ކުށްވެރިއަކީ އަހަރެންތަ؟  (14ވަނަ ބައި)ލިޔުނީ: އަޙުމަދު އަރީފް - އައްސޭރި / ފ.ނިލަންދޫ

ކުރީގެ އަދަދާ ގުޅޭ…

އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އިފާ ފެންނަ ކޮންމެ ފަހަރަކު ސުމަންގެ ހިތުގެ ވިންދު އަވަސްކުރުވައެވެ. އިފާ ނުފެނި ގޮނައިރުވުމުން އޭނަގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އެލޮލަކަށް އަރާމެއް ނުލިބެއެވެ. އިފާގެ އަޑުއިވޭ ކޮންމެ ފަހަރަކު ހިތަށް ފިނިކަން ގެނުވައެވެ. ނަފްސަށް ހަމަޖެހުން ގެނުވައެވެ. އަނެއްކޮޅުން އިފާގެ އަޑެއް ނީވި ގިނައިރުވުމުން ހިތަށް އުނދަގޫވެއެވެ.

ކުރިން ސުމަން ގަބޫލުކުރީ އެއީ މޮޅެތި ވާހަކަލިޔުންތެރިންގެ ގަލަމުން ބަޔާންކުރުވާ އިހުސާސްތަކެއްކަމަށެވެ. ނުވަތަ ޑްރާމާތަކާއި ފިލްމުތަކުގައި ދައްކުވައިދޭ ޚިޔާލީ ކަންތައްތަކެއް ކަމަށެވެ. ހަގީގީ ދިރިއުޅުމުގައި އެހުރިހައި ކަންތައްތަކެއް ވާކަމަކަށް ކުރިއަކު ސުމަން ގަބޫލެއް ނުކުރެއެވެ. އެކަމަކު މިހާރު އެއަށްވުރެ ބޮޑަށް ސުމަން ގަބުލުކުރާ ޙަގީގަތެއް ނެތެވެ.

“ކީއްވެ މާ މަޑުން ތިހުންނަނީ.. ކަމަކާ ހިތްހަމަ ނުޖެހިފަތަ؟” ސުމަންގެ ހަމަހިމޭންކަން ފެނިފައި އިފާ އަހަައިލިއެވެ.

އެވަގުތު ސުމަންދިޔައީ ސިއްސައިގެންނެވެ. ހިނގާފައި ދިޔައިރު އެކީގައި ބައިވެރިއަކު ހުރިކަން ހަނދާންވި ދެނެވެ.

“ތަންކޮޅެއް ޚިޔަލީ ވެވުނީ..؟” ހިނިތުންވުމަކާއެކު ވަރަށް ތެދުތެދަށް ސުމަން ޖަވާބު ދިނެވެ.

“އިފާ އުޅެނީ އެކަނިތަ؟” ސުމަން ވާހަކަ ފެށި ވަރަށް ދުރުދުރުންނެވެ.

“ނޫނެ. މަންމަމެންނާއެކު އުޅެނީ. ކީއްވެ ތިހެން ތިއެހީ؟”

“ކަމެއް ނުވޭ. އަހަރެން އެކަނި އުޅޭތީ އަހައިލެވުނީ”

“އެހެންތަ.. ކީއްވެ ސުމަން އެކަނި އުޅެނީ..” މިފަހަރު އިފާ އެސުވާލުކުރީ ޙަގީގަތުގައިވެސް އޭގެ ޖަވާބު ހޯދަން ބޭނުންވެގެންނެވެ. އެއީ ވަރަށްކުރިންވެސް އިފާ އަހަން ބޭނުންވެފައިހުރި ސުވާލެކެވެ.

“މިކޮޅަށް ވަޒީފާގައި އައިސް އުޅޭއިރު ކިހިނެތް އެންމެން ގޮވައިގެން އައިސް އުޅޭނީ..”

“ސުމަން މިކޮޅު ވަޒީފާއެއްގައިތަ؟”

“ނޭނގިގެންތަ ތިއެހީ..؟ މިރަށު ހޮސްޕިޓަލަށް ބަދަލުކުރިފަހުން މިހާރު ޓޫ މަންތްސް ވެއްޖެ.”

