ގްރެފިކް އޯގަނައިޒަރގެ ފައިދާ

ގްރެފިކް އޯގަނައިޒަރއެއްގެ ސަބަބުން ލިބޭނެ ފައިދާތަކަށް ބަލާލާއިރު މިއީ ވަރަށް ފަސޭހައިން ކުދިން ކޮންޓްރޯލްކޮށް އަދި ކުދިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ހޯދިދާނެ ޓޫލްސްއެކެވެ. އަދި މީގެ އިތުރުން ވަގުތު ސަލާމަތްކުރުމާއި ކުދިންނަށް އެނގޭ މިންވަރު ވަޒަންކުރެވޭނެއެވެ. މުދައްރިސް ކުދިންނަށް ބުނެދޭން ބޭނުންވެލައްވާ އެއްޗެއް ގްރެފިކް އޯގަނައިޒަރގެ އެހީ ވަރަށް ފަސޭހައިން ބުނެދެވިދާނެއެވެ. އަދި އޭރުން ދަރިވަރުން އެފަދަ އޯގަނައިޒަރތައް ބޭނުންކޮށްގެން އަމިއްލައަށް އެކުދިންނަށް އެނގިފައިވާ މިންވަރު ދެނެގަނެއެވެ. އަދި މީގެ އިތުރުން ގްރެފިކް އޯގަނައިޒާގެ ސަބަބުން:
• ދަރިވަރުގެ ވިސްނުން ތަރައްގީވެއެވެ.
• ދަރިވަރުންނަށް ކުރިން އެނގިފައިވާ މައުލޫމާތު ބޭނުންކުރަން ދަސްވެއެވެ.
• ފިލާވަލުގައި ހިމެނޭ މައުލުމާތުތައް ވަކި ތަރުތީބަކުން ގެނެސްދެވުމުން ދަރިވަރަށް އެމައުލުމާތުތައް ހަނދާނުގައި ބަހައްޓަން ފަސޭހަވެއެވެ.

ގްރެފިކް އޯގަނައިޒަރގެ ގެއްލުން

އަޅުގަނޑުގެ ނަޒަރުގައި މިއީ ވަރަށް ވަގުތު ބޭނުންވާ ކަމެކެވެ. އަދި މިއީ ކޮންމެ ކޮންމެ ފިލާވަޅާކާ ގުޅުވާލައިގެން ގެންދެވިދާނެ ހަރަކާތެއްވެސް ނޫނެވެ. މިއީ ޓީޗަރުން ވަރަސް ތައްޔާރުވާންޖެހެ ކަމެއްވެސް މެއެވެ. އެގޮތުން ރަނގަޅަށް ތައްޔާރު ނުވެ މި ޓޫލް ބޭނުންކުރާނަމަ ވަރަށް ގިނަ ވަގުތު ބޭކާރުވެއެވެ. އަދި ހަމައެހެންމެ ގްރިފް އޯގަނައިޒަރއަކީ އާންމުކޮށް ގުރޫޕުގައި ކުރެވޭ މަސައްކަތަކަށްވުމުން ގިނަފަހަރު ގުރޫޕުގެ ހުރިހައި ކުދިންގެ އެއްބާރުލުމެއް ނުލިބެއެވެ.

