މަލަކާ – ފުރަތަމަ ބައި

ވަގުތަކީ މުޅި ދުނިޔެ ނިދާފައިވާ ހަމަހިމޭން ވަގުތެކެވެ. ޔަގީނުންވެސް އަދި ފަތިސް ނަމާދު ބަންގިއެއް ނުގޮވާނެއެވެ. ރެއަކީ ރޭތަކުގެ ތެރެއިން އަނދިރި ރެއެކެވެ. ކިރިޔާވެސް އަލިކަމެއް ހުރީ އެމީހުން ގެންގުޅު ބައްތި ގަނޑަކުންނެވެ. އޭގެވެސް މިހާރު ބެޓެރި ހުސްވަނީ ކަންނޭނގެއެވެ. ގަސްތަކުގެ ތެރެއިން އިވެމުންދާ އަޑުފައްގަނޑާ ދިމާއަށް ބަލަންހުރެ ވިޔާމް އާއި އޭނާގެ ދެ އެކުވެރިން ކުރިއަށް ދިޔައެވެ. ކިރިޔާވެސް ހިތްވަރެއް ހުރީ 16 އަހަރުގެ ވިޔާމް ގައިގައެވެ. ދެންތިބި ދެމީހުންކުރެ އެކަކަށްވެސް އެއަޑު އަންނަ ދިމާއަށް ދާކަށް ނުކެރުނެވެ.

“ކަލޭމެން ގޮވައިގެން މިކަމެއް ނުވާނެ….” އަނިލްގެ އަތުގައި ހިފައިލަމުން ހިތްހަމަ ނުޖެހިފައި ހުރެ ވިޔާމް ކުރިއަށް ދިޔައެވެ.

“ތަންކޮޅެއް ބާރަށް ހިނގާބަލަ” އަނެއްކާވެސް ވިޔާމް އަނިލްއަށް ގޮވާލިއެވެ.

މިހައި ދަންވަރު ވަގުތަކު މީހުން ނޫޅޭ ފަޅު ހިސާބަކަށް ވަދެގެން އުޅުމުގެ އެއްވެސް ބޭނުމެއް އެބައޮތް ހެއްޔެވެ. އިވެނީ ނާމާންކަމުން ފުރިގެންވާ އަޑެކެވެ. ބައެއްފަހަރު އަންހެންކުއްޖަކު ރޯ އަޑެވެ. އަނެއްބައި ފަހަރު ކުޑަކުއްޖެއްގެ ހޭރުމުގެ އަޑެވެ. ނޫނި ހަޅޭއްލަވާ އަޑެވެ. އެހެންނަމަވެސް ވިޔާމްއަކަށް އެއިން އެއްވެސް އަޑެއް އިވޭހެނެއް ހީއެއް ނުވެއެވެ.

“ވި..ވިޔާމް.. އަހަރެން އެބަ ވަރަށް ބިރުގަނޭ.. ނީވޭތަ؟.. ނީވޭތަ އޭތި ހަޅޭއްލަވާއަޑެއް..؟” ބިރުންގޮސް މަސީހަށް ވާހަކަވެސް ނުދެއްކެއެވެ.

“ކޮން އަޑެއްތަ؟ ގައިމު މަށަކަށް ނިވޭ އެއްޗެއް ހަޅޭއްލަވާ އަޑެއް… ރަނޑު އަންހެނަކަށްވުރެ ކަލޭގެ ހާލު މާބޮޑެއްނު..” ހަމަ އަސްލުވެސް ވިޔާމަށް އެއްވެސް އަޑެއް ނީވެނީބާއެވެ. ނޫނީ އޭނާއަށް އިވޭ އަޑު ތަފާތީ ބާވައެވެ. އެކަމަކު އެހެން ވާންވީ ވެސް ކީއްވެގެން ހެއްޔެވެ؟

ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރެއިން ތަންތަން ހަދަމުން ފަޅަމުން އަންނަ ކަހަލަ ގޮތަކަށް ވިޔާމްމެން ކުރިއަށް ދަމުން ދިޔައެވެ. އެކަމަކު ދެން އިތުރަށް ކުރިއަށް ދާކަށް އެމީހުންނަކަށް ނޭނގުނެވެ. މިހާރު އާދެވިފައި ތިބި ހިސާބުން އަޑުއަންނަނީ ކޮން ދިމާއަކުންކަން ބުނެދޭކަށް ނޭނގެއެވެ. ހީވަނީ ހުރިދިމާ މަތިން އަޑު އަންނަހެންނެވެ. ބައެއްފަހަރު އެދިމާ އަޑިން އަންނަ އަޑެއްހެންވެސް ހީވެއެވެ.

