ކުށްވެރިއަކީ އަހަރެންތަ؟…. (7ވަނަ ބައި)ވާހަކައިގެ ފުރަތަމަ ބައި

12 އޯގަސްޓުގެ އަދަދާ ގުޅޭ….

“ތެދެއް ބުނަން…. އެއްޗެކޭ ހީނުކުރައްޗޭ..” ސުމަން ވާހަކަ ދެއްކިއެވެ.

އަނެއްކާ ސުމަން ދައްކަން އެއުޅެނީ ކޮންވާހަކައެއްބާއޭ އިފާގެ ހިތަށް އެރިއެވެ.

“ހުރިހައި ސިފަތަކެއް ވަކިން ކިޔައިދޭން ވަރަށް އުނދަގޫ. އެކަމަކު..” ސުމަން ވާހަކަ ދައްކަމުންދިޔައިރު އިފާއަށް އިނދެވުނީ އިސްޖަހާ ނުލައި އޭނައަށް ބަލަހައްޓައިގެންނެވެ.

“އެކަމަކު ކިހިނެތްވީ..”

“ކުރުގޮތަކަށް ބުނަންޏާ އަހަރެންނަށް އިފޫގެ ހުރިހައި ސިފައެއްވެސް ވަރަށް ކަމުދޭ..” ސުމަންގެ އެވާހަކަ އަޑުއިވުމާއެކު އިފާގެ ހިތް ލަދުން ފަރުދާވެލި ކަހަލައެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވިގޮތް ބުނެދޭންވެސް ދައްޗެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއިރު ސުމަންގެ މޫނުމައްޗަށް އައިސްފައިވާ ބަދަލުތައް ފެންނަން ހުއްޓެވެ. ހީވަނީ ވަރަށް ހިތްހަމަ ޖެހިފައިހުރިހެންނެވެ. ކުޑައިރުކޮޅަކު އެއްވެސް އެއްޗެކޭ ނުބުނެ އިފާއަށްވެސް ހުރެވުނީއެވެ. ސުމަންވެސް އެއްވެސް އެއްޗެކޭ ނުބުނެވެއެވެ. އިފާގެ މޫނަށް ބަލަން ހުރީއެވެ. ހީވަނީ މީގެކުރިން ދެކެފައި ނުވާ އެއްޗެއް ފެނިގެން ބަލަންހުރިހެންނެވެ. ސުމަންގެ އެބަލާލުމުންވެސް އިފާއަށް ހިތްހަމަ ޖެހުން ގެނުވިއެވެ. ސުމަންގެ ފަރާތުން އިފާޝާއަށް ފެންނަމުންދިޔައީ ހައްތަހާވެސް ކަމުދާ ސިފަތަކެވެ. އޭނާގެ ހިތް އެސިފަތަކާ ރުހޭ ސިފަތަކެވެ.

“ތިހެން ތިއްބަކަސް ބަނޑެއް ނުފުރޭނެ. މިހިރީ ފިހުނުމަހާ ރޮއްޓާ. މީއިން އެތިކޮޅެއް ކެއްޔާ ބަނޑަށް ގޮތެއް ވާނީ” އިފާއާއި ސުމަން ދިޔައީ ސިއްސައިގެންނެވެ. ތަށި ހިފައިގެން އައީ އައްފާނެވެ. އޭރު އަފީވެސް އެމީހުންނާ ބައިވެގެން ކާން އިނެވެ. އޭރު އިފާޝާއިނީ ލަދުންގޮސް އެއްވެސް އެއްޗެކޭ ބުނަން ނުކެރިފައެވެ.

“ދެމީހުން ކޮންކަމެއް… ހީވަނީ އިޝްގުގެ ފުން ކަނޑަކަށް ޣަރަޤުވެގެން ތިބިހިހެން” އަނެއްކާވެސް ވާހަކަ ދެއްކީ އައްފާނެވެ. އޭނައަކީވެސް އަފީ ކަަހަލަ މިހެކެވެ. އަމިއްލަ ރަށް ދޫކޮށްލާފައި އައިސް އިފާމެންގެ ރަށުގައި ކިޔަވަން އުޅުނީއްސުރެ އިފާއަށް އޭނަ އެނގެއެވެ. މާރައްޓަހިކަމެއް އުފެދިފައި ނެތަސް ދެމީހުންނަށްވެސް އެކަކު އަނެކަކު ފެނިފައި އެބަހުއްޓެވެ. އައްފާނަކީވެސް އަފީހައި ސަކަރާތް ގަދަމީހެކެވެ. ތެދެއްބުނަންޏާ ބުނެވޭނީ އެދެމީހުންނަކީ ވަރަށް މިޒާޖު އެއްގޮތް ދެމީހުންނޭއެވެ.

