އަހަންނަށް މާފްކުރޭ…!

ލިޔުނީ: އަހުމަދު އަރީފް (ފ.ނިލަންދޫ)
16 އޯގަސްޓް 2010
ފަސްވަނަ ބައި:

“އައްސަލާމް އަލައިކުމް…” ބޭރުން އައިމީހަކު ސަލާމް ގޮވިއަޑަށް ޒާހިދު ބޭރަށް ނުކުތެވެ. ދިއްކޮށްލީ ސިޓީއެކެވެ. “މީ ޔޫސުފް ދިން އެއްޗެއް.. ބުނީ ޒާހިދުއާ ހަވާލުކޮށްދޭށޭ..” ސިޓީ ހިފައިގެންއައި މީހާ އެނބުރި ދިޔައިރުވެސް އަތުގައި އޮތް ސިޓީ އުރައަށް ބަލަން ޒާހިދުއަށް ހުރެވުނީއެވެ. ޝުކުރިއްޔާއޭވެސް ބުނަން ނޭނގިފައެވެ. އަތުގައި އޮތް ސިޓީއަށް ބަލަން ހުރި އިރު ހިތުގައި ޖަވާބު ނެނގޭ އެތައް ސުވާލުތަކެއް އުފެދެމުން ދިޔައެވެ. ޔޫސުފްގެ ސިޓީއެއް އޭނާއަށް އައި ސަބަބަކާމެދު ވިސްނިއެވެ. އެހެން ނަމަވެސް ހަމަ އެއްވެސް ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ. “ކިހިނެތްވީ..؟ ކާކު ހޯދަން އައި މީހެއް..” ޒާހިދުގެ އަތުގައި އޮތް ސިޓި އުރައަށް އިޝާރާތްކޮށްލަމުން އާސިމާއައިސް ޒާހިދުއާ އަރާ ހަމަވެއްޖެއެވެ.

“މި..މީ ޔޫސުފް ދިން އެއްޗެއް..” އާސިމާއަތަށް ސިޓީ އުރަ ދިއްކޮށްލަމުން ޒާހިދު އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. “ކީތްކުރަން އެސޮރު ދިން ސިޓީއެއްބާ..؟” ސިޓީ އުރައިގެ އެއްކަނާވީފަރާތުން ތަންކޮޅެއް ވީދާލަމުން އާސިމާ ވާހަކަދެއްކިއެވެ. އެތެރޭގައި އޮތީ އާސިމާއާއި ޒާހިދުއަށް ލިޔެފައި އޮތް ސިޓީއެކެވެ. އާސިމާ އެސިޓީ ކިޔަން ފެށިއެވެ.

އެންމެ ލޯބިވާ މަންމައާއި ބައްޕައަށް
މަންމައާއި ބައްޕައަށް ހެއު ދުޢާ އާއި ސަލާމަށްފަހު ލިޔަމެވެ.
އަހަރެންގެ ފުރާނައަށްވުރެ އަހަރެން ލޯބިވާ ބައްޕާއެވެ. ދުނިޔެއަކީ ކޮން އެއްޗެއްކަން އަހަންނަށް ދަސްކޮސްދިނީ ތިޔަ ބައްޕަ އާއި މަންމައެވެ. ހޫނު އެއްޗިހީގެ ހުރި ވޭނާ ތޫނު އެއްޗިހީގެ ނުރައްކާތެރިކަން އަހަންނަށް ބުނެދިން ބަޔަކީ ތީއެވެ. އިނގިލީގައި ހިފާއްޓައިގެން ހިނގަން ދަސްކޮށްދިނީ ތިޔަ ބައްޕައެވެ. ބިންމަތީގައި ހުންނައިރު ނުފެންނަތަންތަން އަހަންނަށް ދައްކައިދީހެދީ ތިޔަ ބައްޕަގެ ކޮނޑަށް އަރުވައިގެންނެވެ.


