އަހަންނަށް މާފްކުރޭ…!

ލިޔުނީ: އަހުމަދު އަރީފް (ފ.ނިލަންދޫ)
9 އޯގަސްޓް 2010

(ދެވަނަ ބައި)
(ކުރީގެ އަދަދާ ގުޅޭ) ޒާހިދު ކައިރީގައިހުރި އެނދުގައި އިށީނެވެ. އަދި އާސިމާގެ މޫނަށް ބަލައިލިއެވެ. “އަހަރެން މިދަރިފުޅަށް ކިޔާނީ ޔޫސުފް..!” އެވަގުތު އާސިމާގެ މޫނުމަތިން ވެރިވި ހިނިތުންވުން އެނަމާ އޭނާ ރުހޭކަން އަންގައިދިނެވެ.

ހަނދާނަށް އައީ މީގެ ފަސްއަހަރު ކުރިއެވެ. އާސިމާއާއި ޒާހިދުގެ ކައިވެނީގެ ފުރަތަމަ ރެއެވެ. ހިތްދަތިކަމުން ފުރިގެންވި ރެއެކެކެވެ. އުމުރުން އެންމެ 17 އަހަރުގައި މައިންބަފައިންގެ ރުހުންނުލިބި ޒާހިދުއާ ކައިވެނިކުރި ރެއެވެ. ލޯތްބަކީ އެއްވެސް މީހަކަށް ބާރުފޯރުވޭނެއެއްޗެއް ނޫނޭ ބުނާފަދައިން އާސިމާވެސް ޒާހިދުއާ ކައިވެނިކުރީ އޭނާދެކެ އިންތިހާއަށް ލޯބިވާތީއެވެ. މުޅިއުމުރަށްވެސް ޒާހިދުއާއެކީ އުޅުމަށެވެ. ޒާހިދުގެ އުނގުގެ ތެރޭގައި އޮށޯވެލައިގެން އާސިމާއޮތްއިރު ދަރިއަކު ހޯދާނީ ކައިވެނީގެ ކިހާހިސާބުންކަމާއި އޭނާއަށް ލިބޭ ދަރިއަކަށް ކިޔާނެ ނަމަކާމެދު އެދެލޯބިވެރިން ވާހަކަދައްކަމުން ދިޔައެވެ. “ޔޫސުފް…” ޒާހިދުގެ އަތުގައި ހިފާލަމުން އާސިމާ ވާހަކަދެއްކިއެވެ. “އަހަރެން ބޭނުމީ އަހަންނަށް ލިބޭ ދަރިއަކަަށް ޔޫސުފް ކިޔަން.. ރީތި ދޯ..” އާސިމާގެ އެނިންމުމަށް ޒާހިދު މަރުހަބާކީ، އާސިމާގެ އަތުގައި ބޮސްދެމުންނެވެ. ޒާހިދުއަށްވެސް އެނަން ކަމުދިޔައެވެ.

އެރޭގެ އެ އުފާވެރި، ހިތްގައިމު ވަގުތުން ފެށިގެން ދަރިއަކު ލިބޭތޯ ކުރިމަސައްކަތުގެ ނަތީޖާއަކީ ފަސްއަހަރުވަންދެން ހިތާމަ ކުރަންޖެހުން ކަމުގައި މިއަދަކު އާސިމާއެއް ނުދެކެއެވެ. ކުރިހާ ޝަކުވާތަކާއި ރުއިހާ ރުއިންތައް މިއަދަކު ހަނދާނެއް ނެތެވެ. މިއަދު އާސިމާގެ ހުރިހައި އުންމީދެއް ބިނާވެފައިއޮތީ އެކުޑަކުޑަ ޔޫސުފްއާއެވެ. މަޔަކަށް ދަރިއަކުދެކެ ނުވެވޭނެއޭ ބުނާވަރަށް ލޯބިވާން އާސިމާ ބޭނުމެވެ. މިދުނިޔޭގައިވާ ހުރިހައި އުފަލެއް އެދަރިފުޅަށް ހޯދައިދޭން އާސިމާ ބޭނުންވެއެވެ.

ހަޔާތަކީ ހާދަ އެހެންކަހަލައެއްޗެކޭ ހިތަށްއަރައެވެ. އުމުރުން 25އަހަރު ވެގެންދިޔައިރުވެސް ޔޫސުފްގެ އުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކައި ހަދަނީ މަންމަ ލަވައި ދިނީމައެވެ. އަތުން ކާން ބޭނުން ނުވާތީކީ ނޫނެވެ. އަތުން ކެއަނުދޭތީއެވެ. “މަންމާ… މަންމަ އަހަންނަށް ކާންދެނިކޮށް މީހަކަށް ފެނިއްޖެއްޔާ…” “ހަސަދަވެރިވާނެ…!” ޔޫސުފްގެ ވާހަކަ ނުނިމެނިސް އާސިމާ އޭނާގެ ދަރިފުޅުގެ މުނަށް ބަލައިލަމުން ވާހަކަދެއްކިއެވެ. “މަންމަ ދަރިފުޅާ މެދު ކަންތައް ކުރާގޮތް ފެނިފައި، މީހުން ހަސަދަވެރިވުން ނޫން އެހެންކަމެއް ނުވާނެ…” ތެދެކެވެ. އާސިމާ އޭނާގެ ދަރިފުޅުދެކެ ވާލޯބީގެ ވާހަކައަކީ އެރަށު އެންމެން ދަންނަ ވާހަކައެކެވެ. އުމުރުން އެންމެ ތުއްތު ދުވަހުން ފެށިގެން ސްކޫލު ނިމި މީހަކާ އިންނަ އުމުރަށް އެޅިއިރުވެސް އާސިމާ އޭނާގެ ދަރިފުޅު ދެކެ ވާ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