އެހެން ނޫނަސް ދެން އިތުރަށް ކުރިއަށް ދާކަށް އަނިލްވެސް މަސީހެއްވެސް ބޭނުމެއް ނުވިއެވެ. ކުރިމަތިން ހެދިފައި އޮތީ ބޯ ކަފަކޮށްޓެކެވެ. ދެފަރާތުން ފެންނަނީ ބިޔަކޮށް ހެދިފައިވާ ކަށިކުރަ ގަސްތަކެކެވެ. ރަށުތެރެއިން އަޑުއަހާފައިވާ ވާހަކަތަކާހުރެ ދެމީހުން ތިބީ ބިރުންގޮސް ހަލާކުވާވަރު ވެފައެވެ. އެކަފަކޮށްޓަކީ މީގެ ކުރިންވެސް ނާމާން އެތައް ކަންތައްތަކެއް ދިމާވެފައިވާ ތަނެކެވެ.

އެސަރަހައްދަށް މަދު ހޮވަން ގޮސްއުޅުނު ދެމީހަކު ޖިންނި މޮޔަވި ވާހަކައާއި ކަފަކޮށިތެރެއިން ފެންނަ ކަމަށް ބުނާ އަންހެން ކުއްޖެއްގެ ވާހަކައަކީ މިހާރުވެސް ރަށުގެ އެތައް ބަޔަކު ދައްކާ ވާހަކައެކެވެ.

“ދެން ކިހިނެއް ހަދާނީ… ހިނގާ މިތަނުން ދާން..” ފަހަތުގައި ހުރި މަސީހު ދުވެފައި ކަހަލަ ގޮތަކަށް އައިސް ވިޔާމް އާ އަރާ ހަމަވިއެވެ.

“ކަފަކޮށި ހުރަސްކުރާކަށް މަށެއްވެސް ބޭނުމެއް ނޫން” އަނިލްވެސް ހުރީ އަވަހަށް މިތަނުން ސަލާމަތް ވާނެގޮތެއް ފެނޭތޯއެވެ.
“އެހެން ވެއްޖެއްޔާ ކަށި ކުރަގަސްތަކުގެ ތެރެއިން ދަމާ… ދީ މަގޭ އަތަށް ބޮޑުވަޅި.. މަގުހަދާ ދީފާނަން” އަނިލް އަތުގައި އޮތް ބޮޑު ވަޅިއަށް އިޝާރާތް ކުރަމުން ވިޔާމް ގޮތެއް ނިންމިއެވެ. އަދިވެސް ގެއަށް ދާ ޚިޔާލެއް ވިޔާމްގެ ނެތެވެ. ހީވަނީ ކަމަކާ ވަރަށް ބޮޑަށް ޝައުގުވެރިވެގެން ކަމެއް ޙާޞިލްކުރަން އުޅޭ ހެންނެވެ.

” އަދިވެސް އެތެރެއަށްތަ ވަންނަނީ..؟” މަސީހު ވިޔާމްގެ އަތުގައި ހިފިއެވެ. “ހަނދާނެއް ނެތްތަ ރޭ ކަންތައް ވީގޮތެއް.”

“އެއީ ރެއެއްނު.. ކިހިނެއް އެނގެނީ މިރޭވެސް ކަންތައް ވާނީ އެހެން ކަމެއް؟” ކަށިކުރަ ގަސްތަކުގެ ތެރެއިން މަގުހަދަން ވެގެން ކަނޑާލި ފަތުން އަތުގައި ކޭތުނު އެއްޗެއް ފޮހެލަމުން ވިޔާމް ވާހަކަ ދެއްކިއެވެ.

“ބައްތި ނިވުނީތަ؟ މިދިމާއަށް އަލިކޮށްލަބަލަ” ޖެހިލުން ކުޑަ ރާގަކަށް ވިޔާމް އަނިލްއަށް ގޮވާލިއެވެ.

އަނެއްކާވެސް ވިޔާމް އޭނާ އަތުގައި އޮތް ބޮޑުވަޅިން ކަށިކުރަ ފަތެއްގައި ޖެހިއެވެ. ހަމަ ޖަހާލުމާއެކު ކަނޑައިގެންދިޔަ ތަނުން ދިޔަ އެއްޗެއް ބުރައިގެން އައި ކަހަލަގޮތަކަށް އައިސް ފަހަތުގައި ހުރި އަނިލްގެ މޫނަށް ދިޔައެވެ.

“އައްޗި.. ކޯއްޗެއް މީ..؟” އަތުގައި އޮތް ބައްތިން މޫނަށް އަލިކޮށްލަމުން އަނިލް މަސީހުއަށް ގޮވާލިއެވެ.