ލޯބިވާ މަންމާއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭ ވެހޭ ރޭތަކުގެ ބިރުވެރިކަމުން އަހަރެން ދުރުކޮށްދިނީ ތިޔަ މަންމަގެ އުނގުތެރޭގައި ބާއްވައިގެންނެވެ. އަހަރެން ނިންދަވައި ދިނުމަށް، އެތައް ރެއެއްގެ ނިދިން މަހުރޫމު ވެގެން އިނީ ހަމަ ތިޔަ މަންމައެވެ. ކިތަންމެ ކުޑަ ރޯގާއެއް ޖެހުނަސް މަންމަގެ ހުރިހައި ވަގުތެއް އަހަރެންނާއެކު ހޭދަކުރީމުއެވެ. އަހަރެން ރުއްސާ ހެދުމަށް ތިޔަ މަންމަ ނުކުރަނީ ކޮންކަމެއް ތޯއެވެ. އެކަންތައްތައް އެއީ އިއްޔެވީ ކަމެއްހެން އަހަރެން ހިތުގައި ބިންވަޅުނެގިފައި މިއަދުވެސް އެބަހުއްޓެވެ. ހެވާ ނުބައި ވަކިކޮށްދީ މީހުންނަށް ހެއުކޮށް ހިތުމަށް ނަސޭހަތްތެރިވި މަންމާއެވެ. ފިލައިގަނޑުގައި އަކުރުއަޅައިދިނުމާ ހިސާބުން ފެށިގެން އަހަރެންނަށް ތައުލީމު ދިން ބަޔަކީ ތިއީއެވެ. އަހަރެންގެ ހަޔާތުގައި ލިބިފައިމިވާ ކާމިޔާބަކީ ތިޔަ މަންމައާއި ބައްޕަގެ އުނގުތެރެއިން ދަސްކުރި ފިލާވަޅުތަކުން ލިބުނު އަގުހުރި ދަރުސްތަކުގެ ހެއު ނަތީޖާއެވެ. އަދި އެއީ އެކަމައްޓަކައި ހަޔާތުގެ ބާކީ މިއޮތް ހުރިހައި ދުވަހު ޝުކުރު އަދާކުރިޔަސް ތިލަފަތްވާނެ ކަމެއް ނޫންކަން އަހަރެން ގަބޫލުކުރަމެވެ.


ދުވަހަކުވެސް ވަކިވުމަށް ނޭދޭ އަހަރެންގެ ބައްޕާއެވެ. މިއަދު އަހަރެންނަކީ ކާކުކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަދި ތިޔަ ބައްޕައާއި މަންމައަކީ ކޮންބައެއް ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. ތިޔަ މަންމައާއި ބައްޕައަކީ ދުވަހަކުވެސް އަހަރެން ކުރާ ކަމަކާ ނުވަތަ ބުނާއެއްޗަކާ ނުރުހުން ފާޅުކުރި ބައެއްނޫނެވެ. މިއަދާ ހަމަޔަށްވެސް ނުރުހުމުގެ ލޮލުން އަހަރެންނާ ދިމާއަށް ބަލައިލައިފައެއް ނުވެއެވެ. ބާރަށް އެއްޗެކޭ ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް މިއަދު އަހަރެންނަކީ މަންމަގެ ނުރުހުން ލިބިފައިވާ ކުއްޖަކީމުއެވެ. މަންމަގެ ދުލުން އަހަރެންމީ މަންމަގެ ދަރިއެއް ނޫނޭ ބުނި އަޑު އަހަރެންނަށް އިވުމުގެ ކުރިން އަހަރެން މަރު ނުވީ ކިތްވެބާއޭ އަހަރެންގެ ހިތަށް އަރައެވެ. މިދުނިޔޭގައި އަހަރެންގެ ހުރިހައިވެސް ބަޔަކީ ތިއީކަމަށްވީއިރު ދެން މިދުނީޔޭގައި އުޅުމުގެ އެއްވެސް ބޭނުމެއް އެބައޮތްހެއްޔެވެ؟ މިއަށްވުރެ މަރުވުންވެސް މާރަނގަޅުވާނެއެވެ. އެކަމަކު އެއީ ކުރަން ހެއުނުވާވަރުގެ ކަމެކޭ ބުނެ އަހަންނަށް ނަސޭހަތް ލައިދިން ހަނދާ މިކަންފަތުގައި އަދި ހަރުލާފައި އެބަހުއްޓެވެ.


