ކުށްވެރިއަކީ އަހަރެންތަ؟ (4ވަނަ ބައި)ވާހަކައިގެ ފުރަތަމަ ބައި

8 އޮގަސްޓްގެ އަދަދާ ގުޅޭ……

މަޑު ހިގުމުގައި އެމީހަކު އައިސް ހުއްޓުނީ އިފާޝާ އޮތް އެނދުގެ ކުރިމަތީގައި ކަން އިފާޝާއަށް އެނގުނެވެ. އެކަމަކުވެސް ލޮލެއް ނުހުޅުވައެވެ. ހަމަ އޮތީއެވެ. މަޑުމަޑުން އޭނާގެ ކަންފަތްދޮށަށް އެމީހަކު ތިރިވިކަމުގެ އިހުސާސް އިފާޝާއަށް ކުރެވުނެވެ. އެނޭވާގައި ވަނީ ހޫނުކަމެކެވެ.

“ކީއްވެ ޖަވާބެއް ނުދިނީ…” ވައި އަޑުން އިފާޝާއާ ވާހަކަ ދެއްކީ ސުމަން އެވެ. އެއީ ހާދަ ހިތްގައިމު އަޑެކެވެ. އަދިވެސް އިފާޝާ އޭނާގެ ލޮލެއް ނުހުޅުވައެވެ. ކެތްތެރިކަމާއެކު އެއަޑުގައިވާ މިއުޒިކަށް ގެނބެން އޮތީއެވެ.

“އެނގޭ ތިއޮތީ ހޭލާ ކަން… ބޭނުންވަނީ އަހަރެން ތަޅުވަންތަ؟” މިފަހަރު ސުމަން ވާހަކަ ދެއްކީ ކުރިއަސްވުރެ ލޯބިންނެވެ. އެއަޑުގައިވަނީ އާދޭސްކުރުމުގެ ރާގެކެވެ. އިފާޝާގެ ޖަވާބަކަށް އޭނާ ކެތްމަދުވެފައި ހުރިކަހަލައެވެ.

މަޑުމަޑުން އިފާޝާ އޭނާގެ ބޯ އަނެއް ފަރާތަށް އަނބުރާލިއެވެ. އަދިވެސް އޭނާއަށް ނުހޭލެވޭކަން އަންގައި ދޭންވެގެންނެވެ.

“އެންމެ ރަނގަޅު.. ޖަވާބެއް ދޭން ބޭނުން ނުވަންޏާ އޮވޭ.. އެކަމަކު އަހަރެން އަދި އަންނާނަން” މިފަހަރު ސުމަން ވާހަކަ ދެއްކީ އިފާޝާގެ މުނާދިމާއަށް ގުދުވެގެން އޮވެގެންނެވެ. ވާހަކަ ދައްކަމުންދިޔައިރު އެކަން އިފާޝާއަށްވެސް އިހުސާސް ކުރެވެމުން ދިޔައެވެ.

އޭނާގެ ނޭފަތް އިފާޝާގެ ކޯތާފަތުގައި ބީހުނުކަމުގެ އިހުސާސެއް އިފާޝާއަށް ކުރެވުނެވެ. އިފާޝާގެ މޫނުގެ ވަސް ބަލާލުމަށް ސުމަން އޭނާގެ ނޭފަތް އެތެރެއަށް ދަމާލިއެވެ. މޫނުގައި ޖެހިފައިވާ އޭނާގެ ނޭފަތް މަޑުމަޑުން އިފާޝާގެ ތުންފަތާ ކައިރިވަމުންދިޔައެވެ. އެވަގުތު އިފާޝާގެ ހިތުގެ ވިންދު އަވަސްވިކަހަލައެވެ. ހަމައެއާއެކު އިފާޝާގެ ހަށިގެ އެތެރޭގައި އުފެދިގަތީ ކޮންފަދަ އިހުސާސެއްކަމެއް ބުނެދޭކަށް އޭނައަކަށްވެސް ނޭނގުނެވެ. އިފާޝާ އޭނާގެ ނޭފަތް އެތެރެއަށް ދަމާލިއެވެ. އޭރު އޭނާގެ މޭ ބާރުބާރަށް ޖެހެމުންދިޔައެވެ.

“ސުމަންގެ މޫނުމަތިން އެދުވީ ކޮންފަދަ ވަހެއް ހެއްޔެވެ؟ އެއީ ފަހެ ކޮންފަދަ ޒުވާނެއްބާވައެވެ؟ އޭނާގެ މޫނު އެހައި ގާތުން ދެން އަހަރެންނަށް ފެނިދާނެ ބާވައެވެ؟” މިފަދަ ކިތަންމެ ސުވާލަކުން އިފާޝާގެ ހިތް އަވަސްކުރުވިއެވެ.

