ކުށްވެރިއަކީ އަހަރެންތަ؟… 12ވަނަ ބައިވާހަކައިގެ ފުރަތަމަ ބައި

ކުރީގެ އަދަދާ ގުޅޭ…

“ތީ ކޮންކުއްޖެއްހޭ އެހީމަ ނޭނގުނުތަ ނަންބުނާކަށް. މީހަކު އަޅެ އަޖައިބެއް ނުވާނެތަ” އެހާ ވަރުން ނަންބަރު ހޯދައިގެން ގުޅުނުފަހަރު އެއްވެސް ވަރެއްނުވެ ކަނޑާލަން ޖެހުނީމައި އަދިވެސް އަފީހުރީ ކަޑަވެފައެވެ.

“އެހެން ވެގެނޭ މަބުނީ ލައުޑް ސްޕީކަރަށް ލައިގެން ހުންނާށޭ. ގައިމު މަށަށް ނަން ބުނެވުނީސްއެންނު” އަފީފާ އޭނާގެ ކޮޅު ގަދަކޮށްލަމުން ތެދުވިއެވެ.

“ހިނގާ އަދި ގުޅަން”

“ނުކެރޭނެ. ފަހުން ގުޅާނީ. މިހާރު އޭނަ ހުންނާނީ ކުޑަކޮސް ރުޅިއައިއްސަ ކަންނޭގެ” ދެވަނަ ފަހަރަށް ގުޅަންވީމަ އިފާޝާހުރީ ޖެހިލުންވެފައެވެ. ގުޅާކަށް އޭނައަކަށް އެއްބަހެއް ނުވެވުނެވެ. އެކަމަކު ހިތާހިތުން އެހެން ނަމައް ނުކިޔެއެވެ. ގުޅަން ބޭނުންވެއެވެ. އެކަމަކު ޖެހިލުންވާވަރުން ނުކެރެނީއެވެ.

“”ތިހެން ހުއްޓާ މީހަކު ޖަހައިގަނެފާނެ” އަފީފާ ބޭނުންވީ އޭއްޗެކޭ މީއްޗެކޭ ކިޔައިގެންވެސް އިފާގެ ހިތް އަނބުރައިލާށެވެ.
ދެވަނަ ފަހަރަށް ގުޅާނީތޯ ނުވަތަ ނޫންތޯ ބަހުސްކުރަންތިއްބައި އިފާގެ ފޯނަށް މެސެޖެއް އައި އަޑަށްއިފާ އޭނާގެ ފޯނު ނަގައި ބަލައިލިއެވެ.

“އަފީ.. މީ ދެންމެ އެނަންބަރު ދޯ” ޔަގީންކޮށްލަންވެގެން އަފީފާގާތު އަހައިލިއެވެ.

“ކޮބާ ހީވޭ… ދެންވެސް ގުޅާބަލަ. ގައިމު ރުޅިއައިސްފައިހުރި ނަމަ މެސެޖެއް ނުކުރާނެއްނު.” އަފީފާ މިފަހަރު ވާހަކަ ދެއްކި ވަރަސް ހިތްވަރުދޭ ފާޑަކަށެވެ. ސަމާސާގޮތް ކަނޑާލާފައި އަފީ ކުޑަކޮށް ސީރިއެސްވެލިއެވެ.

“އިހަށް ރިޕްލައި ދީފައި މަޑުކޮށްލާނީ” އިފާ އޭނާގެ ފޯނަށް އައިސްފައިވާ މެސެޖް ހުޅުވާލިއެވެ. މެސެޖްގައިވެސް ކޮށްފައިވަނީ ހަމަ އެސުވާލެވެ. “ތިޔައީ ކޮންކުއްޖެއްތަ؟”

ރިޕްލައިގައި އިފާ އޭނާގެ ނަންޖަހާލިއެވެ. އެކަމަކު ސެންޑު ކޮށްލާކަށް ނުކެރުނެވެ. އަނެއްކާވެސް ފަސްޖެހެވުނީއެވެ. އެކަމަކު މިފަހަރު ދެވަނަ ވިސްނުމަކަށް ނުގޮސް އަފީ ބުނިބުނުމަށް މެސެޖް ސެންޑުކޮށްލިއެވެ.

