ކުށްވެރިއަކީ އަހަރެންތަ؟.. (5ވަނަ ބައި)ވާހަކައިގެ ފުރަތަމަ ބައި

8 އޯގަސްޓުގެ އަދަދާ ގުޅޭ…

“އެކަމަކު ތިހެން ވާންވީ ކީއްވެ؟ އަދި ސުމަން އަކާ އަހަންނެއް ވާހަކައެއްވެސް ނުދައްކަމެންނު. އަނެއްކާ މިކަން މިހެން އޮތްކަން އޭނައަށް އެގިއްޖެއްޔާ..” އިފާޝާއަކަށް ނުވިސްނުނެވެ. އޭނައަށް ސުމަންދެކެ އެހައި ލޯބިވާންވީ ކޮންސަބަބަކާ ހުރެކަމެއް ނުވިސްނުވެެ. އަނެއްކޮޅުން މިކަން ސުމަން އަށް އެނގިއްޖެއްޔާ ކަންތައް ވެދާނެ ގޮތެއް ނޭނގޭތީ އިފާޝާ އަބަދު ހުންނަނީ ހާސްވެފައެވެ.

“ތިހެން އަބަދު ކިޔަކަސް ކަމަކު ނުދާނެ. ސުމަންއަށް އަންގަންވީނު. އަހަންނަށް ހީވަނީ އެގޮތްހެން އެންމެ ރަނގަޅުވާނީ.” އަފީ އޭނައަަށް ފެންނަ އެންމެ ރަނގަޅު ޚިޔާލެއް ދިނެވެ. އެކަމަކު އެކަމާ އެއްބަސް ވާކަށް އިފާއަކަށް ނުކެރުނެވެ. އެއަށްވުރެ އޭނަ މާ ބިރުގަތެވެ. އެކަމަކު އެނޫން އެހެން ގޮތެއްވެސް އިފާޝާގެ އެ ބައްޔަކަށް ނެތެވެ. ޝިފާއަކީ އެއީ އެވެ. އިފާގެ ހިތުގެ ފަރުވައަކީ އެއީއެވެ. ސުމަންއެވެ.

“އިފޫ ހާސްވާނެ ކަމެއް ނެތް. އެކަމާ އަހަރެން އުޅެފާނަން.” އިފާގެ ހިތްހަމަ ޖައްސާދެެމުން އަފީ ވާހަކަ ދެއްކިއެވެ. އިފާވެސް އަފީގެ ބަހާ އެއްބަސްވީއެވެ. އެކަމަކު ވާނެ ހަމަ އެއްވެސް ގޮތެއް ނޭނގެއެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމަ ކަމަށެވެ. އެހިތަށް ޝިފާއެއް ލިބޭނީ އޭރުންކަމަށް އިފާއަށްވެސް ގަބޫލުކުރެވުނެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. އަފީފާ އޭނާގެ ވަގުތުތައް ހުސްކޮށްލީ ސުމަންއާ ބައްދަލު ކުރަނެ މޮޅެތި ގޮތްތައް ރާވަމުންނެވެ. ކޮންމެ ފަހަރަކުވެސް އިފާޝާއާ ހެދި މިޝަން ފްލޮޕް ވަނީއެވެ. އިފާގެ ފިނޑި ކަމާހުރެއެވެ. މުޅިއެކުން ފިނޑީކީވެސް ނޫނެވެ. ވާނެގޮތެއް ނޭނގޭތީ އިފާޝާ ހަމަ ބިރުގަންނަނިއެވެ.

ސުމަންއަކީ މަލޭގެ ދިރިއުޅުމަށް ލޯބިކުރާ މާލޭ މީހެއްކަމަށް އިފާއަށް ގަބޫލުކުރެވުނެވެ. އުޅެމުންދާނީ އަރާމު ހަމަޖެހޭ ދިރިއުޅުމެކޭ އިފާގެ ހިތްބުނެއެވެ. އިފާއަކީ އޭނައާ ގުޅެން ކާކުހެއްޔެވެ؟ ރާއްޖެތެރޭގެ އާދައިގެ އަންހެން ކުއްޖެކެވެ. މާމޮޅު ތަޢުލީމެއް ލިބިފައިވާ ކުއްޖެއް ނޫނެވެ. އަމުދުން މާ ތަނަވަސް އާއިލާއަކަށް ނިސްބަތްވާ ކުއްޖެއްވެސް ނުމެނޫންމެއެވެ. މިހުރިހައި ވާހަކައަކަށް އަފީ ދެނީ ހަމަ އެންެމެ ޖަވާބެކެވެ.

