އަހަންނަށް މާފްކުރޭ….!

ލިޔުނީ އަހުމަދު އަރީފް / ފ.ނިލަންދޫ

ހަތްވަނަ ބައި (ފަހުބައި)

އަހަރެން އަންނަންދެން ނުވިހައި މަޑުކޮށްލައްޗޭ… ވަރަށް އަވަސްވާނެ!..”

ތެދެކެވެ. ހޮޕިޓަލުގައި އޮތް ހާލުބޮޑު ބަލިމީހަކަށް އޭ-ޕޮޒިޓިވް ލޭ ބޭނުންވެގެން މިހާރު އިއުލާނެއް ގޮވަތާ ގާތްގަނޑަކަށް ތިން ގަޑިއިރުވަނީއެވެ. ލިބުން ދަތި ލެޔަކަށްވާތީ އަދި ބޭނުނަވާވަރަށް ލޭ ނުލިބެނީއެވެ. ބްލަޑް ބެންކުގެ އެނދެއްގައި އޮށޯވެލައިގެން އޮތްއިރުވެސް ޔޫސުފްއަކަށް އެހެން ޚިޔާލެއް ނުކުރެވެއެވެ. ރީޝާގެ ބަނޑުގައިއެވާ ދަރިފުޅު ދުށުމަށް އެދެވެނީއެވެ. އޭރު ލޭނަގާ ނިމުނުފަހުން ކުޑައިރުކޮޅެއް ވެއްޖެއެވެ. އަރާމުކޮށްލުމަށް ޑޮކްޓަރު ބުނެފައިވާތީ އަދި މަޑުކޮށްލައިގެން އޮތީއެވެ. “ޑޮކްޓަރު އަހަރެން ބޭނުން ތި ބަލިމީހާ ދެކިލަން… އަހަރެންގެ ލޭ އެމީހަކަށްޓަކައި ހަދިޔާކުރެވެނީ ކާކަށްތޯ ބަލައިލާން އަހަރެން ބޭނުން” ޔޫސުފް އޭނާ ބެއްލެވި ޑޮކްޓަރު ދިއުމުގެ ކުރިން ޑޮކްޓަރަށް ގޮވައިލިއެވެ. އެވަގުތު ޑޮކްޓަރުގެ އިޝާރާތަކަށް ޔޫސުފް އޭނާ އޮތް އެނދުން ތެދުވެ ޑޮކްޓަރާއެކު އެކޮޓަރިން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. ބަލިމީހާ ދެކިލުމަށެވެ.

“އެއީ މިއަދު ވަރަށް ހާލުބޮޑުވެގެން ގެނައި މީހެއް.” އަންހެނުންގެ ވޯޑުގެ ބެޑް ނަންބަރު 12އަށް އިޝާރާތްކޮށްލަމުން ޑޮކްޓަރު ވޯޑަށް ވަނެވެ. ޔޫސުފްވެސް ހިނގައިގަތީ އެބަލިމިހާ ދެކިލުމަށެވެ. އެރު އޭނާގެއޮތް އެނދު ކައިރީގައި ބަހައްޓާފައި ހުރިގޮނޑިއެއްގައި އިށީނދެލައިގެން މުސްކުޅިވަރެއްގެ ފިރިހެނަކު އިނެވެ. އެނދުގައި އޮތް ބަލިމީހާގެ އަތުގައި ހިފާލައިގެންނެވެ. ހީވަނީ ގިސްލާ ރޯހެންނެވެ. ބާއްވާފައިއޮތް ބަލިމީހަކީ އަންހެނެކެވެ. އަރިއަކަށް އޮތުމުން އޭނާގެ މޫނެއް ނުފެނެއެވެ. އެހެން ނަމަވެސް ބަލީމީހާ ފެނިއްޖެ ކަމުގެ އިހުސާސް ކުރެވުމާއެކު ޔޫސުފް އޭނާގެ އަންހެނުން އޮތް ކޮޓަރިއާ ދިމާއަށް ދާން ހިނގައިގަތެވެ. ކެތްމަދުވެފައިވާ ހާލުގައެވެ.