ކެތްމަދުވެފައިވާ ހާލު އިފާޝާ އޭނާގެ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. ސުމަން އެއް ނެތެވެ. މިވީ ކީއްހެއްޔެވެ؟ އިފާޝާ އޭނާގެ ކޮޓާރީގެ ކުޑަ ދޮރާ ދިމާއަށް ބަލާލީމެވެ. ދޮރުފޮތި ގަނޑު ހުރީ ނިދަމުންވެސް ބެހެއްޓި ގޮތަށެވެ. އެއްވެސް މީހަކު އެތެރެއަށް ވަދެފައިވާ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. އިފޝާާ ގަޑި ބަލާލިއެވެ. ގަޑިން އޭރު ގާތްގަނޑަކަށް ހެނދުނު 7 ޖަހަނީއެވެ. ފެނުނީ ހުވަފެނެއްކަން އެނގުނީ ދެނެވެ. މޯޅިއަކަށް ދެމިލުމަށްފަހު އަނެއްކާވެސް އޭނާ އޮށޯވެލިއެވެ. ނިދޭތޯއެވެ. އެކަމަކު އެހެނެއްވެސް މާގިނައިރަކު ނޯވެވުނެވެ.

“ދަރިފުޅާ… އިފާޝާ. އަދިވެސް ތެދުވާކަށް ނުވޭތަ؟ މިހާރު އެހެރަ 7 ޖެހީ..” ބޭރުން އިފާޝާއަށް ގޮވީ އޭނާގެ މަންމަ އެވެ. އިފާޝާގެ މަންމައަކީ މުރާލި އަންހެނެކެވެ. ހީވާގި މީހެކެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ހެނދުނާ ތެދުވެ ހުރިހައި ކަމެއް ކުރާއިރު 18 އަހަރުވެފައި ހުރި ދަރިއަކު ހުރިއޭ ހިތަށްވެސް އަރުވައި ނުލާނެއެވެ. އެހެން މީހަކުނަމަ އެވަރުގެ ބޮޑެތި ކުދިން ތިބޭނަމަ އެކުދިން ލައްވައި މަސައްކަތް ކުރުވާނެއެވެ. އެހެންނަމަވެސް އެމީސްމީހުންނާ ޒާހިރާއާ ވަރަށް ތަފާތެވެ. ޒާހިރާ އަބަދުވެސް ބުނާނީ މަންމަ ދުނިޔޭގައި ހުއްޓައި ދަރިން ކޮންމެހެން މަސައްކަތް ނުކުރިޔަސް އެންމެ ރަނގަޅުކަމުގައެވެ. ގޭގައި ކުރަން ޖެހޭ ހުރިހައިކަމެއްހެން ގާތްގަޑަކަށް ކުރާނީވެސް ޒާހިރާއެވެ. ބައެއްފަހަރު އޭނާގެ މަސައްކަތްތަކުގައި އިފާޝާ އެހީތެރިވެދީ އުޅުނަސް ގިނަފަހަރު ހުރިހައިކަމެއްވެސް ކުރާނީ ޒާހިރާ އެކަންޏެވެ.

“ދަރިފުޅާ.. ދެން ތެދުވޭ ސައިބޯން.. މިހާރު ބައްޕަވެސް އެދިޔައީ ސައިބޮއިގެން”

“ތެދުވެއޭ މިއުޅެނީ މަންމާ” ނުތެދުވަނީސް މަންމަ ނުދާނެކަން އިފާއަށް އެނގެއެވެ. އަބަދުވެސް ޒާހިރާގެ ކަންތައް ހުންނާނީ އެހެންނެވެ.

