ކުށްވެރިއަކީ އަހަރެންތަ؟… (ތިންވަނަ ބައި)ވާހަކައިގެ ފުރަތަމަ ބައި

07 އޮގަސްޓުގެ އަދަދާ ގުޅޭ….

ކުލަކުލައިގެ ފޮތިން ޖަރީކޮށްފައިވާ އެދޯނި ބަނދަރާ ގާތްކުރިއިރު އެމީހުންގެ ޝަރަފުގައި ރަށުގެ ޒުވާން ކުދިންކޮޅެއް ދަނޑީގެ އައިޓަމެއް ކުރިއަށް ގެންދިޔައެވެ. އިފާޝާވެސް އެމަންޒަރުތައް ބަލައިލަން މީހުންތަކާ ގާތްވެލިއެވެ. އޭރު އެކިވަރުގެ މީހުންތައް ދޯނިން ފައިބަމުންދިޔައެވެ. ޖޯޒީލައިގެން ފައިބާ ކޮންމެ ކުޅުންތެރިއެއްގެ ކަރުގައިވެސް ކުލަކުލައިން ހަދާފައިވާ މާފައްޗެއް އަމުނަަމުންދިޔައެވެ. މާފަތިތައް އަމުނަމުން ދިޔައީ ރަށުގައި ތިބި ޒުވާން ޗާލު އަންހެން ކުދިންކޮޅެކެވެ. އެމަންޒަރުތައް ދުރުން ބަލާލަން ވަރަށް ޗާލެވެ. ދޯނިން ފައިބަމުންދިޔަ މީހުންތަކުގެ ތެރެއިން އިފާޝާއަސް ސުމަން ފެނުނީ އެވަގުތުއެވެ.

ލައިގެންހުރި ގަމީހުން އޭނާއަކީ ކުޅުންތެރިއެއް ނޫންކަން އިފާޝާއަށް އެނގުނެވެ. ކޮޑުގައި އެލުވާފައިހުރީ ލެޕްޓޮޕެއް ލާފައިވާ ދަބަހެކެވެ. އަތުގައި ކޮންމެވެސް އިނގިރޭސި ފޮތެއް އޮތެވެ. ކިޔުންތެރިކަމަށް ލޯބިކުރާ މީހަކީބާވައޭ އިފާޝާގެ ހިތަށް އެރިއެވެ.

އެވަގުތުވެސް އޭނާގެ ރީތިކަން ފެނިފައި އިފާޝާއަށް ވަރަށް ގިނައިރު އޭނާއާ ދިމާއަށް ބަލަން ހުރެވުނެވެ. ފަހަރުގައި އެކަން އޭނައަށް ފާހަގަކުރެވިފައިވެސް އޮވެދާނެއެވެ. އެކަމަކު އެކަމަކަށް އެއްވެސް ފަރުވާލެއް ނެތެވެ. އިފާޝާގެ ހިތްބުނަމުންދިޔައީ އެކަމުގައި ތިމަންނަ ކުރާނެ ކަމެއް ނެތްކަމަށެވެ. ފުރަތަމަ ނަޒަރުން ހިތް ދެވުނީ ކަންނޭނގެއެވެ. އޭރު އެމީހަކީ ކޮންތާކު ކާކުކަމެއްވެސް އޭނައަކަށް ނޭނގެއެވެ. އިފާޝާއަށް އެގޭހަވެސް އެއްޗަކި އެއީ އެރަށު މީހެއް ނޫންކަމެވެ.

އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އިފާޝާގެ ހިތުގައި ސުމަންއަށް ދެވިފައިވަނީ ޚާއްޞަ މަގާމެކެވެ. އިފާޝާގެ ހިތް އޭނާއަށްޓަކައި އެދެއެވެ. އެކަމަކު އިފާޝާއަކަށް އެކަމާ ކުރިމަތިލާކަސް ނުކެރުނެވެ. މީހުން ހީކޮށްފާނެ އެއްޗަކަށް ވިސްނާފައެވެ. ސުމަން ހިތަށް އަރާފާނެ އެއްޗަކަށް ވިސްނާފައެވެ. އިފާޝާފަދަ އަންހެން ކުއްޖަކު އެފަދަ ކަމަކަށް އިސްނަގައިފިނަމަ ސުމަން ބުނެފާނެ އެއްޗެއް ނޭނގޭތީއެވެ. އެހެން ނޫނަސް އެފަދަ ކަމަކަށް އަންހެން ކުދިން އިސްނެގުމަކީ އިފާޝާވެސް އެހައި ގަޔަވާ ކަމެއް ނޫނެވެ.