“ޑޮކްޓަރ… ކި..ކިހިނެތްތޯ… އަޅުގަނޑުގެ އަންހެނުން ކިހިނެތްތޯ..” އެނދުގައި ބައްވާފައިއޮތް ބަލިމީހާގެ އެހީތެރިޔާ ޑޮކްޓަރާ ވާހަކަދެއްކިއެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު ވޯޑުން ނިކުންނަށް އެޅިފިޔަވަޅުމަތީގައި ޔޫސުފްއަށް ހުރެވުނީއެވެ. ކުޑަ ހިނދުކޮޅަކަށް މުޅި ދުނިޔެވެސް ހުއްޓުނުކަހަލައެވެ. ދެއަތް ތުރު ތުރު އަޅަމުންދިޔައިރު ޔޫސުފްގެ ހިތް ނޭގިނެގިފައި ޖެހެމުންދިޔަ ކަހަލައެވެ. “މިހާރު ލޭ ލިބުނީތޯ..؟” އަނެއްކާވެސް އެ މުސްކުޅި މީހާގެ އަޑު ޔޫސުފްގެ ކަންފަތުގައި ޖެހުނެވެ. މިފަހަރު އެއަޑު ކަންފަތުގައި ޖެހުމާއެކު ޔޫސުފްގެ ލޮލުން ކަރުނަ ފޭދިގެން ދިޔައެވެ. ތެޅެމުންދިޔަ މޭގައި ބާރަށް އަތްޖަހާލެވުނެވެ. އޭރުވެސް އޭނާގެ ދެތައް ތުރުތުރުލަމުން ދިޔައެވެ. “ބާއްޕާ..!” ޔޫސުފްއަށް ހިތާ ހިތުން ބުނެލެވުނެވެ. އެވަގުތު އޭނާގެ ހިތަށް އަރާ ފައިބަމުންދިޔަ އެއްޗިހިތައް ބުނެދޭންވެސް ނޭނގޭހާ ގިނައެވެ. ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ޔޫސުފް މަޑުމަޑުން އަނެއް ފަރާތަށް އެނބުރި އޭނާގެ ބައްޕައާ ދިމާއަށް ބަލައިލިއެވެ. އަނެއްކާވެސް އޭނާގެ ލޮލުން ކަރުނަތައް ފޫދިގެން ދިޔައެވެ. ބައްޕަގެ ނިކަމެތިކަން ފެނިފައެވެ. ހަށިގަނޑު ދޫވެލާފައިވާވަރު ފެނިފައެވެ. މަޑު ހިނގުމުގައި ޔޫސުފް ގޮސް އެނާގެ ބައްޕައާ އަރާ ހަމަވިއެވެ. އަދި ރޮމުން ގިސްލަމުން ކަހަލަގޮތަކަށް މަޑުމަޑުން އޭނާގެ ބައްޕައަށް ގޮވައިލިއެވެ. “ބަ…އް..ޕާ…!”

ކަންފަތުޖައި އެޖެހުނީ މީގެ ސައުވީސް އަހަރު ކުރީން ތަކުރާރުވި އަޑެއްކަން ޒާހިދުއަށް އެނގުނެވެ. ހީވީ ޅަދުވަސްވަރުވަރު އައިސް ބައްދަލުކޮށްލިހެންނެވެ. އަނެއްކާވެސް ޔޫސުފް މަޑުމަޑުން ބައްޕައަށް ގޮވައިލިއެވެ. ޒާހިދު ޔޫސުފް އާ ވީ ފަރާތައް އެނބުރި އޭނާގެ މޫނަށް ބަލައިލިއެވެ. ރޫޖެހި ހަންގަނޑު ދޫވެފައިވާ އަތްތިލައިން ޔޫސުފްގެ މޫނުގައި ފިރުމާލިއެވެ. މީގެ ސައުވީސް އަހަރުކުރިން ޔޫސުފްގެ މޫނުގައި ފިރުމާލާ ގޮތަށެވެ. “ދަރިފުޅާ…” ތުރުތުރުލަމުން ދިޔަ އަޑުގައިވަނީ ލޯތްބާއި ކުލުންފުރިގެންވާ ރާގެކެވެ. އޭރު ދެބަފައިންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހޮރެމުން ދިޔައެވެ. ގަސްދަކާނުލައި ޔޫސުފްއަށް އޭނާގެ ލޯބިވާ ބައްޕައާ ބައްދައިލެވުނެވެ. ބާރަށް ބައްދާލެވުނެވެ. ހީވީ ކުޑަކުއްޖަކު އޭނާގެ ބައްޕައާ އޮޅުލައިގަން ހެންނެވެ.