“އައްޕި.. ކަލޭ ފާޑު ފާޑު ވާހަކަ ނުދައްކާ އިނގޭ..” އިފާ އިންތަނެއްގައި އިފާ ލަދުގަންނަކަހަލަ އެއްޗިހި ކިޔައިގެން އިތުރަށް އޭނަ ލަދުގަންދުވާކަށް ސުމަން ބޭނުމެއް ނުވިއެވެ. އެކަން ސުމަންގެ މޫނަށް ބަލައިލުމުން އިފާއަށް ވަރަށް ރަނގަަޅަށް އެނގުނެވެ.

ސުމަން އެހެން ބުނުމާއެކު ސޮރީއޭ ބުނާކަހަލަ ގޮތަކަށް ސުމަންގެ ފައިގައި ޖަހައިލަމުން އައްފާނު ތެދުވެގެން ދިޔައީއެވެ.

“އެއްޗެކޭ ހީނުކުރައްޗޭ.. އެއީ އެމީހުންގެ ވައްތަރު” އިފާޝާއިނީ ލަދުންކަން އެނގުމުން ސުމަން އިފާއަށް ބަލައިލަމުން ވާހަކަދެއްކިއެވެ.

އަމުދުން އިފާ އެއްޗެކޭ ބުނާކަށް ބޭނުމެއްވެސް ނުވިއެވެ. ހަގީގަތުގައި އިފާވެސް ބޭނުންވީ އެގޮތެވެ. ކޮންމެވެސް އެއްޗެކޭ ކިޔާފައި ނަމަވެސް ކޮންމެސް މީހަކު އެދެމީހުންގެ ހަމަހިމޭންކަން ފިލުވާލަން އިފާއިނީ ބޭނުންވެފައެވެ. އެއަށްވުރެ އިފައިނީ މާލަދުންނެވެ. ދެން އެއްޗެކޭ ބުނަންވީ ކީއްވެގެން ހެއްޔެވެ؟ އެކަމަކު ސުމަންއަށް އެކަން ނެނގުނީތާއެވެ.

އައްފާނުގޮސް މަޑުކޮށްލީ އެމީހުންގެ ގުރޫޕުގެ ތެރޭގައެވެ. އޭރުވެސް އިފާއާއި ސުމަން ތިބީ ވާހަކަ ދައްކާށެވެ.

“ބަލާބަލަ އެތިބަ ކަމެއް. މަށަށް ހީވަނީ….” ނާފިޒްގެ ކޮނޑުގައި ކޮއްޓާލަމުން އައްފާނު ވާހަކަ ދެއްކިއެވެ.

“ކަލެއްއަށް ހައްތަހަވެސް ހީވާނީ ތިޔަކަހަލަ އެއްޗެއް، ނޫންތަ ޒިއްޕޭ..” މިފަހަރު ނާފިޒްވެސް ދޯދިނީ ޒިހާންއަށެވެ. އެކަމަކު ޒިހާންގެ ޚިޔާލު ތަފާތެވެ. ޒިހާންއަށް އެއްބަސް ވެވުނީ އައްފާނު ދެއްކިވާހަކައަށެވެ.

“އޭތް… އެކަމަކު މަށަށްހީވަނީ އައްޕި އެބުނީ ތެދެއްހެން. މަށަސްވެސް ހީވަނީ އެދެމީހުން ކަމެއް ހެން.” ޒިހާންވެސް އޭނައަށް ފެންނަ އެއްޗެއް ހާމަކުރިއެވެ. ސުމަންއާއި އިފާ ވާހަކަދައްކަން ތިބި މަންޒަރުން އައްފާނަށް ނުފެނުނު ކިތަންމެ ކަންތައްތަކެއް ޒިހާނަށް ފާހަގަ ކުރެވިގެންދިޔައެވެ. އެދެމީހުންގެ ދެމެދުގައި ކޮންމެވެސް ކަންތައްގަނޑެއް ހިނގަމުންދާކަމަށް ޒިހާންގެ ހިތް ބުނަމުންދިޔައެވެ.

