ކުށްވެރިއަކީ އަހަރެންތަ؟… 13ވަނަ ބައިލިޔުނީ: އަޙުމަދު އަރީފް - އައްސޭރި / ފ.ނިލަންދޫ

ކުރީގެ އަދަދާ ގުޅޭ….

“އަފީގެ ފްރެންޑުވެސް ގެންދަންވާނެ އިނގޭ” އައްފާނު އިޝާރާތްކޮށްލީ އިފާޝާއަށެވެ. އޭނާގެ ރޭވުމަކީވެސް ހަމަ އަފީގެވެސް ރޭވުމެވެ. ކޮންމެވެސް ބަހަނާއެއްދައްކައިގެން އެކީގައި ބޭރަށް ހިނގާލަން ދިޔުމެވެ. އަދި ސުމަންއާއި އިފާއަށް އެކީގައި ވާހަކަދައްކާލައި އެކަނިވެލާނެ ވަގުތުކޮޅެއް ހޯދައިދިނުމެވެ.

“އޭނަވެސް މިރޭ އުޅޭނީ ވަރަށް ފްރީކޮށް. ރަނގަޅު އައިޑިއާރ އެއްތީ.” ވަރަށް ދުރުދުރުން އަފީ އެވާހަކައާ އެއްބަސްވެލިއެވެ.

ކޮންމެއަކަސް ފޯންކޯލް ނިންމާލީ އެރޭ އަށެއްގެ ޚަބަރަށްފަހު ހިނގާލަންދާން އެއްބަސްވެފައެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. އެކިވަރުގެ ކުދިންތައް އަތިރީގައި ސަކަރާތްޖެހުމާއި ކުޅިވަރު ކުޅުމުގައި އަވަދިނެތި އުޅެމުންދިޔައެވެ. ފެންވަރާ ނަލަވެލައިގެން އަފީފާ އެދަނީ އެނާގެ އެކުވެރި އިފާޝާމެން ގެއަށެވެ.

ގޯތިތެރެއަށް ވަދެގެންދިޔައިރު އިފާޝާއޮތީ ބޭރު ޖޯލީގައި އޮށޯވެލައިގެންނެވެ. އަފީ ފެނުމާއެކު އިފާ ތެދުވިއެވެ.

“ކިހިނެތްވީ އަނެއްކާ… އައިސް ވަންގޮތުން ހީވީ ބޮޑުކަމެއް ދިމާވެގެން އުޅޭހެން..؟” އަފިފާ ފެނުމައެކު އިފާއަށް އަހައިލެވުނެވެ.

“މަބުނިމެންނު މަށަށް ޓްރަސްޓް ކުރާށޭ..!” އަފީ އޭނާގެ ގިރުވާނު ފޮތިކޮޅުގައި ހިފައިލަމުން ފޮންޏެއް ކަނޑައިލިއެވެ. އަފީ އޭނާގެ ރޭވުން ކާމިޔާބުވީވަހަކަ އިފާ ގާތު ބުންޏެވެ. އަދި އޭނާގެ ރޭވުމަކީ ކޮބައިކަން ބުންޏެވެ.

“އަޅެ… އަފީ ކީއްވެތަ އަހަރެން ގާތު ކުރިން ނުބުނީ.. އަހަންނަކަށް ނުކެރޭނެ ސުމަންއާއެކު ހިނގާލަން ދާކަށް..!” ސުމަންއާއެކު ހިނގައިލަން ދާވަހަކަ ބުނުމުން އިފާހުރީ ކުޑަކޮށް ޖެހިލުންވެފައެވެ. އެއީ އަބަދުވެސް އިފާގެ އާދައެވެ.

“އެއްކަލަ އިފާ. ފިނޑި މީހެއް… މަ ބުނީމެއްނު މަ އޭނަ ސެޓްކޮށްދޭނަމޭ.. ހަމަޖެހިބަލަ…” އަފީފާއައިސް އިފާ އޮތް ޖޯލިފަތީގައި ޖައްސައިލިއެވެ. އަދި މިއަދު އައްފާނާ ބައްދަލުވިވާހަކައާއި އޭނާގެ ވާހަކަ ހުރިގޮތުން ސުމަންވެސް އިފާއާއެކު ބޭރަށްދާން ބޭނުންވާކަން އެނގުނު ވާހަކަ އިފާގާތު ބުންނެވެ. އަދި މިއީ އެދެމީހުންނަށްވެސް ލޯބި ހޯދުމަށް ލިބޭނެ ރަނގަޅު ފުރުޞަތެއްކަމަށް ބުންޏެވެ. އަދި ކެރިގެން ކުރިމަތިލުމަށް އިފާ ގާތު ބުންޏެވެ.