ދެމީހުންވެސް ހަމަހިމޭންކަމާއެކު އިންތިޒާރު ކުރަމުންދިޔައީ އެމެސެޖް ލިބުމުން ދެން ސުމަން ފޮނުވާނެ މެސެޖެއްގެ އިންތިޒާރުގައެވެ.

އާއެކެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން ސުމަންއަށް ގުޅީ އިފައެވެ. ސުމަންއާ ވާހަކަދައްކާލަން ބޭނުންވެގެންނެވެ. އެކަމަކު ސުމަންގެ އަޑުޖެހުމުން އިފާއަށް ވީގޮތަކުން ފޯނު ކަނޑާލެވުނީއެވެ. އެކަމަކު މިފަހރު ފަސްޖެހިގެން ކުރިއަށް ދެވެން ނެތުމުން އިފާ އޭނާގެ ވިސްނުން ބަދަލުކުރަން ބޭނުންވިއެވެ. ސުމަންގެ މެސެޖްގެ ރިޕްލައިގައި ‘އިފާ’ ޖަހާފައި ފޮނުވީ ދެން ދުވަހަކުވެސް ފަސްނުޖެހެން އަޒުމުކޮށްފައެވެ.

އަނެއްކޮޅުން ސުމަންއަށް އިފާގެ މެސެޖް ލިބުމުން ވީއުފަލެއް ބުނެދޭންވެސް ނޭނގެއެވެ. އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ސުމަންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އަދި ކަންތައް ވަމުންއައި ގޮތާމެދު ވިސްނާލިއެވެ. އިފާ ކޮންމެވެސް ގޮތަކުން ސުމަންގެ ނަންބަރު ހޯދީއެވެ. އަދި ކޮންމެސް ސަބަބަކާހުރެ ސުމަންއަށް ގުޅީއެވެ. ދައްކާނެ ވާހަކައެއް ނެތުމުން އައްޕިގެ ވާހަކަ އަހާފައި ފޯނުކަނޑާލީއެވެ. ފަހަރުގައި މާބޮޑަށް ލަދުގަތީކަމަށްވެސް ވެދާނެއެވެ.

އަނެއްކާވެސް އޭގެ ކުރީ ރޭގެ ހަނދާންތަކެއް ސުމަންގެ ޚިޔާލަށް އަންނަން ފެށިއެވެ. މަސްފިހަން ދިޔަ ރޭގެ ހަނދާތަކެކެވެ. ސުމަންއާއި އިފާ ވާހަކަ ދައްކަންތިބި މަންޒަރު އޭނާއަށް ފެންނަމުންދިޔަކަހައެވެ. އެތަސްވީރުތައް ކުލަޖެހި ފުރިހަމަވެފައިވާ ފޮޓޯތަކެއްހެން ސުމަންގެ ހިތަށް ސިފަވަމުންދިޔައެވެ. އިފާ އޭނައަށް ބަލަން އިނީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. އިޝްގުން ފުރިގެންވާ ލޮލަކުން އިފާ ސުމަންއަސް ބަލަން އިންކަން އޭރޭ ފާހަގަކުރެވިފައި ނެތަސް އެކަން މިއަދު ސުމަންއަށް ޔަގީންކުރެވުނެވެ. އިފާގެ ވާހަކަދެއްކުމުގައި އެރޭ އެހުރި ހަމަހިމޭންކަމާއި ލަދުވެތިކަމުން ސުމަންގެ ހިތް އޭނާގެ މައްޗަށް ލެނބެމުންދިޔަކަން އެރޭ ފާހަގަކުރެވިފައި ނެތަސް ސުމަންގެ ހިތުގައި މިއަދު އިފާއަށްޓަކައި ޚާއްޞަ މަޤާމަެއް ދެވިފައިވާކަން ސުމަންއަށް މިއަދު އެނގެއެވެ.