ކުޑައިރުކޮލަކު އެގޮތުގައި ދެބަފައިން ތިބެލުމަށްފަހު ޒާހިދު މަޑުމަޑުން ޔޫސުފްގެ އަތުގައި ހިފާލިއެވެ. އަދި އެނދުގައި އޮތް ބަލިމީހާއަށް އިޝާރާތްކޮށްލިއެވެ. “ދަރިފުޅާ… މަންމަ..” ޔޫސުފްގެ ހިތް ބާރުބާރަށް ތެޅެންފެށި ކަހަލައެވެ. ލޭ ދެވުނީ މަންމައަށްކަން އެނގުމުން ދެލޮލުން ކަރުނަތައް އޮހޮރިގެން ދިޔައެވެ. އުފާވިއެވެ. އެހެންނަމަވެސް ލަސްވީތީ ދެރަވިއެވެ. މަންމަގެ ނިކަމެތި ހަށިގަނޑުފެނިފައި ޔޫސުފްއަށް އޭނާގެ ނަފްސު ކުއްވެރިކުރެވުނެވެ، އަދި މަންމަގެ ބަލިހާލާމެދު ފިކުރުކުރެވުނެވެ. މަޑުމަޑުން ޔޫސުފް ގޮސް އޭނާގެ މަންމަ ބާއްވާފައިއޮތް އެނދުގެ ކޮޅުގައި އިށީނެވެ. އަދި މަންމަގެ އަތުގައި ހިފާލިއެވެ. އެވަގުތު ނިދިފައިއޮތް އާސިމާއަށް އޭނާގެ ހިތްބުނާތީ އަޑުއިވުނެވެ، ދަރިފުޅުގެ މޫނުދެކިލަން ތެދުވާށެވެ. މަންމަގެ މޫނަށް ބަލަން އިންއިރު ޔޫސުފްގެ ލޮލަކުން ކަރުނައެއް ނުހިނދެއެވެ. މަޑުމަޑުން އާސިމާ އޭނާގެ ލޮ ހުލުވާލިއެވެ. ހައެއާއެކު ޔޫސުފް އޭނާގެ މަންމައާ ގާތްވެލިއެވެ. “މަންމާ…! މި…މީ މަންމަގެ ޔޫސުފް.. ބަލާލަބަލަ މަންމާ.. މީ ޔޫސުފް!”މަޑުމަޑުން ދަރިފުޅުގެ މުނަށް ބަލާލިއެވެ. އާނއެކެވެ. އެއީ އޭނާގެ ދެލޮލުގެ ކޮއިހެން ބަލައި ބޮޑުކުރި އޭނާގެ ދަރިފުޅެވެ. ލޮލުން އޮހޮރުގެންދިޔައީ އުފާވެރިކަމުގެ ކަރުނަ ތިކިތަކެކެވެ. “މަންމާ.. އަހަންނަށް މާފްކުރޭ…!” ޔޫސުފް އޭނާގެ ބަލި މަންމައާ ބައްދާލިއެވެ. އަދި ރޮމުން ގިސްލަމުންކަހަލަ ގޮތަކަށް އެމަންމައާ ވާހަކަ ދެއްކިއެވެ. “އަހަންނަށް މާފްކުރޭ މަންމާ..!”

“ދަރިފުޅު ކީއްވެ މަންމަ ދޫކޮށްފަ ދިޔައީ…” އާސިމާ އޭނާގެ ދަރިފުޅުގެ މޫނަށް ބަލަން ހުރެ ވާހަކަދެއްކިއެވެ. ” މަންމަ މެންނަކާ ވަކިން ނޫޅެވޭނެޔޭ ބުނެ……. އިންކާރު ނުކުރީ ކީއްވެ؟”
މަންމަގެ ލޮލުން އޮހޮރިގެންދާ ކަރުނަތަކަކީ ޔޫސުފްދެކެ ވާލޯބީގެ ދިރިހުރި ނިޝާނެއްކަން އޭނާއަށް އެނގުނެވެ. “މިއީ ތިޔަ މަންމަގެ ދަރިއެކޭ ބުނެ… އެއްމެ ފަހަރަކުވެސް އަހަރެން މަޑުކުރުވިނަމަ… ދުވަހަކުވެސް މަންމަ އާއި ބައްޕަ ދޫކޮށްފައެއް ނުދިޔައިމުސް…. މިދުނިޔޭގައި ތިޔަ މަންމައާއި ބައްޕައާ ނުލައި އަހރެން ކިހިނެތް ދިރިއުޅޭނީ…. އަހަރެންގެ ހުރިހައިވެސް ބަޔަކީ…” ޔޫސުފްގެ ވާހަކަ މިހާހިސަބަށް ދިޔަތަނާ އާސިމާ އޭނާގެ ދަރިފުޅުގެ އަތުގައި ކުރިއަށްވުރެ ބާރަށް ހިފާލިއެވެ. “މަންމައަށް މާފްކުރޭ ދަރިފުޅާ..! ދެން ދުވަހަކުވެސް….. ދުވަހަކުވެސް ދަރިފުޅު ދޫކޮށެއް ނުލާނަން…”