އަފީގެ ވާހަކަތަކުން އިފާޝާގެ ހިތްވެސް އަނބުރުނެވެ. އަދި މިރެއަކީ ބޮޑުރެއްއެއްކަމަށް ދެކި ސުމަން ލޯބި ހާޞިލްކުރުމަށް ނިންމިއެވެ.

ވަގުތުތައް ދިޔައީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. އިޝާނަމާދުކޯށްލައިގެން ސުމަން އޮތީ ޚަބަރު ބަލާށެވެ. އިރުއިރުކޮޅާ ގަޑިބަލާލެވެއެވެ. ބައެއްފަހަރު ގަޑި ހިނގާލެއް ލަސްވެގެން ކުދިވެސް ކިޔެއެވެ. އަނެއްބައިފަހަރު ގަޑީ ހިނގާލެއް ތަންކޮޅެއް އަވަސްވާހެންވެސް ހީވެއެވެ. މިރެއަކީ ސުމަންއަށްވެސް ބޮޑުރެއެކެވެ. އިފާޝާއާ ކުރިމަތިލާނީ ކިހިނެތްކަމާމެދު ސުމަންދިޔައީ ވިސްނަމުންނެވެ.

“ކޮބާ ދާކަށް ނުވޭތަ؟” ޚަބަރު ބަލަންއިން ސުމަން ސިއްސައިގެންދިޔައީ އައްފާނުއައިސް ގޭތެރެއަށް ވަނުމުންނެވެ.

“އައްދޭ. ކަލޭ ހާދަ ތައްޔާރުވެލައިގެން..” އައްފާނު ފެނުމުން ސުމަން އޭނައާ ދިމާކޮށްލިއެވެ. އައްފާނުވެސް ހުރީ މިރޭގެ އެބައްދަލުވުމަށް ވަރަށް ތައްޔާރުވެގެންނެވެ.

“މަ ނޫޅެން ކޮންމެހެން މާ ނުވާކަމު ހެދޭކަށް. ސީދާ އަފިއާ ބައްދަލުކުރާހިތުން މިދަނީ.. ކަލޭވެސް ބުނެބަލަ މިދަނީ އިފާ ދެކިލާހިތުންނޭ” އައްފާނު ވާހަކަ ދެއްކީ ވަރަށް ހާމަކަންބޮޑު ގޮތަކަށެވެ. ހީވާގޮތުން މިރެއަކީ އޭނާގެ ލޯބީގެ ހުށައެޅުން ހުށައަޅާނެ ރެއެކެވެ. އަފީފާއާމެދު ދެކޭގޮތް މިރޭ އައްފާނު ފާޅުކުރާނެކަން ނޭނގެއެވެ. އަނެއްކޮޅުން ސުމަން އަދިވެސް މަސައްކަތް ކުރާނީ އެވާހަކަތައް ނުބުނެ ވޭތޯއެވެ. ބައެއްފަހަރު ބުނާން ހިތަށް އަރައެވެ. އެކަމަކު ހަމަ ޖެހިލުންވާވަރުން ނުބުނާން ހުރެވެނީއެވެ.

“ހިނގާ ދާން.. މިހާރު އެމީހުން އަހަރުމެން ނައިސްގެން މަޑުކޮށްގެންކަންނޭގެ ތިބޭނީ” ސުމަން ވާހަކަ ބަދަލުކޮށްލިއެވެ.

އެކަން އައްފާނަށްވެސް އެނގުނެވެ. އެކަމކު އިތުރަށް ސުމަން އާ ދިމާކުރުމުގައި އެރެގެ ވަގުތުތައް ދުއްވާލާކަށް އައްފާނު ބޭޏުމެއް ނުވިއެވެ. އެރެއަކީ އެއަށްވުރެ މާ އަގުބޮޑުރެއެކެވެ. އަފީފާއާއެކު ހޭދަކޮށްލިބޭ ހަމަ އެންމެ ކުޑަ ހިނދުކޮޅެއްވެސް ގެއްލޭކަށް އައްފާނު ބޭނުމެއް ނުވިއެއްވެ.

