ކުށްވެރިއަކީ އަހަރެންތަ؟   (2ވަނަ ބައި)ވާހަކައިގެ ފުރަތަމަ ބައި

6އޯގަސްޓުގެ އަދަދާ ގުޅޭ….

ކުޑައިރުކޮޅަކު އިފާޝާ އެތަނުގައި މަޑުކޮށްލުމަށްފަހު އެމީހުން ދަތުރުއައްިސް އުޅޭ ސަރަހައްދަށް ދާނަވެގެން ތެދުވިއެވެ. ކަމެއް ވާނީ ބުނެފައެއް ނުނޭ މީހުން ބުނެ އުޅެނީ ހަމަ ރަނގަޅަށެވެ. އޭނަ ތެދުވި ވަގުތު އެތަނުގައި ހުރި ރުކަކުން ކާއްޓެއް ވެއްޓުނެވެ. އިފާޝާއަށް ހަޅޭއް ލަވައި ނުގަނެވުނީ ހަމަ ކިރިޔާއެވެ. އެއަޑު އިވުމާއެކު ސުމަން އޭނަ ހުރި ދިމައަށް ބަލާލިއެވެ. ނަސީބަކުން އޭނައަކަށް އިފާޝާއެއް ނުފެނުނެވެ. އިފާޝާއަށް އޭނާގެ މޭގައި އަތްޖަހާލެވުނީ ހަމްދެއް އަޅަމުންނެވެ.

“އަހަންނަށް ހީވަނީ އައްޕެމެން އަހަރުންނަށް ޖެއްސުން ކުރަނީހެން. ހިނގާ ދާން” މޫދަށް ދިޔައިރު ގެންގުޅުނު ވޮލީ ބޯޅައެއް ހިފައިގެން ކުރިއަށް ޖެހިލަމުން ނާފިޒް ސުމަންމެންނަށް ގޮވާލިއެވެ.

އެމީހުންގޮސް އޮބަންދެން އެފަހަރުވެސް އިފާޝާ ބަލަން ހުއްޓެވެ. ސުމަން އާ ވާހަކަ ދައްކަން އޭނަ ބޭނުންވެއެވެ. އޭނަގެ ހިތުގައި ސުމަންއަށް ދެވިފައިވާ މަގަމަކީ ކޮބައިކަން ސުމަންއަށް ކިޔައިދޭން އިފާޝާ ބޭނުންވެއެވެ. އެެހެންނަމަވެސް އެހައި ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. އެއަށްވުރެ މާ ޖެހިލުންވެއެވެ.

ސުމަންއާއި އައްޕިމެން ފެންވަރާލައިގެން ދިޔަތާ ވާނީ ހަމަ ކުޑަ އިރުކޮޅެކެވެ. ސީމާއާއި އަފީ، އިފާޝާއަށް ހޯދަމުން އައިސް އޭނާ މަޑުކޮށްލައިގެން ހުރި ހިސާބަށް ދިޔައެވެ.

“ސާބަސް. މިތާ ކީއްކުރަނީ..؟ މީ ފިރިހެން ކުދިން ފެންވަރަން އަންނަ ތަނެއްނު.” އަފީ އައިސް އިފާޝާގެ ދަށްބޮލުގައި ކޮއްޓާލަމުން އޭނައަށް ގޮވާލިއެވެ.

“ޔަގީނޭ.. މީނަ މިތާ ހުރެގެން ފިރިހެން ކުދިން ފެންވަރާތަން ބަލަނީ…” ލާނެއް ހިނިގަނޑެއް ޖަހައިލަމުން ސީމާވެސް އެކުވެރިޔާއާ ދިމާކޮށްލިއެވެ.

“ސާބަސް ކަލޭމެންނަށް. މިތާހުރިއްޔަ އެހައިވަރު ކަމެއްތަ؟ ކަލޭމެން ދެން ފިރިހެނަކާ ގާތް ނުވަނެތާ!” އިފާޝާވެސް ވަކިން ދުލެއް ނުކުރެއެވެ.
“ހޫންނނ. މާ ލާނެއް ވާނެކަމެއް ނެތް. ދުވަހަކުވެސް އިފޫ އަނގަޔަކުން ނާރާނެ. ހިނގާ ދާން. މިހާރު ހައްޖަމެން މަޖާ މޮޑެ ނިމިދާނެ. އިފޫ ނުފެނިގެންނޭ އަހަރުން މިއައީ..” އިފާޝާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައި ގަންނަމުން އަފީ ވަހަކަ ދެއްކިއެވެ.

