ކުށްވެރިއަކީ އަހަރެންތަ؟ (8ވަނަ ބައި)ވާހަކައިގެ ފުރަތަމަ ބައި

13 އޯގަސްޓުގެ އަދަދާ ގުޅޭ…

ޖަވާބު އައީވެސް އިފާ ބޭނުންވި ގޮތަށެވެ. އެކުވެރިކަން އެއަަށްވުރެ މާބާރުގަދަ އެވެ.

“އެހެންނުވާނީ. އަފީ ހީވަނީ ކެތްމަދުވެގެން އުޅޭ މީހެއް ހެންވިއްޔާ..” އިފާޝާ ހިނިގަނޑެއް ޖަހާލަމުން އަފީއާ ބައްދާލީއެވެ. ސޮރީއޭ ބުނާކަހަލަ ގޮތަކަށެވެ.

މުޅިދުވަސް ނިމިގެން ދިޔަގޮތެއްވެސް ނޭނގެއެވެ. އިފާޝާ އޮތީ ނިދިނައިސްފައިކަމެއް ނުވަތަ ނޫންކަމެއް އޭނައަކަށްވެސް ނޭނގެއެވެ. އެދުމަތީގައި ކޮޅުކޮޅަށް ފޮރޮޅޭތާ މިހާރު އިރުކޮޅެއް ވެދާނެއެވެ. އިރުއިރުކޮޅާ ތެދުވެ ގަޑި ބަލާލައެވެ. އެފަދަ ވަގުތެއްގައި އެކަނިމައެކަނި އޭނަ އުޅުނުގޮތުން ދުރުގައިހުރެ އެމަންޒަރު ބަލާމީހަކަށް ދޭހަވާނީ އޭނަ ކަމަކަށް އިންތިޒާރު ކުރަމުންދަނީ ހެންނެވެ. ހަގީގަތަކީވެސް އެއީއެވެ. އިފާޝާއަށް ކޮންމެވެސް ކަމަކަށް އިންތިޒާރު ކުރެވެމުން ދިޔައެވެ. އެކަމަކު އެއީ ކޮންކަމެއްކަން ބުނެދޭކަށް ޚުދު އޭނައަކަށްވެސް ނޭނގުނެވެ.

އޭނަގެ ޚިޔާލުތަކުގައި ރަސްކަން ކުރަމުންދިޔައީ ދެވަނަ އެހެން ފަރާތެއް ނޫނެވެ. ތެދެކެވެ. ނިދިނައިސްގެން އެއުޅެނީވެސް ހަމަ އެސަބަބާހުރެއެވެ. ސުމަންގެ ހަނދާންތަކާ ދުރުވެވޭގޮތެއް ނުވިއެވެ. އިފާޝާ ބޭނުންވީ ސުމަންގެ އުނގުތެރޭގައި އޮވެ ނިދާލާށެވެ. އޭނަ ބޭނުންވަނީ ސުމަންގެ ހިތްގައިމު އަޑުން އޭނަ ނިންދަވާ ދިނުމަށް ރިތި ލަވައެއް ކިޔާއަޑު އަހައިލާށެވެ. ޔަގީނުންވެސް ނިންޖަށް އިތުރު ފުރިހަމަކަމެއްލިބި އަރާމުކަމެއް ލިބޭނެއޭ އޭނަގެ ހިތްބުނަމުންދިޔައެވެ.

ކުޑައިރުކޮޅަކު އެހެން ފުރޮޅެން އޮތުމަށްފަހު އިފާ ތެދުވިއެވެ. އަދި ޗާރޖުކުރަން ބާއްވާފައި އޮތް އޭނަގެ ފޯނު ނަގައިގެން އައިސް ކޮޓަރީގެ ކުޑަދޮރުމަތީގައި އިށީނެވެ. ސިކުނޑީގައި އެބުރެމުންދިޔަ ޚިޔާލުތައް ހިއްސާކުރަން އެނަ އެންމެ ބޭނުންވީ އަފީފާއާއެވެ.

“ސާބަސް… އަދިވެސް ނުނިދަންތަ؟” ހަލޯއޭވެސް ނުބުނެ ފުރަތަމަވެސް އަފީ ކޮށްލީ ސުވާލެކެވެ.

