ލިޔުނީ: އަހުމަދު އަރީފް (ފ.ނިލަންދޫ)
11 އޯގަސްޓް 2010
ތިންވަނަ ބައި:

އެހެންނަމަވެސް ލޯތްބަކީ މިއަދު ފައިސާއިން ގަނެވޭ އެއްޗެކޭ ބުނާއަޑުއަހާ މީހުންގެ ލިސްޓުގައި ރީޝާވެސް ހިމެނެއެވެ. އެފަދަ ކިތަންމެ މަންޒަރެއް ފެނިފައި އެބަހުރިވެސްމެއެވެ. އެފަދަ ކޮންމެ ޝަކުވާތަކެއް ފެންމަތިވާ ފަހަރަކު ޔޫސުފް އޭނާގެ ލޯބީގެ ޝާއިރީ ބަސްތަކުން ރީޝާގެ ހިތްހަމަ ޖައްސައިލަދެއެވެ.

ދުވަހަކީ ފުރަތަމަ ފަހަރަށް ޔޫސުފްގެ މަައިންބަފައިންނާ ބައްދަލުކުރުމަށް ރީޝާ އެގެއަށް ދިޔަދުވަހެވެ. ކާމޭޒު ދޮށުގައި ޒާހިރުއާއި އާސިމާ އޭނާގެ ދަރިފުޅު އަންނާނެވަގުތަކަށް އިންތިޒާރުކޮށްގެން ތިއްބެވެ. “މަންމާ… މީ ރީޝް.. !”އާސިމާއަށް އިޝާރާތްކޮށްލަމުން ޔޫސުފް ކާކޮޓަރިތެރެއަށް ވަދެގެން އައެވެ. “ރީޝް… މަންމަ..” ލަދުރަކިފާޑަކަށް ރީޝާވެސް ޔޫސުފްއާއެކު އެތެރެއަށް ވަދެގެން އައެވެ. ޔޫސުފްގެ މައިންބަފައިންނާ ބައްދަލުކުރުމަކީ އަބަދުވެސް ރީޝާ ވަރަށް ކުރާހިތުން ހުރި ކަމެކެވެ. އެހެންނަމެވެސް ކަންތައް ވާނެގޮތެއް ނޭގޭތީ އަބަދުވެސް ހިތްބިރުގަނެ ޖެހިލުންވެއެވެ. މިއަދުވެސް ރީޝާ އެއިންނަނީ ދެންވާނެ ގޮތަކާމެދު ވިސްނާލަ ވިސްނާލައެވެ. ހަމައެގޮތަށް ޔޫސުފްގެ ހަޔާތުގެ ބައިވެރިއަކަށް އޭނާ ހޮވާފައިވާ ބައވެރިއަކީ ކާކުތޯބެލަމަށް އޭނާގެ މައިންބަފައިންވެސް ތިބީ ކެތްމަދުވެފައެވެ. ފުރަތަމަ ފަހަރަށް ރީޝާއާ ބައްދަލުވުމުން، އާސިމާ ބޭނުންވީ އޭނާގެ ހިތުގައި އުފެދިފައިވާ އެތަށް ސުވާލެއްގެޖަވާބު ހޯދާށެވެ. “ކޮބާ ރީޝާގެ މައިންބަފައިން..؟”

