ކުށްވެރިއަކީ އަހަރެންތަ؟… 11ވަނަ ބައިވާހަކައިގެ ފުރަތަމަ ބައި

ކުރީގެ އަދަދާ ގުޅޭ…

މާގިނައިރެއް ނުވިއެވެ. އަނެއްކާވެސް ސުމަންގެ ފޯނު ރިންގުވިއެވެ. އެކަމަކު މިފަހަރު ސުމަން ވިސްނާކަށް މަޑެއް ނުކުރިއެވެ. އެގުޅަނީ ކާކުތޯ ބަލާލުމެއް ނެތި ސުމަން ފޯނު ނެގިއެވެ.

“ހަލޯ…” ދެފަހަރަކު ސުމަން ހަލޯ ގޮވާލިއެވެ. އޭރުވެސް އެކޮޅުން އެއްވެސް ވާހަކައެއް ނުދައްކައެވެ. ގުޅަނީ ކާކުކަމެއް ސުމަން އަކަށް ނޭނގުނެވެ. އަނެއްކާވެސް ސުމަން ހަލޯއޭ ކިޔާ ގޮވާލިއެވެ.

“ކާކު ހޯދަން މިނަންބަރަށް ތިގުޅަނީ..؟” އަނެއްކާވެސް ސުމަން ވާހަކަދެއްކިއެވެ.

“އައްފާނު އެބައުޅޭތަ؟” ގުޅައިގެން ހުރި ފަރާތުން ސުވާލުކުރިއެވެ. އެއީ ހިތްގައިމު އަންހެން އަޑެކެވެ. އެކަމަކު އެއީ ކާކުކަމެއް ސުމަން އަކަށް ނޭނގުނެވެ. އަމުދުން އައްޕި ހޯދަން ސުމަންއަށް ގުޅަންވީ ކީއްކުރަންކަމެއް އޭނައަކަށް ނުވިސްނުނެވެ.

“މީ އައްޕި ފޯނެއް ނޫން. މިވަގުތަކު މިގެއަކުވެސް ނޫޅޭ.” އެހެން ބުނެފައި ސުމަން މަޑުކޮށްލިއެވެ. އެކޮޅުން އެއްވެސް އެއްޗެކޭ ނުބުނުމުން އަނެއްކާވެސް ސުމަން ސުވާލެއް ކުރިއެވެ.

“ތީ ކޮންކޮކުއްޖެއް؟”
މިފަހަރު ޖަވާބު ދިނުމުގެ ބަދަލުގައި އެކުއްޖަކު ފޯނު ކަނޑައިލީއެވެ. ފޯން ކަނޑާލުމާއެކު ސުމަން ނިކަން އަވަހާ އައްޕިއަށް ގުޅާލިއެވެ. އަދި ވީގޮތް ކިޔައިދިނުމަށްފަހު ވަރަށް އަވަހަށް އެގެއަށް އައުމަށް ބުންޏެވެ.

މާލަސްތަކެއްނުވެ އައްފަނުވެސް އެގެއަށް ދިޔައެވެ. އޭރު ސުމަންހުރީ އައްފާނު އަންނާނެ ވަގުތަކަށް މަޑުކޮށްގެންނެވެ.

“މަގޭ ނަންބަރު އެއްވެސް މީހަކަށް ދިނިންތަ؟” ސުމަން ބޭނުންވީ ފުރަތަމަވެސް ޕޮއިންޓަށް ދާށެވެ.

ސުމަންގެ އެސުވާލުން އައްފާނަށް ހުރިހައި އެއްޗެއްވެސް ވިސްނިއްޖެއެވެ. އަތިރިމަތީގައި މަސްފިހުނުރޭ އައްފާނު އޭނަގެ ނަންބަރު އަފީއަށް ދިނެވެ. އެހެންވެއްޖެއްޔާ އެއަންހެން ކުއްޖަކީ އަފީފާއެއް ނޫނެވެ. ކަނޑައެޅިގެން އައްފާނުގެ ނަންބަރު އެނގޭއިރު އަފީފާ ސުމަންއަށް ނުގުޅާނެކަން އައްފާނަށް ޔަގީން ކުރެވުނެވެ.

