އަހަންނަށް މާފްކުރޭ…!

ލިޔުނީ: އަހުމަދު އަރީފް (ފ.ނިލަންދޫ)
6 އޯގަސްޓް 2010
ދިވެހި – ވާހަކަ

(ފުރަތަމަ ބައި)

ރެއަކީ ކަޅުފޮއި އަނދިރި ރެއެކެވެ. އުޑުމަތިން ތަރިއެއް ހަނދެއްގެ އެއްވެސް އަލިކަމެއް މިދުނިޔެއަށް ފެންނަން ނެތް ރޭތަކުގެ ތެރެއިން ރެއެކެވެ. ކޮންމެވެސް ވަރަކަށް ވިދާ ގުގުރާ ރެއެއްވެސްމެއެވެ. އާސިމާ އުޅުނީ ބަދިގޭގައެވެ. ދިރިއުޅުމުގައި އޭނާއަކީ ނަސީބުވެރިއެކޭ ބުނެވޭ ފަހަރުވެސް އާދެއެވެ. އެހެންނަމަވެސް އެކަނި ވެރިއެކެވެ. އެތަކެއް ލޯތްބަކުން މަހުރޫމުވެފައިބާ އަންބެކެވެ. ކައިވެންޏަށް ފަސް އަހަރުވެގެން ދިޔައިރުވެސް އުނގުގައި ބާއްވާލާނެ ދަރިއަކު ނުލިބެއެވެ. ލޯބިން މަންމާއޭ ކިޔާފައި ގޮވާލާނެ ދަރިއަކު އޭނާގެ ނެތެވެ. މީހުންގެ ދަރިން ފެނި ހަސަދަވެރިވެއެވެ. އެހެންނަމަވެސް މިދުނިޔޭގައި ކެއްކުރުން ނޫންގޮތެއް ނެތްކަން އާސިމައަށް އެނގެއެވެ. “މިނިކަމެތި އަޅާގެ ހަޔާތް އެކަނިވެރިކަންމަތީ ނުލައްވައި، މިއަޅާއަށް މަންމަ ކިޔާނެ ދަރިއަކު ދެއްވާންދޭއެވެ!” އެހެން ރޭތަކެކޭވެސް އެއްފަދައިން މިރޭވެސް ލައިގެން ހުރި ދިގުހެދުމުގެ ބޯވަޅުން ލޮލުން އޮހެމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު ގެއަށްދާން އެތެދުވީ ދަރިއަކުދެއްވުމަށްއެދި ހިތާހިތުން، ގުނާއަދަދު ނުކުރެވޭވަރަށް، މާތްކަލާނގެ ހަޒުރަތަށް ދުޢާކުރަމުންނެވެ.

އުދުންމަތީ އިން ތެލީގައި މައްޗެއް ޖަހައިލުމަށްފަހު ގެއަށް ދިއުމަށް އާސިމާ ހިނގައިގަތެވެ. ބަދިގޭ އޮޅިގަނޑުމައްޗަށް ނޭރޭނެއެވެ. ކުށްލިއަކަށް ވާރޭ އޮއްސާލައިފިއެވެ. ހެދުން ކޮށިކޮށްލުމަށްފަހު ގެއާދިމާއަށް އާސިމާ ދުއްވައިގަތެވެ. ވެހެމުންދިޔާ ވާރޭގެ އަޑާއެކު އާސިމާގެ ކަންފަތުގައި އެޖެހުނީ މީގެ އެތައްއަހަރެއްކުރިން އެ ކަންފަތުއި ޖެހުމަށް އޭނާ އުންމީދުކުރި އަޑެކެވެ. ހީވީ ނިދީގައި ފެނުނު، ‘ކުލަ’ ހުވަފެނެއްހެންނެވެ. އާސިމާ އޭނާ ހުރިތަނަށް ހުއްޓުނެވެ. ގަސްދުގައެއް ނޫނެވެ. ބޭއިޚްތިޔާރުގައެވެ. އޭނާއަށް ވަށައިގެން ގޯތިތެރެއަށް ބަލައިލެވުނެވެ. ކަނުކަމާ އަނދިރިކަމާއެކު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އޭނާއަށް އިވެމުންދިޔަ އަޑު ބާރުވަމުންދިޔަ ކަހަލައެވެ. އެއަޑު އަންނަ ވަކި ދިމާއެއް އާސިމާއަކަށް ނޭގުނެވެ. އެހެން ނަމަވެސް އޭނާގެ ހިތްބުނަމުންދިޔަ މިސްރާބަށް އޭނާއަށް ހިނގައިގަތެވެ. މޭމަތީގައި އަތްޖަހަލައިގެންހުރެ އޭނާގޮސް ހުއްޓުނީ ނިރުފީނި ކައިރީގައެވެ. “ސުބުޙާނަﷲ…!!” އާސިމާ ދިޔައީ ސިއްސައިގެންނެވެ. ބުނާނެ އެއްވެސް އެއްޗެއް އޭނައަކަށް ނޭނގުނެވެ. ޔަގީނުންވެސް އެ މުޅޯށީގައި އޮތް ތުއްތު ތުއްތު ކުއްޖާގެ އުމުރުން އަދި އަހަރެއްވެސް ނުވާނެއޭ އޭނާގެ ހިތްބުނަމުންދިޔައެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި އޭނާގެ ލޮލުން ކަރުނަތައް އޮހޮރިގަތެވެ. ނިރުވަޅުގަނޑުތެރޭގައި އިން މުޅޯށީގައި އެއޮތީ ކާއްގެ ކުއްޖޭތޯ ބެލުމަކަށް އެންމެ ފަހަރަކުވެސް އޭނާގެ ހިތަކަށް ނާރައެވެ.