ސުމަންއަކީ ޑޮކްޓަރެއްކަން މީގެ ކުިރއަކު އިފާއަކަށް ނޭނގެއެވެ. އެކަމަކު ސުމަން އެހެން ބުނުމުން އިފާއަށް އެއްޗެއް ހަނދާންވިއެވެ. ދަތުރުދިޔަދުވަހު ދުވަނިކޮށް ވެއްޓިގެން އުޅުނުވަގުތު ސުމަން އޭނައަސް ފަރުވާދިނެވެ. އެދުވަހުވެސް ުސމަންގެ އެހަރަކާތްތަކުން އޭނައަކީ ޑަކްޓަރެއްހެން ހީވިއެވެ. އެކަމަކު އޭރަކު އެކަމެއް އިފާއަކަށް ނޭނގެއެވެ. ސުމަންއަކީ ޑަކްޓަރެއްކަން އެނގުމުން އިފާ ހިތްހަމަޖެހުނެވެ. ލޯބިވާން އުޅޭ އެޒުވާނާއަކި ރަނގަޅު ވަޒީފާއެއްގައި ހުރި މީހެއްކަން އެނގުމުން ލިބުނު ހިތްހަމަޖެހުމުން ހިތް ފުރާލައިގެްނ އިފާ ކުރިއަށް ދިޔައެވެ.

“ނޫނޭ މިހާރު އެނގިއްޖެ. ކޮބާ އަފީމެން…” އިފާ ވާހަކަ ބަދަލުކޮށްލަން މަސައްކަތް ކުރިއެވެ.

“އަހަންނަށް ހީވަނީ އެމީހުން އެދިޔައީ އެދިމާއިން ހެން” އެހިސަބު ދުރުގައި އޮތް ފަސްގަނޑަކަށް އިޝާރާތްކޮށްލަމުން ސުމަން އިފާއަށް ބަލައިލިއެވެ. އޭރު އިފާއަށް ހުރެވުނީ ސުމަންއަށް ބަލާށެވެ. ސުމަންއަށް އެކަން ފާހަގަކުރެވުނެވެ. ލަދުން އިފައަށްވެސް އިސްޖަހައިލެވުނެވެ.

އޭރު އައްފާނަ އަފީވެސް އެމީހުންގެ ކުރިމަތިން ހިނގާފައި ތަންކޮޅެއް ދުރަށް ގޮސްފިއެވެ. އެމީހުންނަށް ތަންކޮޅެއް ކުރިން ހިނގަައިގަނެވުމުން އޭރު އެމީހުން ތިބީ އިފަމެންނަސް ނުފެންނަ ހިސާބުގައެވެ.

ހިނިތުންވުން ފެންނަނީ ސުމަންގެ މުނުމަތިން އެކަންޏެއް ނޫނެވެ. އައްފާނުގެ މޫނުމަތިންވެސް ފެންނަނީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. ހީވަނީ މިރެއަކީ އޭނާ ކުރަމުންއައި ވަރަށް ދިގު އިންތިޒާރަކަށް ނިމުމެއް އައިސްގެން އުޅޭ ރެއެއް ހެނެވެ. އައްފާނު މަޑުމަޑުން އަފީފާއަށް ބަލައިލިއެވެ. އޭރު އަފީފާގެ މުނުމަތިން ފެންނަމުންދިޔަ ހިތްގައިމު ކުލަތަކުން އަފީފާވެސް މިވަގުތައް އިންތިޒާރުކުރަމުން އައިކަން އެނގެއެވެ.

“ކޮންކަމަކާ މާ އުފާވެފަ. އަފީގެ މޫނުމަތިން ހީވަނީ ކަމަކާ ވަރަށް އުފާކުރާހެން..” ނުބުނަން ހުރެފައިވެސް އައްފާނު އަފީފާ ގާތުގައި އަހައިލިއެވެ. ޙަގީގަތުގައި މާގނައިރު އެއްޗެކޭ ނުބުނެހުންނަން ވިމައި އަައްފާނު ފޫހިވީއެވެ. ބޭނުންވީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވާހަކަދައްކާލަ ދައްކާލަ ހުންނާށެވެ.

