މާފްކުރޭ މަންމާ…!

ލިޔުނީ އަހުމަދު އަރީފް (ފ.ނިލަންދޫ)
10-10-10

“ކޮބާ ނައްޓާލަނީ…. ކުނބުރުދޫއަށް ދާބަޔަކުވިއްޔާ އަރާ…” ދޯނީގެ ކައްޕީގެ އެއަޑު ކަންފަތުގައި ޖެހުމާއެކު ފެންފިލައިގަނޑުމަތީގައި އިށީދެލައިގެން އިން ޝިފާނާއަށް އޭނާގެ ބަނޑުގައި އަތްޖައްސައިލެވުނެވެ. ބަޑުގައިވާ ބައްޕަނެތް ދަރިފުޅުގެ މުސްތަގުބަލާމެދު ވިސްނާލެވުނެވެ. ހުންގާނުގައިހުރި ގާދިރުބެ ފިޔަވައި އެހިސާބުގައި އެއްވެސް މީހަކު ނެތެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތި ބަކީވެފައި އިންކަހަލައެވެ. އެކަނިވެރި ވެފައެވެ.

މަޑު ދުވެލީގައި ދިއްދޫ ފަޅުން މާސިންގާ ކަނޑަށް އޮޑި ބޭރުކުރަމުންދިޔައިރު އުފެދެމުންދިޔަ ފޮނުގަނޑުތަކާ އޭނާގެ ހަޔާތާ ގުޅުމެއް ވާކަމުގެ އިޙުސާސްތަކެއް ޝިފާނާއަށް ކުރެވެމުންދިޔައެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލިގެން އުފަލާ އަރާމުގައި މަޖާކުރުމަށްފަހު ކެހިލިބުނު ދުވަހު ދުނިޔެއަށްވެސް ލަދުން އިންނަންޖެހުމުން ލޮނުގަނޑުމަތީގައި މިނެޓެއް ވަންދެން ނަށާލުމަށްފަހު ހިނދެމުންދިޔަ ފޮނުތަކާ އެނާގެ ހަޔާތާ އެއްވެސް ތަފާތެއް ނެތޭ ހިތްބުނަމުންދިޔައެވެ.

ދިއްލާފައިވާ ރަތްއަވީގައި އިށީނދެލައިގެން އިންއިރު މާޒީގެ ޞަފްހާތައް އޭނާގެ މޫނުމައްޗަށް ކުލަ ފޮޓޯތަކެއްހެން ސިފަވަމުންދިޔަކަހަލައެވެ. އެއީ މީގެ ގާތްގަނޑަކަށް ދޮޅު އަހަރުކުރިއެވެ. އުފަންރަށުގައި އޭނާގެ މަންމަ ގާތުގައި އުޅުނު ދުވަސްތަކެވެ. މިނިވަންކަމާއެކު ހަޔާތުގެ ހުރިހައިވަގުތެއް އުފަލާ މަޖަލުގައި ވޭތުކުރި ދުވަސްތަކެވެ. “ދަރިފުޅާ މިރޭވެސް ބޭރަށް ދަނީތަ؟… މިހާރު ގަޑިން އެހެރަދެން އެގާރަޖަހަނީ ވިއްޔާ..!” މެދުގޭތެރޭގައި ބަހައްޓާފައި ހުރި ފަތްޖެހި އެނދެއްގައި އޮށޯވެލައިގެން އޮތް ރަސީދާ އޭނާގެ ދަރިފުޅަށް ގޮވައިލަމުން ބާލީސްމަތިން ބޯހިއްލާލިއެވެވެ. ކޮންމެ ރެއަަކުވެސް އެހައި ދަންކޮށްފައި ބޭރަށްދާތީ އެސުވާލު އަމާޒުކުރެވެއެވެ. ރަސީދާގެ އެސުވާލަށް ޝިފާނާދޭނީ އާންމުކޮށް ހަަމަ އެއްޖަވާބެކެވެ.

“ކިހައި ދެރަކަމެއް ދެންތީ މަންމާ..! ހީވަނީ ކޮންމެ ރެއަކު އަހަރެން ބޭރަށްދާގަޑިއާ ދިމާކޮށް ކިޔާ ދުޢާއެއްހެން ތީ… ތިތަންކޮޅު ދަސްކުރަންތަ އަބަދު ތިޔަހެން ތި ކިޔަނީ…؟ ނޫނީ އަހަންނަށް ޖެއްސުމައްތަ ތިހެން ތި ކިޔަނީ؟” މުސްކުޅި މަންމައެއްގެ ހިތް ރޮއްވާލުމަކީ ފަހަރުގައި އެފުރާގެ ކުދިންނަށް ލިބޭ އުފަލަކީ ތޯއްޗެކެވެ. އެކަނިވެރިކަމާ ހިތްދަތިކަންމަތީ ލޯބިވާ ދަރިފުޅު ގެއަށް އަންނާނެ ވަގުތަކަށް އިންތިޒާރުކޮށްކޮށްއޮއްވާ ނިދިއައިސް ދެެލޯ ފުރާލަނީ ކިތައްކިތައް ރޭގައިކަން ދެނެވޮޑިގެންވާނީ ކުޅަދުންވަންތަ އިލާހެވެ.

