ފަހެކީއްވެތޯ؟؟؟؟

ލިޔުނީ: އަހުމަދު އަރީފް

ދީފައި އަބީރުގެ މޫސުމާ ތިޔަހެން ހަދަން ހެއުވާނެތޯ؟
ދީފައި އުފާ ނިގުޅައިގަތީ އަންގާނުލައި ފަހެކީއްވެތޯ؟

އާފާޤު ޒީނަތް ރޭތަކާ ހަނދުވަރުގެ ހަނދުވަރުކަންމަތީ
ޣާފިލްވެތިބެ ކުރި ގިނަހުވާ ނެތުނީ ހަނދާން ފަހެކީއްވެތޯ؟

މޭގާ ކަހާ އިހު ބޯއަޅައި ރިހުމާ ތަދާ ފިލުވާހަދައި
މޭގާ މިވާ ހިތުގާ މިއަދު ހުޅުރޯކުރީ ފަހެކީއްވެތޯ؟

ބޭނުންވެޔޭ ބުނެ އަންގަމުން ލޯބިން ނިކަން ހެއްވާލަމުން
ބޭނުންނެތޭ އަދު އަންގަމުން ރޮއްވާތިލީ ފަހެކީއްވެތޯ؟

ލޯބީގެ މަސްތީ ލަވަތަކާ އިއްވާލަދިން ރައިވަރުތަކުން
ލޯބީގެ ދާނަށް އަދުއަޅާ އާޖިޒުކުރީ ފަހެކީއްވެތޯ؟

ނިކަމެތި އަޅާ ދީވާނަވީ މުޅި ދުނިޔެއަށް ބޭޒާރުވީ
ނިކަމެތި މިހާލަށް ދުނިޔެއިން ނިމުމެއްނެތީ ފަހެކީއްވެތޯ؟