ކުށްވެރިއަކީ އަހަރެންތަ؟ (10ވަނަ ބައި)ވާހަކައިގެ ފުރަތަމަ ބައި

(ކުރީގެ އަދަދާ ގުޅޭ…)

“ކުޑަކަމެއް ޖެހިގެން ލަސްވީ.. މިދަނީ އިނގޭ” އެހެން ބުނުމާއެކު އަފީފާ ފޯން ކަނޑާލިއެވެ. ދިމާވި ކަންތައްތައް އިފާޝާއަށް ކިޔައިދޭން ބޭނުންވިއެވެ. އެކަމަކު ކުރިން އޭނާ ކިޔައިދޭން ބޭނުންވި ވާހަކަތަކަށް ހަދާނީ ކިހިނެތްކަމެއް ނޭނގުނެވެ. އައްފާނު ކަމުދާކަމާއި އޭނާއަށް އެކަން އަންގަން ބޭނުންވާ ވާހަކަ އިފާގާތުގައި ބުނާނީ ކިހިނެތްކަމެއް އަފީއަކަށް ނޭނގުނެވެ. އަނެއްކޮޅުން މިހާރު ބުނަން މިޖެހުނީ އައްފާނު އެހެން އަންހެން ކުއްޖަކާއެކު އުޅޭ ވާހަކައެކެވެ. މިހުރިހައި ވަހަކައެއް ބުނާނެހައި ހިތްވަރެއް އަފިއަކަށް ނުލިބުނެވެ.

އެކަމަކު އެކަންވެސް އިފާއަށް ވިސްނައިދޭނީ ކިހިނެތް ހެއްޔެވެ. އިފާގެ ފިނޑިވާހަކަ އަބަދަު އަފީފާ ދައްކާނެއެވެ. އޭނައަށް ކަންތައްތަކާ ކުރިމަތިލާން ނުކެރޭކަމާއި އަބަދުވެސް ކަންކަމުގައި ފަސްޖެހޭކަމަށް ބުނެ އަފީފާ އަބަދުވެސް އަިފާއާ ދިމާކުރާނެއެވެ.

އެކަމަކު މިއަދު ހާޔާތަށް އައި އެންމެ މީހެއްގެ ސަބަބުން އަފީފާއަށް މިވަނީ އެހުރިހައިކަމެއް ތަޖުރިބާކުރަން ޖެހިފައެވެ. މީހާ ފިނޑިވެ ފަސްޖެހެވެނީއެވެ.

މިކަހަލަ ކިތަންމެ ފިކުރެއްގައިހުރި އަފީފާ އަނެއްކާވެސް އިފާމެންގެ ގެއަށް ދިއުމަށް ހިނގައިގަތެވެ. މަގުގެ ހިޔާ އޮތްފަޅިން ހިނގާފައި ދިޔައިރު އޭނައަކް ދެވަނަ ކަމަކާ ދޭތެރޭ ފިކުރެއް ނުކުރެވެއެވެ. އައްފާނު އެހެން ކުއްޖަކު ދެކެ ލޯބިވާކަމެއް އޭނައަކަށް މީގެކުރިން އެނގިފައެއް ނެތެވެ. އަދި އައްފާނު އެހެން ކުއްޖަކާއެކު އުޅެނިކޮށް ފެނިފައެއްވެސް ނެތެވެ.

“ޕޮއް….” ކުއްލިއަކަށް އަފީފާގެ ކުރިމައްޗަށް އެހުއްޓުނީ އައްފާނެވެ. އަފީފާ ސިއްސުވައިލީއެވެ. ހަގީގަތުގައިވެސް އަފީފާ ދިޔައީ ސިއްސައިގެންނެވެ.

“އައްދެ.. ހާދަ ބޮޑަކަށް ތި ސިހުނީ..” އަފީފާ ސިއްސައިގެން ދިޔަވަރުން އައްފާނު ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. އެކަމަކު މިފަހަރުވެސް އަފީފާ އެއްވެސް އެއްޗެކޭ ނުބުންޏެވެ.

“މާބޮޑަށް ސިހުނީ ދޯ.. އެހެންވެއްޖެއްޔާ ސޮރީ އިނގޭ..” އައްފާނު ވާހަކަ ދައްކަމުންދިޔައީ ވަރަށް އޯގާތެރި ފާޑަކަށެވެ. އޯގާތެރިކަމަށްވުރެ ލޯބިންނޭވެސް ބުނެވިދާނެއެވެ. އޭނާގެ ވާހަކަދެއްކުމުގައި އެހުރި ރާގުން އަފީފާއަށް އެއްޗެއް ދޭހަވާން އުޅުނު ކަހަލައެވެ.