ދިރިއުޅުމުގެ ހަމައެކަނި އުއްމީދުކަމުގައިވާ އެލޯބިވާ ދަރިފުޅުގެ އުޅުމާބެހޭގޮތުން ޝަކުވާކުރެވެއެވެ. ދަރިންނަކީ މައިންނަށް ދެއްވާ ނަސީބެކޭ ބުނާތީ އަޑުއާހާމީހުންގެ ލިސްޓުގައި ރަސީދާވެސް ހިމެނެއެވެ. އެހެންނަމަވެސް އެކަން ގަބޫލުކުރަން އޭނާއަށް ވަރަށް ދައްޗެވެ. ” މަންމައަށް ކޮން ކުށެއް ކުރެވިގެންތަ… ދަރިފުޅު މަންމައަށް ތިހާ ނަފްރަތް ތިކުރަނީ… ކޯއްޗެއް ހޯދައިނުދީގެން މަންމައަށް ތިހެން ތިހަދަނީ…. މަންމަގެ ހުރިހައިވެސް މީހަކީ ތީ… ދެން ކީއްވެ؟؟” އެއްވެސް ހިފެހެއްޓުމެއްނެތި ދެކޯތާފަތްމައްޗަށް ކަރުނަތައް އޮހޮރެމުން ދިޔައިރު ރަސީދާގެ ތުރުތުރުލަމުންދިޔަ އެއަޑުގައިވަނީ ވޭނާ ހިތްދަތިކަމާ ކެކުޅުންތަކުގެ އާހެވެ. ހިތަށް ކުރާ ބާރާ ލަގޮނޑީގައި އަޅާ ވޭން ބުނެދޭންވެސް ދައްޗެވެ. އެހެންނަމަވެސް އެވާހަކަތަކުން ޝިފާނާގެ ހިތަށް ކުރި އެއްވެސް އަސަރެއް ނެތެވެ. “ކޮންމެހެން މާ ވައްތަރު ވައްތަރަށް ރޯން ހަދާނެ ކަމެއްނެތް… މިއަދުން ފެށިގެން މަގޭ ބަލާބޮޑުވެގެން އުޅޭކަށް ނުޖެހޭނެ… މަމިދަނީ ފިއްޓޭއާއެކު ފިއްޓޭމެން ރަށަށް… ދިއްދޫއަށް…” ބަނޑުއަޅައިވިހައި މައިމީހާ ނިކަމެތިވެ ބަލިވިދުވަހު، އެމައިމީހާ ދޫކޮށް ފުރައިގެންދިޔައީ ދުނިޔޭގެ އަރަމާ މަސްތަށް ހެއްލިގެންނެވެ.

“އެކޮއި.. ހޮޑު ލަވަނީތަ؟ މިއޮށްދެން ރަށަށްލެފުނީ…” ސިއްސައިގެންދިޔައީ ހުންގާނުގައިހުރި ގާދިރުބެ ގޮވާލިއަޑަށެވެ. “ނޫނޭ ބޭބޭ.. އަހަރެން ހަމަ ރަނގަޅު..” ލޮލުން ވެއްޓުނު ކަރުނަތިއްކެއް ފުހެލަމުން ޝިފާނާ ބޯހޫރައިލިއެވެ. މަންމައާމެދު ކަންތައް ކުރެވުނު އިހާނެތި ގޮތްތައް ހިތަށް އަރާފަހަރަކު އޭނާގެ ދެލޮލަކުން ކަރުނައެއް ނުހިކެއެވެ. މަޑުމަޑުން އޭނާއަށް ފާލަމާ ދިމާއަށް ބަލައިލެވުނެވެ. އޭރު ރަސީދާ އޭނާގެ ދަރިފުޅުގެ އިންތިޒާރުގައި އެހިސާބުގައި ހުރި ގަހެއްގެ ހިޔަލުގައި މަޑުކޮށްލައިގެން ހުއްޓެވެ. ކެތްމަދުވެފައެވެ. “މަންމާ…!” ޝިފާނާއަށް މޫނުގައި އަތްއަޅައިލެވުނެވެ. އަދި މަންމަގެފުށުން މަޢާފްލިބުމަށްއެދި ހިތާހިތުން ދުއާކުރެވުނެވެ.

ނިމުނީ