“ނިދޭނީ ނިދި އައިސްގެނެއްނު!” އިފާޝާވެސް ނިކަން އަވަހަށް ޖަވާބުދިނެވެ.

“އެކަމަކު ކޮންކަމަކާ ނިދިނައިސްގެން ތިއުޅެނީ.. އަނެއްކާ މިރޭގެ ކަންތައްގަނޑާ ހުރެތަ؟” މާގިނައިރު ވަހަކަ ދައްކާކަށް އަފީ މަޑެއް ނުކުރިއެވެ. ސީދާ މައުޟޫއަށް އަފީ ދިޔައެވެ. އިފާޝާ ހުރީ ކޮންމެވެސް ވަރަކަށް މަޑު ޖެހިފައެވެ. އަފީގެ ހުށިޔާރުކަން ހިތަށް އަރާފައެވެ.

ނިދިނައިސްގެން އުޅެނީ ކީއްވެގެންކަން އިފާޝާ ކިޔައިދިނެވެ. އަދި ސުމަންގެ ހަނދާންތައް މިރޭ މާބޮޑަށް އާވަނީ ކަމަށް ބުންޏެވެ. އޭނަ ދެކިލަން ބޭނުންވާކަމާއި އޭނައާ ބައްދަލުވިފަހުން ހިތުގައި ޖަވަބު ނޭނގޭ އެތައް ސުވާލުތަކެއް އުފެދެމުންދިޔަ ވާހަކަ އިފާޝާ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ގާތުގައި ބުންޏެވެ.

“އައްދޭ… ހާދަ ވަރެއް ތިވަނީ… މަށަށް ހީވަނީ މީނައަށް އިޝްޤުގެ ޝަރުބަތު ބޮވުނީހެން…” ލާނެތް ހިނިގަނޑެއް ޖަހާލަމުން އަފީ އޭނާގެ އެކުވެރިޔާއާ ދިމާކޮށްލީ މަލަމާތުގެ ރާގަކަށެވެ.

އިފާވެސް ފެއްޓީ ހޭށެވެ. އެކަމަކު މިކަން އިފައަށް ވަރަށް ސީރިއަސްކޮށް ނެގެން ފަށައިފިއެވެ.

“އަފީ… އަޅެ އޭނަގެ ފޯނު ނަންބަރު އެނގޭތަ؟” ވަރަށް ނާހަން އިނދެފައި އިފާ ސުވާލުކުރިއެވެ.

“ނެތް.. އެކަމަކު ގޮތެއް އެބަ އޮތް…”

“ކޮން ގޮތެއް..” އަފީގެ ވާހަކަ ނުނިމެނީސް ކެތްމަދުވެފައި އިން އިފާއަށް ފުންމައިގެން ބިންމައްޗަށް ފޭބުނެވެ.

“އަހަރެންގެ އަތުގައި އިންނާނެ އައްޕިގެ ނަންބަރު..އޭނައަށް ގުޅާފަ އަހައިލެވިދާނެންނު….”

“އޭން… ކާއްގެ ނަންބަރޭ..” އަފީ ބުނި އެއްޗަކުން އިފާޝާއަށް ދެވަނަ ފަހަރަށްވެސް އަހައިލެވުނެވެ.

“ކިހިނެތް އައްޕިގެން ނަންބަރު ހޯދީ… އަފީ އޭނަ ދަންނަންތަ؟”

“މިހާރު ދަންނަން.. މިރޭ އަހަރެން އޭނައަތުން ނަންބަރު ހޯދީ.” އަފީފާ ޖަވާބުދާރިވީ ވަރަށް ތެދުވެރި ކަމާއެކުއެވެ. ރައްޓަހިކަމުގެ ނާމޫނަ ދައްކަމުންނެވެ.

“ބަލާބަލަ ހުންނަ ޗޯރުކަން. އަހަރެން ގާތު ނުވެސް ބުނޭ…” އެކުވެރިޔާ ކަމެއް ސިއްރުން ކުރަން އުޅޭކަން އެނގުމުން އިފާ ކުޑަކޮށް ބޮޑާހާކާލިއެވެ.