އިފާގެ ޚިޔާލުތަކުން މީހާ ޚިޔާލީ ދުނިޔެއަށް ގަރަގުވަމުންދިޔައިރު ވިސްނާވިސްނާވެސް ޖަވާބު ނޭނގުނު ސުވާލެއް އޮތެވެ. އެއީ ކޮންކުއްޖެއްތޯ އަހައިލުމުން ފޯނު ކަނޑާލި ކީއްވެކަމެއް ސުމަންއަކަށް ނުވިސްނުނެވެ. އެސުވާލު އިފާއާކުރަން ސުމަން ބޭނުންވިއެވެ. ފޯނު ނެގުމަށްފަހު މެސެޖެއްގައި އެސުވާލު ލިޔެލިއެވެ. އަދި އިފާއަށް އެމެސެޖް ފޮނުވުމަށްފަހު ފޯން ބޭއްވީ އިފާގެ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ.

“ކީކޭތަ ބުނާނީ… އަހަންނަކަށް ނޭނގެ ބުނާނެއެއްޗެއް” ސުމަންގެ މެސެޖް ފެނުމާއެކު އިފާޝާ އޭނާގެ އެކުވެރިޔާއަށް އެމެސެޖް ދައްކާލިއެވެ. އަދި ޚިޔާލަކަށް އެދުނެވެ.

“އަހަރެން ބުނާގޮތެއް ހަދާފާނަން. ރިޕްލައި ކުރާނެކަމެއް ނެތް. އަހަރެންގެ އިޝާރާތެއް ވަންދެން މަޑުކޮށްލާ” އަފީފާ ވަރަށް ވަރުގަދަ ޕްލެނެއް އޭނާގެ ހިތުގައި ރާވާލިއެވެ. އެކަމަކު އެކަން އިހަށް އިފާއަށްވެސް ސިއްރުކޮށްލިއެވެ.

“އެއިއްޔ؟ ކީއްވެ ރިޕްލައި ނުދެންވީ؟” އަފީގެ ނިންމުމާމެދު އިފާ ހިތްހަމައެއް ނުޖެހުނެވެ. އޭނާ ބޭނުންވީ ސުމަންއަށް ވާހަކަދައްކާށެވެ. ސުމަންގެ މެސެޖަށް ރިޕްލައި ދޭށެވެ.

“ޓްރަސްޓް މީ އިފޫ. ” އަފީފާ އޭނާގެ އެންމެ ގާތް، އެންމެ ލޯބިވާ އެކުވެރިޔާއާ ގަތްވެލަމުން ވާހަކަދެއްކިއެވެ. އަދި މިރޭ ކުޑަކަމެއް އޮތްވާހަކަ ބުނަމުން ގެއަށް ދާން ނުކުތެވެ. ފަހުން ގުޅާނެވާހަކައާއި ތައްޔާރުވެލައިގެން ހުރުމަށް ބުނެފައި އަފިފާ އެގެއިން ނުކުތެވެ.

އަފީފާގެ ނިންމުމަށް ބުނާނެ އިތުރު އެއްޗެއް ނެތެވެ. ޙަޔާތުގެ ގިނަކަންކަމުގައި އިފާޝާއަށް އަފީފާގެ އެއްބާރުލުން އަބަދުވެސް ލިބެމުންދިޔައެވެ. އަނެއްކޮޅުން އަފީފާ ދިޔައީ މޮޅު ކަމެއް ރާވަމުންނެވެ. ހުރިހައިގޮތަކުންވެސް ކާމިޔާބު ޕްލޭނަކަށް މިކަން ވާނެއެވެ. އަފީފާއަށްވެސް ވަގުތުކޮޅެއް ލިބޭނެތީއެވެ. އެކުގައި ހީލާ މަޖާކޮށްލާނެ އިތުރު ފުރުޞަތެއް އަނެއްކާވެސް ލިބޭނެތީއެވެ.

“މިރޭ ހިނގާލަން ދަމާ” އަފީފާ ގުޅައިގެން ހުރީ އައްފާނަށެވެ. އޭނާގެ ރޭވުމަކީ އެއީއެވެ. އެހަތަރުމީހުން މިރޭ ހިނާގަލަން ދިޔުމެވެ. އޭރުން އަފީފާއަށްވެސް އައްފާނައެކު ވަގުތުކޮޅެއް ހޭދަކޮށްލެވިދާނެއެވެ. އަނެއްކޮޅުން އިފާއާއި ސުމަންއަށްވެސް އެކަކު އަނެކަމު ދަސްވެލުމަށް ވަގުތުކޮޅެއް ލިބިދާނެތިއެވެ.