“ލޯބީގައި ތިޔަ ހުރިހައި ކަމެއް ނޯންނާނެ. ހަގީގީ ލޯތްބަކީ ތިޔަކިޔާ ހުރިހައި އެއްޗަކަށްވުރެ މާ ވަރުގަދަ އެއްޗެއް”

އެފަދަ މޮޅެތި ބަސްތަކުން މިރޭވެސް އަފީ އިފާޝާގެ ދޫ ބަންދުކޮށްލިއެވެ. އެއީ ވަރަށް ހަނދުވަރު ރީތި ހިތްގައިމު ރެއެކެވެ. މަޑުމަޑު ވައިރޯޅިތައް ރުއްތަކުގައި ބީހިލާފައި އަންނައިރު އެގެނެސްދޭ ތާޒާކަން ބުނެދޭން ދަތި ރެއެކެވެ. ހީވަނީ ލޯބިވެރިންނަށް ޚާއްސަ ރެއެއް ހެންނެވެ. އަފީފާއާއި އޭނާގެ އެކުވެރިޔާ މަޑުކޮށްލައިގެން ތިބީ އުތުރު ފަރާތު އަތިރީގައެވެ. އިފާ ދިޔައީ އަފީ އަންނާށޭ ބުނީމައެވެ. ކީއްކުރަންކަމެއް އޭނައަކަށް ނޭނގެއެވެ. ތަންކޮޅެއް ދުރުން ކުދިބަޔަކު ސަކަރާތް ޖަހާ އަޑު އިފާއަށް އިވުނެވެ.

“އަފީ.. ކޮންބައެއްތަ އެފަރާތުގަ އެއުޅެނީ..” އެފަރާތަށް ބަލާލަމުން އިފާށާ އޭނާގެ އެކުވެރިޔާ އަށްގޮވާލިއެވެ.

“ހިނގާ އެތަނަށް ދާން… ” ނިކަން އަވަހާ އަފީ ޖަވާބު ދިނެވެ.

“ނުކެރޭނެ.. އެހެން ނޫނަަސް ގޮސް ކީކޭ ބުނާނީ..” އަފީގެ ނިންމުމަށް އިފާއަށް ދެކޮޅު ހެދުނެވެ. އަފީއަކި ވަރަށް ޖެހިލުން ކުޑަ މީހެކެވެ. އެއްވެސް ކަމަކާ ބިރުން ނޫނި ލަދަކުން އޭނައެއް ނޫޅޭނެއެވެ.

“އެއްކަލަ އިފާޝާ… ތިވަރުން ކިހިނެތްތަ އުޅެނީ.. ވަރެއްގެ ލަދެއް ސަހާދެއް…” ލާނެއް ފާޑަކަށް އިފާއާ މަލާމާތްކޮށްލަމުން އަފީ ތެދުވިއެވެ. އިފާޝާގެ އަތުގައިވެސް ހިފައިގެންނެވެ. ނުތެދުވާން އިނަސް އަތުގައި ހިފައި ނެގީމައި ދެންވަކި ކުރާނީ ކީއްހެއްޔެވެ. އޭނަވެސް އަފީއާއެކު އެމީހުންތައް ތިބި ދިމާއަށް ދާން ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުނުތަނާ އިފާއަށް އެއީ ކޮންބައެއްކަން އެނގުނެވެ. ތެދެކެވެ. އެތަނުގައި އެއުޅެނީ ސުމަންމެންގެ ގުރޫޕެވެ. އެމީހުން ތިބީ މަސްފިހާށެވެ. ވަގުތުން އިފާއަށް މަޑުޖެހިލެވުނެވެ.

“ކިހިނެތް ވީ..؟ ތަނބެއްހެން ކުށްލިއަކަށް ހަރުއަރާފައި ތިހިރީ ކީއްވެ؟” އިފާ ކުރިއަށް ނުގޮސް މަޑުކޮށްލުމުން އަފީ ސުވާލުކުރިއެވެ. އޭނާގެ މޫނުމަތިން އަދި ހަމަ އެއްވެސް ހާސްކަމެއް ފެންނަހެނެއް ހިއެއް ނުވެއެވެ.

“އަފީ… އެއީ ސުމަންމެން..”

“އެނގެއޭ.. ހިނގަބަލަ” މިފަހަރުވެސް އަފީގެ ޖަވާބު ވަރަށް ކުރެވެ. މިކަމަކީ އަފީއަށް އެނގިގެން ކުރާކަމެއްކަން އިފާއަށް އެނގުނީ ދެނެވެ.

“ކީއްވެ ކުރިން އަހަރެން ގާތު ނުބުނީ..” މޫޑީ ފާޑަކަށް ހުރެފައި އިފާ އަހާލިއެވެ.

“ސުމަންމެން މިތަނުގައި ތިބި ވާހަކަތަ؟ އަހަންނަށް ހީވަނީ މިވާހަކަ އަހރުމެން ދައްކައިފިންހެން..” އަފީ އިޝާރާތްކުރީ މީގެ ދެތިން ރޭކުރިން އެދެމީހުން ދެއްކި ވާހަކައަކަށެވެ. އިފާ ސުމަން ދެކެ ލޯބިވާ ވާހަކަ އަފީފާ ސުމަން ގާތުގައި ބުނާނެކަމަށް އެރޭ ނިންމިއެވެ. މިއީ އެކަންތައް ގަނޑުކަން އިފާއަށް އެނގުނެވެ.