“ސޮރީ.. އަސްލު މިރޭ ބުނަށޭ ހުރީ.. އެކަމަކު އަހަރެން ހުރީ ތިމީހުންގެ ކަންތައް ދިޔަ ހިސާބެއް ބަލާހިތުން. އެހެންވެ ފަހުން ހަނދާން ނެތުނީ.” ކަންވިގޮތް އަފީފާ ކިޔައިދިނެވެ.

ވަރަށް ގިނައިރު ދެމީހުން ވާހަކަދައްކާން ތިބުމަށްފަހު ފޯނު ކަނޑައިލީ އައްފާނަށް ގުޅަން ނިންމާފައެވެ. ސުމަންގެ ނަންބަރު ލިބެން އޮތް އެންމެ އަވަސްގޮތަކީ އެއީކަމަށް ވާތީއެވެ.

އަފީ އައްފާނަށް ގުޅިއެވެ. އެކަމަކު އައްފާނު ފޯނެއް ނުނަގައެވެ. އެކަމަކު އެއްފަހަރު ގުޅާލާފައި ނިންމާލާ ހިތެއް ނުވިއެވެ. ދެވަނަ ފަހަރުވެސް އަފީ ގުޅީ ހަމަ އެހައި ފޮނި އުއްމީދުގައެއްވެ. އެކަމަކު ކުރާނެ ހަމައެއްވެސް ކަމެއް ނެތެވެ. ރިންގުވެއެވެ. އެކަމަކު ފޯނަކަށް ޖަވާބެއް ނުދެއެވެ. ފަހަރެއްގައި އައްފާނު ނިދީކަމަށްވެސް ވެދާނެއެވެ. އެކަމަކު އެހައި ޒުވާން ކުއްޖަކު މިހައި އަވަހަށް ނިދައިފާނެބާއޭ ހިތަށް އަރާފައި އަފީފާ ގަޑި ބަލާލިއެވެ. ސިއްސައިގެން ދިޔައީ ގަޑި ބަލަލެވުނީމައެވެ. އެރު ގަޑިން ގާތްގަނޑަކަށް އެގާރަގަޑި ސާޅީސްފަހެއް ވަނީއެވެ. މާގިނައިރު ފޯނުގައި އިނދެވުމުން ވަގުތު ދިޔަގޮތެއްވެސް ނޭނގުނެވެ. ވަރަށް ލަސްވެއްޖެކަން އެނގުމުން އަފީއަކަށް ދެން އިތުރަކަށް ގުޅާކަށް ނުކެރުނެވެ. އެކަމަކު އެސް.އެމް.އެސް ކޮށްލުމަށްޓަކައި އޭނަ އަނެއްކާވެސް ފޯނު ނެގިއެވެ. އަދި މެސެޖުގައި ގުޅާލާށޭ ޖަހާފައި މެސެޖް ފޮވުނީ ވަރަށް ‘މިސް’ ވާކަމަށް މެސެޖްގައި ލިޔެލާފައެވެ. އޭގެ ފަހަތުގައި ބާއްޖަވެރި ރެއަކަށް އެދި ‘ގުޑް ނައިޓް’ މިހެން ލިޔެފައި އޮތެވެ.

އިފާވެސް ވަރަށް ގިނައިރު އަފީގެ ޚަބަރަކަށް އިންތިޒާރު ކުރިއެވެ. ނިދީވެސް އިންތިޒާރުކުރަން އޮވެގެންނެވެ. ދޮގެކެވެ. ނިދީއެއް ނޫނެވެ. ނިދުނީއެވެ. ކުޑަދޮރުކައިރީގައި ކޮޅަށް ހުރި މީހާއަށް އެނދަށް އެރުނީ ކޮންއިރަކުކަމެއްވެސް ނޭނގެއެވެ. ފަތިހު ހޭލެވުމާއެކު އިފާޝާއަށް ފުރަތަމަވެސް ބަލާލެވުނީ ފޯނަށެވެ. ފަހަރެއްގައި އަފީ ފޮނުވާފައި އިން މެސެޖެއްވެސް އޮވެދާނެކަމަށް ހީކޮށްފައެވެ. އެކަމަކު ކަންވީ ހީކުރިގޮތާ ޚިލާފަށެވެ. އެއްވެސް މީހަކު ފޯނަކަށް ގުޅާފައެއްވެސް ނެތެވެ. މެސެޖެއްވެސް އައިސްފައެއް ނެތެވެ.

