ކުށްވެރިއަކީ އަހަރެންތަ؟؟  (ފުރަތަމަ ބައި)ވާހަކައިގެ ފުރަތަމަ ބައި

ސުމަންމެން ތިބި ހިސާބާ މާދުރު ނޫން ހިސާބެއްގައި އިފާޝާ މަޑުކޮށްލައިގެން ހުރީ ސުމަންގެ އެ ހިތްގައިމު ހަށިގަނޑަށް ގެއްލި ހުސްވެފައެވެ. ފިރިހެންވަންތަ އެހަށިގަނޑުގައި އެހެރަ ޖާދުއަކީ އިފާޝާފަދަ ހަމަ ކޮންމެ އަންހެން ކުއްޖެއްގެ ހިތުގެ އެންމެ ހިމަ ނާރުތަކަށްވެސް އަސަރުކުރާނެފަދަ ޖާދޫއެކެވެ. ބޮލުގެ ފަން އިސްތަށިކޮޅާއި ޒަމާނީ ގޮތަކަށް ހަދާލާފައިވާ ތުނބުޅިއާއި މޭމަތީގައި ފަޅާފައިވާ އިސްތަށިކޮޅުން އޭނާގެ ފިރިހެން ވަންތަކަން ދައްކުވައިދޭ ކަހަލައެވެ. ބައިމަތި ފުޅާވެފައި އިސްކޮޅުން ދިގު އެހަށިގަނޑުގެ ބިޔަކަން ފެނުމުން އިފާޝާގެ ހިތް ފުރަތަމަ ދުވަހުވެސް ސުމަންއަށް ދެވުނެވެ.

އޭނާއާއެކު މޫދުގައި ސަކަރާތް ޖަހަމުންދާ އެހެން ކުދިންނާ ސުމަން ވަރަށް ތަފާތެވެ. އޭނާގެ ކޮންމެ ހަރަކާތަކަށްވެސް އިފާޝާ އިންތިޒާރު ކުރުވާ ކަހަލައެވެ. އެހެން ނަމަވެސް އެކަމެއް އޭނައަކަށް ނޭނގޭނެއެވެ. އިފާޝާ ހުރިހިސާބުން ކުިރއަށްވުރެ އެމީހުންނާ ގާތަށް ޖެހިލިއެވެ. ހެދިފައިވާ ކުރެދި ގަސްތައް ކައިރިން މޫދާ ވަރަށް ކައިރީގައި އިފާޝާ މަޑުކޮށްލިއެވެ. އެހިސާބުން އިފާޝާއަށް އެމީހުން ވަރަށް ރީތިކޮށް ފެނެއެވެ.

ސުމަން ލައިގެން ހުރީ ހަމަ އެކަނި ސޯޓުކޮޅެކެވެ. އެތަނުގައި ކުޅެން ގޮސްތިބި ހުރިހައި ކުދިންނަށްވުރެ އޭނާގެ ހަންގަނޑު ދޮނެވެ. މޫނުމަތިން އެއްވެސް ކަހަލަ އައިބުކަމެއް ފެންނާކަށް ނެތެވެ. ތުންފަތް ހީވަނީ ގަނޑު ލޭކޮޅެއް ހެންނެވެ. ފެންނަފެނުމަށް އަތުގެ ހަންގަނޑުވެސް ހީވަނީ އޮމާންވެފައި މަޑު ވާނެހެންނެވެ. ބޮލޮގެ ދެތިން ތަންކޮޅަކުން ކުލަ ޖައްސާލާފައި ހުރިގޮތުން ވަރަށް ހިތްގައިމެވެ. ހައްތަހާވެސް އިފާޝާ ގަޔާވާ ސިފަތަކެކެވެ. ތެދުތެދަށް ބުނާނަމަ އިފާޝާއަކަށް ސުމަންގެ އެއްވެސް އުނި ސިފައެއް ނުފެނުނެވެ. އެއީ މީގެ ކުރިން އެތައް ރެއެއްގެ ހުވަފެނުގައި އިފާޝާ ދެކެމުން އައިފަދަ ފުރިހަމަ ޒުވާނެކެވެ. އިފާޝާ ގަޔާވާ ހުރިހައި ސިފައެއް ލިބިފައިހުރި ރަނގަޅު ބައިވެރިއެކެވެ.

