• އިމްތިޙާނުގައި ލިޔާ ރިޕޯޓުގެ ދިގުމިނަކަށް ވާންޖެހޭނީ 50 ފޮޅުވަތާއި 60 ފޮޅުވަތާއި ދެމެދެވެ. އެއަށްވުރެ ދިގުވެގެން ނުވާނެއެވެ.

• މިކަން ކުރުމައްޓަކައި މަދުވެގެން 4 އަރިމަތި ސުރުޚީ ނަގައި ކޮންމެ އަރިމަތި ސުރުޚީއެއްގެ ދަށުން 7 ފޮޅުވަތާއި 8 ފޮޅުވަތުގެ ޕެރެގްރާފެއް ލިޔާށެވެ. އެއްވެސް ޕެރެގްރާފެއްގެ ދިގުމިން 10 ފޮޅުވަތަށްވުރެ ދިގުވެގެން ނުވާނެއެވެ.

• ރިޕޯޓުގައި ފަށުވި އިބާރާތް ހިމަނައިގެން ނުވާނެއެވެ. ލިޔާ ކޮންމެ ލަފްޒަކީ އަދި ޖުމުލައަކީ ރިޕޯޓަށް މުޙިއްމު އެއްޗަކަށް ވާންޖެހޭނެއެވެ. ބޭނުންކުރަންވާނީ ސާފުސީދާ ބަސްކޮށާރެކެވެ.

• މައްސަލަ ބަޔާންކުރާ ރިޕޯޓަކަސް، ޙާލަތު ބަޔާންކުރާ ރިޕޯޓަކަސް، ނުވަތަ ކަންހިނގިގޮތް ބަޔާންކޮށް ރިޕޯޓެއް ލިޔުނަސް ރިޕޯޓުގެ އަރިމަތި ސުރުޚީތައް ކަނޑައެޅުމުގައި އިތުރު ސަމާލުކަމެއް ދޭށެވެ. އެގޮތުން ކަނޑައަޅާ އަރިމަތި ސުރުޚީއަކީ ދީފައިވާ މަޢުލޫމާތުގެ މައްޗަށް އުފައްދާފައިވާ ސުރުޚީއެއްނަމަ އެ ސުރުޚީގެ ދަށުން ދެއްކެން ހުރި ވާހަކަ ތަކާމެދު ވިސްނައިލާށެވެ. އެގޮތުން ނަގާފައިވާ ސުރުޚީއަކީ ދީފައިވާ މަޢުލޫމާތު އެންމެ ރަނގަޅަށް ހުށައަޅައިދެވޭ ފެންވަރުގެ ސުރުޚީއެއްތޯ ބަލަންވާނެއެވެ. ކަނޑައަޅާ ސުރުޚީއަކީ އަމިއްލަ ޚިޔާލަށް އުފައްދާ ސުރުޚީއެއްނަމަ ރިޕޯޓުގެ ބާވަތުން އެއީ ގުޅޭ ސުރުޚީއެއްތޯ ނުވަތަ ނޫންތޯ ވިސްނައިލާށެވެ. އެއްވައްތަރެއްގެ ސުރުޚީތަކެއް ނެގޭނަމަ ރިޕޯޓާއި ގުޅުވާލައިގެން އެންމެ ރަނގަޅަށް އޮޅުން ފިލުވަައިދެވޭނީ ކޮން ސުރުޚީއަކުންތޯ ބަލަންވާނެއެވެ.

• މައްސަލަ ބަޔަންކުރާ ރިޕޯޓާއި ޙާލަތު ބަޔާންކުރާ ރިޕޯޓު ލިޔުމަށް ހަވާލުކޮށްފައިވާ ސުރުޚީގައި ވަކި ދާއިރާއެއް ދިރާސާކޮށް އެދިރާސާގެ މައްޗަށް ރިޕޯޓު ލިޔުމަށް ބުނެފައިވާނަމަ އެގޮތަށް ލިޔާށެވެ.

• މިސާލު 1: “މިކަމުގެ ސަބަބުން ނުކުންނަމުންދާ އިޖްތިމާޢީ މައްސަލަތަކާއި އިޤްތިޞާދީ މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު ރިޕޯޓެއް ލިޔާށެވެ.” މިގޮތަށް ދީފައި އޮންނަނަމަ ހުރިހައި އަރިމަތި ސުރުޚީއެއްވެސް އޮންނަން ޖެހޭނީ އިޖްތިމާޢީ މައްސަލަތަކާއި އިޤްތިޞާދީ މައްސަލަތަކުގެ މައްޗަށެވެ. އަދި މިފަދަ ރިޕޯޓެއްގެ އަރިމަތި ސުރުޚީތައް “އިޖްތިމާޢީ މައްސަލަތައް، އިޤްތިޞާދީ މައްސަލަތައް” މިގޮތަށް ހުށައަޅައިގެން ނުވާނެއެވެ.

