ މަޑު މިއުޒިކީ ރާގެއް ކަންފަތުގައި ޖެހޭފަދައިންނެވެ. އިފާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެސުވާލު ކަންފަތުގައު ޖެހުމައެކު މީހާގެ މުނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ހިވީ ރަތް ފިނިފެންމަލެއް ހެންނެވެ. ލަދުންގޮސް އިފާގެ މުނުމަތިން މަޑު ފިޔައިތޮށިކުލައެއް ފާޅުވި ކަހަލައެވެ. އެކަން ސުމަންއަށްވެސް ފާހަގަކުރެވުނެވެ.

“ކީއްވެ އެއްޗެކޭ ނުބުނީ…” ސުމަން ބޭނުންވީ އިފާގެ ދުލުން ޖަވާބު އަޑުއަހާށެވެ. ލޯތްބަކީ އެއްފަރާތުން ވެވޭ އެއްޗެއް ނޫންކަން ސުމަންއަށް އެނގޭތީއެވެ.

މަޑުމަޑުން އިފާ އޭނާގެ އަތް ސުމަންގެ އަތުތެރެއިން ދަމައިގަތެވެ. އަދި ލަދުވެތިކަމުން ފުރިފައިވަ އެދޮން މޫނު ނިވައިކޮށްލުމަތް އަތް އުފުލަލިއެވެ. އަނެއްކާވެސް އެއަތުގައި ސުމަން ހިފާލިއެވެ.

“ކީތްވެ މޫނުމަތީ އަތް އަޅަން ތިއުޅެނީ.. އަހަންނަށް ފޮރުވަންތަ؟”

ސުމަންގެ އެ އިޝްގީ އިބާރާތްތައް އިވުމާއެކު އިފާ އަނެއް ފަރާތަށް އެނބުރިފައި ދުއްވައިގަތެވެ.

އެވަގުތު ސުމަންގެ އަތުތެރެއިން އިފާ ދޫވެގެން ދިޔައެވެ. އިފާ ހީވީ އުފަލުން ނަށަމުން ދިޔަހެނެވެ.

“އާން.. ލޯބިވޭ….” ދުވަމުންގޮސް ވަކިހިސާބަކަށް ދެވުމުން ސުމަންގެ ސުވާލަަށް އިފާ ޖަވާބު ދިނެވެ. އެކަމކު ފަސްއެނބުރި ބަލައިލާކަށް އިފާއަކަށް ނުކެރުވެނެވެ. އެދޮންވެލި ތުނޑީގެ ހިތްގައިމު ގޮނޑުދޮށުގެ ރާޅުބީއްސާ ހިސާބުގައި އިފާ މަޑުކޮށްލިއެވެ. ފުން ނޭވައެއް ލުމަށްފަހު މަޑުމަޑުން ސުމަންއާ ދިމާއަށް އެނބުރިލިއެވެ. އޭރުވެސް އިފާހުރީ އުފަލުންގޮސް އެއްޗެކޭ ބުނަންވެސް ނޭނގިފައެވެ. އިފާއަށް ސުމަންއާ ދިމާއަށް ބަލާލެވުނު ވަގުތު ސުމަންވެސް އިފާއަށް ބަލައި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު ސުމަންގެ މުނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ގެނުވިއެވެ. ދުރުގައި ބަލަންހުރި އިފާއަށް ބޭއިޚްތިޔާރުގައި ސުމަންއާ ދިމާއަށް ދުއްވައިގަނެވުނެވެ. އަދި އެއައިގޮތަށް އައިސް ސުމަންގެ ގައިގައި ބައްދައިގަތެވެ. ސުމަންވެސް އުއްމީދު ކުރިފަދައިންނެވެ.

އިފާގެ އެހަރަކާތުން ސުމަން ހައިރާނެއް ނުވެއެވެ. އިފާގެ ހަރަކާތްތައް މީގެކުރިން ހުރިގޮތުންވެސް ސުމަންއަށް އިފާ އޭނަ ދެކެ ލޯބިވާކަން އެނގެއެވެ. އެލޯބި ހާމަކުރަން ނުކެރުނަސް އޭރުންސުރެ ފެށިގެންވެސް އިފާ ސެމަންދެކެ ލޯބިވާކަން ސުމަންއަށް އެނގެއެވެ. އަނެއްކޮޅުން ސުމަންގެ ހިތުގައިވެސް އިފާއަށްޓަކައި ޚާއްޞަ ޖާގައެއް ދެވިފައި ވެއެވެ. އެއީ ކޮންދުވަހަކުން ފެށިގެންކަމެއް ސުމަންއަކަށްވެސް ނޭނގެއެވެ. އެންމެ ފުރަތަމަ ދަތުރުދިޔަ ދުވަހު އިފާ ދިމާވި ވަގުތުންފެށިގެންވެސް އިފާއަކީ ޚާއްސަކުއްޖެގެ ގޮތުގައި ސުމަންއަށް ފާހަގަކުރެވުނެއެވެ. އަދި ފަހުންފަހުންއައިސް ދެކެވޭ ވާހަކަތަކުންނާއި ބައްދަލުވުންތަކުން މަޑުމަޑުން އެދެމީހުންގެ ގުޅުން ބަދަހިވަމުންދިޔަކަންވެސް ސުމަންއަށް އެނގެއެވެ. ނޭނގެނީ އޭނައަށް އިފާދެކެ ލޯބިވެވުނީ ކޮންއިރަކުކަމެވެ.