އައްފާނާ ސުމަންދިޔައީ ރަށުގެ އަތިރިމަގުން ލާފައެވެ. އެމީހުން އަފީފާމެންނާ ބައްދަލުކުރާގޮތަށް ނިންމާފައިވަނި އެހިސާބު އަތިރީގައި ހުންނަ ފިހާރައެއް ކައިރިންނެވެ. އަފީފާއާއި އިފާ މަޑުކޮސްލައިގެން ތިބީވެސް އެތަނުގައެވެ.

“މިހާރު އެމީހުން އަތުވެދާނެ. ދެން ދެރަނުވޭ..” އަފީފާ އިފާއާ ދިމާކޮށްލިއެވެ. އެކަމަކު އެދިމާކުރުމަކުން އިފައަކަށް މާބޮޑު އަސަރެއް ނުކުރުވިއެވެ. އެއަސްވުރެ މާބޮޑަށް އިފާހުރީ ގެއްލިފައެވެ. ތެދެކެވެ. އިފާއެހުރީ ސުމަންއަށް ގެއްލިފައެވެ. އަފީފާއަކަށް އަދި އެމީހުންނެއް ނުފެނެއެވެ. އެކަމކު މާދުރުން އިފާއަށް ސުމަން ފާހަގަކުރެވުނެވެ. ސުމަންގެ އެހިގުމަކީ އިފާމީގެ ދުވަސްތަކެއްކުރިން ދެނެގަނެފައިވާ ހިނގުމެކެވެ. ކިތަންމެ ދުރުންވިޔަސް ސުމްނ ފެނިއްޖެއްޔާ އިފާއަށް އެނގޭނެއެވެ.

“އައްދެ. ކީއްވެ މިފަހަރު އެއްޗެކޭ ނުބުނީ” އިފާގެ ފަރާތުން ޖަވާބެއް ނުލިބުމުން އަފީއަށް އަހައިލެވުނެވެ. ހަަމއެވަގުތު އަފިއަށްވެސް އިފާ މާދުރުން އަންނަ ބަޔަކަށް ބަލާކަށް ފާހަގަކުރެވުނެވެ. އަދި އެއީ އައްފާނާ ސުމަންކަން އަފީފާއަށްވެސް ދެނެގަނެވުނެވެ. އިފާގެ މުނުމަތިން ފެންނަމުންދިޔަ ހިނިތުންވުމުންނެވެ.

“ކީއްވެ މަޑުކޮށްލައިގެން ތިތިބީ.. ދާކަށް ނުވޭތަ؟” އައްފާނު އައިސް މަޑުކޮށްލީ އަފީމެންތިބި ފިހާރަކައިރީގައެވެ.

“އަހަރެން އެބައަންނަން މިތަނަށްވަދެ ސުޕާރިއެއް ގަނެލައިގެން.” ސުމަން ވާހަކަ ދެއްކިއެވެ. “ބޭނުންތަ..؟” ސުމަން ބަލާލީ އިފާގެ މޫނަށެވެ. އޭރު އިފާހުރީ އިސްޖަހައިގެންނެވެ.

“އައްދެ. ސުޕާރީ ކާމީހަކަށް މިތާހުރީ އިފާ އެކަނިތަ؟” އަފީފާ ސުމަންއަސް ބަލާލަމުން އޭނައާ ދިމާކޮށްލިއެވެ. އަފީ އެހެން ބުނުމާއެކު އަފީފާގެ އަތުގައި އިފ ާވިކައިގަތެވެ. ސިއްރު ސިއްރުންނެވެ. އަފީއަށް ހެވުނެވެ. ކިއްވެކަމެއް އެދެމީހުންނަކަށް ނޭނގުނެވެ.

“ނޭނގެ. އަހަރެންނަށް މިއެހުނީ އިފާގާތުގައިތަ؟ އައްޕި.. މަށަށް އެއްވެސް މީހެއްގެ ނަން ބުނެވުނުތަ؟” ސުމަންވެސް ވަކިން ދުލެއް ނުކުރިއެވެ. ފިހާރައަށް ވަންނަމުން އަފިއާ ދިމާއަށް އެއްޗެކޭ ބުނެ އަފީގެ އަނގަ ބަންދުކޮށްލީ އިފާގެ ހިތް އަތުލަން ނުންކަމެއްވެސް ނޭނގެއެވެ.

ސުމަން ފިހާރައަށްވަދެ ދެތިން ރުފިޔާގެ ސުޕާރީއާއި ފެންފުޅިއަކާ ހިފައިގެން ނުކުތެވެ.

