އަހަންނަށް މާފްކުރޭ…! (ހަތަރުވަނަ ބައި)
ލިޔުނީ: އަހުމަދު އަރީފް (ފ.ނިލަންދޫ)
13 އޯގަސްޓް 2010


ހަތަރުވަނަ ބައި:
މަންމަ އެހައި ހިތްމަ ނުޖެހިފައިއެހުރީ ކީތްވެކަމެއް އޭނާއަކަށް ނޭގުނެވެ. “އަހަންނަށް ވަރިހަމަ…. އަހަރެންނަށް ވަރިހަމަ އަހަރެން ދޫކޮށްލާފައި ދިޔަސް… ބުނޭ… ބުނޭ އޭނަ ގާތު އޭނަގެ މަންމަ ހޯދައިގެން މަންމަ ގާތަށް ދާށޭ…”

މަންމަގެ ދުލުން އެބޭރުކޮށްލީ ކޮންފަދަ އިބާރާތެއްކަމެއް ޔޫސުފްއަކަށް ނޭނގުނެވެ. އެއްފަހަރައި ހިތުގައި އެތައް ސުވާލުތަކެއް ޖަމާވެގެން ދިޔައެވެ. އޭނާއަށް އެހުރެވުނީ ބިންމަތީގައި ތޯ އޭނާގެ ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ. ހީވީ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެންނެވެ. ގުޑިލަންވެސް ނޭނގިފައި އެހުރިތަނުގައި ހުރެވުނީއެވެ. “އޭރުވެސް އަހަންނަށް އެނގޭ މިދުވަސް އަންނާނެކަން. ޔަގީން.. ޔަގިން ކޮންމެސް ގޮތަކުން ޔޫސުފްއަށް އެނގުނީ އަހަރެން މީ އޭނަގެ މަންމަ ނޫންކަން…” ރޮމުން ގިސްލަމުން އާސިމާ ވާހަކަދައްކަމުން ދިޔައެވެ. އޭނާގެ ހިތުގައި ވާ އުދާސްތައް ބޭރުކުރަމުން އެދަނީ ފަހަރެއްގައިވެސް ޔޫސުފްދެކެ ލޯބި ނުވަތީކީއެއް ނޫނެވެ. 25 އަހަރުވަންދެން އުފަންދަރިއެއްހެން ބަލައި ބޮޑުކުރި ފުރާނައަސްވުރެ ލޮބިވާ ދަރިފުޅު އޭނާގެ ލޯމަތިން ގެއްލިގެން ހިނގައިދަނެތީއެވެ.

ޔޫސުފް އޭނަ އެހުރި ފިޔަވަޅުމަތީގައި ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށްފަހު މަޑު ހިނގުމުގައި ގޭގެ ވަލުދޮރާއްޓާ ދިމާއަށް ހިނގައިގަތެވެ. ހިތުގައި ކެކި އުތުރި އަރަމުންދާ ޚިޔާލުތައް އޭނާއަށް ގޯނާ ކުރާ ކަހަލައެވެ. މިއީ ކޮންކަހަލަ ދުނިޔެއެއް ހެއްޔެވެ؟ ހިވީ 25 އަހަރުވަންދެން ކަނު އަދިރި ކަމެއްގެ ތެރެއިން ބޭރަށް ނުކުމެވުނުހެންނެވެ. މިތަނުގައި އޭނާ ދަންނަ ހަމަ އެކައްޗެއްވެސް ނެތެވެ. 25 އަހަރުވަންދެން މަންމަ ކިޔައިގެން އުޅުނީ ކާކަށް ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. އުލެ ބޮޑުމިވީ ކޮންރަށެއްގެ ކޮންބައެއްގަތުކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ރަނގަޅު ތައުލީމަކާ ތަރުބިއްޔަތެއް މި ލިބުނީ ކާއްގެ ގާތުގައި ހުރެގެންކަމެއް ބުނެދޭކަން ޔޫސުފްއަކަށް ނޭނގުނެވެ. ދުނިޔޭގެ ފަޒާގެ ތެރެއަށް ބަލަމުން އައިސް ޔޫސުފްއަށް ނުކުމެވުނީ މަގުމައްޗަށެވެ. އޭރު މަގުގެ އެއްފަރަތުން ރީޝް އަންނަތަން ފެނެއެވެ.

އާއެކެވެ. މިއަދު ޔޫސުފްއަށް އަނގެނީ ހަމައެކަނި ރީޝާއެވެ. އޭނާގެ ލޯބިވެރިޔާއެވެ. އެކުގައި ހޭދަކުރެވުނު ދުވަސްތަކަ ލޯބިން ފޮޅުވި މާތައް އެނާ ހަނދާން އެބަހުއްޓެވެ. ޚިޔާލުތަކަށް ގެއްލިފައި ހުއްޓާ ރީޝާ އައިސް ޔޫސުފްއާ އަރާ ހަމަވެއްޖެއެވެ. “ހާދަ ދާހިތްލާފަ… ކިހިނެތްވީ..؟”