މަންމާއެވެ. މިއަދު މަންމައާއި ބައްޕަ ދޫކޮށް އަހަރެން މިދަނީ ދުވަހަކުވެސް މަންމަމެންނާ ވަކިވުމަށް އެދޭތީއެއް ނޫނެވެ. އެކަމަކު އެނޫން ގޮތެއް ނެތީމައެވެ. މަންމަގެ ދުލުން އަހަންނާ ދިމާއަށް އެހެން ބުނާއަޑު އަހުމަށް އަހަރެންގެ މި ފުރާނައަށް ކެތްނުކުރެވޭނެކަން އެނގޭތީއެވެ. އެހެންނަމަވެސް މިއަދު އަހަރެންގެ ހިތުގައި ޝަކުވާއެއް އެބައޮތެވެ. މަންމަ އަހަރެން ދެކެ އެހާ ރުޅި އެއް އަންނަންޖެހުނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަކީ މަންމަގެ ދަރިއެއް ނޫނޭ ބުނެ އަހަރެން ފޮނުވާލަން މަންމަ ބޭނުންވީ ކީތްވެގެންހެއްޔެވެ؟ މަންމައާއި ބައްޕަގެ ނުރުހުމުގައި އަހަންނަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟


މިއަދު މަންމައާއި ބައްޕައާ ވަކިވެގެންމިދަނީ ހަޔާތުގެ އެންމެ ހިނދުކޮޅަކުވެސް މަންމައާ ނުލައި ނޫޅޭވޭނެކަން އެނގިހުރެއެވެ. އެންމެ ފިޔަވަޅެއްވެސް ބައްޕަގެ އިރުޝާދާ ނުލައި ކުރިއަށް ނޭޅޭނެކަން އެނގިހުރެއެވެ. އެހެންނަމަވެސް ކެތް ކުރާނަމެވެ. ހިތްވަރު ކުރާނަމެވެ. މިކަމުގައި މަންމައާއި ބައްޕަގެ ހެއުދުޢާ އަހަންނާ އެކުގައި ވާނެކަމަށް އުންމީދުކުރަމެވެ. މަންމައާއި ބައްޕަގެ ހަނދާންތަކުގައި އަހަރެންގެ އެކަނިވެރިކަން ފިލުވޭތޯ ބަލާނަމެވެ.


މަންމާއެވެ. ހިތް ހެއުކުރާށެވެ. އަދި ނޭނގުމުގައިވެސް މަންމަ ނުރުހޭ ކަމެއް ކުރެވިފައި ވާނަމަ އަހަންނަށް މާފް ކުރާށެވެ. ބައްޕާއެވެ. މިއަދު ބައްޕައާ ވަކިވެގެން ދާންޖެހޭތީ ކުރާ ހިތާމައިގެ ބޮޑުކަން ދެނެވޮޑިގެންވާނީ ކުޅަދުންވަންތަ އިލާހެވެ. މަންމައާއި ބައްޕައަށް ހެއު ދުޢާ ކުރާ ހާލު ދެން ވަކިވެލަމެވެ.


12 އޯގަސްޓް 2010

މަންމައާއި ބައްޕަދެކެ ލޯބިވާ ޔޫސުފް

އާސިމާ އެސިޓީ ކިޔަމުން ދިޔައިރު އެއްވެސް ހިފެހެއްޓުމެއް ނެތި އޭނާގެ ލޮލުން ކަރުނަތަށް ފޫދެމުން ދިޔައެވެ. ސިޓީ ކިޔައި ނިންމާލިއިރު މީހާ ހުރީ ދާހިތްލާ ފޯވެފައެވެ. މޫނުމަތީގެ ކުވަރުވަނީ ބަދަލުވެފައެވެ. ކުށްލިއަކަށް އަތުގައި އޮތް ސިޓީއާއެކު އާސިމާ ވެއްޓުނެވެ. ވީނުވީއެއް ނޭނގުނެވެ. ޒާހިދުއަށްވެސް ފެނުނީ ވެއްޓުނުތަނެވެ. “އަސްތާ…” ފުންމައިގެން ތެދުވެ ޒާހިދު އާސިމާ ނެގިއެވެ. އަދި އޭނާގެ މޫނަށް ބަލައިލިއެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ހީވަނީ ހެއަށް ކޮންމެވެސް ގޮތެއްވެގެން ވެއްޓުނު ހެންނެވެ. ހިއްލައިލައިގެން ގޮސް ބޭރު އުނދޯލީގައި އާސިމާ ބޭއްވުމަށްފަހު ޒާހިދު ފެންފޮދެއް ގެންސް އަސިމާގެ މޫނަށް ވިހުރައިލިއެވެ. އަދި މަޑުމަޑުން އާސިމާގެ ކޯތާފަތްމަތީ ޖަހައިލިއެވެ. “އާސިމާ… އޭތް.. ލޯހުލުވާލަބަލަ…..

(އަދި ނުނިމޭ)

Advertisements