ކުށްވެރިއަކީ އަހަރެންތަ؟… (ނުވަވަނަ ބައި)ވާހަކައިގެ ފުރަތަމަ ބައި

14 އޯގަސްޓުގެ އަދަދާ ގުޅޭ…

“އަޅެ.. ކީއްވެތަ އަފީ ފޯނު ނުނަގަނީ.. ޔަގީނޭ އެވާނީ އައްޕިއަށް ގުޅައިގެން ހުރީކަމަށް. އެހެން ނޫންނަމަ ދެތިން ފަހަރު ގުޅާއިރު ބިޒީއެއް ނުވާނެ” އިފާޝާ ހުރީ އޭނައަށް އަފީއަށް ގުޅޭގޮތް ނުވުމުން ވާނުވާ ނޭނގިފައެވެ. އަނެއްކޮޅުން ސުމަންއަށް ގުޅާހިތުން ހުރެވެނީއެއް ނޫނެވެ.

ހަގީގަތުގައި ދެމީހުންނަށްވެސް ފޯނު ކުރެވުނީ އެއްވަގުތެއްގައެވެ. ދެމީހުންގެ ފޯނުވެސް ބިޒީވަމުން ދިޔައީ އެސަބަބާހުރެ ކަމެއް ދެމީހުންކުރެ އެކަކަށްވެސް ނޭނގެއެވެ.

ފޯނުގެ ރިންގުގެ އަޑު ކަންފަތުގައި ޖެހުމާއެކު އިފާޝާ ފޯނުނަގައި ބަލައިލިއެވެ. އަފީގެ މެސެޖެކެވެ. ކެތްތެރިކަން ކުޑަވެފައިވާ ހާލު އިފާ މެސެޖް ހުޅުވާލިއެވެ. އޭގައިވަނީ އަފީއަށް އިފާއަށް ނުގުޅިގެން އުޅޭވާހަކައެވެ.

“މިއޮއް ހެނދުނާ ކާކަށް ގުޅައިގެންތަ ތިޔަ އުޅެނީ.. މައެބަ ކަލެއަށް ގުޅަމޭ.. ފޯނުނަގާބަލަ. ކުޑަވާހަކައެއް ދައްކާލަން” މެސެޖްގައި ލިޔެފައިވާ އެއިބާރަތް ކޮޅު ކިޔައި ނިމުމާއެކު އިފާއަށް ހެވުނެވެ. ނުގުޅިގެން މިއުޅެނީ ކީއްވެގެންކަން އިފާއަށް އެނގުނެވެ.

މާގިނައިރު މަޑުކުރާކަސް ނުޖެހުނެވެ. އަފީފާ ގުޅައިފިއެވެ.

“އަހަރެން އެބައޮތް ވާހަކައެއް ދައްކަންވެފަ” ފޯނު ނެގިގޮތަށް ހަލޯއޭވެސް ނުބުނެ ފުރަތަމަވެސް އިފާޝާއަށް އޭނާގެ ޕޮއިންޓަށް ދެވުނެވެ. އަނެއްކޮޅުން އަފީފާގެ ހާލަކީވެސް އެއީއެވެ. އޭނައަކަށްވެސް ހަލޯއޭ ބުނާކަށް ހަނދާނެއް ނުވިއެވެ. ފުރަތަމަވެސް ބައްދަލުކުރަން ބޭނުންވާކަމަށް ބުންޏެވެ.

“ކީކޭ… ކޮންވާހަކައެއް ދައްކަން…” އިފާޝާއަށް އަހައިލެވުނީ ހައިރާންކަމާއެކުގައެވެ.

އަފީފާ އޭނަގެ މޭޒުމަތީގައި ބަހައްޓާފައިވާ ސޯނާގަޑިއަށް ބަލާލިއެވެ. އޭރު ގާތްގަނޑަކަށް ނުވައެއް ޖަހާންދަނީއެވެ.