ހެނދުނު ސައިބޮއިގެން އިފާޝާ ދިޔައީ ހައްޖަމެން ގެއަށެވެ. ނުނިމި ހުރި ބައެއް މަސައްކަތްތައް ނިންމާން ވެގެންނެވެ. އެދުވަސްކޮޅު ކޯހުން ދޭ މަސައްކަތްވެސް ތަންކޮޅެއް ގިނައެވެ. އޭރުވެސް ދެތިން އެސައިންމެންޓު ހަވާލުކޮށްފައި އޮތެވެ. ހައްޖަމެން ގެއިން ނިމުނުއިރު ގާތްގަޑަކަށް 11 ޖަނަހީއެވެ. ދުވަހަކީ ބަންދު ދުވަހެއް ކަމުން ދާނެ ވަކި އިތުރު ތަނެއް ނެތެވެ. އެހެން ނޫނަސް އޭނަ ހިނގަމުން އައި ގޮތުން އޭނާގެ ފައިގެ ކަށިމައްޗަށް ތަދުވެގެން އުޅޭކަން އެނގެއެވެ. އެހެންކަމުން އިތުރު ތާކަށް ދާކަށް އޭނަ ބޭނުމެއްވެސް ނުވިއެވެ. އިފާޝާ ހިނގާފައި ދިޔައީ އެކަންޏެވެ. މަގުމަތީގައި މާގިނަ މިހުންނެއްވެސް އެވަގުތަކު ނެތެވެ.

“އެކަނިތަ..؟” ކުއްލިއަކަށް އިފާޝާގެ ކަންފަތުގައި ޖެހުނީ ސުމަންގެ އަޑެވެ. އެނާހުރި ނިކަން ސްމާޓްކޮށެވެ. ބެގީކޮށްލާފައި ޓައީ އަޅައިގެން ހުރިއިރު އަދި މާފުރިހަމައެވެ.

“ކޮބާ ގްރޫޕް ކުދިން..؟” އަނެއްކާވެސް ސުމަން ސުވާލެއް ކުރިއެވެ.

“އެބަތިބި ހައްޖަމެން ގޭގަ.” އިފާޝާ ޖަވާބު ދިނީ ވަރަށް މަޑުންނެވެ. މާ ބާރަށް ވާހަކަ ދައްކާކަށްވެސް އަމުދަކުން އޭނައަކަށް ނުކެރުނެވެ.

“ދެން.. ކޮންތާކަށް ތިދަނީ..؟ ގެއަށްތަ؟”

އާއެކެ ބުނުމުގެ ގޮތުން އޭނާ ބޯ ޖަހާލިއެވެ. އޭނަ ހުރީ ލަދުން ކަން ސުމަންއަށް އެނގުނީކަން ނޭނގެއެވެ. އިފާޝާގެ އެޖަވާބު އިވުމާއެކު ބުނުމާއެކު ދެން ގޮސްލީއޭ ބުނެފައި ސުމަންގެ ހިނގުން އިހުނަށްވުރެ އަވަސްކޮށް އިފާޝާއަށްވުރެ ކުރި އަރައިގެން ދިޔައެވެ. އޭނާގޮސް ގޯޅިއަޅަންދެން އިފާޝާއަށް ބަލަހައްޓައިގެން ހުރެވުނީ ގަހެއްގެ ހިޔަލެއްވެސް ނެތް އަވިކޮޅެއްގައެވެ.

“ސާބަހޭ މީނައަށް.. މިތާ އަވިގަނޑު މެދު ކީއްކުރަނީ” ހައްޖަގެ އަޑު ޖެހުމާއެކު އިފާ ދިޔައީ ސިއްސައިގެންނެވެ. ހައްޖައައީ އިފާޝާގެ ފޯނު ހިފައިގެންނެވެ.

“ދުވަހަކުވެސް އަޅެ މިނޫންވަރެއް އަހަންނަށް ވޭތަ؟ ތިގެއަށް ދެވިއްޖެއްޔާ އަހަންނަށް އާދެވޭނީ މި ފޯނު ބާއްވާފައި.” އިފާޝާ ވަގުތުން ވާހަކަ ބަދަލުކޮށްލިއެވެ.

“ތިހެން އުޅެންޏާ އެއްދުވަހުން މި ފޯނު ފޮރުވާނަން އިނގޭ.” އިފާގެ އަތަށް ފޯނު ދިއްކޮށްލަމުން ހައްޖަ އޭނައާ ސަމާސަކޮށްލިއެވެ.

ހައްޖަދިޔަފަހުންވެސް އިފާޝާ ވަރަށް ވިސްނިއެވެ. ރޭގައި ފެނުނު ހުވަފެނާއި މަގުމަތިން އޭނައަށް ސުމަން ފެނުމުގައި ނޭނގިނަމަވެސް ކޮންމެވެސް ގުޅުމެއް ވާކަމަށް އޭނަގެ ހިތް ބުނަމުންދިޔައެވެ. ފަހަރުގައި މާބޮޑަށް ސުމަންއަ ދޭތެރޭ ވިސްނެނީ ކަމަށްވެސް ވެދާނެއެވެ. ނޫނީ ސުމަން އިފާޝާއާ ދޭތެރޭވެސް ވިސްނައިފާނެއެވެ.