ކޮންމެއަކަސް ދަތުރުގެ ފޯރި ވަރަށް ގަދައެވެ. ދަތުރުގެ ބައިވެރިން އެކި ޓީމު ޓީމަށް ބަހައިގެން ތަފާތު ކުޅިވަރުތައް ކުޅެމުން ދިޔައެވެ. އަފީމެންވެސް ވަރަށް ފޯރި ނެގިއެވެ. ކަންދިމާކުރި ގޮތުން އިފާޝާއަށް އެއްވެސް ކުޅިވަރެއްގައި ބައިވެރި ވެވޭގޮތެއް ނުވިއެވެ. އެއަށްވުރެ އޭނާގެ ފަޔަށް ތަދުވެއެވެެ. އިފާޝާއަށް ޖެހުނީ ކުޅިބަލަން އިންނާށެވެ. އެކަމަކު އޭނަވެސް ފޯރި ނެގިއެވެ.

ގަޑިން ގާތްގަނޑަކަށް ތިންގަޑި ބައިވެއްޖެއެވެ. އެންމެންވެސް ތިބީ ވަރަށް ވަރުބަލިވެފައެވެ. އެއްބަޔަކު މޫދަށްއެރިގެން ލޮނާ ތެމިގެންނެވެ. އަނެއްބަޔަކު ފައިގަތަޅާ ކުޅިގެން މުޅިގައިގައި ވެލިކާތަައިގެންނެވެ. އިފާޝާވެސް އިނީ ވެލިން ހިނުވާފައެވެ. ކުޅިވަރުގައި ބައިވެރިނުވިއަސް ދަތުރުގައި ބައިވެރިވާންޖެހޭނެއޭ ކިޔަފައި ހައްޖަމެން އޭނަ ގަޔަށް ވެލިއެޅީއެވެ.

އިފާޝާމެން ދަތުރު ގޮސް ތިބި ހިސާބާ މާދުރު ނޫން ހިސާބަކުން ކުދިބަޔަކު އަންނާތީ އިފާޝާއަށް އެނބުރިފައި އެދިމާއަށް ބަލާލެވުނެވެ. ބަޔަކު ފެންނާކަށް ނެތެވެ. އިވެނީ ވާހަކަ ދައްކާ އަޑެވެ. ގަސްތަކުގެ އެފަރާތުންނެވެ. އޭނައަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެއީ ސުމަންމެންނާއެކު ދަތުރު ގޮސް އުޅުނު ކުދިންނެވެ. އެމީހުން އިފާޝާމެން ތިބި ސަރަހައްދަށް އައީ ކީއްކުރަންކަމެއް އެކަކަށްވެސް ނޭނގުނެވެ. އެކަމަކު އެމީހުންގެ ހަރަކާތްތައް ހުރިގޮތުން އުނދަގޫކުރަން އައި ބައެއްހެނެއް ހީއެއް ނުވެއެވެ.

“އަހަރެމެން މިއައީ އެކޮޅުގައި ތިބެތިބެ ފޫހިވެގެން. އޯކޭތަ ތިމީހުންނާ އަނގަ ތަޅާލަން މިތަނުގައި އަހަރުން ޖައްސާލިއަސް” ކުދިންތަކުގެ ތެރެއިން ކުރިއަށް ޖެހިފައި ވާހަކަ ދެއްކީ އައްފާނެވެ.

“އަހަންނަށް ކިޔަނީ އައްޕި. މީހުސް އަހަރުން އޮފީސް ކުދިން. ދޯ ފިއްޓޭ.” ކުދިންތަކުގެ ތެރެއިން ނާފިޒްއަށް އިޝާރާތް ކޮށްލަމުން އައްފާނު ވާހަކަ ދެއްކިއެވެ.