“މަންމަ…. ރަށުގަ..” ރީޝާގެ ޖަވާބު ލިބުމާއެކު އާސިމާއަށް ބަލާލެވުނީ ޒާހިދުގެ މޫނަށެވެ. ޔޫސުފްގެ ބައިވެރިޔާއަކީ ރަށުން ބޭރުކުއްޖަކަށް ވެދާނެކަމަކަށް އާސިމާއަކަށް ހީކުރެވިފައެއްވެސް ނުވެއެވެ. “ދަރިފުޅުގެ ބައްޕަ ކީތްކުރަނީ…” ޒާހިދު ރީޝާގެ މޫނަސް ބަލައިލިއެވެ. “ބައްޕާ…! ރީޝްގެ ބައްޕަ ރީޝް ވަރަށްކުޑައިރު ނިޔާވެއްޖެ.. ދޯ ރީޝް” މިފަހަރުގެ ސުވާލަށް ޖަވާބުދިނީ ޔޫސުފް އެވެ. ޔޫސުފްއާ އެއްބައިވެލުމުގެ ގޮތުން ރީޝާ ބޯޖަހާލިއެވެ. ކައިވެންޏަކީ ހަޔާތުގައި އެޅޭ އެންމެ މުހިއްމު އެއްފިޔަވަޅެވެ. އެއީ ކުޅޭ ކުޅިވަރެއް ނޫނެވެ. އަދި އެއީ ހަމަ ބޭނުންވެލާއިރަށް ކުރާ ކަމެއްވެސް ނޫނެވެ. މިއީ މީގެކުރިން އެތައް ފަހަރަކު ޔޫސުފްގެ މައިންބަފައިން އޭނާއަށް ދީފައިވާ ނަސޭހަތެކެވެ. މައިންބަފައިންގެ ފަތްފުތް ތަކުން ދަސްކޮށްދީފައިވާ އަގުހުރި ފިލާވަޅެކެވެ. އެހެން ނަމަވެސް މިއަދު އެފިލާވަޅުތަކުގެ ބޭނުން ޔުސުފް ހިފާ ކަމަކަށް އާސިމާއަކަށް ގަބޫލެއް ނުކުރެވުނެވެ. އާސިމާ އޭނާ ބޯން އިން ސައިތަށި ހިފައިގެން ތެދުވީ ބަދިގެއަށް ދިއުމަށްވެ. “މަންމަ.. ދަނީތަ؟”

“ދަރިފުޅުމެން ސައިބޮައިލާ.. މަންމަ އަންނާނަން އެފަރަތައް ގޮސްލާފަ…” އާސިމާއަށް ލިބުނީ ހައިރާން ކަމެކެވެ. ހަޔާތުގެ އެހާ ބޮޑު ނިންމުމެއް ނިންމިއިރު އެކަން އޭނާއާ ހިއްސާނުކުރީތީ އޭނާ ވަރަށް ހިތްހަމަ ނުޖެހުނެވެ. ރުޅިއައެވެ. އެހެންނަމަވެސް އެއަށްވުރެ ބޮޑަށް ދެރަވިއެވެ. އެންމެ ކުޑަދުވަހުން ފެށިގެން، އުފަން ދަރިއަކަށް ނުދޭވަރަށް ލޯބިދީގެން ބަލާބޮޑުކުރި ދަރިފުޅު އޭނާއަތުން ބީވެގެން ހިގައިދާނެކަމުގެ ބިރު ހިތުގައި ފުރަތަމަ ފަހަރަށް އުފެދިގެން ދިޔައެވެ. އެފަދަ ނިކަމެތި ކުއްޖަކަށްޓަކައި މަންމަމެންގެ ލޯބި ގުރުބާންކޮށްފާނެކަމުގެ އިހުސާސް ކުރެވުނެވެ. ކީތްވެގެންކަމެއް ބުނެދޭކަށް ނޭގުނެވެ. އެދުވަހަކީ ދުވަހަކުވެސް އާސިމާ ދެކެން ބޭނުންވި ދުވަހެއް ނޫނެވެ. އަދި އެފަދަ ދުވަހެއް އަތުވެއްޖެނަމަ، ކެތްނުކުރެވިގެންގޮސް ހިތްފަޅައިގެންދާނެކަމަށް އޭނާ އަބަދުވެސް ބުނެއެވެ. ޔޫސުފްގެ ހުރިހައި ނިންމުމަކަށް އުފަލާއެކު މަރުހަބާކީ ނަމަވެސް މިއަދު އެނިންމި ނިންމުމަކީ އާސިމާއަށް ރުހެވޭނެ ނިންމުމެއް ނޫންކަމަށް އޭނާގެ ހިތް ބުނަމުންދިޔައެވެ. ނަފްސު އެކަމާ އިންކަރުކުރަމުން ދިޔަ ކަހަލައެވެ.

ޔޫސުފްއާއި އޭނާގެ ލޯބިވެރިޔާ ކާކޮޓަރިން ނުކުމެގެން ދިޔައިރުވެސް އާސިމާގެ ހިލަމެއް ނުވެއެވެ. މަންމަގެ އިންތިޒާރުގައި ތިބެލުމަށްފަހު ޔުސުފް ގެއިން ނުކުމެގެން ދިޔައީ ރީޝާ ގެއަށް ލައި ދިނުމަށެވެ. “ބައްޕާ… އެބައަންނަން ރީޝް ގެއަށް ލާފަ…”