“އަހަރެން އެބަދަން ކުދައިރުކޮޅަކުން ތިގެއަށް. ރެޑިވެލައްޗޭ..”

އިފާޝާވެސް ފޯނު ބާއްވާފައި ތައްޔާރުވެލުމައްޓަކައި މޭޒުދޮށުގައި އިޝީނެވެ.

ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެކެވެ. ކިޔެވުންވެސް ބަންދެވެ. އެކަމަކުވެސް އަފީފާ އެއަންނަނީ އޭނާ ކޮލެޖަށް ދާއިރު ގެންދާ ފައިލު ހިފައިގެންނެވެ. ފަހަރުގައި މީހަކު ސުވާލެއް ކޮށްފާނެތީކަމަށް ވެދާނެއެވެ. ކަންވީވެސް ހީކުރިގޮތަށެވެ.
“ދަރިފުޅާ މިހައި ހެނދުނާ ކޮންތާކަށް” ގޭތެރެއިން އެނުކުތީ އަފީފާގެ މަންމައެވެ. ދަރިންގެ ކަންތައްތައް ބަލާ ދަރިންދެކެ ލޯބިވާ މީހަކަށް އަމީނާ ވާނެއެވެ.

“މަންމާ.. މިދަނީ ކުޑަކަމަކު އިފާ މެންގެއަށް. މަންމަ ސައިބޮއިފިންތަ؟” އަފީފާ މަސައްކަތްކުރީ މައުޟޫ ބަދަލުކޮށްލާށެވެ.
“މަންމަ މިއައީ ސައިބޮއިގެން. ހުންނާނެ ދަރިފުޅަށް ބަހައްޓާފައިހުރި މަސްހުނިކޮޅުވެސް” އަފީފާއާ ގާތަށް ޖެހިލަމުން އަމީނާ އޭނާގެ ދަރިފުޅާ ވާހަކަދެއްކިއެވެ.

“މަންމާ.. އަހަރެން ސައިބޯނީ އިފާއާއެކު. ދެން ދަނީ. ވަރަށް ލަސްވޭ އެބަ” އެހެން ބުނުމާއެކު އަފީފާ އޭނާގެ އަތުގައި އޮތް ފައިލާއެކު ބާރު ހިނގުމެއްގައި ބޭރަށް ނުކުންނަން ހިނގައިގަތެވެ. ލައިގެންހުރި ޕާކިސްތާނު ހެދުމުގެ ދޯޕައްޓާ ފައިދަށުވެ ނުވެއްޓުނީވެސް ހަމަކިރިޔާއެވެ. ގޭޓުން ބޭރަށް ނުކުމެވުނު ވަގުތު ދޯޕައްޓާ ރީތިކޮށްލާންވެގެން އިސްއުފުލާލި މީހާގެ ނަޒަރު އެއްދިމާއަކަށް ހުއްޓުނީ ހަމަކުއްލިއަކަށެވެ. ފަހަރުގައި ނަސީބުކަމަށްވެސް ވެދާނެއެވެ. ކުރިމަތިން ހިނގާފައި އެއަންނަނީ ދެވަނަ އިންސާނެއް ނޫނެވެ. ތެދެކެވެ. އެއީ އައްފާނެވެ. އެކަމަކު އޭނަ އެކަންޏެއް ނޫނެވެ. އޭނައާއެކު އެއުމުރުގެ އެހެން ކުއްޖަކުވެސް ހުއްޓެވެ. ސިހުންވީ އެހެންކުއްޖަކާއެކު ހުރީމައެއް ނޫނެވެ. އެއީ އަންހެންކުއްޖަކަށް ވީމައެވެ.

މީގެކުރިން އައްފާނު އެހެން އަންހެން ކުއްޖަކާއެކު ދަނިކޮށެއް އައީފާއަށް ފެނިފައެއް ނުވެއެވެ. ފަހަރެއްގައި އެކަން ފާހަގަކުރެވިފައި ނެތީކަމަށްވެސް ވެދާނެއެވެ.