ފިލާވަޅެއްގައި ގްރެފިކް އޯގަނައިޒިން ބޭނުންކުރާނީ ކިހިނެތް؟

ގްރެފިކް އޯގަނައިޒަރއެއް ބޭނުންކޮށްގެން ގެންދެވޭ ހަރަކާތަކީ އޭގެ ނަތިޖާ ގިނަފަހަރު ވަރަށް ފޮނިވާ އެއްޗެކެވެ. އާންމުކޮށް މިބާވަތުގެ ޓޫލްސް ބޭނުންކޮށްއޮޅެނީ ފިލާވަޅުގެ ފެށުމުގައި ނުވަތަ ‘ޕްރީ ރައިޓިން’ އޭ މިކިޔާ ސްޓޭޖްގައެވެ. އެހެން ކަމުން ލިޔުންތެރިކަމުގެ ފިލާާވަޅުތައް ނަންގަވާދެއްވާއިރު ގްރެފިކް އޯގަނައިޒަރއެއް ބޭނުންކުރެވިދާނެއެވެ. ހަމައެހެންމެ ގްރެފިކް އޯގަނައިޒަރއަކި ދަރިވަރަށް ލިބޭ މައުލޫމާތު ސިކުނޑީގައި ގިނަ ދުވަހު ރައްކާކުރުމަށް އެހީވެދޭ އެއްޗެއްކަމުން ދަސްކުރަން ޖެހޭފަދަ މައުލުމާތުތައްވެސް ގްރެފިކް އޯގަނައިޒަރގެ އެހީގައި ނޯޓު ކުރެވިދާނެއެވެ. މިފަދަ ބައެއް މިސާލު ތިރީގައި ވާނެއެވެ.
ސެކަންޑަރީ ކުލާސްތަކުގެ ސާނަވީ ދިވެހީގެ ތަފާތު ފިލާވަޅުތަކާއި ގުޅުވައިގެންވެސް މިޓޫލްސްގެ ބޭނުން ހިފިދާނެއެވެ. އެގޮތުން ފިލާވަޅު ނިންމާލާއިރު ފިލާވަޅު ގައި ގެންދެވުނު މުހިއްމުބައިތައް ޚުލާސާއެއްގެ ގޮތުގައި ދައްކާލެވިދާނެއެވެ. ހަމައެހެންމެ ފިލާވަޅަށް ވަނުމުގެ ކުރިން އެދުވަހެއްގެ ފިލާވަޅުން ޙާޞިލްކުރަންޖެހޭ އެއްޗެއް ކުދިންނަށް ދެއްކިދާނެއެވެ. އާ ކޮންސެޕްޓެއް ފަށާއިރު ގްރެފިކް އޮގަނައިޒަރގެ ބޭނުން ހިފިދާނެއެވެ. ހަމަ އެހެންމެ ކުރީއަހަރު ޔަވައިދީފައިވާ ފިލާވަޅުން އެނގިފައިހުރި މިންވަރެއް ދެނެގަތުމަށްޓކައި ވެސް މިޓޫލްގެ ބޭނުން ހިފިދާނެއެވެ.

ގްރެފިކް އޯގަނައިޒަރގެ ވައްތަރުތަކާއި ބައެއް މިސާލު

ގްރެފިކް އޯގަނައިޒިންގެ ތަފާތު ގޮތްތަށް ހުރެއެވެ. އަދި ހަމައެހެންމެ ދިވެހި ފިލާވަޅާ ގުޅުވާލައިގެން ގެންދެވިދާނެ ކިތަންމެ ވައްތަރުތަކެއްވެސް ހުރެއެވެ. އެގޮތުން ދިވެހި ފިލާވަޅެއްގައި ބޭނުންކުރަ ދެވައްތަރެއްގެ ގްރެފިކް އޯގަނައިޒަރ ހުރެއެވެ.
1. ވަކި ކަމަކާގުޅޭގޮތުން އެއްޗެއް ލިޔުމަށް، ދަރިވަރަށް ލިބިފައިވާ ނުވަތަ ހޯދާ މައުލުމާތު ވަކި ގޮތަކަށް އަތުރާލުމަށް ބޭނުން ކުރެވޭ ގްރެފިކް އޯގަނައިޒަރ
2. ދަސްކުރަން ޖެހޭ މައުލޫމާތުތަކެއް ހަނދާނުގައި ހަރުލެއްވުމަސް އެހީވެދިނުމަށް ބޭނުންކުރެވޭ ގްރެފިކް އޯގަނައިޒަރ

އަދި ނުނިމޭ

(މިއަށްފަހުގައި ދެން އަޕްލޯޑްކޮށްލާނީ ގްރެފިކް އޯގަނައިޒަރގެ ބައެއް މިސާލެވެ)