އާސިމާ އޭނާގެ ދެއަތް ތުރުތުރު ލަމުންދިޔަ ހާލު ތެމިފޯވެގެންހުރެ އެމުޅޯށީގައިއޮތް ލޯބިލޯބި ފިރިހެން ދަރިފުޅު ނެގިއެވެ. އޭރުވެސް އޭނާގެ ލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ. “ދަރިފުޅާ..!!” އާސިމާ އެކުޑަކުދަ ފުރާނަ އޭނަގެ ގަޔާ ލައްކޮށްލިއެވެ. ދުވަހަކުވެސް ދޫކޮށް ނުލާނެ ކަމަށްބުނެ އެދަރިފުޅާ ބާރަށް ބައްދާލިއެވެ. ތިޔައީ މަންމަގެ ދަރިއެކޭ ބުނެ އެމަޑުފޮށްކޮޅު މޮޑެލިކަހަލައެވެ. ކޮލުގެ ދެފަރާތަށް ބޮސްދެމުން މީ ދަރިފުޅުގެ މަންމައެ ބުނަމުންދިޔައެވެ. ދަރިފުޅުގެ މޫނަށް އާސިމާ ބަލާލިއެވެ. ވެހެމުންދިޔަ ވާރޭގެ ފިނިކަން އެދަރިފުޅަށް ގޯނާކުރަމުންދިޔަކަހަލައެވެ. ހުދުމުސަޅެއް ހީކަރުވައިގެން ގުލަވެލާފައި އޮތްހެން އާސިމާގެ އުނގުގެތެރޭގައި އެދަރިފުޅު އޮތެވެ.

އޭރުވެސް ބޯކޮށް ވާރޭވެހެއެވެ. އާސިމާ އެދަރިފުޅު ގަޔާ ލުއްޕައިގެންހުރެ ގެއާދިމާއަށް ދުއްވައިގަތެވެ. އޭރު ގޭ ފެންޑާގައި ބަހައްޓާފައިހުރި ފަތްޖެހިއެނދެއްގައި އޮށޯވެލައިގެން އާސިމާގެ އިންތިޒާރުގައި ޒާހިދު އޮތެވެ. “ޒާހިދު… ޒާހިދު… ނިކަން އައިސްބަލަ!!” އުފަލުން ރޮމުން އަންނަކަހަލަ ގޮތަކަށް އާސިމާ ގޭތެރއަށް ވަދެގެން އައެވެ. މާތްﷲ އަހަރެމެން ދެމަފިރިންނަށް ދެއްވި ނިޢުމަތެކޭ ބުނެ އޭނާގެ އުނގުގައިއޮތް ކުޑަކުޑަ ދަރިފުޅު ޒާހިދުއަށް ދައްކާލިއެވެ. އެވަގުތު ޒާހިދުއަށް ހީވީ މި ދުނިޔޭގައިވާ ހުރިހައި އުފަލެއް ހިތަކަށް ލިބުނުހެންނެވެ. ލޯބިން އެދަރިފުޅު އުރައިލީ މިބައްޕަ ދުނިޔޭގައި ހުރިހާހިނދަކު ދަރިފުޅުގެ ޚިދުމަތުގައި ހުންނާނަމޭ ބުނަމުންކަހަލަ ގޮތަކަށެވެ. ބައްޕައެއްގެ ލޯބިން ދަރިފުޅުގެ ހިތް ފުރާލަދެނަމޭ ބުނަމުން ކަހަލަ ގޮތަކަށެވެ. ޒާހިދު ކައިރީގައިހުރި އެނދުގައި އިށީނެވެ. އަދި އާސިމާގެ މޫނަށް ބަލައިލިއެވެ. “އަހަރެން މިދަރިފުޅަށް ކިޔާނީ ޔޫސުފް..!” އެވަގުތު އާސިމާގެ މޫނުމަތިން ވެރިވި ހިނިތުންވުން އެނަމާ އޭނާ ރުހޭކަން އަންގައިދިނެވެ.

(ދެވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ! އަދި ނުނިމޭ)