“އަނެއްކާ އެއީ ކާކުބާ…” އައްފާނާއި އޭނައާ އެކުގައި ހިނގާފައި އައި އަންހެން ކުއްޖާގެ ހަރާކާތްތައް ނިކަން ރަނގަޅަސް ބަލަންހުރި އިރު އަފީފާ ހީވަނީ މީހަކަށް ފާރަލާހެންނެވެ. އިފާމެންގެ ގެއަށްދާން ނުކުން މީހާއަށް އެހެން ހުރިހައި ކަމެއްގެ މަތިން ހަނދާން ނައްތާލެވުނިއެވެ.

އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ. ރޭދަންވަރުންފެށިގެން ދުވާލުގެ މިވީހައި ތަނަށް އޭނާގެ ފިކުރުގައި ދެވަނަ ޚިޔާލެއް ނުވެއެވެ. އައްފާނުގެ ޚަބަރެއް ނުވެގެން އެވާހަކަ އިފާއަށް ހިއްސާކުރަން ބޭނުންވެގެން އުޅުނުވަރު އެހެން މީހަކަށް އެނގުނުނަމަ އެމީހަކުވެސް އަފީފާއާމެދު ހަމްދަރުދީވާނެއެވެ.

އައްފާނާއި އޭނައާއެކު ހިނގާފައި އައި އަންހެންކުއްޖާ މާގާތްވަމުން އަންނާތީ އަފީފާ އަނެއްކާވެސް ގޭތެރެއަށް ވަނެވެ. އަފީފާ އެތަނުގައި ހުއްޓާ އައްފާނަށް ފެންނާކަށް އޭނަ ބޭނުމެއް ނުވިއެވެ. އެކަމަކު އެއީ ކީއްވެކަން ބުނެދޭކަށް އަފިއަކަށްވެސް ނޭނގުނެވެ.

“ކީއްވެ އަނބުރާލާފައި ތިޔަ އައީ… އެގެއަކަށް ނުދަންތަ؟” ގޯތީގައި ހައްދާފައިވާ ބަގީޗާގަސްތަކަށް ފެންދޭންހުރި އަމީނާއަށް އޭނާގެ ދަރިފުޅު ފެނުމާއެކު އަހައިލެވުނެވެ.

ފުރަތަމަ އަފީފާ ދިޔައީ ސިއްސައިގެންނެވެ. މަންމަގެ އެސުވާލެއް ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟

“މި.. މިއައީ.. ” އަފީފާއަކަށް އެއްޗެކޭ ބުނެވޭ ގޮތެއް ނުވިއެވެ. އެއަށްވުރެ އޭނާގެ ހިތުގެ ވިންދު އަވަހެވެ. ފިކުރާއި ވިސްނުން ގެއްލިފައިހުރީ މުޅިން އެހެން ދިމާއަކަށެވެ. އެކަމަކު އަނެއްކާވެސް އަމިނާއަށް އެސުވާލު ތަކުރާރުކޮށްލެވުނެވެ.

“ކިހިނެތްވީ ދަރިފުޅާ.. އެގެއަކަށް ނުދަންތަ؟

“މިއައީ މިފައިލް ބާއްވަން. މިއަދަކީ ބަންދު ދުވަހެންނު..” މަންމަ ގާތުގައި ދޮގެއް ހަދަންޖެހުނީމައި އަފީފާ ކަންބޮޑުވީކަންނޭނގެއެވެ. މަންމަގެ އެސުވާލަށް ޖަވާބު ދެވުނުކަން އެނގުމާއެކު އެހުރި ބާރުމިނުގައި އަފީފާގޮސް ގޭތެރެއަސް ވަނެވެ. ކޮޓަރިގެ ދޮރު ހުޅުވާލުމާއެކު އަތުގައި އޮތް ފައިލު އެނދުމައްޗަސް އެއްލިއެވެ. ހީވަނީ ކަމަކާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރި މީހެއް ހެނެވެ. އެކަމަކު މޫނުމަތިން ދެމުން ގެންދިޔަ މެސެޖް މުޅިން ތަފާތެވެ.