“ކަމަކާ ވިސްނަން ހުރީމަ… ކޮންތާކަށް ތިދަނީ..؟” އަފީފާ އޭނާގެ މޫނުމަތީގެ ކުލަވަރު ހެޔޮކޮށްލަމުން ވަހަކަ ދައްކަން ފެށިއެވެ.

“ތާކަށް ނުދަން.. އަހަރެން ހީކުރީ އަފީ އަހަރެންދެކެ ރުޅިއައިސްފަ ކަމަށް” އައްފާނުވެސް އޭނާގެ ރާގު ބަދަލު ނުކޮށް ކުރިންވެސް ވާހަކަދައްކަމުންދިޔަ ރާގުގައި ވާހަކަދައްކަމުން ދިޔައެވެ.

“އަހަރެން ކިއްވެ އައްފާނު ދެކެ ރުޅިއަންނަންވީ”

“ތިސުވާލު އަހަރެން ކޮށްފިއްޔާ..” އައްފާނަށް ހީވީ ރަނގަޅަށެވެ. މިވީ ދެތިންދުވަހުވެސް އަފީ އޭނައާ ދިމާއަށް އައްފާނު ކިޔާފައެއް ނުވެއެވެ. އައްފާނުގެ އެއްސުވާލަށް އެއްވެސް އެއްޗެކޭ ނުބުނެ ކުޑައިރުކޮޅަކު އަފީފާ މަޑުކޮށްލިއެވެ. ބުނެލެވޭ އެއްޗަކުން ކޮންމެފަދަ ނަތީޖާއެއްވެސް ނިކުމެދާނެއެވެ.

“އަހަރެން ސުވާލެއް ކޮށްލަންތަ؟” ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު އަފީފާ އައްފާނަސް ބަލާލިއެވެ. އާއެކޭ ބުނުމުގެ ގޮތުން އައްފާނު ބޯޖަހާލިއެވެ.

“މިއަދު އައްފާނާއެކީ ދިޔައީ ކޮން ކުއްޖެއްތަ”

“މީދޯ މިވީގޮތަކީ… އެކަމާތަ މާ މޫޑީވެފަ ތިހުންނަނީ” ވެގެން އުޅޭގޮތް އައްފާނަށް އެނގުމުން ކުޑަކޮށް ހިނިއަންނަގޮތްވެސް ވިއެވެ. އެހެންޏާ އަބަދު ސަކަރާތްޖަހާ އަފީއަށް ވެފައިހުރީ ކީއްކަން އެގުމުން އައްފާނަސްވެސް ހިތްހަމަ ޖެހުން ލިބުނެވެ.

“އެއީ ކަޒިން ކޮއްކޮއެއް. ރޭ ރާއްޖެއައީ…”

އައްފާނުގެ އެޖަވާބާއެކު އަފީފާގެ މޫނުމައްޗަށް ހިނިތުންވުން ގެނުވިއެވެ. އަދި އެކަން އައްފާނަށްވެސް ފާހަގަކުރެވުނެވެ. އަފީފާއަށް ފުން ނޭވައެއް ދޫކޮށްލެވުނީ ހިތްހަމަ ޖެހުމާއެކުގައެވެ. ގެއްލުނީކަމަށް ހީކުރި ޒުވާނާ މިލްކުވާން އުޅޭކަމުގެ ފެހި ސިގްނަލުން އޭނާގެ ހިތް އުތުރި އަރަމުން ދިޔަ ކަހަލައެވެ.

އަފީފާ ބޭނުންވީ ކަންތައްވީގޮތް އައްފާނަށް ކިޔައިދޭށެވެ. އެހެންކަމުން ރޭގައި އައްފާނަށް ކުރި އެސް.އެމް.އެސްގެ ޖަވާބު ނުލިބުމުން ކަންބޮޑު ވީވާހަކައާއި ހެނދުނުވެސް ގުޅާނުލީމައި ދެރަވި ވާހަކަ ބުންޏެވެ. އަދި އެކަމާ އިފާއާ ވާހަކަދައްކާލަންދާން ނުކުންތަނުން އައްފާނުއާއި އެއަންހެން ކުއްޖާއާ އެކީ ފެނުމުން ހީކުރެވުނު އެއްޗެއްގެ ސަބަބުން މުޅިދުވަސް ޚަރާބުވީކަަމށް ނިންމި ވާހަކަވެސް ބުންޏެވެ. ހުރިހައި ވާހަކައެއް ކިޔާދެމުންދިޔައިރު އައްފާނަސްވެސް ކަޅި ޖަހާނުލައި ބަލަންހުރެވުނީ އަފީފާގެ މޫނަށެވެ. އޭނާގެ ވާހަކަތަކަށް އައްފާނަކަށް މާބޮޑު ސަމާލުކަމެއް ދެވޭހެނެއް ހީއެއް ނުވެއެވެ.

