ޒިންމާދާރު ވަޒީފާއެއްގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަކީ ހާދަހާ ޒިންމާދާރުމީހުންނަށް ކުރެވޭ ކަމެކޭ ހިތަށް އަރައެވެ. ކިޔަވާ ނިންމާލުމަށްފަހު ވަޒީފާގައި ވޭތުވެދިޔަ ކުރުމުއްދަތުގައި މަސައްކަތުގެ ޒިންމާ ވަރަށް ރަނގަޅަށް ދަސްވެއްޖެއެވެ. ޚާއްޞަކޮށް މިދާއިރާގެ ގޮތުން ވެސް ތޯއްޗެކެވެ. މި ވޭތުވި ހަތް ހަފްތާތެރޭގައި މުދައްރިސުން އުޅެންޖެހޭލެއް ބުރަކަމާއި ހޭދަކުރާ ވަގުތު އިހުސާސުވުމުން ހަމަ އިސްޖަހާލެވިފައި ކުޑައިރުކޮޅަކު އިންނަން ޖެހުން ފިޔަވައި ހަމަ އެއްވެސް ކަމެއް ކުރާކަށް ނޭނގުނެވެ. ދިވެހި ޓީޗަރެއްގެ ވަޒީފާގައި މި ވޭތުވި މަދު ދުވަސްކޮޅުގެ ތެރޭގައިވެސް މަސައްކަތުގެ ބުރަކަމާހުރެ އެހެން އެއްވެސް ކަމަކަށް އެދެވޭ ސަމާލުކަމެއް ނުދެވުނެވެ. ފަހަރުގައި މިއީ ކުރީކޮޅުވީމައި ކަމަށްވެސް ވެދާނެއެވެ.
މައިންބަފައިން އެމީހުންގެ ދަރީން ސްކޫލަށް ފޮނުވަނީ ވަރަށް ފޮނި އުއްމީދުތަކަކާއި ހުވަފެންތަކެއް ދެކުމަށް ފަހުގައެވެ. މުޖުތަމައު ގަބޫލުކުރާ ދަރިޔަކަށް މަގޭދަރިވެސް ވާނެކަމުގެ އުއްމީދުގައެވެ. ހަމައެގޮތަށް ސުކޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުން އެމީހުންގެ ދަރިވަރުންނަށް އެއްޗެއް އުގަންނައިދިނުމަށް ކެނޑިނޭޅިކުރާ މަސައްކަތް ފެނުމުން ޚުދު އަޅުގަނޑުގެވެސް ލޮލުގެ ހިމަކޮޅުން ކަރުނަ ފޭދެއެވެ. ކުލާހުގައި ތިބޭ ތިރީހަކަށް ކުދިންނަށް އެއްފަހަރާ އެއްޗެއް ބުނެދިނުމަކީ ވަރަށް ދަތިކަމެކެވެ. އެކަން އިހުސާސު ކުރެވުނީ ކުލާހަކަށްގޮސް ކިޔަވައިދޭން ފެށުމުންނެވެ. ދަތުރަކީ ފުރީމައި ފެންނައެއްޗެކޭ ހަރު މީހުން ބުނާބަސް ހަނދާނަށް އަންނަނީ އެހިސާބުންނެވެ. ހަގީގަތުގައިވެސް ކުދިންނަށް އުގަންނައި ދިނުމުގައި މުދައްރިސުން އެކުރާ ބުރަ މަސައްކަތްތަކަކީ ކޮންމެހެން ކުރަން ޖެހިގެން ކުރާ ކަންތައްތަކެއް ނޫނެވެ. އެހެން ނަމަވެސް އެއީވެސް ހަމަ ކޮންމެވެސް މަންމައަކާއި ބައްޕައެއްގެ ދަރިއަކަށްވީތީއެވެ. ތިމާއަކީ މުދައްރިސަކަށްވެ ހުރެ ތިމާގެ ދަރި މޮޅުވާން އެދޭފަދައިން އަނެކާގެ ދަރިންނަކީވެސް މޮޅުކުދިންތަކަކަށް ވުމަށް އެދޭތީއެވެ. ފަސް ހަ ކުލާހަށް ކިޔަވައިދެމުން އެމީހުންގެ ފޮތްތައް މާކުކުރަމުން، ނުވިތާކަށް އިތުރު އެހީ ބޭނުންވާ ކުދިންގޮވައިގެން ސުކޫލުގައި އިތުރުގަޑިތައް ނަގާދޭއިރު އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވެނީ ޓީޗަރުންގެ ތެރެއިން ވަރަށް މަދު ބަޔަކަށެވެ. އެހެން ނަމަވެސް ހިތގައި އުފެދޭ ސުވާލަކީ ޓީޗަރުން އެވާ މަތިވެރި ގުރުބާޏީގެ އަގުވަޒަންކުރަނީ ކާކުބާއޭ….