“މިހާރުދެން އަހަރުމެންމީ ރައްޓަހިން ދޯ..” ސުމަން އިފާޝާގެ މުނަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.

“ކީއްވެ ތިހެން ތިި އެހީ..” ސުމަން ބުނަން އުޅުނީ ކީކޭކަން އިފާޝާއަށް ހަމަ ރަނގަޅަށް އެނގުނެވެ. އެކަމަކު އޭނަ ކޮންމެސް ވާހަކައެއް ބުނަން ފަސްޖެހުނުހެން ހީވެގެން އަހާލީއެވެ.

“މިބުނީ… މިބުނީ އަހަރުމެން ދެމީހުންނަކީ ނުދަންނަ ދެމީހުންނެކޭ ނުކިޔާނެދޯއޭ.. މިހާރު އަހަރެމެން ދެމީހުންނަކީ ދެ އެކުވެރިން ދޯއޭ” ސުމަން އިފާގެ ސުވާލަށް ޖަވާބު ދިނެވެ. ވަރަށް ތަފްޞީލްކޮށެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި ކޮންމެވެސް ވާހަކަތަކެއް ނުބުނެ ސިއްރުކުރަމުންދިޔަހެން އިފާއަށް ހީވިއެވެ. ވާހަކަ ދައްކަމުންދިޔައިރު އަޅައަޅައިގަންނަ ގޮތެއް ހުރުމާއި އިރުއިރުކޮޅާ އިފާގެ މޫނަށް ބަލާލަފައި ހަދާލާގޮތަކުން އެކަހަލަ އެއްޗެއް އިފާއަށް ހީވަމުންދިޔައެވެ.

އެކަމަކު އެސުވާލު ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ކޮންމެ ވާހަކައަކަށްވެސް ވަކި ވަގުތެއް އޮންނާނެއެވެ. ސުމަން ނުބުނަންހުރި ވާހަކައެއް އޭނަލައްވައި ބުނުވާކަށް އިފާ ބޭނުމެއް ނުވިއެވެ.

“އާނ.. މިހާރު ދެން ރައްޓަހިކަން މި އުފެދުނީތާ ދޯ…” އިރުކޮޅަކު ބަލަން އިދެފައި ސުމަންގެ ސުވާލަށް އިފާވެސް ޖަވާބު ދިނެވެ.

“މީރުތަ…؟” ކުޑައިރުކޮޅަކު އަނގައިން ނުބުނެ އިދެފައި ސުމަން އަހާލިއެވެ.
އާއެކޭ ބުނުމުގެ ގޮތުން އިފާ ބޯޖަހާލީއެވެ.

“ފެންތައްޓެއް ގެނެސްދެންތަ..” ދައްކާނެ މާގިނަ ވާހަކައެއް އިފާއަކަށް ނޭނގުނެވެ. ފެންބޮވާފައި އިންވަރުން އިފާ ބޭނުންވީ ފެންބޯން ދާށެވެ. ސުމަންވެސް މިފަހަރު އައެކޭ ބުނުމުގެ ގޮތުން ބޯޖަހާލީއެވެ. އިގާޝާ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. އޭނަ ބޯޖަހާލިގޮތުން ހީވީ އިފާއާ ކޮށްލި މަލާމާތެއް ހެންނެވެ.

އެރެއަކީ އިފާޝާގެ ހަޔާތަށްއައި އުފާވެރި ރޭތަކުގެ ތެރެއިންވެސް ފާހަގަކޮށްލެވުނު ރެއެކެވެ. އިފާގެ ހިތް އެވަރަށް އެދުނު ދެވަނަ މީހަކު ނުވެއެވެ. އެހާ ގާތްކޮށް ސުމަންއާ ވާހަކަ ދައްކާލެވުނީމަ އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

“އޭތް… ކޮބާ ކިހިނެތްވީ.. ލޯބި ހުށައެޅިންތަ؟” ގެއަށް ދިޔަމަގުމަތީގައި އަފީފާ އެނާގެ ސުވާލުތައް އިފާޝާއާ ކުރަން ފެށިއެވެ.