“ދަރިފުޅާ…. ކޮބާ ރީޝާ..” ޒާހިދު ޔޫސުފްގެ ކޮނޑުގައި އަތްޖަހައިލަމުން ވާހަކަދެއްކިއެވެ. “އެމަންޖެ ރަނގަޅުތަ؟” ކުއްލިއަކަށް ޔޫސުފްވެސް އޭނާގެ އަންހެނުން މަތިން ހަދާންވިއެވެ. މަންމައާއި ބައްޕަ ލިބުމުން ވޯޑުގައިއޮތް އަންހެނުންގެ މަތީން ކުޑަވަގުތުކޮޅަކަށް ނަމަވެސް ހަނދާން ނެތުނުކަހަލައެވެ. “ބައްޕާ.. ބައްޕަ ކާފައަކަށްވަނީ.. އަދި މަންމަ މާމައަކަށް ވަނީ..” އާސިމާއާއި ޒާހިދުއަށް އެއުފާވެރި ޚަބަރު ދިނުމަށްފަހު ޔޫސުފް އޭނާގެ އަންހެނުން ބާއްވާފައި އޮތް ވޯޑާ ދިމައަށް ބާރުހިނގުމުގައި ހިނގައިގަތެވެ. ކުދައިރުކޮޅަކުން ކުޑައިރުކޮޅަކުން މަންމައާއި ބައްޕައާ ބައްދަލުކުރާނެ ކަމަށް ބުނެފައެވެ. ޔޫސުފްއަށް އާދެވުނީ ތަންކޮޅެއް ލަހުންވެ. އޭރު އޭނަގެ އަންހެނުން ވިއްސަންވެގެން ވިއްސާކޮޓަރިއަށް ވައްދައިފިއެވެ. ނަރުހުންގެ ޖަގަހައިގައި ތިބި ކުދިންގެ އެހީގައި ޔޫސުފް އޭނާގެ އަންހެނުންނާ ބައްދަލުކުރުމަށް ވިއްސާކޮތަރިއަށް ވަނެވެ. މުޅިތަނަށްވަނީ ހިތްހަމަޖެހުންމާ އުފާވެރިކަން ގެނުވާފައެވެ. އެތެރެގައި ތިބި ނަރުހުންތައް އުފާފާޅުކުރަމުންދެއެވެ. މަޑުމަޑުން ޔޫސުފްގޮސް ރީޝާގެ އެނދުކައިރީ ހުއްޓިލިއެވެ. އަދި ކައިރީގައި އޮތް އޭނާގެ ލޯބިލޯބި ދަރިފުޅަށް ބަލައިލިއެވެ. މޫނުމައްޗަށް ވެރިވެގެންދިޔައީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ލޮލަށް ޖަމާވަމުންދިޔައީ އުފާވެރިކަމުގެ ކަރުނަތިކިތަކެވެ. ޔޫސުފް އޭނާގެ އަންހެނުންގެ އަތުގައި ހިފައިލިއެވެ. “ތެންކްސް…”

ޔޫސުފް ރީޝާއާ ގާތްވެލިއެވެ. އަދި މަންމަމެންނާ ބައްދަލުވިކަމުގެ އުފާވެރި ޚަބަރު ރީޝާއަށް ދިނެވެ.  ލިބުނު އުފާވެރި ޚަބަރަކުން ރީޝާއަށްވެސް ރޮވުނެވެ. އުފަލުންނެވެ. މިއަދު ޔޫސުފްގެ ދިރިއުޅުންމިވަނީ އުފަލާ ހިތްހަމަޖެހުމުން ފުރިފައެވެ. ލޯބިވާ މަންމައާ ބައްޕައާ އެކު އޭނާގެ ކުޑަކުޑަ އާއިލާ މިއަދު މިވަނީ ފުރިހަމަވެފައެވެ.

“މިހައިހިސާބުން މިވާހަކަ ލިޔަން ގަސްދުކުރި ހިސާބަށް ލިޔެނިމުނީއެވެ. ފުރިހަމަކަމާއެކު މިވާހަކަ ނިންމައިލެވުނީތީ ކަލާންގެ ހަޟްރަތައް ޝުކުރު އަދާކުރަމެވެ. ؤلحمد لله”
= ނިމުނީ =

Advertisements