“ހުރިހައި ވާހަކައެއްވެސް މަކިޔައިދީފާނަން.” އައްފާނު ކުޑައިރުކޮޅަކު ވިސްނަން އިނދެފައި ވާހަކަތައް ކިޔައިދޭން ފެށިއެވެ.
“ކުރީ ރޭ މަސްފިހަން ދިޔައިމެންނު. ހަނދާންވޭތަ އެތަނަށް އައި އަފީމެން. މަ ދިނިން މަގޭ ނަންބަރު އަފީއަށް. އޭނަ އަހަންނަށް ފަހުން ގުޅަންވެސް ގުޅި. އެހެންވެއްޖެއްޔާ އަހަރެން ހޯދާކަށް އޭނައަށް ކަލެއަކަށް ނުގުޅާނެ ދޯ. މަށަށް ހީވަނީ ކަލޭގެ މަންޖެހެން އެއީ.” ހުރިހައި ވާހަކައެއް އެއްފަހަރާ ކިޔައި ދިނުމަށްފަހު އައްފާނު ތެދުވީ އޭނައަށް ފެންނަ އެއްޗެއްވެސް ބުނެފައެވެ. އައްފާނު ތެދުވެގެންގޮސް ސުމަންއިން ސޯފާގައި އިޝީނެވެ.

ސުމަންގެ މޫނަށް ބަލާލެވުނީ ދެނެވެ. އޭނާގެ މޫނުމައްޗަށް ވެރިވެފައިވަނީ ހިނިތުންވުމެކެވެ. ޔަގީނުންވެސް ކުރިން އެމޫނުމަތިން ފެނުނު ނުތަނަވަސްކަމެއް ފެންނާކަށް ނެތެވެ. އައްފާނުގެ ހިތުގައި އުފެދުނު ސުވާލުތަކަށް މަޑުމަޑުން ޖަވާބު ލިބެން ފެށިއެވެ. މަސްފިހަން ދިޔަ ރޭ އައްފާނުގޮސް ދިމާކޮށްލި ފަހުން ކޮންމެވެސް ކަންތައްގަނޑެއް ހިގައިފިކަން އައްފާނަށް ޔަގީންކުރެވުނެވެ. ފަހަރުގައި އެގޮތަށް ކަންތައް ވެފައި ނުއްވަސް މިހަރު ސުމަންގެ މޫނުމައްޗަށް އަރާފައިބަމުން އެދާ ކުލަވަރުތަކުން އެފަދަ ކަމަކަށް އޭނާ ކެތްމަދުވެފައިވާކަން އެނގެއެވެ.

“ކަލޭ އަނެއްކާ އޭނައަކަށް ނަންބަރެއް ނުދެންތަ؟” ކުދައިރުކޮޅަކު އައްފާނު މަޑުކޮށްލައިގެން އިނުމަށްފަހު ސުވާލެއް ކުރިއެވެ.

“ކާކަށް؟ އިފާ އަށްތަ؟” އައްފާނު އެ އެހީ އިފާޝާގެ ވާހަކަތޯ ޔަގީންކޮށްލަމުން ސުމަން އަހާލިއެވެ.

“ކޮންމެހެން މާ ނޭނގެން ހަދާނެކަމެތް ނެތް. މަ އެރޭވެސް ބުނީމެންނު ކަލޭމެން ހީވީ ހަމަ އިޝްޤުގެ ކަނޑަކަށް ފެތިފައޭ. ޔަގިނޭ މަށަށް ސިއްރުން ކަލޭ އެކަން އެބަކުރޭ” އައްފާނު ސުމަންގެ ކޮނޑުގައި ޖަހައި ސަމާސާ ރާގަކަސް އޭނައާ ދިމާކޮށްލިއެވެ.

އެވަގުތު ސުމަންވެސް އިންތަނުން ތެދުވެ އައްފާނާ ދިމާކޮށްލިއެވެ.

“މަމީ ކަލޭއެއް ނޫން. މީހުންނަށް ނަންބަރު ބަހައިގެން ރޭގަނޑު ހަތަރު ދަމު ފޯނު އޮންނާކަށް” އެހެން ބުނެފައި ސުމަން އޭނަގެ ފޯނަށް ބަލައިލިއެވެ.

“މަ ވާހަކައެއް އަހައިލަންތަ؟” ސުމަންގެ އެސުވާލަށް އައްފާނު އާއެކޭ ބުނަމުން ތެދުވިއެވެ.

“އައްޕިއަށް ހީވޭތަ އޭނަ އަހަރެން ދެކ ެލޯބިވާނެހެން.” ސުމަން ވާހަކަދެއްކީ ވަރަސް ޔަގީންކަމައެކުގައެވެ. އޭނާގެ ހިތުގައި އެފަދަ ޔަގީންކަމެއް އުފެދެމުންދިޔައީ ކީއްވެކަމެއް ޚުދު އޭނައަކަށްވެސް ބުނެދޭކަށް ނޭނގެއެވެ.