“މީހަކު އަޅެ މޮޔައެއް ނުވާނެތަ… ބައްދަލުވާ ފުރަތަމަ ރޭ މީސްމީހުން ލޯބި ހުށައަޅާތަ…؟” އަފީގެ ކެތްތެރިކަން ކުޑަކަމާހުރެ އިފާޝާ ހުރީ ހައިރާންވެފައެވެ. ކަމަކީ އިފާޝާ ކުރަން އުޅޭކަމެކެވެ. އެކަމަކު އަފީގެ ހަރަކާތްތައް އެރޭ ހުރިގޮތުން އޭނައަށްވުރެ ކެތްމަދުވެފައި ހާސްކަންބޮޑުހެން ހީވަނީ އަފީފާހެންނެވެ. އިރުއިރުކޮޅާ އެތަކެއް ސުވާލުތަކެއް އިފާއާ ކުރިމަތިކުރުވައެވެ. ސުމަންއަށް އޭނައަށް ލޯބި ހުށައެޅިތޯއެވެ. އޭނާގެ ޖަވާބަކި ކޮބައިތޯ އިރުއިރުކޮޅާ އަހާލައެވެ. އަފީފާގެ ސުވާލުތަކަހުރެ ބައެއްފަހަރު އިފާޝާ ހުންނަނީ ރުޅިއައިސްގެން ބުނާނެއެއްޗެއްވެސް ނޭނގިފައެވެ. އެއީ އަފީނޫން އެހެން މީހެއްނަމަ ރުޅިއައިސްގެން އެއްޗެކޭ ބުނެވުނީހެވެ. އެކުވެރިކަމުގެ ބާރަކީ ވަރުގަދަ ބާރެކޭ މީހުން ބުނެއުޅެނީ ކީއްވެގެންކަން އެރޭ އިފާޝާއަށް އެނގުނެވެ.

“މިބުނީނު އަހަރުމެން ހަމައެކަނި ވާހަކަދައްކާލީއޭ… ސާބަހޭ އެކަމަކު އަފީއަށް” އަނެއްކާވެސް އަފީގެ ސުވާލަކަށް އިފާ ޖަވާބު ދިނެވެ.

“އޯކޭ….” އިފާގެ ވާހަކަދެއްކުމުގައި ނުރުހުމުގެ ރާގެއް ހުރިކަން އަފީއަށް ފާހަގަ ކުރެވުނެވެ. އަފީވެސް ވާހަކަދެއްކީ ވަރަށް މޫޑީ ފާޑަކަށެވެ. ކުއްލިއަކަށް މީހާ މުޅިން މިލާ މޯލިވީކަހަލައެވެ.

“އައްދެ.. އަހަރެން އެހެން ބުނީމަ ހިތްހަމަ ނުޖެހުނީތަ… އެހެންވެއްޖެއްޔާ ސޮރީ” އިފާޝާ އޭނާގެ ކަންފަތު ފޫޅުގައި ހިފަމުން އަފީގެ ކިބައިން މާފަށް އެދުނެވެ.

ޖަވާބު އައީވެސް އިފާ ބޭނުންވި ގޮތަށެވެ. އެކުވެރިކަން އެއަަށްވުރެ މާބާރުގަދަ އެވެ.

“އެހެންނުވާނީ. އަފީ ހީވަނީ ކެތްމަދުވެގެން އުޅޭ މީހެއް ހެންވިއްޔާ..” އިފާޝާ ހިނިގަނޑެއް ޖަހާލަމުން އަފީއާ ބައްދާލީއެވެ. ސޮރީއޭ ބުނާކަހަލަ ގޮތަކަށެވެ.

(އަދި ނުނިމޭ.. އަށްވަނަބަޔަށް އިންތިޒާރުކޮށްލައްވާ!)

ވާހަކަ ކިޔާލުމަށްފަހު ކޮމެންޓް ކުރައްވާ!

Give a LIKE on my facebook page “Kuvveriakee Aharentha”?

Advertisements