“ކޮބާ ހިނގާ ދާން..” ސުމަން އައިސް މަޑުކޮށްލީ އައްފާނު ގާތުގައެވެ. އެވަގުތު އައްފާނު މަޑުމަޑުން ސުމަން އިފާގާތަށް ކޮއްޕާލިއެވެ.

“ކަލޭމެން ދެލޮބިވެރިން ދޭއެކީގައި.. އަހަރެމެން ދެމީހުން ހިނައގިދާނަން އެކީގައި . ދޯ އަފީ..” އައްފާނު ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. އައފާނު އެހެން ބުނުމުން އިފާ ކުޑަކޮށް ލަދުވެސް ގަތެވެ. ސުމަންވެސް އެއްވެސް އެއްޗެކޭ ނުބުންޏެވެ.

ހެމުން ހެމުން އައްފާނު އަފީގެ އަތުގައި ހިފައިލިއެވެ.

“ހިނގާ ދާން އަފީ..” އައްފާނާއި އަފީފާއި ކުރިމަތިން ހިގައިގަތެވެ.

އޭރުވެސް ސުމަންއެއްވެސް އެއްޗެކޭ ނުބުނެ ހުއްޓެވެ.

“މަޑުކުރަންވީތަ؟” އިފާ ސުމަންއަށް ބަލާލަމުން ވަރަށް މަޑުމަޑުން ބުނެލިއެވެ.

“ނޫނެ… ހިނގާ އަހަރެމެންވެސް ދާން…” ނުބުނާން ހުރެފައި އެންމެފަހުން ސުމަން ބުނެލިއެވެ.

އެވަގުތު ސުމަންގެ ހިތަށް އެރިއެވެ. ލޯތްބަކީ ހާދަ ފާޑެއްގެ އެއްޗެކެވެ. އިފާއާމެދު ލޯތްބެއް އުފެދުމުގެ ކުރިން އަމަލު ކުރެވުނު ގޮތާ މިހާރާ އެހައި ތަފާތު މިވަނީ މިލޯބިގެ ސަބަބުންނެވެ. ދަތުރު ދިޔަދުވަހު އެކީގައި ލަވަކިޔައި ހެދިއިރު ޖެހިލުމެއް ނުވިއިރު މިހާރު އެގޮތަށް ވާހަކަދައްކަން ސުމަން ޖެހިލުންވެއެވެ. އިފާ ވެއްޓުިގެން ކަށިމަތިން ހަންމަށައިގެންދިޔަވަގުތު އޭނައަށް ފަރުވާދޭން ކެރުނުއިރު މިއަދު ލޯބިން އޭނަގެ އަތުގައި ހިފައިލާކަށް ނުކެރުނެވެ. މަސްފިހަންދިޔަ ރޭ އިފައާ ދިމާވުމުން އެކީގައި ވާހަކަދައްކާލައިހެދިއިރު މިހާރު ހަތަރުކަޅި ހަމަކޮށްލަންވެސް ޖެހިލުންވެއެވެ. ލޯބީގައި މިހުރިހައިގޮތެއް މިވަނި ކީއްވެގެންކަމެއް ސުމަންއަކަށް ނުވިސްނުނެވެ. އެކަމަކު އެއީ ލޯބީގެ ސަބަބުން ވާގޮތްތަކެއްކަމަށް ސުމަންއަށް ވިސްނެމުންދިޔައެވެ. ސުމަންގެ ހިތުގައި އިފާއަށްޓަކައި ފުން ލޯތްބެއް އުފެދިފައިވާކަސް ސުމަންއަށް ޔަގީންވެއެވެ.

އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އިފާ ފެންނަ ކޮންމެ ފަހަރަކު ސުމަންގެ ހިތުގެ ވިންދު އަވަސްކުރުވައެވެ. އިފާ ނުފެނި ގޮނައިރުވުމުން އޭނަގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އެލޮލަކަށް އަރާމެއް ނުލިބެއެވެ. އިފާގެ އަޑުއިވޭ ކޮންމެ ފަހަރަކު ހިތަށް ފިނިކަން ގެނުވައެވެ. ނަފްސަށް ހަމަޖެހުން ގެނުވައެވެ. އަނެއްކޮޅުން އިފާގެ އަޑެއް ނީވި ގިނައިރުވުމުން ހިތަށް އުނދަގޫވެއެވެ.

(އަދި ނުނިމޭ… 14ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!)

ވާހަކަ ކިޔާލުމަށްފަހު ކޮމެންޓްކުރައްވާ