ސުމަން މަޑުމަޑުން އިފާއަށް ބަލައިލިއެވެ. އަދި އިފާގެ މޫނުމައްވަށް ވެރިވެފައިވާ އުފާވެރިކަމުގެ ކުލަވަރުތަކުން ހިތްހަމަ ޖައްސައިލިއެވެ. އިފާގެ ހިތްހަމަ ޖެހުމަކީ ސުމަންގެވެސް ހިތްހަމަ ޖެހުމެވެ. އިފާގެ މޫނުމައްޗަށް އައިސްފައިވާ ހިނިތުންވުމުގެ އަސްލަކީ ކޮބައިކަން ސުމަންއަށް އެނގެއެވެ. އެކަމަކު…

“ސުމަން.. މިދިމާގައި މަޑުކޮށްލަމާ.. ކުޑަކޮށް ފަޔަށް ވާޅުވެއްޖެ” އިފާގެ ފޮނި ޚިޔާލުތަކަށް ގެއްލިފައިހުއްޓައި އެޚިޔާލީ ދުނިޔެއިން ބޭރުކޮށްލީ އޭނާގެ ހިތުގެ މަލިކާއެވެ. އިފާޝާއެވެ.

“އަހަރެން ގާތު އަހަފައިތަ މަޑުކޮށްލަން ޖެހެނީވެސް….” ދިމާކޮށްލާރާގުގައި އިފާއާ ސަމާސާކޮށްލަމުން ސުމަން ހީލިއެވެ. އަދި އައްފާނުމެންނަށް ގޮވާލާފައި މަޑުކޮށްލުމަށް ބުނެ އެދީމާއިން ތަންކޮޅެއް އެއްގަމުގައިހުރި ގަސްބުޑެއްގެ މަތީގައި ސުމަން ޖައްސައިލިއެވެ. އިފާ އިށީނީ ބިންމަތީގައެވެ. އެއީ ދޮންވެލި ތުނޑިއެއްކަމުން އެތަނުގައި އިށީނުމަށް އިފާގެ ހިތް އެދުނީއެވެ.

“ކީއްވެ ތިތާ ތީނީ..؟ އާދެ މިތާ އިށީންނަން..” އިފާ އިޝާރާތްކޮށްލީ ބިންމައްޗަށެވެ. އެއްވެސް އެއްޗެކޭ ނުބުނެ ސުމަންވެސް ތެދުވެގެން ދިޔައީ ހިތުން ރުހުމުންނވެެ. އޭނަގެވެސް އެދުމަކީ ހަމަ އެއީއެވެ. ވީހާވެސް އިފާއާއި ގާތުގައި އިނުމެވެ. ބިންމަތީގައި އޮތް ކުޑަދަިނޑިކޮޅެއް ނަގަމުން ސުމަން ބިންމތިގައި އިށީދެލިއެވެ. އަދި އިފާގެ މޫނަށް ބަލައިލިއެވެ.

“އޯކޭތަ؟…”

“ހްމްމ” އިފާދިނީ ވަރަށް ކުރު ޖަވާބެކެވެ.

އޭރު އައްފާނާއި އަފީ މަޑުނުކޮށް ކުރިއަށްދިޔައެވެ. ޙަގީގަތުގައި އެދެމީހުންވެސް ބޭނުންވީ އެކަނިވެލާށެވެ. އަނެއްކޮޅުން ސުމަންވެސް އިނީ އެކަނިވެލާނެ ވަގުތެއް ލިބޭތޯއެވެ. އިފާ މަޑުކޮށްލަން ބުނުމުން އެހައި އަވަހަށް އެއްބަސްވެލީވެސް އެހެން ވެގެނެވެ.

“އެމީހުން ކޮންތާކަށްތަ އެދިޔައީ..؟” ވާހަކ ފެށީވެސް ސުމަންއެވެ. ފަށާނެ ވަކި ހިސާބެއް ނޭނގުމުން ސުމަން ކުރިއަށްދާން އަނެއްކާވެސް މަސައްކަތް ކުރިއެވެ. ސުމަން އިޝާރާތްކުރީ އެއްފާނު މެންނަށެވެ.

“އަހަންނަށް ހީވަނީ އެމީހުން އެކަނިވެލާހިތްވީ ކަންނޭގެ.” އިފާވެސް ވާހަކަ ދައްކަން ފެށިއެވެ. ސުމަންގެ އަޑު މެދުނުކެނޑި އިވިއިވި ހުރުމަށް އިފާގެ ހިތް އެދެމުން ދާތީއެވެ.

(އަދި ނުނިމޭ… 15ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!)

ވާހަކަ ކިޔާލުމަށްފަހު ކޮމެންތް ކުރައްވާ!