މޯޅިއަކަށް ދެމިލީ ފޫހިކަމާއެކުގައެވެ. ދުވަސް ފަށަން ޖެހުނީ ވަރަށް ފޫހިވެގެން ހުރެގެންނެވެ. އިފާޝާ އޭނަގެ އެނދުން ތެދުވެގެން މަޑު ހިނގުމުގައި ފާޚަނައަށް ވަނީވެސް ވަރަސް ކަންނެތް ގޮތަކަށެވެ. ހީވަނީ ދުވަސްވެފައިހުރި ބަލި މީހެން ހެންނެވެ.

އަފީފާގެ ހާލަކީވެސް ހަމައެއީ އެވެ. އެންމެ ރެއަކުން އެމީހެއްގެ ހިތް މިލްކު ކުރަން އެދެވުނު ޒުވާނާގެ ޚަބަރެއް ނުވިއެވެ. އޭނާ ފޮނުވި މެސެޖަކަށް ޖަވާބެއް ނާދެއެވެ. އަފީފާ ކުޑަކޮށް ކަންބޮޑުވާގޮތް ވިއެވެ. އައްފާނު އޭނަގެ ނަންބަރު އަފީފާއަށް ދިނީވެސް ގެއަށް ގޮސް ގުޅާލާށޭ ކިޔާފައެވެ. އެކަމަކު ގުޅިމަ ފޯނެއް ނުނަގައެވެ. ފަހަރުގައި މާދަންކޮށް ގުޅީމައި ނުނެގީކަމަށްވެސް ވެދާނެއެވެ. އެކަމަކު ދުވަހުގެ މިހައި ހިސާބަށް އައިރު ޚަބަރެއް ނުވީމައި އަފީފާ ކަންބޮޑުވާގޮތް ވިއެވެ. ފުރަތަމަވެސް ބޭނުންވީ އޭނާގެ އެކުވެރިޔާއަށް ގުޅާފައި އެކަންތައް ކިޔައިދޭށޭވެ. ފޯނު ނަގާފައި ނިކަން ހަލުވިކަމާއެކު އިފާޝާއަށް ގުޅާލިއެވެ. އެއްފަހަރަކު ނޫނެވެ. ދެތިން ހަތަރު ފަހަރު ގުޅިއެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް އިފާޝާގެ ފޯނު ބިޒީވަނީއެވެ. އަފީފާއަކަށް ގުޅޭ ގޮތެއް ނުވިއެވެ.

“މީދެން ކިހައި ވަރުގަދަ ވެއްޖެ ކަމެއްތަ؟” އަތުގައި އޮތް ފޯނު އެނދުމައްޗަށް އެއްލަމުން އިފާޝާ އޭނާގެ އަމިއްލަ ނަފްސާ ވާހަކަދައްކަން ފެށިއެވެ.

“އަޅެ.. ކީއްވެތަ އަފީ ފޯނު ނުނަގަނީ.. ޔަގީނޭ އެވާނީ އައްޕިއަށް ގުޅައިގެން ހުރީކަމަށް. އެހެން ނޫންނަމަ ދެތިން ފަހަރު ގުޅާއިރު ބިޒީއެއް ނުވާނެ” އިފާޝާ ހުރީ އޭނައަށް އަފީއަށް ގުޅޭގޮތް ނުވުމުން ވާނުވާ ނޭނގިފައެވެ. އަނެއްކޮޅުން ސުމަންއަށް ގުޅާހިތުން ހުރެވެނީއެއް ނޫނެވެ.

ހަގީގަތުގައި ދެމީހުންނަށްވެސް ފޯނު ކުރެވުނީ އެއްވަގުތެއްގައެވެ. ދެމީހުންގެ ފޯނުވެސް ބިޒީވަމުން ދިޔައީ އެސަބަބާހުރެ ކަމެއް ދެމީހުންކުރެ އެކަކަށްވެސް ނޭނގެއެވެ.

(އަދި ނުނިމޭ.. 9ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!!)

ވާހަކަ ކިޔާލުމަށްފަހު ކޮމެންޓް ކުރައްވާ!

ފޭސްބުކްގެ “Kuvveriakee Aharentha?” މި ޕޭޖަށް ލައިކް ޖައްސަވާ!!