“ދެން ދަނީ.. މިހާރު އިފާ ހުންނާނީ ލަސްވެގެން ރުޅިއައިސްފަ” އިފާމެންގޭ ދޮރާ ހަމައަށް އާދެވުނުއިރުވެސް އައްފާނަށް ހުރެވުނީ އަފީފާގެ މޫނަށް ބަލަހައްޓައިގެންނެވެ. ސިއްސައިގެން ދިޔައީ އަފީފާ އެނާގެ ހިނގުން މަޑުކޮށްލާފައި އައްފާނަށް ބަލާލުމުންނެވެ.

“ކޯއްޗަކަށް މާވަރަކަށް ތިބަލަނީ” އަފީފާއަށް އައްފާނު ބަލަންހުރި ވަރުން އަހައިލެވުނެވެ.

“ކަމެއް ނުވޭ… އަހަރެންގެ ސަލާމް އިފާއަށް ބުނެދެއްޗޭ… ދަނީ” އައްފާނު ވާހަކަދެއްކީ ވަރަށް ހަލުވިކޮށެވެ. ފަހަރެއްގައި އޭނަ އަފީފާއަށް ބަލަންހުރިކަން އަފީފާއަށް ފާހަގަކުރެވުނީމައި ލަދުގަތީކަމަށްވެސް ވެދާނެއެވެ.

އައްފާނުވެސް އެހެން ބުނުމާއެކު ހިނގައިގަތީ ކުރިއަށް ދާށެވެ. އަފީފާވެސް ހިނިތުންވުމަކުން އައްފާނާ ސަލާމްކޮށްލުމަށްފަހު އިފާޝާމެންގެ ގެއަށް ވަނެވެ. އޭރު އިފާޝާއޮތީ އަފީފާގެ އިންތިޒާރުގައި ބޭރު ޖޯލީގައި އޮށޯވެލައިގެންނެވެ.

“ޕިސް..ޕިސް އެކަމަކު ދޯ.. އަޅެ ތިއަށްވުރެ އަވަހަށް އަންނާކަށް ނޭނގުނުތަ؟” އަފީފާ ފެނުމާއެކު އިފާޝާއަށް ބުނެލެވުނެވެ. ހަމައެއާއެކު އަފީފާގެ މޫނަސް ބަލައިލެވުނެވެ. ކުރިން އިފާޝާގެ މޫނުމަތީގައި ހުރި ކުލަވަރު މުޅިން ބަދަލުވީ އެކުވެރިޔާގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަމެއްގެ ސަބަބުންނެވެ. އައިލެއް ލަސްވެގެން އެކަމާ ޝާކަުވާކުރަން ތެދުވެފައި އަފީފާގެ މުނުމަށްޗަށް ބަލައިލެވުމުން އެހުރިހައި ޝަކުވާތަކެއް ހަނދާން ނެތުނުކަހަލައެވެ. އެއަށްވުރެ އެކުވެރިޔާގެ ވާހަކަތަކަކީ ކޮބައިކަން އޮޅުންފިލުވަން ބޭނުންވީއެވެ.

“ހާދަ ހެވިފަ.. އަނެއްކާ ކިހިނެތްވީ…؟” އިސްވެ ސުވާލު ކުރީ އިފާޝާއެވެ.

އަފީފާގެ މޫނުމަތިން ފެންނަމުންއެދަނީ ކޮންފަދަ އުފާވެރިކަމެއްކަމެއް ބުނެދޭކަށްވެސް ނޭނގެއެވެ. ހީވަނީ ގިނަދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި ބޮޑު ކަމެއް ކާމިޔާބު ވެގެން އުޅޭ މީހެއް ހެންނެވެ.