އެކަމަކުވެސް އިފާޝާ ކުޑަކޮށް ފިނިވާން ފަށައިފިއެވެ. އޭރުވެސް އަފީހުރީ އިފާޝާގެ އަތުގައި ހިފައިގެންނެވެ. އަފީގެ ހިނގުން މަޑެއް ނުކުރެއެވެ. ކުރިންވެސް ހިނގި ބާރުު މިނުގައި ގޮސް އަފީ މަޑުކޮށްލީ ސުމަންމެން މަސްފިހަން ތިބި ސަރަހައްދުގައެވެ.

“ނެތްތަ ފެންފުޅިއެއް. ފެންބޮވައިގެން އުޅެނިކޮށް ތިމީހުން މިތާތިބިކަން އެނގިގެން މިއައީ..” އަފީ ވާހަކަދެއްކީ ކާކާ ކަމެއްވެސް އަފީއަކަށް ނޭނގެއެވެ. އެއީ އައްފާނެވެ. ސުމަން އިނީ އަންދާފައިވާ ނާށިތައް ހާވަން އަލިފާންގަނޑު ކައިރީގައެވެ. އޭރު ސުމަންއަކަށް އިފާއެއް ނުފެނެއެވެ. ހަނދުވަރުގެ އަލިކަމުގެ ތެރެއިން ސުމަންގެ މޫނަށް އަލިފާންގަނޑުގެ އަލި އެޅިފައި ހުރިއިރު އަދި މާރީއްޗެވެ. ސުމަންއަކީ ހާދަހާ ރީތި ފިރިހެނެކޭ އިފާޝާގެ ހިތަށް އެރިއެވެ. އޭނާގެ އެޒުވާން މޫނަށް އިފާއަށް ބައލައިލެވުނެވެ. ކުއްލިއަކަށް އިފާޝާ ސިއްސައިގެން ދިޔައީ އަފއައިސް އޭނާގެ ގައިގައި ކޮއްޓައިލުމުންނެވެ.

“ނުބޯނަންތަ؟”

“ކޯއްޗެއް..؟” ވަރަށް އަވަހަށް އިފާއަށް ޖަވާބު ދެވުނެވެ.

“ސާބަސް.. ކޮން ޚިޔާލެއްގަ. މިތަނަށް އަހަރުމެން އައީ ފެންބޯކަށް ނޫންތަ؟” އިފާޝާ ހުރީ ސުމަންއަށް ބަލަންކަން އަފީފާއަށް އެނގުނެވެ.

އެދެމީހުން ވާހަކަ ދައްކާ އަޑަށް ސުމަން އެމީހުން ތިބި ފަރާތަށް އެނބުރުނެވެ. އެވަގުތު ސުމަންއަށް އެމީހުން ފެނުނެވެ. އިފާޝާ ވަގުތުން އިސްޖަހައިލީއެވެ. ނުބަލާ ކަމުހަދަން އިފާ މަސައްކަތް ކުރީއެވެ. އެކަމަކު ސުމަންއަށް އިފާޝާ ފެނިއްޖެކަން އޭނައަށް އެނގުނެވެ. އަތުގައި އޮތް ދަނޑިކޮޅެއް ބިންމައްޗަށް ވައްޓާލަމުން ސުމަން ތެދުވިއެވެ. އޭނާ އައިސް މަޑުކޮށްލީ އިފާމެން ގާތުގައެވެ.

‘އަހަ.. ތިމީހުންތަ؟ މިހާރު ފައި އޯކޭ ވެއްޖެ ދޯ..” އިފާޝާގެ ފަޔަށް ބަލައިލަމުން ސުމަން އޭނައާ ވާހަކަދެއްކިއެވެ. އެވަގުތު އިފާޝާވެސް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީއެވެ.

“ކީތްކުރަނީ މިތާ..؟”

“އަހަރުން އައީ ފެން ބޮވައިގެން ދޯ އިފޫ…” ސުމަންގެ ސުވާލަށް ޖަވާބު ދިނީ އަފީއެވެ. އަފީ ވާހަކަ ދެއްކީ ވަރަށް އެކުވެރި ގޮތަކަށެވެ. ހީވި ދެކެފަރިތަ މިހަކާ ވާހަކަދެއްކިހެންނެވެ.

“އިފޫތަ ކިޔަނީ…” ސުމަން އިފާޝާއަށް ބަލައިލަމުން އޭނައާ ސުވާލު ކުރިއެވެ. މީގެ ކުރިން ސުމަންއަކަށް އިފާޝާގެ ނަން އެނގޭހެނެއް ހީއެއް ނުވެއެވެ. އެފަހަރުވެސް އިފާޝާއެއް އަނގައަކުން ނުބުނެއެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލީއެވެ.

(އަދި ނުނިމޭ.. ފަސްވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ…!)

ވާހަކަ ކިޔާލުމަށްފަހު ކޮމެންޓްކުރައްވާ!

Advertisements