“އޭނަގެ ވާހަކަ ނާހަބަލަ. ކަލޭ އޭނަ ދެކެ ލޯބިވޭތަ؟” އައްފާނު ބަލަން ބޭނުންވީ އިފާ ސުމަންދެކެ ލޯބިވޭތޯ އެއް ނޫނެވެ. އެއަސްވުރެ އެނާގެ އެންމެ ގާތް އެކުވެރިޔާ އަލަށް މީހަކު ދެކެ ލޯބިވާ ވާހަކަ ދެއްކީމަ އެކަމުގެ ޙަގީގަތް ބަލަން އައްފާނު ބޭނުންވީއެވެ.

“ބުނެބެލަ. ކަލެއަށް އިފާ ކަމުދޭތަ؟ އަހަރެން އަފީ ގާތު ބުނެގެން ތިކަން ސެޓް ކޮށްދީފާނަން” އަނެއްކާވެސް އައްފާނު ވާހަކަ ދެއްކިއެވެ.

މިފަހަރު އައްފާނު އެބުނި އެއްޗަކުން ސުމަންގެ ހިތަށްވެސް ފިނިކަމެއް ލިބުނެވެ. އެކަމަކު އަދިވެސް އައްފާނު ކުރި ސުވާލަކަށް ޖަވާބެއް ނުދެވެއެވެ. އަމުދުން ނުދިނީކީވެސް ނޫނެވެ. ދޭނެ ޖަވާބެއް އެނައަސް ނޭނގުނީއެވެ. މިވަނީ ލޯބިކަން ނުވަތަ ނޫންކަމެއް ސުމަންއަކަށް ނޭނގެއެވެ. މި ކުޅިވަރަކީ ސުމަން އަށް ވަރަށް އައު ކުޅިވަރެކެވެ.

“އޭ މައެބަޖެހޭ ތަނަކަށް ޖައްސާލަންވެސް. ގޮސްލީއޭ. މިރޭ އަދި އަންނާނަން” ސުމަންއަށް ޖަވާބެއް ނުދެވުމުން އައްފާނު ތެދުވިއެވެ. އޭނާއަށްވެސް ވަގުތުގެ ގޮތުން އެހައި ގިނައިރު މަޑުކޮށްގެން އިދެވޭން ނެތިގެން ދިޔައެވެ. އޭރުވެސް ސުމަންއަށް ވިސްނެމުންދިޔައި އައްފާނު ކުރިސުވާލާ މެދުގައެވެ.

އަސްލުވެސް ސުމަންއަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އައްފާނަށް ދެނެ ޖަވާބަކާ މެދު ވިސްނަމުން އަނެއްކާވެސް ސުމަން ސޯފާގައި ޖައްސާލިއެވެ. އެވަގުތު ސުމަންގެ ޚިޔާލަސް އަންނަންފެށި މިއަދު އެނާ ބެލި ފިލްމުގެ ބައެއް މަންޒަރު ތަކެވެ.
“އަޖޭ… ކަލެއަށް ދުވަހަކުވެސް މީހަކު ދެކެ ލޯބިވެނުނުތަ؟ އެނގޭތަ މީހަކު ދެކެ ލޯބިވެވިއްޖެއްޔާ އަބަދުވެސް އެމީހެއްގެ ހަނދާންތައް އާވެ އާވެ ހުންނާނެ، އެމީހަކު ދުށުމަށް ކަލޭގެ ހިތް އެދޭނެ، ދުވަހަކުވެސް އެހެން ވޭތަ؟”

“އަހަރެންގެ ހިތުގައި އަބދުވެސް އިފާގެ ތަސްވީރު ބިންވަޅު ނެގިފައި ހުރޭ. ކިތަންމެ ރެއަކު އިފާގެ ހަނދާންތަކުގައި އޮއްވާ އަހަންނަށް ނިދޭ. އަހަރެންގެ ހިތުގައި ޖަހާ ކޮންމެ ވިންދަކާއެކު ހިތަށް އަރާ އިފާ ފެންނަ ހިސާބުގައި ހުންނާނެ ނަމައޭ.” ފިލްމުގެ ބަޠަލާގެ ވާހަކަތަކަށް މިފަހަރު ޖަވަބު ދިނީ ސުމަންއެވެ.

މިހުރިހައި ވާހަކައެއް ދެއްކިއިރު އެވާހަކަތަކުގެ މައްޗަކަށް ސުމަން އެއްވެސް ބާރެއް ނުފޯރައެވެ. ހީވީ ބޭއިޚްތިޔާރުގައި ހުރެ ދެކެވުނު ވާހަކައެއް ހެނެވެ. ސުމަންއަށްވެސް ހޭވެރިކަމެއްވީ ކުޑައިރުކޮޅެއް ފަހުންނެވެ. ހުރިހައި ވާހަކައެއް ދެކެވި ނިމުނުފަހުންނެވެ. އެވާހަކަތައް އަޑުއަހަން އެހެން މީހަކު ނެތްކަން އެއީ ނަސީބެކޭ ހިތަށް އެރިއެވެ.