“އަޅެ އަހަންނަށްވެސް ކިޔައިދީބަލަ. ކިހިނެތްވެގެންތަ މާހެވިފައި ތިހުންނަނީ” އިފާޝާގެ ކެތްތެރިކަން ކުދަވަމުންދިޔައެވެ.
އަފީފާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެކުވެރިޔާއަށް ބަލާލާފައި އުފަލުންގޮސް ހެވުނެވެ. އަދި އެއައިގޮތަށް އައިސް އިފާއާ ބައްދާލިއެވެ. އަދި އުފަލުން ފޮޅެމުންދިޔަ iމަލެއްހެން ނަށާލިއެވެ.

“އަހަންނަށް ހީވަނީ އަހަންނަށް އައްޕި ކާމިޔާބު ވާނެހެން.” ތޫލިއަޑަކުން ނިކަން ފޮނިވެފައިހުރި ކަހަލަ ގޮތަކަށް އަފީ ބުނެލިއެވެ. އަދި ދެފަހަރަކު ފުންމާލިއެވެ. އަފީހުރީ ހަމަރަނގަޅަށްވެސް މޮޔަވެފައެވެ. މީގެ ކރުިްނ އޭނައަކީ ދުވަހަކުވެސް މިހަކާހެދި އެހައި ވަރުވީ މީހެއް ނުނެވެ.

“އެހެންތަ… ކިޔާދީބަލަ އަހަންނަށްވެސް..” އިފާއަށްވެސް އުފަލުްނ ނުރޮވުނީ ކިރިޔާއެވެ. އެންމެ \ގާތް އެކުވެރިޔާއަށް އުފާވެރިކަމެއް ދިމާވުމުން އިފާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އަދި ކަންވީ ގޮތް ބެލުމަށް ކެތްމަދުވިއެވެ.

މީގެ ކުޑައިރުކޮޅެއްކުރިން ފެށީގެން ޖޯލީގައި މަޑުކޮށްލައިގެން އިން މަގްޞަދު މުޅިން ހަނދާން ނެތުނުކަހަލައެވެ. ސުމަންގެ ނަންބަރު ލިބުނުތޯ އަހާލަންވެސް އިފާއިނީ ހަނދާން ނުވެފައެވެ.

“އެނގޭތަ.. މިގެއަށް މިއައީވެސް އައްޕިއާއެކު..” އަފީފާ އޭނާގެ ވާހަކަ ފެށިއެވެ. ރޭ އައްޕިއަށް ގުޅިވާހަކައާއި މިއަދު މަގުމަތިން ހިނގިކަންތައްތަކާއި ފަހުން އައްފާނުއައިސް ދެއްކި ހުރިހައި ވާހަކައެއް އަކުރުން އަކުރަށް އަފީފަ ކިޔައިދިނެވެ.

“ބުނި އިފާއަށް ސަލާމްބުނައްޗޭވެސް” އަފީހުރިހައި ވާޙަކައެއް ކިޔައިދީ ނިންމިއެވެ.

އައްފާނު ސާލާމް ބުނިވާހަކަ ބުނުމުން ކުއްލިއަކަށް އިފާ ކަމެއްގެމަތިން ހަނދާންވިއެވެ. ރޭ އައްފާނަށް ގުޅައިގެން ސުމަންގެ ނަންބަރު ހޯދަން އުޅުނުކަން ހަނދާންވީ ދެނެވެ.

“ކިޔާދީބަ ސުމަންގެ ނަންބަރު..؟” އިފާ އޭނަގެ ފޯނު ނެގީ ސުމަންގެ ނަންބަރު ނޯޓުކޮށްލާށެވެ.

“އަޅެ… ސޮރީ އިނގޭ.. އަސްލު ނަންބަރު ހޯދަން ހަނދާން ނެތުނީ. މިރޭ ދޭނަން” އަފީފާ އޭނާގެ އަތުގައި ސުމަންގެ ނަންބަރު ނެތްކަމަށް ބުނަމުން މަޢާފަށް އެދުނެވެ.

އެކަމާ އިފާޝާ އެއްވެސް ރުޅި މޫނެއް ނުދައްކައެވެ. އޭނާގެ އެކުވެރިޔާގެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުން ގެއްލުވައިލާކަށް އިފާ ބޭނުމެއް ނުވިއެވެ.