އިފާޝާމެން ގުރޫޕު ކުދިންވެސް އެކަމަކަށް އިންކާރެއް ނުކުރިއެވެ. ދެބައިމީހުން ބައިވެގެން ވަރަށް ގިނަ އަނގަތެޅިއެވެ. ހެއްވާ މަޖާ ޖޯކުތައް ކިޔައިގެން އަންހެން ކުދިންތައް އިތުރަށް ފޫހިފިލުވައި ދިނުމުގައި ފިރިހެން ކުދިންތައް ހަރަކާތްތެރިވަމުން ދިޔައެވެ.

“ހިނގާ ލަވަ ބާޒީ ކުޅެން… އަންހެން ފިރިހެން ވަކިން” އެންމެންގެ ތެރެއިން ހައްޖަ ނުކުމެފައި ވާހަކަ ދެއްކިއެވެ. ދެބައިމީހުންވެސް ވަރަށް ފޯރީގައި ތިބިހެން ހީވެއެވެ. ފެއްޓީ އަންހެން ޓީމުންނެވެ. ހައްޖައަކީ އަބަދުވެސް ލަވަ ކިޔާހިތުން އުޅޭ މީހެކެވެ. ދެޓީމުންވެސް ފޯރީގައި ލަވަތައް ކިޔަމުން ގެންދިޔައެވެ. ފިރިހެން ކުދިންނެއްވެސް އަންހެން ޓީމަކަށް ދުލެއް ނުކުރެއެވެ. އަންހެން ކުދިން ކިޔާ ލަވައަކަށް ލަވައެއް ކިޔައެވެ. އަންހެން ޓީމުން ގިނައިން ލަވަކިޔަނީ ހައްޖައާއި އިފާޝާއާ ދެމީހުންނެވެ. އަނެއް ޓީމުންގިނައިން ލަވަކިޔަނީ އައްޕިއާއި ފިއްޓެއާއި ސުމަންއެވެ. ސުމަން ކިޔާ ކޮންމެ ލަވައަކުންވެސް ވަރަށް ފުންމާނައެއް އިފާޝާއަށް ނެގެމުންދިޔައެވެ. އެލަވަތަކާ އޭނައާ ގުޅުމެއް ވާކަމަށް އިފާޝާއަށް ހީކުރެވެމުން ދިޔައެވެ. ބައެއްފަހަރު ސުމަން ލަވަކިޔާއިރު އެލަވަ އަމާޒުވަނީ ސިދާ އިފާއަށް ބާވައޭވެސް އޭނާގެ ހިތަށް އަރައެވެ. ބައެއްފަހަރު އިފާޝާވެސް ވަރަށް ގުޅޭ ލަވަ ކިޔައެވެ.

މިފަހަރު ލަވަ ކިޔަން ޖެހުނީ ފިރިހެންކުދިންގެ ޓީމަށެވެ. ކިޔަން ޖެހިފައި އޮތީ ހާއަކުންނެވެ. ގިނަ ލަވަތައް ކިޔިފައިހުރުމާއެކު ލަވައެއް ނަގަން ކުޑައިރުކޮޅެއް ނެގިއެވެ.

ލަވަކިޔަން ފެއްޓީ ސުމަން އެވެ. ސުމަންގެ ލަވަ ފެށުމާއެކު އެންމެން އިފާޝާއާދިމާއަށް ބަލަން ފެށިއެވެ. ހައްޖަމެން ލަވައިގައި ބައިވެރިވެސް ވިއެވެ.

“ހިތް އެދޭތީ ބުނަން… އައިސް ބަލާށޭ ނިކަން…
ހާލުކިޔައިދޭ ހިތުން…. ހިތް ރޮނީއޭ ލަދުން….
އިފާޝާ… އައިލަވް ޔޫ.. އައިލަވް ޔޫ ޓޫ….

ސުމަންގެ ލަވަ ނިމުމާއެކު އަންހެންކުދިންގެ ގުރޫޕުގެ އެންމެން އިފާޝާއާ ދިމާކޮށްލުމުގެ ގޮތުން ހޭންފެއްޓިއެވެ. އެކަމަކު އެކަމެއް ސުމަންމެންނަކަށް ނޭގެއެވެ. އޭނައަށް ކިޔަނީ އިފާޝާ ކަމެއް އެމީހުންނަކަށް ނޭނގެއެވެ. އެމީހުން ހީކުރީ ޓަވިޔަނިން ލަވައެއް ކިޔަން ޖެހުނީމައި އަންހެން ކުދިން ހޭންފެއްޓީ ކަމަށެވެ.