އިފާޝާ އެތަނުގައި ހުރީ ކީއްވެގެންކަން އެމީހުންނަށް އެނގިއްޖެއްޔާ ވަރަށް ސުވާލު ގިނަވާނެއެވެ. އެކަމަކު އަފީ މެންނަށްވެސް ސުމަން ފެނިއްޖެއްޔާ މަޑުކޮށް ނުލައެއް ނުދެވޭނެކަން އިފާޝާއަސް ޔަނގީންކުރެވުނެވެ. އެމީހުންނަށް ސުމަން ނުފެނުނުކަން އެއީ ނަސީބެކޭ އިފާޝާގެ ހިތަށްއެރިއެވެ.

ވަލުތެރެއިން ހަދާފައިވަ ހަނި މަގުތަކުން ބާރު ދުވުމުގައި އިފާޝާއާއި އަފީމެން ދިޔައީ ރޭސް ޖަހަމުންނެވެ. އެމީހުން ދަތުރުއައިސް އުޅޭ ސަރަހައްދަށް ކުރިން ދެވެނީ ކާކަށްތޯ ބަލާށެވެ. ބައެއް ފަހަރު ކުދިކުދި ގާކޮޅު މައްޗަށްވެސް އެރެއެވެ. އެކަމަކުވެސް އެދެމީހުންނަށްވުރެ ބާރަށް ދުވުނީ އިފޫއެވެ. އިފާޝާއަކީ ސްކޫލުގައި އުޅުނު އިރުވެސް އަބަދުވެސް ބާރަށް ދުވާ ކުއްޖެކެވެ. ގިނަ މުބާރާތްތަކުން ވަނަތައް ހޯދާފައިވާ މޮޅު ދުވުންތެރިއެކެވެ.

ބާރު ދުވުމުގައި ދުވެފައި ދިޔައިރު އިފާޝާގެ ޚިޔާލުގައި ދެވަނަ ފަރާތެއް ނުވެއެވެ. ސުމަން ފެން ހިއްކަން ހުރި މަންޒަރު އޭނަގެ ލޯ ކުރިމައްޗަށް ސިފަވަމުން ދިޔަ ކަހަލައެވެ. ސުމަންގެ ބައްޓަން ރީތި ހަށިގަނޑުގައި ބީހިލުމަށް އިފާޝާއަށް އެދެވެމުންދިޔައެވެ. ބޭއިޚްތިޔާރުގައެވެ. ޒަމާނީ ކުދިން ބުނާގޮތަށް އެއީ ހަމަ “ވީ ބޮޑީއެއް” ލިބިފައިވާ ޒުވާނެކެވެ. ކުއްލިއަކަށް އެއްޗެއްގައި އަޅައިގެންފައި އިފާޝާ ވަރަށް ބާރަށް ވެއްޓުނެވެ. ހަމަ އެއާއެކު އޭނައަށް ހަޅޭއް ލަވައި ގަނެވުނެވެ. އަފީއާއި ސީމާވެސް ދުވެފައި އައިސް އިފޫ ނަގަން އުޅުނެވެ.

“އާހް.. އަފީ… އަހަރެންގެ ފައި…” އިފާޝާއަށް އޭނަގެ ފަޔަށް އަނިޔާއެއްވިކަން އެނގުނީ ދެނެވެ. އިފާޝާ ލައިގެންހުރި ހަރުވާޅު މައްޗަށް އަރުވާފައި އަފީ ބަލާލިއެވެ. އިފޫއަށްވެސް ހަންމަށައިގެން ގޮސްފައިވާ ތަންގނަޑު ފެނުނީ ދެނެވެ. އޭރުވެސް ލޭތައް ހުއްޓުމެއް ނެތި ފައިބަމުން ދިޔައެވެ. އިފާޝާގެ ފައިގެ ކަށިމަތި ވަނީ ހަންގޮސްފައެވެ. ވަރަށް ދިލަނަގާނެކަން ޔަގީނެވެ.

