ކުށްވެރިއަކީ އަހަރެންތަ؟… ހަވަނަ ބައިވާހަކައިގެ ފުރަތަމަ ބައި

11 އޯގަސްޓުގެ އަދަދާ ގުޅޭ

“އިފޫތަ ކިޔަނީ…” ސުމަން އިފާޝާއަށް ބަލައިލަމުން އޭނައާ ސުވާލު ކުރިއެވެ. މީގެ ކުރިން ސުމަންއަކަށް އިފާޝާގެ ނަން އެނގޭހެނެއް ހީއެއް ނުވެއެވެ. އެފަހަރުވެސް އިފާޝާއެއް އަނގައަކުން ނުބުނެއެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލީއެވެ.

“މަސް ފިހެ ނިމެންދެން މަޑު ކޮށްލަންވީނު. ވަރަށް މީރުވާނެ.” އިފާޝާ ދެކުނީ ސުމަން އެމީހުންނަށް ދައުވަތެއް ދިނީ ކަމަށެވެ.. އަދި ހިތުން ރުހުމުން އެދައުވަތު އޭނަ ގަބޫލުކުރީއެވެ. އަފީވެސް އެކަމާ އެއްބަސްވީމައެވެ.

އިފާމެން އެމީހުންނާއެކު ބައިވެރިވީ މީގެ ކުރިންވެސް އެމީހުންނާއެކު މަޖާ ކުރެވިފައިވާތީއެވެ. އެމީހުންނަކީ އަފީމެން މުޅިން ނުދަންނަ ބައެއްވެސް ނޫނެވެ. މުޅިންވެސް ދެކެފައިވާ މޫނުތަކެކެވެ. އެތަނުގައި ގިނައީ އިފާއާއި އަފީފާއަށް ނަންވެސް އެނގޭ މީހުންނެވެ.

އަލިފާންގަޑު އެންދީ ސުމަންއެވެ. މަސްގަނޑުގައި ލޮނުމިރުސްލީ އައްފާނެވެ. ހީވާގޮތުން މަސް ފިހަން އުޅެނީ ޒިހާނާއި ނާފިޒެވެ.

“ހިނގާ އެމީހުންނާ އަނގަތަޅާލަން. އަހަރެން މިދަނީ..” މަސްފިހާން ތިބި ދެމީހުންނަށް އިޝާރާތް ކުރަމުން އަފީފާ އިފާޝާއާ ވާހަކަ ދެއްކިއެވެ. މަސް ފިހުމަކީ އަފީވެސް ވަރަށް ކުރާ ހިތްވާކަމެކެވެ. އެކަމަކު އިފާއެއް ނުދެއެވެ. ކުޑައިރުކޮޅަކު މަޑުކޮށްލައިގެން އިނީއެވެ.

“އަފީ ދޭ.. އަހަރެން މަޑުކޮށްލާނީ.. އެހެންނޫނަސް އެތަނާ ގާތްވެއްޖެއްޔާ ގައިން ދުވާނީ ހުސް ދުންވަސް” ނުދާންވެގެން އިފާ ބަހަނާއެއް ދައްކާލީއެވެ. އިފާޝާ ނުދާނެކަން އެނގުމުން އަފީ އިތުރަކަށް އާދޭސްކުރާކަން ނެހެދިއެވެ. ތެދުވެގެން ދިޔައީ އެވެ.

އަފީ ދުޔުމުން ކުރާނެކަމެއް ނެތިފައި އިނދެ އިފާ އޭނާގެ ޖިންސްގެ ޖީބުގައިއޮތް ފޯއްޕެކެޓަކުން ފޯއްފޮއްޗެއް ނެގިއެވެ.

“އޯކޭތަ މިތާ އިށީނަސް..؟” ކުއްލިއަކަށް އިފާއަށް އިވުނީ ސުމަންގެ އަޑެވެ. އޭނާ ދިޔައީ ސިއްސައިގެންނެވެ.

“ސޮރީ.. ސިއްސައިގެން ދިޔައީ ދޯ.” އަނެއްކާވެސް ސުމަން ވާހަކަދެއްކިއެވެ.

އިފާޝާއިން ރުއްގުޅި މަތީގައި އިނުމަށް އިފާ އިންކާރު ނުކުރާކަމަށް ބުނުމުން ސުމަން އޭނަ ގާތުގައި އިށީނެވެ.

“ކިހިނެތް..؟” ސުމަން އިފާއާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. އެކަމަކު ވަރަށް އެކުވެރި ގޮތަކަށެވެ.