“ކޮބާ… ނޭނގުނު ދޯ ޓަވިޔަނިން ލަވައެއް. އެހެންވީމާ އަހަރެމެން މޮޅުވީނު..” ހިނިގަޑެއް ޖަހާލަމުން އައްފާނު ތެދުވިއެވެ. އޭނާއާ އެކު ދެންތިބި ކުދިންވެސް ތެދުވިއެވެ. އެމީހުން ދާން ހިގައިގަތްއިރުވެސް އިފާޝާ އިސްއުފުލާ ބަލާވެސް ނުލައެވެ. އޭނަ އިނީ ހަމަ އަސްލުވެސް ވަރަށް ލަދުންނެވެ. ފަހަރުގައި އެއީ ސުމަން ގަސްދުގައި ކުރި ކަމަކަށްވެސް ވެދާނެ އެވެ. ކޮންމެވެސް ގޮތަކުން އޭނައަށް އިފާޝާގެ ނަން އެނގުނީކަމަށްވެސް ވެދާނެއެވެ. އެހެން ނޫންނަމަ އެލަވަ ކިޔުމުގެ ބޭނުމަކީ ކޮބައި ބާވައޭ އިފާގެ ހިތަށް އަރަމުންދިޔައެވެ.

ދަތުރު ނިމިގެން އެބުރި ރަށަށް ދިޔައިރުވެސް އަފީމެން އިފާޝާއާ ދިމާކުރިއެވެ. އައި ދޯނިމަތީގައިވެސް އެމީހުން އެލަވަ ކިޔައފައި އޭނައާ ދިމާކުރިއެވެ. އެއްބަޔަކު ބުނާގޮތުން ސުމަން އިފާއަށް ލޯބި ހުށައެޅީއެވެ. އަނެއްބަޔަކު ބުނަނީ އެއީ ހަމަ ނޭނގުމެއްގައި އިނދެ ސުމަންކީ ލަވައެއް ކަމަށެވެ. ކޮންމެއަކަސް އިފާޝާ ވަކި ގޮތެއް ނުނިންމަމެވެ. އޭނަގެ ހިތް ބުނަމުންދިޔައީ ސުމަން އަށް އަދި އިފާޝާގެ ނަން ނޭނގޭނެ ކަމަށެވެ. އޭނާ އެލަވަކީ އެއްވެސް މާނައެއް އޭގައި އޮވެގެން ނޫން ކަމަށެވެ.

އިރޮ އޮއްސިއްޖެއެވެ. ދަތުރުގެ ވަރުބަލި ކަމާހުރެ އިފާޝާ ވަރަށް އަވަހަށް ނިދަން ތައްޔާރުވިއެވެ. އޭރު ގާތްގަނޑަކަށް 8 ޖަހަނީއެވެ. ފެންވަރާލައިގެން އެނާ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. އެެހެން ރޭތަކެކޭވެސް އެއްފަދައިން އެރޭވެސް ޓީވީ އަޅުވާލިއެވެ. އޭރު އޭނަ އާދަވެގެން ބަލާ ޑްރަމާއެއް ސްޓާރ ޕްލަސްއިް އާދެއެވެ. އޭގައިވެސް ވަނީ އިފާޝާގެ ހަޔާތާ ވަރަށް ގުޅޭ ގޮތެކެވެ. ޑްރާމާގައި އުޅޭ އަންހެން ކުއްޖާ ފިރިހެން ކުއްޖަކު ދެކެ އިންތިހާއަށް ލޯބިވަނީއެވެ. އެކަމަކު އެއަންހެން ކުއްޖާއަކަށްވެސް އެކަން އެފިރިހެން ކުއްޖާއަށް އަންގާކަށް ނުކެރެއެވެ. އެދެމީހުންގެ ދެމެދުގައި ލޯބީގެ ކަންތައްގަނޑެއް އޮންނަކަމަށް އެޑުރާމާގައި އުޅޭ އެއަންހެން ކުއްޖާގެ އެކުވެރިންވެސް ބުނެއެވެ. އެކަމަކުވެސް އެކަން ހާމަކުރަން އެއަންހެން ކުއްޖާ ޖެހިލުންވެއެވެ.