ކޮޓަރީގެ ބޮޑު އަލަމާރީގެ ކޮޅުގައި ލެނގިލައިގެން އާސިމާ ހުއްޓެވެ. ދަރިފުޅުގެ ނިންމުމާމެދު ވިސްނެނީއެވެ. ކޮންމެ މަޔަކުވެސް އޭނާގެ ދަރިން އުފަލުގައި އުޅޭތަން ދެކެން ބޭނުންވާނެއެވެ. އާސިމާ ދެކެގޮތުގައި ބައްޕައެއް ނެތް ކުއްޖަކާ އިނދެ ރަށުން ބޭރުގައި އުޅެން ޖެހުމަކީ އޭނާގެ ދަރިފުޅުގެ ހަޔާތަށް ލިބޭނެ ވަރަށް ބޮޑު އުނިކަމެކެވެ. ހިތްދަތި ކަމެކެވެ. އާސިމާގެ ލޯމަތިން އެދަރިފުޅު ގެއްލޭކަން އޭނާ ބޭނުމެއް ނުވެއެވެ. ކައިވެންޏާ އެއްބަސްނުވެވޭ މައިގަނޑު ސަބަބަކީވެސް އެއީއެވެ. “ޔޫސުފް ވަރަށް ގިނައިރު މަޑުވެސް ކުރި… ކީތްވެ ނައީ…”ޒާހިދުއައިސް އާސިމާ ގާތުގައި ހުއްޓިލިއެވެ. އާސިމާގެ މޫނުމަތިން ފެންނަ ކުލަވަރުތަކުން އެކައިވެންޏާ އާސިމާ ނުރުހޭކަން އެނގުނެވެ. “ކޮބާ މައްސަލައަކީ….؟” އަނެއްކާވެސް ޒާހިދު ވާހަކަދެއްކިއެވެ. ކައިވެންޏަކީ ލޯބީގެ މަޅީގައި ބެދޭ އެއްޗެއްކަން އާސިމާއަށް ވިސްނައިދޭން ޒާހިދު މަސައްކަތް ކުރިއެވެ. އަދި ޔޫސުފް އޭނާގެ ލޯބިވެރިޔަދެކެ ލޯބިވެގެން އެކައިވެނީ ކުރާނަމަ އެގައި މައްސަލައެއް ނެތްކަމަށް ޒާހިދު ބުނަމުންދިޔައެވެ. އެހެން ނަމަވެސް މިކަމުގައި އާސިމާގެ ވިސްނުން ވަރަށް ތަފާތެވެ.

ވަގުތަކީ ޔޫސުފްއަށް އެކޮތަރި ދޮރުމައްޗަށް އެރުނު ވަގުތެވެ. މަންމައާއި ބައްޕަ ކޮޓަރީގައި އޭނާގެ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކާތި ޔޫސުފް ބޭރުގައި މަޑުކޮށްލީއެވެ. މަންމަގެ އަޑުގައި ހިތްމަނުޖެހުން ވާކަން ޔޫސުފްއަށް އެނގުނެވެ. ދުރަށް ނުގޮސް ދޮރުކައިރިގައި މަޑުކޮށްލެވުނީ އެހެންވެއެވެ. އަނެއްކޮޅުން ދަރިފުޅު ގެއްލިގެން ހިގައިދާނެކަމުގެ ބިރުހީވެފައިވާ ހާލު އާސިމާ ރޮމުން ކަހަލަ ގޮތަކަށް ވާހަކަދައްކަމުން ދިޔައެވެ. “މިއަދު ޔޫސުފްއަކަށް އަހަރެންމި އެއްވެސް މިހަކަށް ނުއްވެންނު… އެންމެ ތުއްތުއިރުން ފެށިގެން ބަލައިބޮޑު މައިމީހާއަކީ އެއްވެސް މިހަކަށް ނުވި…” ބޭރުގައި މަޑުކޮށްލައިގެން ހުރި ޔޫސުފްއަށް ބުނާނެ ހަމަ އެކައްޗެއްވެސް ނޭގުނެވެ. މަންމަ އެހައި ހިތްމަ ނުޖެހިފައިއެހުރީ ކީތްވެކަމެއް އޭނާއަކަށް ނޭގުނެވެ. “އަހަންނަށް ވަރިހަމަ…. އަހަރެންނަށް ވަރިހަމަ އަހަރެން ދޫކޮށްލާފައި ދިޔަސް… ބުނޭ… ބުނެ އޭނަ ގާތު އޭނަގެ މަންމަ ހޯދައިގެން މަންމަ ގާތަށް ދާށޭ…”