“ހްމްމ.. ދެން މީނަ އައްޕިއަށް ގުޅާހިތުން ހަމަ” އަފީފާގެ ކޮނޑުގައި ޖަހައިލަމުން އިފާ އޭނާގެ އެންމެގާތް އެކުވެރިޔާއާ ދިމާކޮށްލިއެވެ. އެހެން ބުނެފައި ދެމީހުންވެސް އެކީގައި ކަހަލަ ގޮތަކަށް ތެދުވެގެން ގޭތެރެއަށް ހިނގައިގަތެވެ.

ދުވަހުގެ މެންދުރު ވަގުތެވެ. ސުމަން އޮތީ ގޭގައި ޖައްސާލައިގެންނެވެ. އޭނަ އޮތީ ލޯބީގެ ފިލްމެއް ބަލާށެވެ. ފިމުގެތެރެއަށް ވަރަށް ބޮޑަށް ވަދެގެން އޮތްހެން ހީވެއެވެ. އޭނަ ބަލަމުންދިޔަ ފިލްމުގައި ވަނީ ވަރަށް އާދަޔާ ޚިލާފުގޮތެކެވެ. ފިލްމުގެ ބަޠަލާގެ ދައްތައަށް ކެންސަރު ޖެހެނީއެވެ. އެކަން އެނގެނީ އެދައްތަގެ ކޮށްކޮއަކަށެވެ. ފިލްމުގެ ބަޠަލާއަކަށްވެސް އެކަމެއް ނޭނެގެއެވެ. އެއްދުވަހަކު ދެކެވޭ ވާހަކައެއްގެ ތެރެއިން ފިލްމުގެ ބަޠަލާ ކުރިން މިބުނި ކޮއްކޮގާތުގައި ބުނެއެވެ. “އަޖޭ. ކަލޭގެ ހިތުގައި ވާހަކައެއް އޮވެއްޖެނަމަ އެކަން ފާޅުނުކޮށް ނުބާއްވާތި. މިހަކާ ނުވަތަ ކަމަކާދޭތެރޭ ފިކުރުކުރެވެނަމަ އެކަން ސިއްރުކޮށްފައި ބޭއްވުން އެއީ ވަރަށް ގޯސްކަމެއް” ޑައިލޮގް ކޮޅު އަޑުއަހަން އޮތްއިރު ސުމަންގެ ޚިޔާލާ އެކުވެގެން އެއަންނަނީ އެއްކަލަ ހަނދާންތަކެވެ. އިފާގެ ހަނދާން ތަކެވެ. “ކަލެއަށް ދުވަހަކުވެސް މީހަކު ދެކެ ލޯބިވެނުނުތަ؟” އަނެއްކާވެސް އެފިލްމުގެ ބަޠަލާ ވާހަކަފެށިއެވެ. “އެނގޭތަ މީހަކު ދެކެ ލޯބިވެވިއްޖެއްޔާ އަބަދުވެސް އެމީހެއްގެ ހަނދާންތައް އާވެ އާވެ ހުންނާނެ، އެމީހަކު ދުށުމަށް ކަލޭގެ ހިތް އެދޭނެ، ދުވަހަކުވެސް އެހެން ވޭތަ؟” ބަޠަލާ އޭނާގެ ކޮއްކޮއާ ދައްކަމުންދިޔަ ވާހަކަތައް ނިކަން ރަނގަޅަށް ސުމަން އަޑުއަހަމުން ދިޔައެވެ.