ކަން ދިމާކުރިގޮތުން އެވަގުތަކީ ސުމަންއާއި އޭނާގެ ދެ އެކުވެރިން ކުރުނބާ އަޅަން އެސަރަހައްދުގައި ހުރި ރުކަކަށް އަރަން ގޮސް އުޅުނު ވަގުތެވެ. އިފާޝާ ހަޅޭއް ލަވައިގަން އަޑު އެމީހުންނަށް އިވުނެވެ. އެމީހުންވެސް ފުރަތަމަ އަޅާނުލީއެވެ. އެކަމަކު ސީމާއާއި އަފީވެސް އިފޫއާ ދިމާއަށް އަންނަމުން ހަޅޭއްލަވައިގަން އަޑަށް ސުމަންމެން އެމީހުން ތިބި ތަނަށް އައެވެ. އެވަގުތު އިފޫމެންނަށް ފެނުނީ ވަރަށް އާދަޔާ ޚިލާފު މަންޒަރެކެވެ. ސުމަންގެ ހަރަކާތްތައް ހުރިގޮތުން ހީވީ އޭނާ ވަރަށް އަޅާލާ، ލޯބިވާ މީހަކަށް އަނިޔާއެއް ލިބިގެން އެމީހަކަށް އެހީދޭން އުޅުނު ހެންނެވެ. ވީ ކީއްތޯވެސް އަހާ ނުލައި ފުރަތަމަވެސް އައިސް އިފާޝާގެ ގާތު މަޑުކޮށްލިއެވެ. އަދި އޭނާގެ ކޮނޑުގައި އަޅުވާފައި އޮތްދަބަހެއް ބިންމަތީގައި ބެއިންދިއެވެ.

އޭރު އިފާޝާ އިނީ ކަޅި ޖަހާނުލައި ސުމަންގެ މޫނަށް ބަލާށެވެ. އޭޭނާގެ އެފުރިހަމަ ދެލޯ ހީވަނީ މޮޅު ކުރެހުންތެރިއަކު ކުރަހާފައި އިން ތަސްވީރެއް ހެންނެވެ. މަޑުމަޑު މުށިކުލައެއްގެ ކަޅިއެކެވެ. އެސްފިޔަތައް ދިގެވެ. ބުމައިގައި މާގިނަ އިސްތައްޓެއް ނެތެވެ.

“އާހ…” އިފާޝާ ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް އިފާޝާއަށް އޭނަގެ ފައި ދަމައިގަންނަން ހިފާ ލެވުނެވެ. އެކަމަކު ސުމަން އިނީ އިފާޝާގެ ފައިގައި ބާރަށް ހިފަހައްޓައިގެން ކަމުން އިފާޝާއަކަށް އޭނަގެ ފައި ފަރާތަކަށް ގުޑުވާވެސް ނުލެވުނެވެ.

“ވަރަށް ތަދުވޭތަ.؟ ދެން ތަޑު ކުޑަވެދާނެ… މިހެން ހަދާލީމަ ދެން ލެޔެއް ނާންނާނެ.” ސުމަން ވާހަކަ ދެއްކީ ވަރަށް އޯގާތެރިކޮށެވެ. އިފާޝާގެ ފައިގައި ކޭތިފައިހުރި ލޭތައް ފުހުނީވެސް ސުމަންއެވެ. ހީވަނީ އޭނާ ގެންގުޅުނީ ޑިޓޯލް ފުޅިއެއް ހެނެވެ. ކަފަ ބޯޅަތަކަކުން މަޑުމަޑުން އިފާޝާގެ ފައި ފުހަމުންދިޔައިރު އޭނާގެ މޫނުމަތީގައި މާބޮޑު ހާސްކަމެއް ފެންނާކަށް ނެތެވެ. އިފޫގެ ފައިގައި ބޭސް އަޅައި ބެންޑޭޖް އޮޅައިދިނީ އޯގާތެރި ޑަކްޓަރަކު އޭނާގެ ބަލިމީހާއަށް ފަރުވާދޭހާ އޯގާތެރިކޮށެވެ.

“ރަނގަޅުވާނީ ލޮނުގައި ނުޖެއްސިއްޔާ. މޫދަށް ނޭރެއްޗޭ..” ސުމަން އޭނާ ގެންގުޅުނު ސާމާނުތައް ދަބަހަށް އަޅަމުން އިފާޝާއާ ވާހަކަ ދެއްކިއެވެ.