ސުމަން މަޑުމަޑުން އިފާގެ ބުރަކަށިގައި އަތްޖައްސައިލިއެވެ. އޯގާތެރިކަމާއި ލޯބިން ފިރުމާލަމުންނެވެ. އަދި މަޑުމަޑުން އިފާގެ އެހަށިގަނޑުގައިވާ ހޫނުކަން ލިބިގަތެވެ. ލޯބީގެ މަޅިއަކުން ބެދިފައި ނުއްވަސް ދެމީހުންނަށް މިހާރު އެތިބެވެނީ އެއްފައްތަރެއްގެ ތެރޭގައެވެ. އިފާވެސް އެއްވެސް އެއްޗެކޭ ނުބުނެ ކުޑައިރުކޮޅަކު ސުމަންއާ ބައްދާލައިގެން ހުރީއެވެ. އެތައް ދުވަހަކަށްފަހު އިންތިޒާރުކުރި ލޯބި ލިބުމުންނެވެ. އިފާ ބޭނުންވީ ހިތްފުރެންދެން ސުމަންއާ ބައްދާލައިގެން ހުންނާށެވެ. ސުމަންގެ އެހަށިގަނޑުން ހިމާޔަތް ހޯދާށެވެ.

ގަޑިން ގާތްގަނޑަކަށް ދިހައެއް ޖަހަނީއެވެ. ހަނދުގެ ފަނޑު އަލިކަމުގެ ހިތްގައިމުކަން ހޯދުމުގައި އަފީއާއި އައްފާނުވެސް ތިބީއެވެ. އަފާނު އޭނާގެ ހިތުގެ ވާހަކަތައް އަފީފާއަށް ކިޔައިދެމުންދިޔައެވެ.

“އަބަދުވެސް އަހަރެންގެ ހިތަށް އަރާ އަހަންނަށް އަފީކަހަލަ ކުއްޖަކު ލިބޭނަމައޭ..”

ތެދެކެވެ. ދެމީހުންގެ ވާހަކަތައް މިހާރު އެހިސާބަށް ގޮސްފިއެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަކޮށްފިއެވެ. އަފީފާވެސް އައްފާނު ދެކެ ލޯބިވެއެވެ. އައްފާނުވެސް އަފީފާދެކެ ލޯބިވެއެވެ. މިރޭގެ މިހިތްގައިމު ހަނދުވަރުގައި އެދެމިހުންވެސް އެގެންދަނީ އެމީހުންގެ ލޯބީގެ ބަގީޗާގައި އިތުރު މާތައް ފޮޅުވަމުންނެވެ.

“ހް،ް.. ދެން ކޮންމެހެން އަހަރެން ލަދުގަންދުވަން އުޅޭނެކަމެއް ނެތް..” އައްފާނުގެ އެވާހަކަތަކުން އަފީފާ ލަދުގަންނަން ފެށިއެވެ. އައްފާނުގެ ތަޢުރީފުގެ ބަސްތަކުން އޭނާގެ ހިތްވެސް މަޑުމައިތިރި ކުރުވީއެވެ.

“އަހަރެން އައްޕި ގާތު ވާހަކައެއް އަހަައިލަންތަ؟ ރުޅި ނާންނައްޗޭ..” އަފިފާ އޭނާގެ އުނގުމަތީގައި ބޯއަޅާލައިގެން އޮތް އައްފާނުގެ ބޮލުގެ އިސްތަށިކޮޅާ ކުޅެލަމުން އަހައިލިއެވެ. އައްފާނުވެސް އާއެކޭ ބުނުމުގެ ގޮތުން މޫނުމައްޗަށް ހިނިތުންވުމެއް ގެނުވިއެވެ.

“އައްޕި މިގެކުރިން ކުއްޖަކާ ރައްޓަހިވިންތަ..؟” އަފީފާގެ އެސުވާލުގައި ފޮރުވިފައިވާ މާނައަކީ ކޮބައިބާވައެވެ؟ އޭނާ އެސުވާލުއެކުރަނީ ޔަގީނުންވެސް ކޮންމެވެސް ކަމެއް ހޯދާށެވެ.

“ކީއްވެ ތިހެން ތިއެހީ…؟” އަފީގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އައްފާނުވެސް އަފީއާ ސުވާލެއް ކޮށްލިއެވެ.

“ކަމެއް ނުވޭ.. އެކަމަކު ހިތަށް އެރީ ހަމަ އަހާލާނަމޭ.. ޖަވާބު ދޭން ބޭނުން ނުވަންޏާ ނުދިނަސް އޯކޭ”

“އައްދެ! އަހަރެން ޖަވާބު ނުދޭކަން ނޫން..” ކުޑައިރުކޮޅަކު އަފީގެ މޫނަސް ބަލަންއޮވެފައި އައްފާނު ވާހަކަދައްަން ފެށިއެވެ.