“ކޮންބައެއް ދާނީ؟”އައްފާނުވެސް އެޚިޔާލަށް ތާޢީދުކުރިއެވެ. އޭނަވެސް ބޭނުންވީ އަފީފާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.

“ކީއްތަވީ.. އަހަރެން ގޮވައިގެން އައްޕިއަކަށް ނުދެވޭނެތަ؟” އަފީ ބޭނުންވީ އައްޕިގެ ބަހަކީ ކޮބައިތޯ ބަލައިލާށެވެ. އޭނާގެ ހިތުގައި ހިނގަނީ ކޮންކަހަލަ ޖަޒުބާތެއްތޯ ބަލާލާށެވެ.

“އައްދެ. އަހަރެން އެހެން ބުނެފިންތަ؟ ކީއްވެ އަފީއާއެކު އަހަންނަށް ނުދެވޭންވީ..؟” އައްފާނު އޭނާގެ ހިތުގެ ވާހަކަ ވަރަށް ތިލަކޮށް ހާމަކޮށްލިއެވެ. ތެދެކެވެ. އިތުރު މީހަކު ގެންދާކަށް އައްފާނު ވިސްނާފައެއްވެސް ނެތެވެ. އަބަދުވެސް އޭނާ ބޭނުންވަނީ އަފީފާއާއެކު ގިނަ ވަގުތު ހޭދަކުރާށެވެ. އެކަންޏެވެ.

“އަހަރެން އެހެން ބުނިއެއްޗެއް ނޫން އެއީ.. ކޮބާ ސުމަން؟ އޭނަވެސް ގެންދަންވާނެއްނު.” އަފީ ވާހަކަ ބަދަލުކޮށްލިއެވެ. ވަރަށް ހުށިޔާރުކަމާއެކުއެވެ. އޭނާގެ ރޭވުމުގެ އެއްވެސް ކަމެއް މީހަކަށް ފަޅާނާރާނެ ކަހަލަ ގޮތަކަށެވެ.

“ތީ ސަޅި އައިޑިޔާއެއް. މިރޭ ސުމަންވެސް ފްރީވާނެ.” އަމުދުން އެޚިޔާލާ އައްފާނު މާގަޔާ ވެއްޖެއެވެ. އޭނާވެސް ހުރީ އެކަހަލަ ދަނޑިވަޅެއް ލިބޭތޯއެވެ. މެންދުރު ސުމަންއާ ދެއްކިވާހަކައަށްފަހު އައްފަނުވެސް ހުރީ އެފަދަ ވަގުތެއް ލިބޭތޯއެވެ.

“އަފީގެ ފްރެންޑުވެސް ގެންދަންވާނެ އިނގޭ” އައްފާނު އިޝާރާތްކޮށްލީ އިފާޝާއަށެވެ. އޭނާގެ ރޭވުމަކީވެސް ހަމަ އަފީގެވެސް ރޭވުމެވެ. ކޮންމެވެސް ބަހަނާއެއްދައްކައިގެން އެކީގައި ބޭރަށް ހިނގާލަން ދިޔުމެވެ. އަދި ސުމަންއާއި އިފާއަށް އެކީގައި ވާހަކަދައްކާލައި އެކަނިވެލާނެ ވަގުތުކޮޅެއް ހޯދައިދިނުމެވެ.

“އޭނަވެސް މިރޭ އުޅޭނީ ވަރަށް ފްރީކޮށް. ރަނގަޅު އައިޑިއާރ އެއްތީ.” ވަރަށް ދުރުދުރުން އަފީ އެވާހަކައާ އެއްބަސްވެލިއެވެ.

ކޮންމެއަކަސް ފޯންކޯލް ނިންމާލީ އެރޭ އަށެއްގެ ޚަބަރަށްފަހު ހިނގާލަންދާން އެއްބަސްވެފައެވެ.

(އަދި ނުނިމޭ… 13ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!)

ވާހަކަ ކިޔާލުމަށްފަހު ކޮމެންޓްކުރައްވާ!