އިފޫ އިނީ ބުނާނެ އެއްޗެއް ދުލަށް ނައިސްފައި ކަންނޭނގެއެވެ. ހަމަ އެކައްޗެކޭ ބުނާކަށްވެސް އޭނައަކަށް ނޭނގުނެވެ.

“ރަށަށް ދެވުނީމަ ޑަކްޓަރަށް ދައްކާލިއްޔާ ރަނގަޅުވާނީ..” އަނެއްކާވެސް ވާހަކަ ދެއްކީ ސުމަންއެވެ. އޭރު އޭނާހުރީ ކޮނޑުގައި ދަބަސް އަޅުވާލައިގެންނެވެ. ދެންދަނީއޭ ބުނާ ކަހަލަ ގޮތަކަށް ހީލަމުން ސުމަންއާއި އޭނާގެ ދެ އެކުވެރިން ކުރިއަށް ހިނގައި ގަތެވެ. އޭރުވެސް އިފާޝާ އިނީ ބިންމަތީގައި އިށީނދެލައިގެންނެވެ. ސުމަންއަށް ބަލާށެވެ.

“އަހަންނަށް ހީވަނީ މީނަ އަދި މުޅިއަކުން ރަނގަޅެއް ނޫންހެން..” މިފަހަރު ވާހަކަ ދެއްކީ އަފީއެވެ. އިފާޝާ ސުމަންމެންނަން ބަލަން އިންތަން ފެނިފައި އަފީ އޭނައާ ދިމާކޮށްލީއެވެ.

“ސާބަހޭ މީނދަ އަފީފާ ގަނޑާ.. އަބަދުވެސް ކޮންމެސް އެއްޗެކޭ ކިޔާފައި މަށާ ދިމާކުރުން ދޯ ކަމަކީ..” އަފީ ދިމާކުރާތީ އިފާޝާވެސް ހުރީ ކުޑަކޮށް ފާޑަކަށެވެ. އެކަމަކު ރުޅިއެއް ނާދެއެވެ. ރުޅި އަންނަންވީ ސަބަބެއްވެސް ނެތެވެ. އަފީއަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. ސްކޫލު ދައުރުންފެށިގެން އެދެމީހުން އުޅެމުން އައީ އެކުއެކީގައެވެ. އެހެންނޫނަސް އެކަހަލަ އެއްޗިހި ކިޔައިގެން އަބަދުވެސް އެދެމީހުން އެކަކު އަނެކަކާ ދިމާކޮށްހަދައެވެ.

“އޭ.. އެކަމަކު ހާދަ ސްމާޓޭ ދޯ..” ސީމާހުރީ ސުމަންއާ ދިމާއަށް ބަލާށެވެ. އޭނައަށްވެސް ސުމަން ކަމުދިޔައީ ކަންނޭނގެއެވެ. އިފާޝާއިނީ ހަމަ އެކައްޗެކޭވެސް ނުބުނާށެވެ. ސީމާގެ ވާހަކައަކީ ކޮބައިތޯ ބަލަން އިފާޝާ މަޑުކޮށްލީއެވެ.

“އަހަންނަށް ހީވަނީ އޭނަ ހިތްކީހެން…” ސިމާ ބަލާލީ އިފާޝާއަށެވެ.

“ކާކަށް..؟” އިފާޝާ ދިޔައީ ސިއްސައިގެންނެވެ. އޭނަވެސްް އަމާޒުކުރީ ސުވާލެކެވެ. ސީމާގެ ޖަވާބުވެސް ވަރަށް ކުރެވެ.

“އިފާޝާއަށް.. މިހުރިހާއިރު އޭނައެދިޔައީ އިފޫ ގާތު އޮވެފައެއް ނޫންތަ؟.. ” މަލާމާތުގެ ރާގަކަށް ސީމާ އިފާޝާއާ ދިމާކޮށްލިއެވެ.