މިއަދަކީ ޔޫސުފްއަށް ވަރަށް ޚާއްޞަ ދުވަހެކެވެ. އޮފީސް ނިންމާލާފައި ގެއަށް އައީ އެހެން ދުވަސްތަކަށްވުރެ އަވަހަށެވެ. މޫނުމަތިން ފެންނަމުންދަނީ އުފާވެރިކަމާ ހިތްހަމަ ޖެހުމުގެ ނިޝާންތަކެވެ. ކާކޮޓަރީގައި އާސިމާ އުޅެނިކޮށް ޔޫސުފް އައިސް އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ. “މަންމާ… އަހަންނަށް ކުއްޖަކު ދެކެ ލޯބިވެވިއްޖެ..!” އަޑާރާގުގައި ވަނީ އުފާވެރިކަމުގެ މިއުޒިކެވެ. ޔޫސުފް އަބަދުވެސް އޭނާގެ ހަޔާތުގައި ދިމާވާ ހުރިހައިކަމެއް އޭނާގެ މަންމައާ ހިއްސާކުރެއެވެ. އެހެން ނަމަވެސް ކުއްޖަކާ ރައްޓަހިވެގެން އުޅޭ ވާހަކަ އެބުނީ ފުރަތަމަ ފަހަރުއެވެ. އާސިމާ ހިނިތުންވެލާފައި އޭނާގެ ދަރިފުޅުގެ މޫނަށް ބަލާލިއެވެ. އަދި ދަރިފުޅުގެ ނިންމުންތަކަށް އަބަދުވެސް މަރުހަބާ ކިޔާކަމަށް ބުންޏެވެ. “އެއީ ކޮންކުއްޖެއްތަ؟ މަންމައަކަށް ދައްކައެއް ނުލާނަންތަ؟…” ޔޫސުފްގެ މޫނުގައި ފިރުމާލަމުން އާސިމާ އޭނާގެ ދަރިފުޅާ ވާހަކަދެއްކިއެވެ. ކޮންމެ ކަމަކަށްވެސް ރަނގަޅު ވަގުތެއް އޮންނާނެކަމާއި ވަގުތުއައިސް ޖެހުމުން މަންމައާއި ބައްޕައަށް އެއަންހެން ކުއްޖަކީ ކާކުކަން ބުނާނެކަމަށް ބުނެ މަންމައާއި ސަމާސާކޮށްލިއެވެ. “މަންމައާ ބައްދަލުކޮށްލަން ގެންނާނަން…” ގޮތިތެރޭގައި ދަމާހުރި ރޯނެއްގައި އޮތް ޓީޝާޓެއް ނަގަމުން ޔޫސުފް މަންމައަށް ގޮވާލިއެވެ.

މިއަދާ ހަމައަށްވެސް ޔޫސުފްގެ އެއްވެސް ނިންމުމަކަށް އޭނާގެ މައިން ބަފައިން ހުރަސް އަޅާފައެއް ނުވެއެވެ. ޔޫސުފް ދެކޭގޮތުގައި އެއީ އޭނާގެ ނިންމުންތަކަށް މަންމައާއި ބައްޕަ މަރުހަބާ ކިޔާ ކަމުގެ ހެއްކެކެވެ. “އަހަރެންގެ ނިންމުމަކަށް މަންމަމެން ހުރަހެއް ނާޅާނެ…” ޔޫސުފް އޭނާގެ ލޯބިވެރިޔާގެ އުނގުތެރޭގައި އޮވެގެން ވާހަކަ ދެއްކިއެވެ. ރީޝާއަކީ ރަށުން ބޭރުކުއްޖަކަށްވެފައި ނިކަމެއްޗަކަށްވުމުން ޔޫސުފްގެ މައިންބަފައިންގެ ރުހުން ނުލިބިދާނެތީ އެކަމުގެ ޝަކުވާ އަބަދުވެސް ރީޝާއަށް ކުރެވެއެވެ. އެހެންނަމަވެސް އަހަރެއް ފާއިތުވެ ދެއަހަރު ވާންއުޅޭއިރުވެސް ލޯބިވެރިޔާގެ ދުލުން އެނޫން ޖަވާބެއް ނުލިބެއެވެ. ޔޫސުފްގެ ނިންމުމަކީ އާއިލާގެ ނިންމުން ކަމަށް އަބަދުވެސް އޭނާ ބުނެމުންދިޔައެވެ. އެހެންނަމަވެސް ލޯތްބަކީ މިއަދު ފައިސާއިން ގަނެވޭ އެއްޗެކޭ ބުނާއަޑުއަހާ މީހުންގެ ލިސްޓުގައި ރީޝާވެސް ހިމެނެއެވެ. އެފަދަ ކިތަންމެ މަންޒަރެއް ފެނިފައި އެބަހުރިވެސްމެއެވެ. އެފަދަ ކޮންމެ ޝަކުވާތަކެއް ފެންމަތިވާ ފަހަރަކު ޔޫސުފް އޭނާގެ ލޯބީގެ ޝާއިރީ ބަސްތަކުން ރީޝާގެ ހިތްހަމަ ޖައްސައިލަދެއެވެ.

(ނުނިމޭ…)

(އަދި ނުނިމޭ… ތިންވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!!!)

Advertisements