މިފަދަ ކިތަންމެ ޚިޔާލެއްގައި ހުރެ އިފާގެ މުޅި ދުވަސް ނިމިއްޖެއެވެ. ދުވަސްތައް ފާއިތުވެ ހަފްތާ ދެހަފްތާ ވީއިރުވެސް އިފާއަަށް އެހެން ކަމަކާ ދޭތެރޭ ވިސްނާނެ ވަގުތެއް ނުލިބެއެވެ. ކުލާހުގައި އިންނަ އިރުވެސް އަބަދުވެސް ސުމަންގެ ހަދާންތައް އާވެއާވެ ހުރެއެވެ. އޭނާއާދޭތެރޭ ވިސްނެއެވެ. ބައެފަހަރު ކުލާސްތެރެއިން އޭނާ ފެންނަހެންވެސް ހީވެއެވެ.

ކިތަންމެ ރެއަކު އިފާޝާ ސުމަންއާ ބައްދަލު ކުރެއެވެ. ސުމަންވެސް އިފާއާ ބައްދަލުކުރެއެވެ. ދެމީހުންގް ބައްދަލުވުންތަކުގައި ކިތަންމެ ވާހަކައެއް ދެކެވެއެވެ. އިފާޝާ ސުމަންދެކެ ލޯބިވާކަމަށް ބުނެއެވެ. އަދި ސުމަންވެސް އިފާދެކެ އިންތިހާއަށް ލޯބިވާކަމަށް ބުނެއެވެ. އެކަމަކު މިހުރިހައިކަމެއް ފަތިސްވާއިރު ނިމިގެން ދެއެވެ. ހުވަފެނުން ހޭލެވުމާއެކު މިހުރިހައި ކަމެއް ނިމިގެންދެއެވެ. ސުމަންއަކީ އިފާޝާގެެ ހުވަފެންތަކުން ދާއިމީ ޖާގައެއް ހޯދާފައިވާ މީހަކަށް ވެއްޖެއެވެ. ކޮންމެ ރެއަކީވެސް އޭނާގެ ހިތްގައިމު ފޮނި ހުވަފެންތަކަކުން އިފާގެ ނިދި ފުރިހަމަ ކޮށްދޭރެއަކަށް ވާންފަށައިފިއެވެ.

“ދެން އަހަރެން ކީއްތަ ކުރާނީ..؟” އިފާޝާ އޭނާގެ ހުރިހައި ވާހަކައެއް ކިޔައިދެނީ އޭނަގެ އެންމެ ގާތް އެކުވެރިޔާކަމަށްވާ އަފީ އަށެވެ. ގިނަ ކަންކަމުގައި އިފާޝާއަށް ލާފާދީ ޚިޔާލުދީހަދަނީ އަފީއެވެ.

“އަހަރެންނަށް ހީވަނީ އިފޫއަށް ހަމަރަނގަޅަށްވެސް ލޯބި ވެވުނީހެން” ވަރަށް ވިސްނަން އިނދެފައި އަފީ ވާހަކަ ދެއްކިއެވެ.

“އާން.. އިފޫއަށް މިހާރު ސުމަންދެކެ ރަނގަޅަށްވެސް ލޯބި ވެވިއްޖެ.”

“އެކަމަކު ތިހެން ވާންވީ ކީއްވެ؟ އަދި ސުމަން އަކާ އަހަންނެއް ވާހަކައެއްވެސް ނުދައްކަމެންނު. އަނެއްކާ މިކަން މިހެން އޮތްކަން އޭނައަށް އެގިއްޖެއްޔާ..” އިފާޝާއަކަށް ނުވިސްނުނެވެ. އޭނައަށް ސުމަންދެކެ އެހައި ލޯބިވާންވީ ކޮންސަބަބަކާ ހުރެކަމެއް ނުވިސްނުވެެ. އަނެއްކޮޅުން މިކަން ސުމަން އަށް އެނގިއްޖެއްޔާ ކަންތައް ވެދާނެ ގޮތެއް ނޭނގޭތީ އިފާޝާ އަބަދު ހުންނަނީ ހާސްވެފައެވެ.

“ތިހެން އަބަދު ކިޔަކަސް ކަމަކު ނުދާނެ. ސުމަންއަށް އަންގަންވީނު…..”

(އަދި ނުނިމޭ… 5ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ…!)

ވާހަކަ ކިޔާލުމަށްފަހު ކޮމެންޓްކުރައްވާ!

Advertisements