އެމީހުންނަކީ އަބަދުވެސް ސަމާސަކުރާ ބައެކެވެ. އަބަދުވެސް އެކަހަލަ އެއްޗިހި ކިޔައިގެން އެކަކު އަނެކަކާ ދިމާކުރާނެއެވެ. އެކަމަކު އެހެން ކިޔާ އެއްޗިއްސަކަށް އިފާޝާއެއް ނުވިސްނައެވެ. އެހެންނަމަވެސް މިއަދު އިފާޝާއަށް ކުރެވެމުން އެދާ އިހުސާސްތައް ވަަރަށް ތަފާތެވެ. ހިތުގައި ހިނގަމުން އެދަނީ ގޮތް ނޭނގޭ އިހުސާސް ތަކެކެވެ. ގަލަމަކުން ނޫނީ ދުލަކުން ބަޔާންކޮށްދޭން ދަތި އިހުސާސްތަކެކެވެ. އެއިހުސާސްތަކަކުން އޭނަގެ ހިތުގެ ގޮވެއްޗަށް ތާޒާކަމާއި ފިނިކަން ގެނެސްދޭ އިހުސާސްތަކެކެވެ. އޭނަގެ ޒަމީރަށް އުފާވެރިކަން ގެނުވައި މޫނުމައްޗަށް ހިނިތުންވުން ގެނުވި އިހުސާސެކެވެ.

އިފާޝާ އެދަތުރުދިޔައީ ދާހިތަކުން ނޫނެވެ. އެދުވަހު ސުމަންމެން އެރަށަށް ދަތުރަކު ދާކަން އެނގުމުންނެވެ. ދޮގެކެވެ. ސުމަން ދާކަން އެނގުމުންނެވެ.

އެންމެ ފުރަތަމަ އޭނައަށް ސުމަން ފެނުނީ މީގެ ދެހަފްތާކުރިންނެވެ. އެއީވެސް ހަމަ މިކަހަލަ ދުވަހެކެވެ. އުޑުމަތި ރީތި މަޑުމަޑު ވައިރޯޅިތަކެއް ޖެހެމުންދިޔަ ނަލަ ދުވަހެކެވެ. އިފާޝާއިނީ އެއަތޮޅު މަގޫދޫ ދޯންޏެއް ލަފާތީ އުތުރު ފަރާތު އަތިރިމަތީގައެވެ. އޭނަ އެނަންޏެއް ނޫނެވެ. ރަށުގެ އެތައް ބަޔަކު އޭރު އެސަރަހައްދުގައި އުޅުނެވެ. ރަށުގެ ޒުވާނުންގެ ޓީމަކާއި މަގޫދޫގެ ޒުވާނުންގެ ޓީމެއް ބައްދަލު ކުރާ ވޮލީ މެޗްގައި ބައިވެރިވާ، އެރަށުގެ ޓީމު އެދޯނިން އަންނާތީއެވެ.

ކުލަކުލައިގެ ފޮތިން ޖަރީކޮށްފައިވާ އެދޯނި ބަނދަރާ ގާތްކުރިއިރު އެމީހުންގެ ޝަރަފުގައި ރަށުގެ ޒުވާން ކުދިންކޮޅެއް ދަނޑީގެ އައިޓަމެއް ކުރިއަށް ގެންދިޔައެވެ. އިފާޝާވެސް އެމަންޒަރުތައް ބަލައިލަން މީހުންތަކާ ގާތްވެލިއެވެ. އޭރު އެކިވަރުގެ މީހުންތައް ދޯނިން ފައިބަމުންދިޔައެވެ. ޖޯޒީލައިގެން ފައިބާ ކޮންމެ ކުޅުންތެރިއެއްގެ ކަރުގައިވެސް ކުލަކުލައިން ހަދާފައިވާ މާފައްޗެއް އަމުނަަމުންދިޔައެވެ. މާފަތިތައް އަމުނަމުން ދިޔައީ ރަށުގައި ތިބި ޒުވާން ޗާލު އަންހެން ކުދިންކޮޅެކެވެ. އެމަންޒަރުތައް ދުރުން ބަލާލަން ވަރަށް ޗާލެވެ. ދޯނިން ފައިބަމުންދިޔަ މީހުންތަކުގެ ތެރެއިން އިފާޝާއަށް ސުމަން ފެނުނީ އެވަގުތުއެވެ.

(އަދި ނުނިމޭ… ކުރިއަށްހުރި ބައިތަކަށް އިންތިޒާރުކުރައްވާ)

ވާހަކަ ކިޔާލުމަށްފަހު ކޮމެންޓްކުރައްވާ..!

Advertisements