އެވަގުތު ސުމަންއަށް ކުރިމަތީގައިހުރި ލޯގަނޑަށް ބަލާލެވުނެވެ. އަދި އެލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލާލެވުނުވެ.

“ސުމަން. ކަލެއަށް ކިހިނެތްތިވަނީ. މިހުިރހައިދުވަހު ނުލާހިކު ހިމޭނުން، ރަނޑެއްހެން ހުރެފައި ކުއްލިއަކަށް މީހަކު ދެކެ ލޯބިވިއްޔޯ. ހަމަ އަސްލުވެސް ކަލޭ އޭނައާ ގުޅެން ބޭނުންތަ” ސުމަންގެ ހިތާ ކުރެވެމުންދިޔަ ސުވާލުތަކަށް ދޭނެ ޖަވާބު މިހާރު ސުމަންއަށް އެނގެއެވެ. މީހަކު ދެކެ ލޯބިވީމައި ވާނެ ހުރިހައިގޮތެއް ސުމަންއަށް ވެއެވެ. އެކަން ހާމަކުރަން ސުމަން ބޭނުންވެއެވެ. އިފާއަށް އަންގަން ސުމަން ބޭނުންވެއެވެ.

ވަގުތަކީ އަފީއާއި އިފާޝާ ކޮޓަރީގައި އުޅުނު ވަގުތެކެވެ. އެދެމީހުންވެސް އުޅުނީ ހަމަ އެފަދަ ހާލަކައިގެންނެވެ.

“ކީއްކުރަންތަ ފޯނު ކަނޑާލީ..؟” އިފާޝާ ފޯނު ކަނޑާލުމުން އަފީފާ ގާތަށް ކުޑަކޯށް ރުޅިވެސް އައެވެ. އެއަށްވުރެ ބޮޑަށް ހިނިވެސް އައެވެ.

“ގައިމު ނަންބުނެފައި ކަނޑާލިނަމަ އެފަކީރުވެސް ތަންކޮޅެއް ހަމަޖެހޭނެދޯ” އަނެއްކާވެސް އަފީފާ އައިސް އިފާގާތު ޖައްސާލިއެވެ.

“އަހަރެން އަމިއްލައަކަށް ނޫނޭ.. އޭނަގެ އަޑު ޖެހުނީމައި އެވީގޮތަކުން ނޭނގުނު އެއްޗެކޭ ބުނާކަށް. ދެން އެހެން ހުއްޓާ އަހައިފި ތީ ކޮންކުއްޖެއްހޭ.. މަށަކަށް ނޭނގުނު ބުނާނެ އެއްޗެއް. އަވަހަށް ފޯނު ކަނޑާލީ” އިފާ ވާހަކަ ދެއްކީ ވަރަށް އަވަހަށެވެ. މީހާވެސް ހުރީ ފާޑަކަށް އަވަސްއަރާފައެވެ. ހިތްވެސް ތެޅެމުންދިޔައީ ފެންނުލިބިގެން އުޅޭ މަހެއް ހެންނެވެ.

“ތީ ކޮންކުއްޖެއްހޭ އެހީމަ ނޭނގުނުތަ ނަންބުނާކަށް. މީހަކު އަޅެ އަޖައިބެއް ނުވާނެތަ” އެހާ ވަރުން ނަންބަރު ހޯދައިގެން ގުޅުނުފަހަރު އެއްވެސް ވަރެއްނުވެ ކަނޑާލަން ޖެހުނީމައި އަދިވެސް އަފީހުރީ ކަޑަވެފައެވެ.

“އެހެން ވެގެނޭ މަބުނީ ލައުޑް ސްޕީކަރަށް ލައިގެން ހުންނާށޭ. ގައިމު މަށަށް ނަން ބުނެވުނީސްއެންނު” އަފީފާ އޭނާގެ ކޮޅު ގަދަކޮށްލަމުން ތެދުވިއެވެ.

“ހިނގާ އަދި ގުޅަން” ވަރަށް ގަޔާވާ ކަހަލަ ގޮތަކަށް އަފީއައިސް އިފާޝާގާތު މަޑުކޮށްލިއެވެ.

“ނުކެރޭނެ. ފަހުން ގުޅާނީ….”

(އަދި ނުނިމޭ…ކުރިއަށްހުރި ބައިތަކަށް އިންތިޒާރުކޮށްލައްވާ…!)

ވާހަކަ ކިޔާލުމަށްފަހު ކޮމެންޓު ކުރައްވާ..!