“ރީޝް… އަހަރެންދެކެ ލޯބިވޭތަ…؟” ރީޝާގެ ކޮނޑުގެ ދެފަރާތުގައި އަތްޖަހައިލަމުން ޔޫސުފް ވާހަކަދެއްކިއެވެ. އަޑުގައިވަނީ ނުތަނަވަސްކަމެވެ. “ހިނގާ މިތަނުން ދާން… މީއަހަރެމެން އުޅެން ހެއުވާވަރުތަނެއް ނޫން…” ރީޝާގެ އަތުގައި ހިފައިގެން ޔޫސުފް އެހިނގައިގަތީ ރަށުގެ ބަނދަރުމައްޗާ ދިމާއަށެވެ. ފުރާ އުޅަދެއް އޮތްތޯއެވެ. ޔޫސުފްގެ އެހަރަކާތްތަކުން ރީޝާގެ ހިތް ނުތަނަވަސްވެ ހާސްވާ ގޮތްވި އެވެ. “ޔޫސުފް… ކިހިނެތް ވެގެންތަ ތި އުޅެނީ.. އަހަރެން ގޮވައިގެން ކޮންތަކަށްތަ މިދަނީ…؟” މިއަދު ޔޫސުފްގެ ފަރާތުން ފެންނަމުންއެދާ މަންޒަރުތަކަކީ މީގެ ކުރިން ދުވަހަކުވެސް އޭނާގެ ފަރާތުން ފެނިފައިނުވާ މަންޒަރުތަކެކެވެ. “ކޮބާ… ކޮބާ ޔޫސުފްގެ މަންމަމެން… އެމީހުން..” ރީޝާގެ ވާހަކަ މިހާހިސާބަށް ދިޔަތަނާ ޔޫސުފްގެ ހިނގުން ހުއްޓުނެވެ. އަދި ރީޝާގެ އަތުގައި ބާރަށް ހިފާލިއެވެ. “ރީޝް. އަހަންނާ އެއްވެސް ސުވާލެއް މިވަގުތު ނުކޮށްފާނަން… ހުރިހައިވާހަކައެއްވެސް ކިޔައިދޭނަން… އަހަރެންދެކެ ލޯބިވަންޏާ ހިނގާ އަހަންނާއެކީ މާލެދާން..” އޭރުވެސް ޔޫސުފްގެ ލޮލުން ކަރުނަ އޮހެއެވެ. ނުތަނަވަސްވެފައިވާ ހާލު އޭނާގެ ހިތަށް ކުރާ އަސަރު އެނގޭނީ ހަމަ އެހަށިގަނޑަށެވެ. ހީވަނީ އެއްފަހަރާ އެތައް ހިތާމައެއް ކުރިމަތިވެފައިވާ އިންސާނެއް ހެންނެވެ.

ރީޝާއަކީވެސް މިދުނިޔޭގައި އެކަނި ވެރިއެކެވެ. އުމުރުން އެންމެ 2 އަހަރުގައި ބައްޕަވީ ނިޔާވެފައެވެ. އެއްބަނޑުއެއްބަފަ އެހެން ކުއްޖަކު ނުހުރެއެވެ. މަންމައެއް ހުއްޓަސް އެއީ ހަމަ ނެތް މީހެއް ފަދައެވެ. ރީޝާގެ އުމުރުން 9 އަހަރުގައި އޭނާގެ މަންމަ ދެވަނަ ކައިވެންޏެއް ކުރިއެވެ. އަދި އޭގެ ފަހުން ރީޝާގެ އެއްވެސް ކަމަކާ އަޅައެއް ނުލައެވެ. މިއަދާހަމަޔަށް އޭނާއަށް އެހީއެއް ފޯރުކޮށްދިން މީހަކީ އޭނާގެ ބޮޑުދައިތައެވެ. އެބޮޑުދައިތަވެސް މީގެ ދޮޅުއަހަރެއްހާ ދުވަސްކުރިން ވަނީ ނިޔާ ވެފައެވެ. މިއަދު ރީޝާއަކަށްވެސް އެހެން ގޮތެއް ނެތެވެ. ޔޫސުފްގެ ލޯބީގެ ހައްގުގައި ކޮންމެފަދަ ގުރުބާނީއެއްވާންޖެހުނަސް އޭނާއެހުރީ ތައްޔާރަށެވެ. ޔުސުފްބުނި ތަނަކަށް އޭނާއާއެކު ފުރައިގެން ދިއުން ނޫން އެހެންގޮތެއް އޭނާއަކަށް ނެތެވެ.

އަދިވެސް އާސިމާއާއި ޒާހިދު ކޮޓަރިތެރޭގައި ތިބީއެވެ. ޔޫސުފްގެ ވާހަކަތަކުގައެވެ. އާސިމާ އޭނާދެކެ ވާލޯތްބާއި އޭނާ ގެއްލިގެން ދާތަން ބަލަން ނުހުރެވޭނެވަހަކަ ބުނަމުން ދިޔައެވެ. އަނެއް ކޮޅުން ޒާހިދު މަސައްކަތް ކުރަމުންދިޔައީ އާސިމައަށް ވިސްނައިދެވޭތޯއެވެ. ޔޫސުފްއަކީ ރަނަގޅު ކުއްޖެއްކަމާއި އަދެމީހުން ދޫކޮށްފައި އޭނާ ނުދާނެ ކަމަށް ބުނަމުންދިޔައެވެ. އަދި އާސިމާ ކަންތައް ކުރާގޮތް މާރނަގަޅު ނުންކަމށްވެސް ބުނަމުންދިޔައެވެ. “އައްސަލާމް އަލައިކުމް…” ބޭރުން އައިމީހަކު ސަލާމް ގޮވިއަޑަށް ޒާހިދު ބޭރަށް ނުކުތެވެ. ދިއްކޮށްލީ ސިޓީއެކެވެ. “މީ ޔޫސުފް ދިން އެއްޗެއް.. ބުނީ ޒާހިދުއާ ހަވާލުކޮށްދޭށޭ..”