“ރަނގަޅު.. ކީއްވެ ތިހެން ތި އެހީ..” އިފާވެސް އެއްޗެކޭ ނުބުނާން އިނދެފައި ސުމަންއާ ވާހަކަ ދެއްކިއެވެ.

“އައްދެ… ވާހަކަވެސް ދައްކަން އެނގޭ ދޯ.. އަހަރެން ހީކުރީ ވާހަކަ ދައްކަން ނޭނގޭކަމަށް.” އިފާއާ ދިމާކޮށްލަމުން ސުމަން އިތުރަށް ވާހަކަ ދެއްކިއެވެ.

“ދެން ކީއްވެ އަނގައިން އެއްޗެކޭ ނުބުނާން ތި އިންނަނީ.. އަނެއްކާ އަހަރެން މީ ނުދަންނަ މީހެއްތަ. މިހެން މިބުނީ ބައެއް ކުދން ނުދަންނަ މީހުންނަކާ ވާހަކައެއް ނުދައްކާ ދޯ..”

“ކަމެއް ނުވޭ.. މިދައްކަނީ ވާހަކައެއް ނޫންތަ..” ލަދުރަކި ފާޑަކަށް ހީނލަމުން އިފާ ސުމަންއަށް ބަލައިލިއެވެ.
މަސައްކަތުގައި އުޅުނަސް އިފާއަކަށް އޭނާގެ މޫނުމައްޗަކުން ވަރުބަލިކަމެއް ނުފެނުނެވެ. އެއަށްވުރެ އޭނަ މާފުރިހަމައެވެ.

‘ކޯއްޗަކަށް ތި ބަލަނި.. އަނެއްކާ މަގޭ މޫނުގައި އެއްޗެއް ކޭތިފައި ހުރީތަ؟” އިފާ ސުމަންއަސް ބަލަން އިންވަރުން ސުމަން އޭނައާ ސުވާލުކުރިއެވެ. އިފާ ވަރަށް ލަދުގަތެވެ. ސުމަންއަށް ބަލަން އިދެވުނުކަން އޭނައަށް ފާހަގަ ކުރެވުމުންނެވެ. އަނެއްކާވެސް ސުމަން އެސުވާލު ކުރިއެވެ.

“ކީއްވެ އެއްޗެކޭ ނުބުނީ.. އިފޫ އަކީ ވަރަށް ވާހަކަ ނުދައްކާ ކުއްޖެއް ދޯ.” އެއްޗެކޭ ނުބުނުމުން ސުމަން އިފާ ގާތުގައި އަހާލިއެވެ. ވަގުތަކީ އަފީއަށް އެތަނަށް އާދެވުނު ވަގުތެވެ.

“ކޮންތާކު.. އަހަރުމެން ގުރޫޕަކު މީނައަށްވުރެ ސަކަރާތް ގަދަ މީހަކު ނުހުންނާނެ.” ސުމަންގެ އެސުވާލަށް ޖަވާބު ދިނީ އަފީފާއެވެ.

“ބޭނުންތަ…؟” އަފީފާ ގެންގުޅު ބަނޑައިދޫއަކަށް އިޝާރާތް ކޮށްލަމުން އިފާގާތުގައި އަހާލިއެވެ.
ނޫނެކޭ ބުނުމުގެ ގޮތުން އިފާޝާ ބޯ ހޫރުވާލިއެވެ.

“ދެން ކީއްވެ އިފޫ އެހައި މަޑުން އެއިންނަނީ” ސުމަންގެ ސުވާލު މިފަހަރު އަމާޒު ކުރީ އަފީއާއެވެ.

އޭރު އިފާޝާއަށް ވަމުންދިޔައީ ކީއްކަމެއް ޚުދު އޭނައަކަށްވެސް ނޭނގެއެވެ. ސުމަންގެ ކުރިމަތީގައި އިނދެ އެކައްޗެކޭ ބުނާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އަމުދުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ދައްކާނީ ކޮންވާހަކައެއްކަމެއް އިފާ އަކަށް ނޭނގުނެވެ. ވާހަކައެއް ފަށާނެ ގޮތެއް އޭނައަކަށް ނުވިސްނުނެވެ. ސުވާލެއްކުރިއްޔާ ޖަވާބު ދިނުންފިޔަވައި އިތުރުކަމެއް ކުރާކަށް އިފާއަކަށް އެވަގުތަކު ނެނގުނެވެ.

“ލަދުންތަ؟ އެހެންވެއްޖެއްޔާ ތީ މަށަށް ވަރަށް ކަމުދާ ސިފައެއް.” ސުމަން އިފާގެ މޫނަށް ބަލާލިއެވެ.