• ހަމައެގޮތަށް ވަކި ދާއިރާއަކަށް އަމާޒުނުކޮށް “ދިމާވެފައިހުރި މައްސަލަތައް ބަލައި ރިޕޯޓު ލިޔުމަށް” ނުވަތަ “މިހާރުގެ ޙާލަތު އޮތްގޮތް ބަޔާންކޮށް ރިޕޯޓު ލިޔުމަށް” ހަވާލުކޮށްފައިވާނަމަ މައިގަނޑު ހަތަރު ދާއިރާއަކަށް އަމާޒުކުރަންވާނެއެވެ. އެގޮތުން މައިގަނޑު ސުރުޚީގެ ދަށުން “ސިއްޙީ މައްސަލަ، އަޚްލާގީ މައްސަލަ، އިޖްމާޢީ މައްސަލަ، އަދި އިޤްތިޞާދީ މައްސަލަ” ގެނެވެން ހުރި ނަމަ މިއިން ކޮންމެ ދާއިރާއަކުން މަދުވެގެން އެއް މައްސަލަ ހުށައަޅަންވާނެއެވެ. ނުވަތަ އެއް ސުރުޚީ އުފައްދަންވާނެއެވެ.

• މައްސަލަ ބަޔާންކުރާ ރިޕޯޓުތަކުގައި ނަގާ އަރިމަތި ސުރުޚީ ރަނގަޅަށް އޮޅުން ފިލުވައި ދިނުމަށް އަރިމަތި ސުރުޚީގެ ދަށުން “ކިހިނެއް؟/ކޮންގޮތަކަށް؟” ، “މީގެ ނަތީޖާއަކީ ކޮބާ؟” މިދެ ސުވާލަށް ރަނގަޅަށް ޖަވާބު ދެވިފައިވޭތޯ ބަލަންވާނެއެވެ.

• ރިޕޯޓު ސުވާލާ ގުޅިގެން ދީފައި ހުންނަ މަޢުލޫމާތުގެ ބޭނުން ކުރުމަށް ސަމާލުވާށެވެ. ބައެއްފަހަރު ދީފައި ހުންނަ މަޢުލޫމާތުގެ އިތުރުން ދަރިވަރު ބޭނުންނަމަ އަމިއްލަ މަޢުލޫމާތުވެސް ބޭނުންކުރެވިދާނެއެވެ. އެހެން ނަމަވެސް ސުވާލުގައި ދީފައި ހުންނަ މަޢުލޫމާތު ފުރިހަމައަށް ހުށައަޅައި ދެވޭތޯ ބަލަންވާނެއެވެ.

• ޙާލަތު ބަޔާންކޮށް ލިޔާ ރިޕޯޓެއްގެ ނިންމުމުގައި ނިންމުމެއް ގެންނަނަމަ ޙާލަތު އެގޮތަށް އޮންނަން މެދުވެރިވި ސަބަބުތައް ހުށައަޅައިދޭކަށް ނުޖެހޭނެއެވެ. މިސާލަކަށް އަރިމަތި ސުރުޚީގައި “ރަށުގެ ސިއްޙީ ޙާލަތު ދަށަށް ދިއުން” މިގޮތަށް އޮތްނަމަވެސް ސިއްޙީ ޙާލަތު ދަށަށް ދިއުމަށް މެދުވެރިވި ސަބަބުތައް ހުށައަޅައިދޭކަން ނުޖެހޭނެއެވެ.

• މިއާ ޚިލާފަށް ޙާލަތު ބަޔާންކޮށް ލިޔާ ރިޕޯޓެއްގެ ނިންމުމުގައި ޙައްލެއް ގެންނަނަމަ ޙާލަތު އެގޮތަށް އޮންނަން މެދުވެރިވި ސަބަބުތައް ހުށައަޅައިދޭން ޖެހޭނެއެވެ. މިސާލަކަށް އަރިމަތި ސުރުޚީގައި “ރަށުގެ ސިއްޙީ ޙާލަތު ދަށަށް ދިއުން” މިގޮތަށް އޮންނަނަމަ ސިއްޙީ ޙާލަތު ދަށަށް ދިއުމަށް މެދުވެރިވި ސަބަބުތައް ހުށައަޅައިދޭން ޖެހޭނެއެވެ.

ކަން ހިނގިގޮތް ބަޔާންކޮށް ރިޕޯޓެއް ލިޔާއިރު އަރިމަތި ސުރުޚީ އުފައްދަން ވާނީ ކަންހިނގާދިޔަ ތަރުތީބުންނެވެ.

ކަން ހިނގިގޮތް ބަޔާންކޮށް ލިޔާ ރިޕޯޓުގައި އޮންނަންވާނީ ނިންމުމެކެވެ. އަދި ނިންމުމުގައި ތިރީގައި ފާހަގަކޮށްފައިއެވާ 3 ނުކުތާ އޮންނަން ވާނެއެވެ.

• އެކަން އެގޮތަށް އޮންނަން ނުވަތަ ހިނގައިދިއުމަށް މެދުވެރިވި މައިގަނޑު ސަބަބު.

• ޒިންމާ އުފުލަން ޖެހޭ ފަރާތެއް ވާނަ އެފަރާތް.

• ކަމުގެ ބާވަތުން ކުރިއަށް އޮތް ތަނުގައި ސަމާލުވާންވީ ނުވަތަ ސަމާލުކަން ދޭންވީ ދެތިން ކަމެއް.

 

Advertisements