މޫދުގައި ތިބި ކުދިންތައް އެއްފަހަރާ ކަހަލަ ގޮތަކަށް އެއްގަމާ ދިމާއަށް ދުއްވައި ގަތެވެ. އިފާޝާ ދިޔައީ ސިއްސައިގެންނެވެ. އެމީހުން ދުއްވައިގަންގޮތުން ހިވީ ކޮންމެވެސް ކަމެއް ވީހެންނެވެ. އެންމެން އެކީގައި ކުޅި ނިންމާލައިގެން އެއްގަމަށް އެރިއިރު އިފާޝާއަށް ހުރެވުނީ އެމީހުން ތިބި ހިސާބާ ވަރަށް ކައިރީގައެވެ. ގުޑިލާންވެސް ނުކެރިފައެވެ. އެމީހުންނަށް އޭނަ ފެނިއްޖެއްޔާ ހިތަށް އަރާފާނެ އެއްޗަކާމެދުގައެވެ. މަޑުމަޑުން އެނާ ގަސްތަކުގެ ތެރެއަށް ވަދެ ނިވާވެލެވޭތޯ ބެލިއެވެ. އޭރު ބައެއް ކުދިން އެއްގަމަށް އަރަނީއެވެ. ދޭތެރެއެއް ހާވާލައިފައި އިފާޝާ އަތިރިއަށް ބަލާލިއެވެ. އޭރުވެސް ސުމަން އަދި ހަމަ ހުރީއެވެ. ސުމަންއާއެކު އިތުރު ދެކުދިންވެސް ތިއްބެވެ. އެމީހުން ތިބީ ކޮންމެވެސް ވާހަކައެއް ދައްކާށެވެ. ކުޑައިރުކޮޅަކު ވާހަކަ ދައްކާލަން ތިބެލުމަށްފަހު އެތިންމީހުން ހިނގައިގަތީ އެތަނުގައި ފެންވަރާލުމަށް ހަދަފައިވާ ތަންކޮޅާ ދިމާއަށެވެ.

އަނދަންގައްޔަކީ އަބަދުވެސް މީހުން ދަތުރު އައިސް އުޅޭ ރަށެއްކަމުން ދަތުރު އަންނަ މީހުންގެ ފަސޭހައަކަށް އެފަދަ ބައެއްކަންތައްތައް އެރަށުގައި ހަމަޖައްސާފައި ހުރެއެވެ. ސުމަންއާއެކު ދިޔަ ދެކުދިންވެސް ގައިން ލޮނު ފިލުވާލަން މާގަނޑެއްގެ ދަށުގައި މަޑުކޮށްލިއެވެ.

“ޒިއްޕެ. ކަލޭ ބިޓު ކޮބާ..؟” މާގަނޑުގެ ދަށުގައި ފެންވަރަންހުރި ޒިހާންއަށް އިޝާރާތް ކޮށްލަމުން ސުމަން ވާހަކަ ދެއްކިއެވެ.

އެވަގުތު އިފާޝާގެ ހިތަށް ހީވީ ފިނި ފެންއެއްޗެއް އޮއްސާލިހެންނެވެ. ހިތަށް އެކަންޏެއް ނޫނެވެ. މުޅި މީހާވެސް ފިނިވީއެވެ. ސުމަންގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އޭނާގެ އެހެރެ ޖާދުވީ އަޑެއްތާއެވެ. ބުނެލާ ކޮންމެ ބަހަކުން އިފާޝާގެ ހިތަށް ފިނިކަން ލިބެމުންދިޔައެވެ. އިތުރަށް އެސަރަހައްދުގައި މަޑުކޮށްލަން އޭނާ ބޭނުންވިއެވެ. ސުމަންމެންގެ ވާހަކަތައް އަޑުއަހާލަން އޭނާ ބޭނުންވީއެވެ.

“އޭނަގެ ވާހަކަ ނުދައްކަ ބަލަ. ކީއްވެތަ ކަލޭ ބިޓެއް ނުނަގާ ތިހުންނަނީ..؟” ޒިހާންއަށްވުރެ ކުރިން ވާހަކަ ދެއްކީ ނާފިޒްއެވެ. ނާފިޒް ކުރީ ސުވާލެކެވެ. އެކަމަކު އެސުވާކަލަށް ސުމަން ޖަވާބެއް ނުދެއެވެ.

އިފާޝާވެސް އިންތިޒާރުކުރީ ސުމަން ދޭނެ ޖަވާބަކަށެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ބިޓެއް ނުހުންނަކަން އެނގުމުން އިފާޝާ ހިތްހަމަ ޖެހުނެވެ. ކުރަމުންއައި އުއްމީދު އާލާވިއެވެ. އިތުރަށް ކުރިއަށްދާން ބޭނުންވިއެވެ.

“ކަމެއް ނުވޭ… ދިއްކޮށްލަބަލަ ތުވާލި..” ޖެހިލުން ކުޑަގޮތަކަށް ސުމަން ޖަވާބު ދިނެވެ.

މާގަނޑު ނިއްވާލުމަށްފަހު ސުމަން އެއްފަރާތަކަށް ޖެހިލިއެވެ. އަދި ލައިގެންހުރި ސޯޓު ބައިލާ އެތަނުގައި ހުރި ޖޯއްޔެއްގެ މަތީގައި ބޭއްވިއެވެ.
“ކަލޭ ލަދެއް ނުގަނޭތަ..؟ މީހަކަށް ފެނިދާނެ.” ފެންވަރަން ހުރި ނާފިޒް ސުމަން އަށް ގޮވާލިއެވެ.