އެވަގުތު މަސީހުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ މިހާ ދިޔައީ ސިއްސައިގެންނެވެ. ފުރަތަމަވެސް ބާރަށް ހަޅޭއް ލަވައިގަނެވުނެވެ.

“ވިޔާމް… ބަލާލަބަ… އަނިލް…. އަނިލް މޫނުމަތީގައި ހުސް ލޭ…!” މަސީހުއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ.

ވިޔާމްއަށް ފުރަތަމަ ބަލައިލެވުނީ އޭނާގެ އަތަށެވެ. ހަމަ އެއާއެކު އަތުގައި އޮތް ބޮޑުވަޅި ދޫވެގެން ބިއްމައްޗަށް ވެއްޓުނެވެ.

“ކިހިނެއް ވީ؟” މަސީހު ވިޔާމް އަށް ގޮވައިލިއެވެ.

އެވަގުތު ވިޔާމްގެ އަތުގައި ހުރި ލޭތައް ފެނިފައި އަނިލްވެސް ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް އަނިލްގެ ހިތަށް ވަނީ ބިރުވެރިކަމެކެވެ. ސިއްސައިގެން ގޮސް އަތުގައި އޮތް ޓޯޗު ބައްތިގަނޑުވެސް ބިންމައްޗަށް ވެއްޓި ނިވުނެވެ. ބަލާކަށް ނުހުރެ ތިންމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ދުއްވައި ގަނެވުނީ އައިކޮޅަށެވެ. ގަސްތަކުގެ ތެރެއިން ބާރު ދުވުމުގައި ދުވެފައި ދިޔައިރު ތަންތަނުގައި ޖެހި ލޭކޮށެމުން ދިޔައިރު އެކަމަކަށް އެކަކުވެސް ފަރުވާލެއް ނުބަހައްޓައެވެ. ވިޔާމްވެސް ދެފަހަރަކު މޫގަނޑެއްގައި އަޅައިގަނެފައި ނުވެއްޓުނީވެސް ކިރިޔާއެވެ.

ގަސްގަނޑުގެ ތެރެއިން ދުވަމުން އައިސް އަލި ފެންނަ ހިސާބަށް ނުކުމެވުނީ ފަތިސް ނަމާދަށް ބަންގި ގޮވަނިކޮށެވެ. ނެގި ނެގިފައި މޭ ޖެހެމުންދިޔައިރު ތިންމީހުންވެސް ތިބީ ދާހިއްލާ ފޯވެފައެވެ. އޭރު މިސްކިތަށް ދާން ނުކުމެ އުޅޭ ދެމީހަކު ދުރު ހިސާބަކުން ފެންނަށް ތިއްބެވެ.

“މަ އޭރުވެސް ބުނީމެންނު… މީ އެހައި ރަނގަޅު ކަމެއް ނޫނޭ..” އަނިލްގެ ކޮނޑުގައި ޖަހައިލަމުން މަސީހު ކުރިއަށް ޖެހިލިއެވެ.

“މަ ބުނިންތަ އެންމެ ފަހަރަކުވެސް މީ ރަނގަޅު ޚިޔާލެކޭ.. ބިރުކަނޑާލާފަ ވިޔާމް ބުނެގެން ދިޔަސް މަވެސް މިކަމަކާ އެއްބަހެއް ނޫނޭ…” ވިޔާމްގެ މޫނަށް ބަލައިލަމުން އަނިލްވެސް މަސީހުއާ އެއްބަސްވެލިއެވެ. ތެދެކެވެ. މިކަމަކީ ވިޔާމް ބޭނުންވެގެން ކުރާ ކަމެކެވެ. މިހާރު މިކަމެއް ކުރާތާ ދެތިންރޭ ވެދާނެއެވެ. ކަފަކޮށީތެރެއިން ވިޔާމްއަށް އިވޭ އަޑަކީ ކޮން އަޑެއް ތޯ ބެލުމަށް އޭނާ ބޭނުންވެއެވެ. އެމީހުން އެބުނާ ކަހަލަ ނާމާން އަޑުތަކެއް ވިޔާމް އަކަށް ނީވެއެވެ. ކުރީ ދެރޭވެސް އަނިލްމެންނަށް ބިރުވެރި އަޑުތަކެއް އިވުނު ވާހަކަ ވިޔާމް ގައތުގައި ބުންޏެވެ. އަދި މިރޭވެސް އިވުނު އަޑުތަކުން އެމީހުން ބިރުންތިބި ވަރު ވިޔާމްއަށް އެނގެއެވެ. އެކަމަކު އެއަޑުތައް ވިޔާމްއަށް ނީވެނީ ކީއްވެކަމެއް އޭނާއަކަށްވެސް ނޭނގެއެވެ.

އަދި ނުނިމޭ – ދެވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!

Advertisements