ޑްރާމާ ނިމުމުން އިފާޝާ ނިދާން ތައްޔާރު ވެލިއެވެ. ޓީވީ ނިއްވާލުމަށްފަހު ކޮޓަރީ ނިދާބޮކީގެ އަލި މަޑުކޮށްލިއެވެ. އޭރު ހުޅުވާފައިވާ ކުޑަ ދޮރުން ކޮޓަރިތެރެއަށް ހިތްގައިމު ފިނި ފިނި ވައިރޯޅިތައް ޖެހެމުން ދިޔައެވެ. ފަންކާއެއްގެ މާބޮޑު ބޭނުމެއް ނެތްކަހަލައެވެ. ކައިރީގައި އޮތް ބާލީހެއް ގާތްކޮށްލަމުން އިފާޝާ އެއާ ބައްދާލިއެވެ. ހީވީ ވަރަށް ލޯބިން ބައްދާލިހެންނެވެ.

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރި ތެރެއަށް ޖެހެމުންދިޔަ ވައިރޯޅިތަކާ އެކުވެގެން އަންނަން ފެށީ މީރު ސެންޓެއްގެ ވަހެކެވެ. އެކަމަކު އެއީ އިފާޝާ ދަންނަ ވަހެކެވެ. އެއީ މީގެ ކުރިން އޭނަގެ ނޭފަތުގައި ޖެހިފައިވާ ވަހެކެވެ. ތެދެކެވެ. އެއީ ފިރިހެން ސެންޓެއްގެ ވަހެކެވެ. އޭނަ ހަމަ އޮތް ގޮތަށް އޮތީއެވެ. ހުޅުވާފައިވާ ކުޑަދޮރާ ދިމާލުގައި ދަމާފައިވާ ދޮރުފޮތިގަނޑު އެއްފަރާތަކަށް ކެހުނުހެން އޭނައަށް ހީވިއެވެ. ހަނދުގެ ނަލަ އަލި ކޮޓަރިތެރެއަށް ވެރިވެގެން ދިޔައެވެ. އެއާއެކު މީހަކު ކޮޓަރި ތެރެއަށް ވަންހެން އިފާޝާއަށް ހީވިއެވެ. ދެންވެސް އޭނަ އަޅައެއް ނުލައެވެ. މަޑުކޮށްލައިގެން އޮތީއެވެ. ފަހަރުގައި މީހަކު އެވަގުތު އެކޮޓަރިއަށް ވަންނަން އޭނާގެ ހިތް އެދުނީކަމަށްވެސް ވެދާނެއެވެ. ނުވަތަ އެމީހަކީ ކާކުކަން އޭނަގެ ޒަމީރަށް އެނގުނީކަމަށްވެސް ވެދާނެއެވެ. އަނެއްފަރާތަށް އެބުރި ބަލާލުމަކަށް އިފާޝާގެ ހިތެއް ނޭދުނެވެ. ބޭނުންވީ އެމީހަކު އޭނަ އޮތް ހިސާބަށް އަންނާށެވެ.

މަޑު ހިގުމުގައި އެމީހަކު އައިސް ހުއްޓުނީ އިފާޝާ އޮތް އެނދުގެ ކުރިމަތީގައި ކަން އިފާޝާއަށް އެނގުނެވެ. އެކަމަކުވެސް ލޮލެއް ނުހުޅުވައެވެ. ހަމަ އޮތީއެވެ. މަޑުމަޑުން އޭނާގެ ކަންފަތްދޮށަށް އެމީހަކު ތިރިވިކަމުގެ އިހުސާސް އިފާޝާއަށް ކުރެވުނެވެ. އެނޭވާގައި ވަނީ ހޫނުކަމެކެވެ.

(އަދި ނުނިމޭ…. ހަތަރުވަނަބަޔަށް އިންތިޒާރުކޮށްލައްވާ..!)

ވާހަކަ ކިޔާލުމަށްފަހު ކޮމެންޓް ކުރެއްވުން އެދެން.