“ކީއްތަވީ.. އަހަރެން އޮރިޔާމެއް ނުވަމޭ.. ބޮކްސާރ ލައިގެންނޭ މިހިރީ.. އެހެން ނޫނަަސް މީ ފިރިހެން ކުދިންގެ ސަރަހައްދެއް. މިތަނަށް އަޔަސް އަންނާނީ ފިރިހެނުން. ދެން ކޮން ލަދެއް..!” ވަރަށް ޖެހިލުން ކުޑަ ރާގަކަށް ސުމަން ވާހަކަ ދެއްކިއެވެ.

އޭނާގެ ހަރަކާތްތައް ހުރިގޮތުން އެއީ މަލޭގެ ދިރިއުޅުންކަން އެނގެއެވެ. މާލޭގައި އުޅޭއިރުގައްޔާއި ދަތުރުގޮސް އުޅޭއިރު އެކީގައި ފެންވަރައި އެއްޗިހި ބަދަލުކޮށް ހެދިޔަސް ރަށްފުށުގެ ކުދިން އަދި އެހިސާބަކަސް ނުދެއެވެ. އެހައި ‘ތަރައްޤީ’އެއް ނުވެއެވެ.

ސުމަން ފެންހިއްކަން ހުރި އިރު އިފާޝާއެއް އެންމެ ހިނދު ކޮޅަކަށްވެސް އެސްފިޔަ ޖަހައެއް ނުލައެވެ. އިފާޝާގެ ނަޒަރުން ސުމަން ގެއްލޭކަށް އިފާޝާގެ ޒަމީރު އެއްބަހެއް ނުވިއެވެ. އޭނާގެ އެހެރަ ޖާދުވި ސިފަތަކުން އިފާޝާގެ ހިތް ފުރަތަމަ ދުވަހުން ފެށިގެން އެފަރާތަކަށް ލެނބުނީއެވެ. ފެންނަ ކޮންމެ ފަހަރަކުވެސް ގެއްލި އޮބަންދެން އިފާޝާއަށް ސުމަންއާ ދިމާއަށް ބަލަން ހުރެވެއެވެ.

“ނިމޭކަށް ނުވޭތަ؟ އަވަސްކޮށްބަލަ. މިހާރު އައްޕެމެން ދިޔަ ފަހުން ކޮން އިރެއް. އެމީހުން ތިބޭނީ އަހަރުމެން ނައިސްގެން” މަޑު ފެހިކުލައިގެ ތުވާލި އުނުގައި އޮޅާލަމުން ސުމަން ނާފިޒްއަށް ބަލާލިއެވެ.

ފެހި ކުލައަކީ އިއްތިފާގުން އިފާޝާއަށްވެސް އެންމެ ކަމުދާ ކުލައެވެ. އިފާޝާއަށް ބަލާލެވުނީ ސުމަންގެ ތުވާއްޔަށެވެ. “ވަޓް އިޒް ލަވް… (ލޯތްބަކީ ކޮބަ؟)” ތުވާލީގައި ލިޔެފައި އެވަނީ ހާދަހާ މާނަފުން ސުވާލެކެވެ. ޖަވާބު ކިތަންމެހާވެސް ކުރެވެ. އެކަމަކު އެއީ ހިތަށް އަރުވާލާނަމައެވެ. މީހަކަށް ކިޔައިދޭން ފަށައިފިއްޔާ ޖަވާބު ވަރަށްވެސް ދިގުވާނެއެވެ.

ކުޑައިރުކޮޅަކު އިފާޝާ އެތަނުގައި މަޑުކޮށްލުމަށްފަހު އެމީހުން ދަތުރުއައްިސް އުޅޭ ސަރަހައްދަށް ދާނަވެގެން ތެދުވިއެވެ. ކަމެއް ވާނީ ބުނެފައެއް ނުނޭ މީހުން ބުނެ އުޅެނީ ހަމަ ރަނގަޅަށެވެ. އޭނަ ތެދުވި ވަގުތު އެތަނުގައި ހުރި ރުކަކުން ކާއްޓެއް ވެއްޓުނެވެ. އިފާޝާއަށް ހަޅޭއް ލަވައި ނުގަނެވުނީ ހަމަ ކިރިޔާއެވެ. އެއަޑު އިވުމާއެކު ސުމަން އޭނަ ހުރި ދިމައަށް ބަލާލިއެވެ. ނަސީބަކުން އޭނައަކަށް އިފާޝާއެއް ނުފެނުނެވެ. އިފާޝާއަށް އޭނާގެ މޭގައި އަތްޖަހާލެވުނީ ހަމްދެއް އަޅަމުންނެވެ.

(އަދި ނުނިމޭ… ވާހަކައިގެ ދެވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ…!)

ވާހަކައި ކިޔާލުމަށްފަހު ކޮމެންޓެއް ދިނުން އެދެން.. އޭރުން އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރެއް ލިބޭނެ.