“އަފިއާ ރައްޓަހިވުމުގެ ކުރިން އަހަރެން އެހެން ކުއްޖަކާވެސް ރައްޓަހިވިން. އެކަމަކު…” އައްފާނަސް ބުނެވުނީ އެހައި ހިސާބަށެވެ. ވާހަކަ ނުނިމެނިސް އަފި އޭނާގެ ސުވާލުތައް ފެށިއެވެ.

“އެކަމަކު ކިހިނެތްވީ..؟ ކޮބައި މިހާރު ތިބުނާ އަންހެން ކުއްޖާ..؟” އަފީގެ ރާގު ހުރިގޮތުން އޭނާ ކަންބޮޑުވާހެނެއް ހިއެއް ނުވެއެވެ. އޭނައެއަށްވުރެ އައްފާނަސް އިތުބާރުކުރެއެވެ.

“އަހަރެން އޭނަގާތު ރައްޓަހިވާން އެހީވެސް އަހަރެންގެ މަންމަމެންގެ ރުހުންވެސް ހޯދާފައި. ކައިވެންޏާ ހަމައަށްދިޔަފަހުން އެނގުނީވެސް އޭނައަކީ މީހެއްގެ އަންބެއްކަން.” އައްފާނު އޭނާގެ ލޯބީގެ ހަޔާތުގެ ޑައިރީން ޞަފްޙާއެއް ހުޅުވާލަދިނެވެ. އެކަމކު އެއީ ހިތްދަތި ދުވަސްތަކެކެވެ. ހިތާމައިން ފުރިފައިވާ ދުވަސްތަކެކެވެ. ވާހަކަދައްކަމުންދިޔައިރު އައްފާނުގެ އަޑުގައިވަނިވެސް މޮޅިވެރިކަމެވެ.

“ކީއްކުރަން ދެން އެދުވަސްތައް ހަނދާންކުރަންވީ… އެކަމާ ނުވިސްނިއްޔާރަނގަޅުވާނީ..” އައްފާނުގެ މުނުމަތިން ހިތާމަވެރިކަމުގެ އަސަރު ފެނުމުން އަފީއަށްވެސް އަސަރުކުރިއެވެ. އައްފާނު ދެރަވެފައިހުރިތަން ބަލާކަސް އަފީއަކަށް ކެތެއް ނުކުރެވުނެވެ. އައްފާނުގެ މޫނުމަތީގައި އަފި ފިރުމާލިއެވެ. އަދި ދެރަނުވުމަށް ބުނެލިއެވެ.

“އަހަރެން ކޮންކަމަކާ ދެރަވާންވީ.. އެހެންނޫނަސް މިހާރު އޭގެ ފަހުން އަހަރެއް ވެގެން މިދިޔައީ، އަފީ ބުނެގެނެއްނު އަހަރެން އެވާހަކަ މިފެށީވެސް…” އައްފާނު އަފީގެ މޫނުގައި ފިރުމައިލިއެވެ.

“އެހެން ނޫނަސް އަފީ ހުއްޓާ އަހަރެން ކޮންމަކާ ދެރަވަންވީ.. އަހަރެންގެ އަފީ ތިހިރީނު” ކުރިއަސްވުރެވެސް ލޯބިން އައްފާނު އަފިފާގެ މޫނުގައި ލޯބިކޮށްލަމުން ފިރުމައިލިއެވެ. އަވަގުތު އަފީވެސް އައްފާނުގެ އަތުގައި ލޯބިން ހިފައިލިއެވެ. އަދި އައްފާނަށް ކެހިދިން އަންހެންކުއްޖާގެ މތިން ހަނދާން ނައްތާލުމަށް ބުންޏެވެ. އަދި އެފަދަ ދުވަހެއް ދުވަހަކުވެސް ދެއްން ނުފެންނާނެ ކަމަށްބުނެ އައްފާނަށް ޔަގީންކަން ދިނެވެ.

ގިނަ ހުވާތަކެއް ކުރުމަށްފަހު ސުމަންގެ އުނގުގެތެރޭގައި އިށީނދެގެންއިން އިފާ ތެދުވިއެވެ. އަދި ގަޑިބަލާލިއެވެ.

“ހިނގާ ގެއަށްދާން… މިހާރު ވަރަށް ލަސްވެއްޖެއްނު.. ދިހަގަޑި ބައިވަނީ..” ލޯބީގެ މޮޅު ވާހަތައް ދައްކަން ތިބިއިރު ގަޑި ހިނގައިދިޔަގޮތެއްވެސް ނޭނގުނެވެ.

“ދާންވީތަ…” ސުމަން ބޭނުންވީ އަދިވެސް އިފާ އޭނާގެ އުނގުގެތެރޭގައި ބައިންދަލާށެވެ. ލޯބިކޮށްލާށެވެ.

(އަދި ނުނިމޭ… 17ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ)

ވާހަކަ ކިޔާލުމަށްފަހު ކޮމެންޓު ކުރައްވާ

Advertisements