ފިލްމު ނިމެންދެންވެސް ސުމަން އޮތީ ވަރަށް ބޮޑަށް ފިލްމުގެ ތެރެއަށް ގެއްލިފައެވެ. ކެރިގެން ކަންކަމަކުރިމަތިލުމަކީ ކާމިޔާބުގެ ވަރަށްބޮޑު ސިއްރެއްކަމަށް އެފިލްމު ބަލާފައި ސުމަންއަށް އެނގުނެވެ. ލެޕްޓޮޕް މަޅާލާފައި ސުމަން އެނދުގައި ހަމަޖެހިލަން އޮށޯވެލިއެވެ. މާގިނައިރު އެހެން އެކަނި އޮންނާކަށް ނުޖެހުނެވެ. އޭނާގެ ބައިވެރިޔާ އޭނާއާ ބައްދަލުކޮށްފިއެވެ. އިފާގެ ފޮނި ހަނދާންތަކުން ސުމަންގެ ލޯފުރާލިއެވެ. އޭނާއަށް ކުލަ ފޮޓޯތަކެއްހެން އިފާގެ ތަސްވީރުތައް ފެންނަމުންދިޔައެވެ.
ތެދެކެވެ. ފިލުމުތަކުގައި ދައްކާ މަންޒަރުތަކަކީ މީހަކު ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ މަންޒަރުތަކަކަސް އޭގައިވެސް ޙަގީގީ ކިތަންމެ މަންޒަރެއް ފެނިގެންދެއެވެ. ސުމަންގެ ޙަޔާތުގެ ވާހަކައާއި އޭނާ އެ ބެލި ފިލްމުގައި ހިނގާދިޔަ ކަންތައްތަކާ ވަރަށް ބޮޑު ގުޅުމެއް ހުރިކަމަށް ސުމަންއަށް އިހުސާސުކުރެވުނެވެ. ސުމަންއަށްވެސް އެބުނާ ގޮތްތަކެއް ވެއެވެ. އަބަދުވެސް އިފާ ދުށުމަށް ބޭނުންވެއެވެ. އޭނާގެ ހަނދާންތައް އަބަދުވެސް އާވެއާވެ ހުރެއެވެ. ސުމަންއަށް އިފާ ވަރަށް ކަމުދެއެވެ. ފަހަރުގައި މިއީ ލޯބިކަމަށްވެސް ވެދާނެއެވެ. ސުމަން އޮތީ މިފަދަ ކިތަންމެ ޚިޔާލުތަކަކަށް ގޮސް ގެއްލި ހުސްވެފައެވެ.

ކުއްލިއަކަށް ސުމަން ސިއްސައިގެންދިޔައީ މޭމަތީގައި ބާއްވާލާފައި އޮތް އޭނާގެ މޯބައިލްފޯނު ރިންގުވި އަޑަށެވެ. ފޯނު ނަގާ ބަލަލިއިރު އެއީ ސުމަން ދަންނަ ނަންބަރެއް ނޫނެވެ. ފޯނުގައި ސޭވްކޮށްފައި ނެތް ނަބަރަކުން ގުޅީމައި ނަގާނީތޯ ނުވަތަ ތޯންތޯ ވިސްނާލަން އޮއްވައި ފޯން ކެނޑިއްޖެއެވެ. މާބޮޑު ކަމަކަށް ނަހަދައި ސުމަން އޭނާގެ ފޯން އަނެއްކާވެސް ބޭއްވިއެވެ. އިފާގެ ޚިޔާލުތައް އާވޭތޯއެވެ.

މާގިނައިރެއް ނުވިއެވެ. އަނެއްކާވެސް ސުމަންގެ ފޯނު ރިންގުވިއެވެ. އެކަމަކު މިފަހަރު ސުމަން ވިސްނާކަށް މަޑެއް ނުކުރިއެވެ. އެގުޅަނީ ކާކުތޯ ބަލާލުމެއް ނެތި ސުމަން ފޯނު ނެގިއެވެ.

“ހަލޯ…” ދެފަހަރަކު ސުމަން ހަލޯ ގޮވާލިއެވެ. އޭރުވެސް އެކޮޅުން އެއްވެސް ވާހަކައެއް ނުދައްކައެވެ. ގުޅަނީ ކާކުކަމެއް ސުމަން އަކަށް ނޭނގުނެވެ. އަނެއްކާވެސް ސުމަން ހަލޯއޭ ކިޔާ ގޮވާލިއެވެ.

“ކާކު ހޯދަން މިނަންބަރަށް ތިގުޅަނީ..؟” އަނެއްކާވެސް ސުމަން ވާހަކަދެއްކިއެވެ.

“އައްފާނު އެބައުޅޭތަ؟” ގުޅައިގެން ހުރި ފަރާތުން ސުވާލުކުރިއެވެ. އެއީ ހިތްގައިމު އަންހެން އަޑެކެވެ. އެކަމަކު އެއީ ކާކުކަމެއް ސުމަން އަކަށް ނޭނގުނެވެ. އަމުދުން އައްޕި ހޯދަން ސުމަންއަށް ގުޅަންވީ ކީއްކުރަންކަމެއް އޭނައަކަށް ނުވިސްނުނެވެ.

(އަދި ނުނިމޭ.. 11ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!)

ވާހަކަ ކިޔާލުމަށްފަހު ކޮމެންޓްކުރައްވާ…

ފޭސްބުކް ޕޭޖަށް “ލައިކް” ކުރައްވާ!

https://www.facebook.com/KuvveriakeeAharentha

Advertisements