ފުރަތަމަ ނަޒަރުން ލޯބިވެވުނު ޒުވާނާ ގެއްލިގެންދިޔައީ ކަމުގެ ހިތި އިހުސާސްތަކުން އަފީފާގެ މޫނުމަތިވަނީ މިލާފައެވެ. އުފާވެރިކަމުގެ އެއްވެސް ކުލަވަރެއް އެމައުސޫމު މުނުމަތިން ފެންނާކަށް ނެތެވެ.

އަފީފާގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ދިޔައީ އިތުރުވަމުންނެވެ. ރޭގައި އޭނާގެ އެސް.އެމް.އެސްއަށް އައްފާނު ޖަވާބު ނުދިނީ ކީއްވެގެންކަން އަފީފާއަށް އެނގުނެވެ. އޭނާގެ ހިތް ބުނަމުންދިޔައީ އެއަންހެން ކުއްޖާއާއެކު އައްފާނު އޭނާގެ ވަގުތުތައް ހޭދަކުރުމުގައި އުޅުކީކަމަށެވެ. ފޯންކޯލަސް ޖަވާބު ނުދިނީވެސް އެހެންވެގެންކަމަށް އަފީފާ ނިންމިއެވެ.

ގެއްލިފައިވާ ޚިޔާލީ ދުނިޔެއިން މީހާ ބޭރުކޮށްލީ ފޯނު ރިންގުވާ ފެށިއަޑަށެވެ. ފޯން ނަގާ ބަލާލިއިރު އެއީ އިފާޝާގެ ފޯނެކެވެ.

“ހަލޯ….” މަޑުމަޑުން އަފީފާ ވާހަކަދެއްކިއެވެ.

“ކޮބާ..؟؟؟ މިހާރު އަހަރެން ހުރެހުރެ ފޫހިވެއްޖެ. އަފީނައިސްގެން އަހަރެން މިހާރު ސައިވެސް ބޮައިފިން” ވެގެން އުޅޭގޮތެއް އިފާއަކަށް ނޭނގެއެވެ. އެކަމަކު އިފާގެ އެސުވާލަކަށް އަފީފާ އެއްވެސް ޖަވާބެއް ނުދިނެވެ. އަނެއްކާވެސް އިފާ ހަލޯއޭ ކިޔާ ގޮވާލިއެވެ.

“ކުޑަކަމެއް ޖެހިގެން ލަސްވީ.. މިދަނީ އިނގޭ” އެހެން ބުނުމާއެކު އަފީފާ ފޯން ކަނޑާލިއެވެ. ދިމާވި ކަންތައްތައް އިފާޝާއަށް ކިޔައިދޭން ބޭނުންވިއެވެ. އެކަމަކު ކުރިން އޭނާ ކިޔައިދޭން ބޭނުންވި ވާހަކަތަކަށް ހަދާނީ ކިހިނެތްކަމެއް ނޭނގުނެވެ. އައްފާނު ކަމުދާކަމާއި އޭނާއަށް އެކަން އަންގަން ބޭނުންވާ ވާހަކަ އިފާގާތުގައި ބުނާނީ ކިހިނެތްކަމެއް އަފީއަކަށް ނޭނގުނެވެ. އަނެއްކޮޅުން މިހާރު ބުނަން މިޖެހުނީ އައްފާނު އެހެން އަންހެން ކުއްޖަކާއެކު އުޅޭ ވާހަކައެކެވެ. މިހުރިހައި ވާހަކައެއް ބުނާނެހާ ހިތްވަރެއް އަފީއަކަށް ނުލިބުނެވެ.

Advertisements