“ދެން ކޮންކޮން ސިފައެއް ކަމުދަނީ..” އަފީއައިސް އިށީނީ އިފާއާވީ ފަރާތުގައެވެ.

“އައްދެ.. ތީ ކީއްކުރަން ކުރި ސުވާލެއް؟” ހީނލަމުން ސުމަން ކޮޅަށް ތެދުވިއެވެ.

ހަގީގަތުގައި ސުމަން އިނީ އިފާޝާ އެފަދަ ސުވާލެއް ކޮށްފާނެކަމަށެވެ. އެސުވާލު އަފީކުރީމައި ޖަވާބު ނުދިނީ އެހެންވެގެން ކަންނޭނގެއެވެ.

“އައްދެ. އަހަރެން އެހީމަ ކަމު ނުދިޔައީ ކަންނޭގެ. އިފޫ އަހަންވީނު” ސިއްރުސިއްރުން އަފީ އިފާޝާގެ ކަންފަތްދޮށުގައި ވާހަކަ ދެއްކިއެވެ.
ޙަގީގަތަކީ އިފާޝާވެސް އަސްލު އެސުވާލު ކޮށްލަން ބޭނުންވެފައި އިންކަމެވެ. އެހެންނޫނަސް އިފާޝާވެސް އިނީ ކުޑަކޮށް ސުމަންއާ ވާހަކަ ދައްކާލަން ބޭނުންވެފައެވެ. ސުމަންގެ އަޑު އަހާހިތުންނެވެ. އޭނާގެ އަޑި އިފާގެ ކަންފަތުގައި ޖެހޭކޮންމެ ފަހަރަކު އިފާގ ެހިތަށް ފިނިކަން ގެނުވާކަހަލައެވެ.

“ދަނީތަ…؟” ވަރަށް ލަދުން އިންދެފައި އިފާޝާ ސުމަންއަށް ގޮވާލިއެވެ.

“ނުދާންވީތަ… އިފޫ ބުނެފިއްޔާ މަޑުކޮށްފާނަން”

އަނެއްކާވެސް ސުމަން އައިސް އިފާ ގާތުގައި އިށީނެވެ.

“ކީއްވެ އެއްޗެކޭ ނުބުނީ” އިފާ ސުމަންއަށް ބަލާލަމުން އަހައިލިއެވެ.

“ތިބުނީ..” ސުމަންއަކަށް އިފާ ދައްކަން އުޅުނު ވަހަކައެއް ނޭނގުނެވެ.

“މިބުނީ ކީއްވެހޭ އަފީކުރި ސުވާލަށް ޖަވާބު ނުދިނީ..”

“އޯހް… އެވާހަކަ ދޯ.. ކަމެއް ނުވޭ..” ހަމަޖެހިލައިގެން އިނދެ ސުމަން ވާހަކަ ދެއްކިއެވެ.

މިގޮތަށް ސުމަންއާ ވާހަކަ ދައްކަން ކިތަންމެ އިރަކުވެސް އިންނަން އިފާ ބޭނުންވެއެވެ. ޔަގީނުންވެސް ފޫހިވެގެން ނުތެދުވާނެކަމަށް އޭނާގެ ހިތްބުނަމުން ދިގަޔައެވެ. ސުމަންގެ އެޖާދުވީ އަޑު އެއަށްވުރެ މާހިތްގައިމެވެ.

“ތެދެއް ބުނަން…. އެއްޗެކޭ ހީނުކުރައްޗޭ..” ސުމަން ވާހަކަ ދެއްކިއެވެ.

އަނެއްކާ ސުމަން ދައްކަން އެއުޅެނީ ކޮންވާހަކައެއްބާއޭ އިފާގެ ހިތަށް އެރިއެވެ.

“ހުރިހައި ސިފަތަކެއް ވަކިން ކިޔައިދޭން ވަރަށް އުނދަގޫ. އެކަމަކު..” ސުމަން ވާހަކަ ދައްކަމުންދިޔައިރު އިފާއަށް އިނދެވުނީ އިސްޖަހާ ނުލައި އޭނައަށް ބަލަހައްޓައިގެންނެވެ.
“އެކަމަކު ކިހިނެތްވީ..”

“ކުރުގޮތަކަށް ބުނަންޏާ އަހަރެންނަށް އިފޫގެ ހުރިހައި ސިފައެއްވެސް ވަރަށް ކަމުދޭ..” ސުމަންގެ އެވާހަކަ އަޑުއިވުމާއެކު އިފާގެ ހިތް ލަދުން ފަރުދާވެލި ކަހަލައެވެ.

(އަދި ނުނިމޭ… ހަތްވަނަ ބަޔަސް އިންތިޒާރުކޮށްލައްވާ…!)